22 ޖުލައި 2021 - 07:15
ތިމާވެއްޓާ ރައްޓެހިކޮށް އުފެއްފުންތައް ގެނެސްދިނުމަކީ މިހާރު ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. އެގޮތުން ކުންފުންޏަކުން މިހާރު ވަނީ މޭވާ ފަދަ ގުދުރަތީ ކާ އެއްޗެހީގެ ކުނިން ބޫޓް އުފައްދަން ފަށައިފަ އެވެ.
މަދަ އާތު ނުވަތަ އެމްއޯއީއޭ ކިޔާ އާ ކުންފުންޏަކުން ބޫޓް ތައްޔާރުކުރަން ބޭނުންކުރާ ތަކެތީގެ ތެރޭގައި އާފަލާއި މޭބިސްކަދުރާއި އަލަނާސި އާއި ކެކްޓަސް އަދި ޒުވާރި ފަދަ އެއްޗެހީގެ ވޭސްޓް ހިމެނެ އެވެ.
މި ތަކެތިން ތައްޔާރުކުރާ ލެދަރު ކަހަލަ ހަރު މެޓީރިއަލްއަކުން އުފައްދާ ބޫޓަކީ ބަލާލެލުމަށް އާންމުކޮށް ވިއްކަން ހުންނަ ބޫޓުތަކާ ވެސް ތަފާތެއް ފެންނަ އެއްޗެއް ނޫނެވެ.
މަދަ އާތުގެ ކޮންމެ ބޫޓެއްގެ 49 ޕަސެންޓަކީ ޕްލާންޓް/މޭވާގެ ކޮމްޕޮސިޝަނެވެ. ބޫޓުގެ އެތެރޭގައި ނެގޭ ގޮތަށް އޮންނަ ލޭޔަރަކީ 100 ޕަސެންޓް ރިސައިކަލްކޮށްފައިވާ ވުޑް ފައިބަރެވެ. ބޫޓްގެ ނާޑުވާ އޯގަނިކް ކަފައިން ތައްޔާރުކޮށްފައިވާ އިރު، އެތެރޭގެ އަރިމަތީގެ ފަށަލަ ތައްޔާރުކޮށްފައި ހުންނަނީ ރިސައިކްކުރި ބެމްބޫ ފެބްރިކުންނެވެ.
މަދަ އާތުން ބުނި ގޮތުގައި އެ ކުންފުނިން އުފައްދާ ބޫޓަކީ އާންމުކޮށް ލިބެން ހުންނަ ސްނީކާޒް އިން އުފައްދާ ކާބަން އަށް ވުރެ 89 ޕަސަންޓް ދަށްކޮށް ކާބަން އުފައްދާނެ އެއްޗެކެވެ. މިއާ އެކު ލިބޭ އެންމެ ބޮޑު ކުރިއެރުމަކީ ފުޑް ވޭސްޓްގެ ބޭނުން ރަނގަޅު ގޮތެއްގައި ހިފުމެވެ.
"މިއީ ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެވިނި އުފެއްދުމެއް. އަދި މިއީ ކޮލިޓީގެ ގޮތުން ބެލިކަމުގައި ވިޔަސް ޓްރެޑިޝަނަލް ލެދަރުން އުފައްދާފައި ހުންނަ ސްނީކާޒް އަށް ވުރެ އެއްގޮތަކަށް ވެސް ފެންވަރު ދަށް އެއްޗެއް ނޫން." މަދަ އާތުން ބުންޏެވެ.
ސްނީކާޒްއެއްގެ ގޮތުގައި މަޝްހޫރު "އެއާ ފޯސް 1" އިންސްޕިރޭޝަނަކަށް ބަލައިގެން މަދަ އާތުގެ އެ ބޫޓް ފަރުމާކުރަނީ ފްރާންސާއި އިޓަލީގެ ޑިޒައިނަރުން ކަމަށްވާ އެޝިލް ގަޒަގްނޭޒް އާއި ބިނޮއިޓް ހެބްފާސްޓް އެންޑް ސައިމަން ޑި ސްވާޓެވެ. ބޫޓް އުފެއްދުމުގެ މަސައްކަތްކުރަނީ ޕޯޗްގަލްގަ އެވެ.
ކުލަތަކުގެ ތެރޭގައި ރަތާއި ރީނދުލާއި ކަޅާއި ހުދާއި މަޑުމުށި ކުލަ އާއި ނޭވީ ގްރީން ހިމެނެ އެވެ.
މަދަ އާތުގެ ބޫޓް ބަންދުކޮށްފައި އޮންނަ ފޮއްޓަކީ ވެސް ތިމާވެއްޓާ ރައްޓެހި އެއްޗެކެވެ. އެ ތައްތާރުކޮށްފައި ހުންނަނީ ރިސައިކަލްކުރި ކަރުދާހުންނެވެ. ނަމަވެސް ބޫޓް އާންމުކޮށް ވިއްކަން ފަށާނެ އިރަކާއި އަގާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
މަދަ އާތުން އަންނަނީ މި މަސައްކަތް ފުޅާކުރަން މިހާރު ފަންޑް ހޯދަމުންނެވެ. އެކަމަށް އޮންލައިންކޮށް ކިކްސްޓާޓާގައި ހުޅުވާފައިވާ ކްރައުޑްފަންޑިން އަށް މިހާތަނަށް 87،000 އަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ. ފައިސާ ހަދިޔާކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައި އޮތީ އަންނަ މަހުގެ 12 އާ ހަމައަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
22 July 2021
ތިދެން އެއްޗެކޭކިޔާފަ މޮޔައިންއަތުން ޑޮނޭޝަންހޯދަންއުޅޭބައެއް، މޭވާގެ ކުނިންކޮންބޫޓެއްއުފެއްދޭނީ!! އަހަރެމެންމީ މޮޔައިންދޯ ތިޔަވާހަކަ ގަބޫލުކުރަން