ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން އެމްޓީސީސީން ކުރިން ބޭއްވި ހަފުލާއެއް: އެ ކުންފުނީގެ ވިޔަފާރި ތިން އަހަރު ތެރޭގައި ރަނގަޅުވި ކަން ޒިޔަތު ފާހަގަ ކުރެއްވި
26 ނޮވެމްބަރ 2016 - 18:35
އެމްޓީސީސީގެ ކުރިއެރުމަށް މި ސަރުކާރުން ބޮޑު އިސްކަމެއް ދޭ ކަމަށް އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން އެމްޓީސީސީ ކަށަވަރު އިން ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން ޒިޔަތު ވިދާޅުވީ އެމްޓީސީސީގެ ކުރިއެރުމަށް ސަރުކާރުން މުހިންމު ލަފާތަކެއް ދެމުންދާ ކަމަށާއި ރައީސް ޔާމީން އަމިއްލަފުޅަށް ވެސް ބައެއް ކަންކަމުގައި ލަފާ ދެއްވާ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ޒިޔަތު ފާހަގަކުރެއްވީ ބިން ހިއްކަން އެމްޓީސީސީން ރާއްޖެ ގެންނަ ޑްރެޖަރެވެ. އެ ޑްރެޖަރު ގެނައުމަކީ ވެސް ސަރުކާރު ދިން ލަފައެއް ކަމަށް ޒިޔަތު ވިދާޅުވި އެވެ.
"ޑްރެޖާ ވެސް މާޗް މަހުގެ ތެރޭގައި އެހެން ނޫނީ އަވަސްވެގެން ފެބްރުއަރީ މަހު ގެނެވޭތޯ މިބަލަނީ. އެއީ ވެސް އެމްޓީސީސީއަށް އަދި ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެން ދާން ލިބޭ ހިތްވަރެއް. މިއީ ވެސް ސަރުކާރުގެ އިސް ނެގުމުގެ މަތިން ގެނެވޭ ޑްރެޖަރެއް،" ޒިޔަތު ވިދާޅުވި އެވެ.
ޒިޔަތު އިތުރަށް ވިދާޅުވި ތިން އަހަރުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރި ރަނގަޅުވެ، ފައިދާ އިތުރުވަމުންދާ ކަމަށާއި ގިނަ ކާމިޔާބީތަކެއް އެ ކުންފުންނަށް މިހާރު ހޯދިފައިވާ ކަމަށެވެ. މަސްވެރިންނާއި ދަތުރުވެރިންނަށް އަމާޒުކޮށްގެން އެކިއެކި ޕްރޮޑަކްޓްތައް ތައާރަފްކޮށްފައިވާ ކަމަށެވެ. އެމްޓީސީސީގެ ކުރިއެރުމުގއި އެންމެ ބޮޑު ހިއްސާއެއް އޮތީ ސަރުކާރާއި އެ ކުންފުނީގެ މުވައްޒަފުންގެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ބައިވެރިވި ހަފުލާގައި ޚާއްސަ ކޭކެއް ވަނީ ފަޅައިފަ އެވެ.
އެމްޓީސީސީން މިހާރު 2.1 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަމުންދާއިރު އޭގެ ތެރެއިން ބޮޑު އިންސައްތައަކީ ސަރުކާރުގެ މަޝްރޫއުތަކެވެ. ސަރުކާރުން ހަވާލުކުރި 56 މަޝްރޫއެއް މިހާރު ވެސް އެ ކުންފުނިން ދަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހައްމާ
27 November 2016
ތި ވިދާޅުވަނީ 2018 އަށް ކެމްޕޭން ކުރުމަށް ތޯ ؟ އެކަމަކު މަލޭއާއި ހުޅުމާލެ ފެރީގެ ޚިދުމަތް ބައްލަވާ ލެއްވިން ތޯ ؟ ދުވާލަކު ކިއުގައި ތިބުމަށް 1.5 ގަޑިއިރު މަހަކު 45 ގަޑިއިރު ބޭކާރު ގޮތުގައި ހޭދަކުރަންޖެހޭއެވެ. 20 މިނެޓުން މިހާރު ފެރީ ދަތުރުކުރަނީ ކިހާ ޚިދުމަތް ރަގަޅު ތޯ ؟
ތޮލާލް
27 November 2016
ޒިޔަތުގެ ކުރިއެރުމުގެ ވާހަކަ އަށްވަރަށް ސަލާމް... އެމްޓީސީސީގެ ހަލާކު ފެންނަން ފަށައިފި
އަލިފުށި ސޮރު
27 November 2016
ވަރައްބޮޑައްް ކުރިއަރައިފި. ކުރިން ޓަރމިނަލްގައި ހުރޭ ޓީވީއެމް ފެންނަން .މިހާރު ހުންނަނީ ޔާމިން ކެމްޕެއިން ވީޑިއޯ އަޅުވާފައި. ވަރަށްބޮޑު ކުރިއެރުމެއް އެއީ
ގާގެ ޒަކީ
26 November 2016
ތިޔަވަރައް ކުރިއަރާފައި އޮތް ތަނެއް މި އޭޝިޔާގައިވެސް ނެތް . އެކަން އެނގޭނެ ހުޅުމާލެ ފެރީ ޓަރމިނަލްއައްވަނީމަ. 30 މިނެޓް 40 މިނެޓް ޓަރމިނަލްގައި މަޑުނުކޮއް މަދުފަަރަކު ދެވޭނީ.
އުމަރު
26 November 2016
ވަރަށް މޮޅެއްނޫން، ރައީސުލް ޖުމްހޫރިއްޔާ ފޯނުކޮށްލާފައި ބުނެލުމުން ޑްރެޖަރެއް ގަންނަނީ، ދެން އެޑްރެޖަރު ސަޕްލައިކޮށްމިދެނީ ރައީސްގެ ކޮންމެވެސް އެޖެންޓެއް، ފުރަތަމަ އެމްޓީސީސީން ޑްރެޖަރު ގަންނައިރު ރާއްޖޭގެ އަމިއްލަ މީހުންވެސް ޑްރެޖަރު އެބަގެންގުޅޭ، ސަރުކާރުގެ މިފަދަ މަލްޓިނެޝަނަލް ކުންފުނިތަކުގެ ސަބަބުން ދިވެހި ކުންފުނިތަށް އުޅެންޖެހެނީ ހާލުގައި، މިއީ ދުނިޔޭގެ އެއްވެސް ޑިމޮކްރަސީއެއްގައި ސަރުކާރުން ވިޔަފާރީގެ ތެރެއަށްވަދެ ސީދާ ރައީސުލް ޖުމްހޫރިއްޔާ ވިޔަފާރީގެ ތެރެއަށްވަދެ ކަންކުރަންވާނެގޮތެއްނޫން، ދިވެހި އަމިއްލަ ކުންފުނިތަށް އިތުރުވިވަރަކަށް ތަކެތީގެ އަދި ހިދުމަތުގެ އަގުހެޔޮވާނެ، ރާއްޖެފަދަ މިފަދަކުޑަ ޤައުމެއްގެ ސަރުކާރެއްގެ ތެރޭގައި އެތަކެއް ކުންފުނިތަކެއް ހަރަކާތްތެރިވުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެކަމެއް އަދި އިޤްތިސާދު ހީނަރުވާނެކަމެއް، މިއީ އެއްގޮތަކަށްވެސް ކޮށްގެންވާނެކަމެއްނޫން
ގޮހޮޑާ
27 November 2016
ދެންކީއްކުރާ ބައެއް ތި ކިންފުނީގަ އުޅެނީ ހުރިހާ ޚިޔާލެއް ވެސް މިޖެހެނީ ރައީސް ދޭން. ވަޓް އަ ޖޯކް.