ކުއްލިއަކަށް ހާލު ބޮޑުވީ މާލެ އަންނަން ތައްޔާރުވާން ގޭގައި ހުއްޓާ. އޭރު ހުރީ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައި.
ކުއްލި ގޮތަކަށް މަރުވި 22 އަހަރުގެ އައިމިނަތު ޝެނީފާ--
27 ޖޫން 2021 - 22:25
ބަނޑަށް ހަ މަސް ވާން ގާތްވެފައި ވަނިކޮށް، ހާލު ބޮޑުވެގެން މާލެ ގެނައި ޒުވާން އަންހެނަކު ފަރުވާ ދެނިކޮށް ރޭ ނިޔާވެއްޖެ އެވެ.
އދ. އޮމަދޫ، އައިމިނަތު ޝެނީފާ 22، ނިޔާވީ، އޭނާގެ ހާލަތު ކުއްލި އަކަށް ވަރަށް ބޮޑަށް ގޯސްވެގެންނެވެ. އާއިލާ އިން ބުނި ގޮތުގައި، ޝެނީފާ ނިޔާވީ ސްޓްރޯކެއް ޖެހިގެން ކަމަށް ވިޔަސް 12 ގަޑިއެއްހާ އިރުގެ ތެރޭގައި ހަތަރު ހާޓް އެޓޭކެއް ވަނީ ޖެހިފަ އެވެ.
ޝެނީފާގެ ކޮއްކޮ އައިޝަތު ޝައުފާ، "މިހާރު" އަށް ކިޔައިދިން ގޮތުގައި ދައްތަ ބަލިވެ އިންކަން އެނގުނީ ވެސް ވަރަށް ބަލިކޮށް އުޅުނު ދުވަސްކޮޅެއްގަ އެވެ. ކުއްލިއަކަށް މީހާ ވަރަށް ބޮޑަށް ހިކުނު ކަމަށާއި އެހެންވެ، މިދިޔަ މަހުގެ 15 ހިސާބުގައި ވެސް އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ދެއްކި ކަމަށް އޭނާ ބުންޏެވެ.
"މަހިބަދޫ އަށް އޭރު ދެއްކީމާ ބުނީ ކުޑަކޮށް ލޭގެ ޕްރެޝަރު މައްޗަށް ދާ ވާހަކަ. އެހެންވެ، އޮތީ ބުނެފައި ކޮންމެ ދުވަހު ވެސް ތިން ފަހަރު ލޭގެ ޕްރެޝަރު ބަލަން ވެސް،" ޝައުފާ ބުންޏެވެ.
ޑޮކްޓަރަށް ދެއްކުމަށްޓަކައި ޝެނީފާ ހުރީ އިއްޔެ މެންދުރު މާލެ އަންނަން ވެސް ތައްޔާރު ވެގެންނެވެ. އެ ދުވަހުގެ ހެނދުނު ޝެނީފާ ކޮޓަރި ތެރެއަށް ވެއްޓުނެވެ.
ޝެނީފާ އަށް ފުރަތަމަ ގޮތްތަކެއް ވާން ފެށީ، އިއްޔެ މެންދުރު މާލެ އަންނަން ވެގެން ފިރިމީހާ، އޭނާ ބަލައިދާނެ އިރެއްގެ އިންތިޒާރުގައި ހުއްޓަ އެވެ.
ނަމަވެސް ކުއްލިއަކަށް ނޭވާލާން އުނދަގޫވެ، އޭނާގެ ހާލު ސީރިއަސްވި އެވެ.
ޝެނީފާ ބަލައި ލޯންޗު ރަށަށް ގާތްކޮށް، ލޯންޗަށް ދާން އޭނާ އަށް ފިރިމީހާ ގުޅަމުން ދިޔަ ވަގުތަކީ ޝެނީފާ އަށް ނޭވާލާން އުނދަގޫވެ، ކޮޓަރި ތެރެއަށް ވެއްޓުނު ވަގުތެވެ.
"މިތާ ކައިރީ ރިސޯޓެއްގެ ކައްޕިއެއްގެ ގޮތުގައި މަސައްކަތް ކުރާނީ ޅިޔަނު [ޝެނީފާގެ ފިރިމީހާ]. ޅިޔަނު ބުނެފައި އޮތީ މާލެ އަށް ދަމުން ބަލާ އަންނާނަމޭ. އެހެންވެ ފުރަން ތައްޔާރުވެގެން އިންދާ ޅިޔަނު ލޯންޗު ފަޅަށް ވައްދައިފައި ގުޅީ. އެ ގަޑީގައި ނޭވާލާން އުނދަގޫވެގެން ކޮޓަރި ތެރެއަށް ވެއްޓުނީ،" ޝައުފާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި އާއިލާގެ ހުރިހާ ޒިންމާއެއް ނަގައިގެން އިސްކޮށް ހުރި، އޭނާގެ ދޮންތަ އަށް ނޭވާލާން އުނދަގޫވެ، މުޅި މީހާ ތުރުތުރު އަޅަން ފެށި އެެވެ. އޭރު އަނގައިން ފެންތަކެއް ފައިބަމުންދެ އެވެ.
ޝައުފާ ބުނީ ދައްތަގެ ހާލު ގޯސްވެގެން، އިއްޔެ މެންދުރު 12:30 ހާއިރު ފުރަތަމަ ގެންދިޔައީ އޮމަދޫ ސިއްހީ މަރުކަޒަށް ކަމަށެވެ. އެތަނަށް ގެންދިއުމުން ދައްތަގެ ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މަތިވެފައިވާކަން އެނގުނެވެ. އަދި ފިޓް ޖެހިފައިވާ ކަމަށް ބެލެވުނަސް އޭރު ސިއްހީ މަރުކަޒުން ސީދާ އެގޮތަށް ބުނެފައި ނުވާ ކަމަށް ޝައުފާ ބުންޏެވެ.
ސިއްހީ މަރުކަޒަށް ގެންދިޔަތާ ގާތްގަނޑަކަށް ތިރީހަކަށް މިނެޓް ފަހުން ޝެނީފާގެ ހާލު ކުޑަކޮށް ރަނގަޅުވެ ވާހަކަ ދައްކަން ވެސް ފެށި އެވެ. އިތުރު ފަރުވާ އަށް، ހަވީރު 3:30 ވަނިކޮށް، އޮމަދޫ ސިއްހީ މަރުކަޒުން ޝެނީފާ ފޮނުވައިލީ މަހިބަދު އަށެެވެ.
"އެހާ ބޮޑަށް ހާލު ގޯސްވެފައި އޮތީމާ އަހަރެމެން ބުނީ ސީދާ މާލެ ފޮނުވައިދޭން. އަނެއްކާ ކޮވިޑް ތެރެވީމާ އެހާ ރަނގަޅަށް އެ މީހުން ނުބަލާނެއޭ. ބުނީމ ވެސް މަހިބަދު އަށް ރިފާ ކުރީ،“ ޝައުފާ ބުންޏެވެ.
މަހިބަދޫ ހޮސްޕިޓަލުން ޝެނީފާ ބެލުމަށް ފަހު ބުނީ، ބަނޑުގައި އޮތް ދަރިފުޅުގެ ވިންދު އަވަސްވެފައިވާ ކަމަށާއި ޝެނީފާގެ ވިންދު މާ ބޮޑަށް ލަސްވެފައިވާ ކަމަށެވެ. އަދި ލޭގެ ޕްރެޝަރު ވަރަށް ބޮޑަށް މައްޗަށް ގޮސްފައިވާ ކަމަށް މަހިބަދޫ ސިއްހީ މަރުކަޒުން އާއިލާ އަށް އެންގި އެވެ.
އެހެންވެ ވަގުތުން އޭނާ މާލެ ގެނައުމުގެ މަސައްކަތް ފެށި އެވެ. ރޭ އަށެއް ޖަހާކަން ހާއިރު ޝެނީފާ މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދެވުނުއިރު އޭނާގެ ހަރަކާތް އޮތީ މުޅިން ހެން ހުއްޓިފަ އެވެ.
ޝައުފާ ބުނީ އައިޖީއެމްއެޗަށް ގެންދެވުނުއިރު ދައްތަ އަށް ހަތަރު ހާޓް އެޓޭކެއް ޖެހިފައިވާ ކަމަށެވެ. އަދި މަރުވީ ސްޓްރޯކެއް ޖެހިގެން ކަމަށް ވެސް ޝައުފާ ބުންޏެވެ.
"މާލެ ގެނައުމުގެ ތެރޭގައި ދެ ހާޓް އެޓޭކެއް އަދި މާލެ ގެނެވުން ފަހުން ވެސް ދެ ހާޓް އެޓޭކް ޖެހުނު. އައިސީޔޫ އަށް ލާން އުޅެނިކޮށް ސްޓްރޯކެއް ޖެހިގެން ދޮންތަ މަރުވީ." ކޮއްކޮ ޝައުފާ ކިޔައިދިނެވެ.
އައިޖީއެމްއެޗުން ބަލިމީހާއާ ބެހޭ ގޮތުން، އާއިލާ އަށް މައުލޫމާތު ދިން ގޮތާ މެދު ވެސް އާއިލާ އިން ވަނީ ހިތްހަމަނުޖެހިފަ އެވެ.
"މަރުވި ވާހަކަ ވެސް ބުނީ އާއިލާ އިން އެތައް ފަހަރަކު ސުވާލު ކުރުމުން،" ޝައުފާ ބުންޏެވެ.
ދެމައިން ގެއްލި ދިޔައީ އެދެވޭ ފަރުވާ ނުދެވިގެން ކަމަށް ދެކޭ ކަމަށާއި އެހެން ނޫން ނަމަ ކޮންމެވެސް އެއް ފުރާނައެއް ސަލާމަތްކުރެވުނީސް ކަމަށް ޝައުފާ ބުންޏެވެ.
ޝެނީފާގެ މަރާ ގުޅިގެން އާއިލާ އަށް ވަނީ ވަރަށް ބޮޑު ހިތާމައެއް ކުރިމަތިވެފަ އެވެ. ބައެއް މީހުން ތިބީ ޝޮކްގަ އެވެ. ޝައުފާ ބުނި ގޮތުގައި، ތިން އަހަރުގެ ކައިވެންޏަށް ލިބޭ އަލަތު ދަރިފުޅާ އެކު، އުފާވެރި ދިރިއުޅުމަށް އުންމީދުކޮށްގެން ހުއްޓާ ހަމަ ކުއްލިއަކަށް ވަކިވެދިއުމަކީ ހިތަށް ވެސް ނުގެނެވޭ ވަރުގެ ކަމެކެވެ.
"އާއިލާއެއް ފެށުމަށް ދޮންތަ އައީ ވަރަށް ފޮނި އުއްމީދުތަކެއް ކުރަމުން. މި ފަހަރު މާލެ އަށް ދާން އުޅެމުން ވެސް ބުނީ ލިބޭނީ ކޮން ކަހަލަ ކުއްޖެއްތޯ ބަލައިފައި ބޭނުންވާ އެއްޗެހި ވެސް ގަނެގެންނޭ އެނބުރި [ރަށަށް] އަންނާނީ،" ޝައުފާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިފުޅުދެވަނަ
28 June 2021
އިންސާނާ އަށް ބޭނުން ވަނީ ރަގަޅު ތަޢުލީމު. އެއީ ކުރިއެރުން، އެ އީ ތަރައްޤީ. ތަރައްޤީވާންވީ އިންސާނާ! ދުޅަހެޔޮ ސިއްޙަތާއި، ސިއްޙީ ފަރުވާވެސް ރަގަޅު ތަޢުލީމުވެސް ލިއްބަވޭނީ އެއްފަސް ކުރެވިގެން. މިޙާދިސާ މިގޮތަށް ހިގުން ދުރުވާމެ މާލޭގަނަމަ. ކޮންމެ ރަށެއްގަ މާލޭގަ އެހެރަ ފެންވަރުގެ ހޮސްޕިޓަލެއް ނުވަތަ އެޚިދުމަތް ލިއްބައި ދެވޭނެބާ! ނޫނީ ރައްފުށުގަ އުޅެނީ ދެވަނަދަރަޖައިގެ ރައިޔިތުން ނީތޯ! ދަތުރުފަތުޜުން ގުޅައިގެން މިކަން ނުވާނެކަން މިހިރަ ފެންނަނީ!
އަލިފުޅުދެވަނަ
28 June 2021
މި ވާހަކަ ޢަޅުގަޑުމެން ތާއަބަދު މިދައްކަނީ! ކުދި ކުދި ރައްރަށުގަ ދިރިއުލޭ މީހުނަށް ސަރުކާރު މޮޅުވެގެން ވާނެ ވަކިކަމެއް ދުވަހަކުވެސް ނޯންނާނެ. 200 ރަށައް 3 ލައްކަ މީހުން ބަހާލައިހެން ރަގަޅަށް ޒަމާނާ އެކަށޭނަ ޢެއްވެސް ޚިދުމަތެއް ފޯރުކޮށްނުދެވޭނެ. ނަރުދަމާ، ފެން، ބަނދަރު ހެދިދާނެ. އެ އީ ތަރައްގީނަމަ ވަރައް ފުރިހަމަ. އެކަމަކު ރަގަޅު ތަޢުލީމާއި ބޭސްފަރުވާ އެއީ އިންސާނާ ބޭނުންވާ ދެވަނަދަރަޖައިގެ ކަންތައް ކަމުގަ ވާނަމަ ވަރައް ފުރިހަމަ ތަރައްޤީއެއް.
ނަޖާހު
28 June 2021
އެޗްޕީއޭ އުވާލަންޖެހޭ
ދާއިރާ
28 June 2021
ސިއްހީ ކުއްލި ފަރުވާއަށް ހުރަސް އެޅޭގޮތަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް މިހާރުން މިހާރަށް ބަދަލުގެންނަން އެބަޖެހޭ. މިހާރު މިވާގޮތަކީ ރަށުގެ ސިއްހީ މަރުކަޒުން އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލަށް ރެފަރ ކުރިޔަސް އެ ހޮސްޕިޓަލްތަށް ހުންނަ ރައްރަށުން އެކަމަށް ހުރަސް އެއަޅާ. ރާއްޖެއިން ބޭރަށް ދާންވެސް ހުއްދަ ނަގަން ނުޖެހޭވަރަށް އެއްރަށުން އަނެއްރަަށަށް ދާން ހުއްދަ ނަގަން އެބަޖެހޭ.
ކޮވިން
28 June 2021
މިކޮވިޑޭ ކިޔައިގެން މީސްތަކުން ބިރުގަންނަވާލިލެއް ބޮޑުކަމުން، ރަށްރަށުގައި ސިއްޙީ ޙިދުމަތްދޭން ތިބޭމީހުންވެސް ބަލިމީހުންނަށް އެވަރަށް ސަމާލުކަމެއްނުދޭ. މިއަށްވުރެ ރަނގަޅު ގޮތެއް ހޯދަން އެބަޖެހޭ. ހަމައެކަނި ވަކިބަޔަކަށް ސިންގަޕޫރު، ޖަރުމަނު ނޫނީ އިގިރޭސިވިލާތުން ދައުލަތުގެ ޚަރަދުގަ ބޭސްކުރެވެނީ. އެއީ ކުލަތަކުގެ ވެރިން.
ށަވިޔަނި
28 June 2021
االهم اغفرلها وارحمها وادخلها في الجنة آمين
ޑަވިޔަނި
29 June 2021
ށވަިޔަނި ކޮންމެ ފަހަރަކު ތިޔަ ލިޔާ އަރަބި ލިއުންކޮޅުގެ ތަރުޖަމާވެސް ލިއެލަދިނުން އެދެން. އެންމެންނަކީ އަދި އަރަބި ދަންނަ ބައެއް ނޫން. ރަގަޅު ވާހަކައެއްކަން އެނގޭ. އެކަމު ސީދާ ތަރުޖަމާނެތި ލައިކް ޖަހަން ބޭނުމެއްނުވޭ.
ނނނނ
28 June 2021
ވޯޓްލާން ޕޮޒިޓިވްވި އެންމެން އެކި ތަން ތަނަށް ބުރުވުއިރު އޯކޭ! އެންމެން ބުރުތަޅާ އުޅުނުއިރުވެސް އޯކޭ! އެކަމަކު އަނބިމީހާ މަރުމަތީ އޮއްވާ ރަށަށް ނޭރުވި! ހާދަހާ ނިކަމެތިއޭ އަހަރުން!
މޭން
28 June 2021
ޢިމަޖެންސީ ހާލަތުގާ އަވަސް ފަރުވާއަށް ފަރުވާދެވޭތާކައް ގެންދެވުން ވަރައް މުހިންމު. މީ ކުޑަ ގައުމެއް. މާދު މީހުން ކޮޅެއް. މުއްސަނދި ގައުމެއް. ޢިންތިޒާމު ކުރެވެން ވާނެ.
ގެދާނޯމޮސް
27 June 2021
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ މާތް ﷲ އެމައިންގެ ފުރާނަފުޅަށް ރަހްމަތް ލައްވަވާ ސުވަރުގޭގެ ބާއްޖަވެރިން ކަމުގަ ލައްވަވާށިއެވެ. - އާމީން -
ޕިސްޕިސް
27 June 2021
މީހަކު މަރުވެއްޖެ ކަމަށް ޢާއިލާ ކައިރީގައި ބުނާނީ ވަރަށްބޮޑަށް ބަލައި ޔަޤީން ކުރުމަށްފަހުގަ އެވެ. މަރުވެފައި ވާމީހެއްގެ މަރު ޑޮކްޓަރުންނަށް ސިއްރު ކުރެވޭނެ ހެއްޔެވެ؟ އެމީހަކު ދެން ދުވަހަކުވެސް ތެދުނުވާނެކަން އެންމެ ބޮޑަށް އެނގޭނީވެސް ޑޮކްޓަރުންނަށެވެ! ކަން އެހެން އޮތްއިރު އަމުދުން ތިކޭހުގައި، މަރުވިކަން ސިއްރު ކުރުމުގެ ބޭނުމެއް ނުވިސްނެއެވެ! ބަލިމީހާ އައިޖީއެމްއެޗް އަށް ގެންދެވުނު އިރުވެސް، އޮތީ މާބޮޑަށްވެސް ލަސްވެފައެވެ.
އިންޓެލިޖެންސް117
27 June 2021
ވަރަށް ރަނގަޅު ވާހަކައެއް، މީހަކު ނިޔާވެއްޖެއްޔާ ގޯސްމިވަނީ ޑޮކުޓަރ، ނުވަތަ ހޮސްޕިޓަލް... މަރުވެއްޖެ ކަމަށް ޢާއިލާ ކައިރީގައި ބުނާނީ ވަރަށްބޮޑަށް ބަލައި ޔަޤީން ކުރުމަށްފަހު އެތާ އެވަގުތު ވޯޑުގަ ނުބުނާނެ ޑޮކުޓަރ ބަލިމިހާ މަރުވެްޖެ ވާހަކަ