ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުތަކުގެ މަސައްކަތް ނިންމައި، މިއަދުން ފެށިގެން ހުޅުވާލައިފި އެވެ.
ހިޔާ ފްލެޓްތައް މިދިޔަ އަހަރު ދޫކުރަން ފެށިއިރު ދެވަނަ ފިޔަވަހީގެ ގިނަ މަގުތައް ހަދައި ނިމިފައެއް ނުވެ އެވެ. އެޗްޑީސީން ބުނީ ހިޔާ ފްލެޓް ސަރަހައްދުގެ ހުރިހާ މަގުތައް ހަދައި، ނިމިފައިވާތީ މިއަދުން ފެށިގެން އާންމުންނަށް އެ މަގުތައް ބޭނުން ކުރެވޭނެ ކަމަށެވެ.
އެޗްޑީސީން ބުނީ މަގުތައް ހުޅުވާލުމުގެ އިތުރުން މި މަސް ނިމުމުގެ ކުރިން ޒަރޫރީ ބޭނުންތައް އެ ސަރަހައްދުން ލިބޭނެ އިންތިޒާމް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ހިޔާ ފްލެޓް ސަރަހައްދުގެ މަގުތައް މިދިޔަ އަހަރު ނިންމާނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައި އޮތަސް، އެ މަސައްކަތް ލަސްވީ ކޮވިޑް-19 އާ ގުޅިގެން ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. އެ މަގުތަކުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުންޏަކުންނެވެ.