ކްރިމިނަލް ކޯޓުގެ ކޯޓު ރޫމެއް: އައްޑޫ ވިޔަފާރިވެރިޔާ މަރާލި ކަމަށް ބުނެ ދައުވާ ކުރަނީ އޭނާ އަށް ބޮޑުބޭބެ ކިޔާ މީހެއްގެ މައްޗަށް. --ފޮޓޯ/މިހާރު
23 ނޮވެމްބަރ 2016 - 12:53
މިދިޔަ މެއި މަހުގެ ތެރޭގައި ސ. ހިތަދޫގައި މަރާލާފައި އޮއްވައި ފެނުނު އެ ރަށު ވިޔަފާރިވެރިޔާ އަލީ އަބްދުﷲގެ މަރުގެ ޝަރީއަތް ކްރިމިނަލް ކޯޓުން ސިއްރު ކޮށްފި އެވެ.
ގެއްލިގެން ހޯދަމުން ދަނިކޮށް އަލީ ފެނުނީ އެ ރަށު އަލަ އޮޅެއްގެ ތެރޭގައި މަރާލާފައި އޮއްވަ އެވެ. އެ މައްސަލައިގައި ދައުލަތުން ދައުވާ ކުރަނީ އަލީ އަށް ބޮޑުބޭބެ ކިޔާ އެ ރަށު ހެޕީ ފިއުޗާ އަހުމަދު އިބްރާހީމް ދީދީގެ މައްޗަށެވެ.
އަހުމަދުގެ މައްޗަށް ކުރާ "އެނގި ހުރެ މީހަކު މެރުމުގެ" ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ބާއްވަން ހަމަޖައްސާފައިވާ އިރު ކޯޓުން އަންގާފައިވަނީ އެ ޝަރީއަތް ސިއްރު ކޮށްފައިވާ ކަމަށެވެ. އެކަމަކު ސިއްރު ކުރި ސަބަބެއް ސާފެއް ނުވެ އެވެ.
ގާނޫނު އަސާސީ ބުނާ ގޮތުން ޝަރީއަތެއް ނުވަތަ ޝަރީއަތުން ބައެއް ސިއްރު ކޮށްގެން ގެންދިއުމުގެ ބާރު އެ މައްސަލަ ބަލާ ފަނޑިޔާރަކަށް އޮންނާނެ އެވެ.
ފުލުހުން ބުނެފައިވާ ގޮތުން އަލީ މަރައިލީ ފައިސާ އާއި މުދަލުގެ ބޭނުމުގަ އެވެ. އެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވިޔަސް އެ މީހުންގެ މައްޗަށް އަދި ދައުވާއެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދޫ
23 November 2016
ސިއްރުންކޮށް ހުކުމް އިއްވާއިރު އޭނަގެމައްޗައް ސާބިތުނުވާ ކަމަށް ހުކުމް އިއްވައިފިނަމަ ދެރަވާނެ.......
ވާގިލާރު
23 November 2016
ސިއްރުކުރަންޖެހޭ ސަބަބެއް އޮންނަންޖެހޭ އެއްވެސް ސަބަބެއް ނެތް. ރައްޔިތުންނަށް ވާނުވާ އެނގޭނެ ގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ހުރިހާ ޝަރީއަތްތަކެއް ކުރަން އަންގަވާފަ އޮންނަނީ. ވަކި ބަޔެއްގެ މަސްލަހަތު ހިފަހައްޓާ އެމީހުނަށް ހިމާޔަތް ދޭކަށް ނޫން. ވަރަށް ސަލާމް.