ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ބިމުގައި އެއްގަމު ތޮށިލުމުގެ މަސައްކަތްކުރަނީ.-- ފައިލް ފޮޓޯ: އެޗްޑީސީ
23 ނޮވެމްބަރ 2016 - 14:20
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދުގެ މަގުތައް ހެދުމަށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންޑިއާގެ އެގްޒިމް ބޭންކުން ނެގި 34.3 މިލިއަން ޑޮލަރު (528 މިލިއަން ރުފިޔާ) ގެ ލޯނަށް ސަރުކާރުން ގެރެންޓީ ދީފި އެވެ.
އެކަމާ ބެހޭ ލިޔެކިއުންތައް ފިނޭންސް މިނިސްޓްރީން ވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހުށަހަޅައިފަ އެވެ. އަދި އެކަމާ މެދު އެއްވެސް އިއުތިރާޒެއް ނެތް ކަމަށް ވެސް ވަނީ ނިންމައިފަ އެވެ.
މާލިއްޔާތު ގާނޫނު މިހާރު އޮތް ގޮތުން ސޮވެރިން ގެރެންޓީ ދޫކުރުމުގެ ކުރިން މަޖިލީހަށް ހުށަހަޅައި ފާސްކުރާކަށް ނުޖެހެ އެވެ. އެހެންވެ، ގެރެންޓީގެ ލިޔެކިއުންތައް މަޖިލީހަށް ފޮނުވީ މެމްބަރުންގެ މައުލޫމާތަށެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހެދުމުގެ މަޝްރޫއު އެޗްޑީސީން ވަނީ އިންޑިއާގެ އަމިއްލަ ދެ ކުންފުންޏެއް ކަމަށްވާ މޯހަން މުތާ އެކްސްޕޯޓްސް އަދި އަޝޯކާ ބިލްޑްކޮން ލިމިޓެޑާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހަވާލުކޮށްފަ އެވެ. ދޮޅު އަހަރުން ނިންމަން ހަވާލުކުރި މަޝްރޫއުގައި ޕޭވްމަންޓުތައް ހަދައި މަގުބައްތި ޖެހުމުގެ އިތުރަށް، ޓްރެފިކް ނިޝާންތައް ކުރެހުން ފަދަ ކަންކަން ވެސް ހިމެނޭ އިރު، އެ މަޝްރޫއުގެ ޖުމްލަ އަގަކީ 40.3 މިލިއަން ޑޮލަރު (620 މިލިއަން ރުފިޔާ) އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން 240 ހެކްޓަރުގެ ބިން ހިއްކައި އެ ރަށާ އިންވެގެން އޮންނަ ފަރުކޮޅާ ވަނީ ގުޅުވާލައިފަ އެވެ. އަލަށް ހިއްކި ސަރަހައްދު ހިމާޔަތްކޮށް، އެ ތަން ތަރައްގީކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރު
23 November 2016
ސުވާލަކީ އެއްމެ ސުވާލެއް، ތިޔަ ފައިސާ ހަރަދުކުރަނީ ވާދަވެރި ކުންފުނިތަކަކަށްދީގެންތޯ ނުވަތަ ހަމަ އެކަނި އިންޑިއާގެ އެމްއެމް އެކްސްޕޯޓަށްދީގެންތޯ؟
ތުއްޕުޅު
23 November 2016
ތިގޮތަށް ގެރެންޓީދީގެން ދިވެހިންނަށް ފުރުސަތު ހޯދާދޭންވީނު؟