އެރިޔަދޫ އައިލެންޑް ރިސޯޓް: އެ ރިސޯޓް ވިއްކާލަން އެސްބީއައި އިން ކުރި އިއުލާނަށް އަމަލުކުރުން ފަސްކުރަން ވަނީ އަމުރުކޮށްފައި
19 ޖުލައި 2021 - 17:49
އެރިޔަދޫ އައިލެންޑް ރިސޯޓް ވިއްކައިލުމުގެ މަސައްކަތް މަޑުޖައްސާލަން ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން އެ ރިސޯޓް ވިއްކާލަން މިދިޔަ ހަފުތާގައި އިއުލާންކުރީ އެ ރިސޯޓް ރަހުނު ކުރުމަށް ފަހު ކްރިސްޓަލް ލެގޫން ރިސޯޓް ކުންފުނިން 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ނަގާފައިވާ ދެ ލޯނަކަށް ދައްކަންޖެހޭ 20 މިލިއަން ރުފިޔާ އާއި 2.8 މިލިއަން ޑޮލަރު (43 މިލިއަން ރުފިޔާ) ގެ މައްސަލައެއްގަ އެވެ. އެ ފައިސާ ނުދައްކައިފި ނަމަ، އެރިޔަދޫ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން 2015 ގައި އޮތީ އެސްބީއައިއަށް ދީފަ އެވެ.
އެސްބީއައި އިން މިދިޔަ ހަފުތާގައި އިއުލާންކުރީ އެރިޔަދޫ އައިލެންޑް ރިސޯޓް ނީލަމުގެ އުސޫލުން ވިއްކައިލުމަށެވެ. އެ އިއުލާނުގައިވާ ގޮތުން ނީލަން ފެށޭ އަގަކީ 28 މިލިއަން ޑޮލަރު (431 މިލިއަން ރުފިޔާ) އެވެ.
އެ ރިސޯޓް ވިއްކާލުން މަޑުޖައްސާލަން ސިވިލް ކޯޓުން ވަގުތީ އަމުރެއް އިއްޔެ ނެރުނީ އެ ލޯނަށް ގެރެންޓީ ދިން ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ސިވިލް ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ވަނީ ވަގުތީ އަމުރުތައް ނެރުމުގައި ފުރިހަމަވާން ޖެހޭ ކަންކަން އެ މައްސަލާގައި ފުރިހަމަވާ ކަމަށާއި އެހެންވެ، އެ މައްސަލަ ކޯޓުން ނިމެންދެން ނުވަތަ އެހެން ގޮތަކަށް އަންގަންދެން، އެރިޔަދޫ ރިސޯޓް ވިއްކާލަން ކުރި އިއުލާނަށް އަމަލުކުރުން ފަސްކުރަން އަންގާ ކަމަށެވެ.
ޕްލެޓިނަމް ކުންފުނިން މައްސަލަ ހުށަހެޅީ އެ ރިސޯޓް ވިއްކޭނީ ރަހުނު ކޮށްފައިވާ މުދާ ވިއްކުމާ ބެހޭގޮތުން ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެ މައްސަލަ ނިމެންދެން އެރިޔަދޫ ވިއްކާލުމުގެ މަސައްކަތް މަޑުޖައްސާލަން އެ ކުންފުނިން އެދިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
20 July 2021
ކޯޓްތައް ޒަމާނަށް ފެތޭނީ ކޮން އިރަކުން ބާ؟
ޖަމީލު
20 July 2021
މިއީ މަޖާކަމެއް. ދެކުންފުނީގެ އޯނަރުންނަކީ ވެސް އެއްބައެއް! ރެކެންވެގެން ހުސް ދެބޯގެރި ދުއްވަނީ!!
ޙިނި
19 July 2021
މުއްސަންޖެ ފަގީރެއް ދަރަނިވެރިއެއް ވިޔަސް ނިމިގެން ދާނީ ހަމަ ހުސްއަތާ، އެމީހަކު ކުރި ހެޔޮ އަލެއްވިއްޔާ އަހިރުގަ މަންފާކުރާނީ
ފަގީރު މީހާ ގެ ހުވަފެން ލިބޭނީ މާ މާ މާ ފަހުން!
20 July 2021
ތިހެން ކިޔާ ފަ ހިތްހަމަ ޖައްސާލާ. މިދުނިޔޭގައި މުއްސަދި ކަމަކީ ދިރިއުޅުމައް ފަސޭހަ އަދި އަރާމު ކޮއް އުޅުމައް އޮތް ފުރުސަތެއް!
ގެރި ކުޑޭ
21 July 2021
މުއްސަދިކަން ދެއްވަނީވެސް އެކަލާގެ، މުއްސަދިކަން ހޯދަން މަސައްކަތް ކުރަންވެސް އެންގެވީ އެކަލާގެ، މުއްސަދިކަން ހޯދައިގެން އެއިން ރަނގަޅުގޮތުގައި އުޅެންވެސް އެންގެވީ އެކަލާގެ، މުއްސަދި ކަމަކީ މަރުވީމަ ހިފައިގެން ގެންދެވޭ އެއްޗެއްނޫންކަން އެންގެވީވެސް އެކަލާގެ! އެކަން ނޭގޭ ކާފަރަކުވެސް މިދުނިޔެއަކު ނެތް! މައްސަލަޔަކީ ކޮބާ؟!