ގައިދުރުކަމާއެކު ހަރަމްފުޅުގައި އުމްރާގެ އަޅުކަން އަދާކުރަނީ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަރާތުން ސައޫދީ އަށް ދާ އުމްރާވެރިންނަށް ވެކްސިންގެ ސަބަބުން ދައްޗެއް ނުވާނެ ކަމަށް---
26 ޖުލައި 2021 - 16:26
އުމްރާގެ އަޅުކަމަށް ސައޫދީ އަރަބިއްޔާ އަށް އެތެރެވެވޭނީ ވަކި ވައްތަރެއްގެ ކޮވިޑް ވެކްސިން ޖަހާފައި ތިބޭ މީހުންނަށް ކަމަށް ކަނޑައަޅާފައިވާއިރު، އެ ގައުމުގެ ވެކްސިން ލިސްޓުގައި ރާއްޖޭގައި ދޭ ވެކްސިން ނުހިމެނުނަސް ދިވެހިންނަށް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
އުމްރާގެ އަޅުކަމަށް ބޭރު ގައުމުތަކުން ދާ މީހުންނަށް ސައޫދީ އަށް އެތެރެވެވޭނީ އެ ގައުމުގެ އުމްރާ މިނިސްޓްރީން ކަނޑައަޅާފައިވާ ހަތަރު ބާވަތެއްގެ ވެކްސިންގެ ތެރެއިން ކޮންމެވެސް އެއް ވެކްސިނެއްގެ ދެ ޑޯޒް ފުރިހަމަ ކުރުމުންނެވެ. އެއީ ފައިޒާ އާއި މޮޑާނާ އާއި ޖޯންސަން ޖޯންސަންގެ ޖޭންސަންގެ އިތުރުން އެސްޓްރާޒެނެކާ އެވެ. ކޮވިޑުން ދިފާއު ވުމަށް ރާއްޖޭގައި އާންމުކޮށް ޖަހާ ކޮވިޝީލްޑް ވެކްސިން އޭގެ ތެރޭގައި ނުހިމެނެ އެވެ.
ނަމަވެސް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު "މިހާރު" އަށް ވިދާޅުވީ، ބޭރު ގައުމުތަކުގައި އާންމުކޮށް ޖަހާ ކޮވިޑް ވެކްސިން [ރާއްޖޭގައި ނަމަ ކޮވިޝީލްޑް] ގެ ދެ ޑޯޒް ފުރިހަމަކޮށްގެން އުމްރާވެރިންނަށް ސައޫދީ އަށް އެތެރެވެވޭނެ ކަމަށް އެ ގައުމުގެ ރަސްމީ ބައެއް ވެބްސައިޓްތަކުގައި ބުނެފައިވާ ކަމަށެވެ.
"އެހެންކަމުން އުމްރާގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް އެއްވެސް ކަހަލަ ދައްޗެއް ދިމާ ނުވާނެ ކަމަށް މި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.
ސައޫދީގައި ދިރިއުޅޭ މީހުންނަށް އުމްރާ ވުމުގެ ހުއްދަ އިއްޔެ އިން ފެށިގެން އަލުން ދީފައި ވާއިރު، ބޭރު ގައުމުތަކުން ދާ މީހުންނަށް އެ ގައުމަށް އެތެރެވެވޭނީ އަންނަ މަހުގެ 10 އިން ފެށިގެންނެވެ.
ސައޫދީގައި ކޮވިޑުގެ ހާލަތު މިދިޔަ އަހަރު ގޯސްވުމުގެ ސަބަބުން ފެބްރުއަރީ 2020 ގައި އުމްރާގެ އަޅުކަން މެދުކަނޑައިލުމަށް ފަހު، އަލުން އެ ފުރުސަތު ހުޅުވާލާފައި ވަނީ އޭގެ އަށް މަސް ފަހުން އެ އަހަރުގެ އޮކްޓޫބަރު މަހު އެވެ. ސައޫދީން މި އަހަރުގެ ހައްޖު ކާމިޔާބުކަމާ އެކު ނިންމާލާފައި ވާއިރު، އެއްވެސް ހައްޖާޖީއަކު ކޮވިޑަށް ޕޮޒިޓިވްވެފައެއް ނުވެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމުގެ އިންތިޒާމުތައް ކާމިޔާބުކަމާ އެކު ނިންމައިލުމަށް ފަހު، ސައޫދީ ސަރުކާރުން ވަނީ ދުވާލަކު 20،000 މީހުންނަށް އުމްރާ ވެވޭނެ ގޮތަށް އިއްޔެ އިން ފެށިގެން ހަރަމްފުޅު ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަދީޖާ ދައިތަ
26 July 2021
ކޮވިޝީލްޑް އެއީ އެސްޓްރަޒެނެކާ ވެކްސިން އެއްނު.
އަސްލު ކައްޕި
26 July 2021
ކޮވިޝީލްޑް ވެކްސިން އުފައްދާފައިވަނީ އެސްޓްރާޒެނެކާ ވެކްސިން އަށް ބިނާކޮށްފަ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން. މިއީ ތަފާތު ދެ ވެކްސިނެއް