17 ޖުލައި 2021 - 08:25
ކުޑަކުދިންގެ މަގުބޫލު ޓޯއީ، ލެގޯ ބްރިކްސް އިން ހަދާފައިވާ ކަމަށް ސިފަވާ ގޮތަށް އެމެރިކާގެ ކުންފުންޏަކުން އުފެއްދި ބަޑިއަކަށް ފާޑުކިޔުންތައް އަމާޒުވެ، އޭގެ މައްސަލަ ހޫނުވެއްޖެ އެވެ.
ލެގޯގެ އާންމު ކުލަތައް ކަމަށްވާ ރަތާއި ރީނދުލާއި ފެއްސާއި ނޫކުލަ ހިމަނައިގެން އަދި ލެގޯ ބްރިކްސްގެ ގޮތަށް ހަދާފައިވާ ބައިތަތަކުން ފިސްތޯލަ އުފެއްދީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ކަލްޕާ ޕްރެސިޝަންއިންނެވެ. އެތަނުން ކަސްޓަމައިޒްކުރެވޭ ގޮތަށް އުފެއްދި "ގްލޮކް" ހަތިޔާރަށް ދީފައިވާ ނަމަކީ "ބްލޮކް 19" އެވެ.
ކަލްޕާ އިން ބުނި ގޮތުގައި މި ބަޑި އަކީ ކުޅިވަރެއް ކަމަށްވާ އަމާޒަށް ބަޑިޖެހުން ނުވަތަ ޝޫޓިން އަށް ޝައުގުވެރިކަން އުފެއްދުމުގެ ގޮތުން ތައްޔާރުކުރި އެއްޗެކެވެ.
ނަމަވެސް އެ ބަޑިން ލެގޯ ސިފަކޮށްދޭތީ ލެގޯ ކުންފުނިން މިހާރު ވަނީ ލިޔުމަކުން "ބްލޮކް 19" އުފެއްދުން ހުއްޓައިލަން އެދިފަ އެވެ. އަދި ބަޑި ގެންގުޅުން ކޮންޓްރޯލްކުރަން ގޮވާލާ ޖަމާއަތްތަކުން ވެސް ވަނީ ކަލްޕާގެ އުފެއްދުމަށް ވަަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.
“It’s just so dangerous and irresponsible… When you make a gun look like a Lego toy, you’re making it even more enticing and dangerous for children.” -@Shannonrwatts, founder of @MomsDemand https://t.co/PPmRpPEg8k
— Everytown (@Everytown) July 15, 2021
އެފަދަ ޖަމާއަތްތަކުން ބުނީ އެ އުފެއްދުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ނުރައްކަލަށް މަގުފަހިކޮށްދޭނެ އެއްޗެއް ކަމަށެވެ.
"މި މައްސަލާގައި އަހަރެމެން ވާނީ ލެގޯ އަށް ގުޅައި މި އުފެއްދުމާ ދެކޮޅަށް ކުންފުނިން ތެދުވުމަށް ވެސް އެދިފައި. މި އުފެއްދުމުގެ ސަބަބުން ހަގީގަތުގައި ލެގޯ އަށް އޮންނަ އިތުބާރާއި ލޯބި ވެސް ކުޑަވެދާނެ،" އިވްރީ ޓައުން ފޯ ގަން ސޭފްޓީ ކެމްޕެއިން ގްރޫޕުން ޝެނަން ވޮޓްސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލެގޯ ސިފަކޮށްދޭ ގޮތަށް ބަޑި އުފައްދައިގެން ވިއްކައިގެން ވެސް ނުވާނެ އެވެ.
"މީގައި އެންމެ ކަންބޮޑުވާން ޖެހެނީ ކުޅިވަރު އެއްޗެއް ސިފަކޮށްދޭ ގޮތަށް ބަޑި އުފެއްދީމަ،" ޝެނަން ވިދާޅުވި އެވެ.
މި މައްސަލާގައި ކަލްޕާ ޕްރެސިޝަން އިން ބުނީ "ބްލޮކް 19" އަކީ ޝޫޓިން ކުޅިވަރަށް ހިތްވަރުދޭ އެއްޗެއް ކަމަށާއި އެހެންވެ ބަޑި އަކީ ކޮންމެ މީހަކަށް ވެސް ހައްގު އެއްޗެއް ކަމަށެވެ.
"އަދި މި އުފެއްދުން ވިއްކާނީ ބަޑި ގެންގުޅެން ރަސްމީކޮށް ހުއްދަ އޮންނަ މީހުންނަށް،" އެތަނުން ބުންޏެވެ.
ކަލްޕާ ޕްރެސިޝަންގެ ރައީސް ބްރޭންޑަން ސްކޮޓް ވިދާޅުވީ ލެގޯގެ ކަންބޮޑުވުންތަކާ އެކު މިހާރު ކުންފުނީގެ ވަކީލު މަދުވެރިކޮށް ދެ ކުންފުނީގެ މެދުގައި މުއާމަލާތް ކުރެވެމުން އަންނަ ކަމަށެވެ. އަދި "ބްލޮކް 19" މިހާރު ވަނީ ކުންފުނީގެ ވެބްސައިޓުން ވެސް ނަގައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖަނާބު އަންޖާމު
17 July 2021
ތިބަޑީގާ ތިހުރީ އަހަރެމެންގެ ޕާޓީ ކުލަތައް. އެހެންވީމާ މިގައުމަށް ތިއެތެރެކުރާކަށް މާބޮޑެތި ދަތިތަކެއް ހުންނާނެކަމަކަށްނުބެލެވޭ.
މިނިކާ ބާޒު
18 July 2021
ޕިންކު ޕާޓީ ނެތް