މިއަދުގެ މީޑިއާ ބްރީފިންގައި ޕީޖީ ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
03 އޯގަސްޓް 2021 - 16:46
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއަކީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެެއްޖެ އެވެ.
ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު އެއްޗެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުލަތުން މިއަދު ވަނީ ދައުވާކުރަން ކޯޓަށް ފޮނުވައިފަ އެވެ. ނަޝީދަށް އެ ހަމަލާދިނީ އެމަނިކުފާނަކީ ކާފަރެއް ކަމަށް ނިންމައިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ޝަމީމް ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކަކީ އެއްގޮތަކަށް ވެސް އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެފަދަ ކަންކަން ކުރާ މީހުން ދައްކާ ވާހަކަތަކަކީ ވެެސް ދީނާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. އަދި އިސްލާމްދީނަކީ އެއްވެސް ގޮތަކަށް ހަރުކަށި ދީނެއް ނޫން ކަން ފާހަގަ ކުރައްވައި، ޓެރަރިޒަމްގެ އަމަލުތައް އިސްލާމްދީނާ ނުގުޅުވޭނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"މީސްމީހުންނާއި ތަންތަނަށް ހަމަލާދިނުން މިއީ އިސްލާމްދީނާ ގުޅޭ ކަމެއް ނޫން. އެހެންވީމަ މިއީ އެއްވެސް ގޮތަކަށް އިސްލާމްދީނާ ގުޅިގެން ދައްކާ ވާހަކައެއް ނުވަތަ ކުރާ ކަމެއް ނޫން. މިއީ ހަމަ ޖިނާއީ އަމަލެއް. ނުރައްކާތެރި ޖަރީމާއެއް މިއީ. ދީނާ ގުޅޭ ކަމެއް ގޮތަކަށް އަޅުގަނޑުމެން ނުބަލަން މިކަމެއް. ދެން ދީނީ ގޮތުން ހަރުކަށި ވިސްނުން އެބަހުރި. އެއީ އިސްލާމްދީނާ ގުޅުންހުރި ކަމެއް ނޫން،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މީހުން މެރުމާއި މީސްމީހުންނަށް ހަމަލާ ދިނުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ނޫން ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ނަޝީދަށް ހަމަލާދިނުމުގައި ބައިިވެރިވި މީހުން ގަބޫލުކުރާ ގޮތުން ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެކެވެ. އަދި މަޖިލީހުން ފާސްކުރި ބައެއް ކަންކަމާ ގުޅިގެން ނަޝީދަކީ މަރާލަންޖެހޭ ބޭފުޅެއް ކަމަށް ނިންމައި، އެކިފަހަރު މަތިން ހަމަލާދޭން ރާވާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެމަނިކުފާނާއި އިތުރު ބަޔަކަށް އަނިޔާވެ، ނަޝީދު މިހާރު ގެންދަވަނީ ރާއްޖެއިން ބޭރުގައި އިތުރު ފަރުވާ ހޯއްދަވަމުންނެވެ. އެ މައްސަލާގައި ހަތަރު މީހަކަށް ދައުވާ ކުރިއިރު، އިތުރު ބައެއްގެ މައްޗަށް ވެސް ތަހުގީގު ދަނީ ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުސްމާން އިޝާން
04 August 2021
އަސްލު މީގަ މުހިންމީ ތިބޭފުޅާގެ ވިސްނުމެއްނޫން. މުހިންމީ އެކަންކުރި މީހެއްގެ ވިސްނުން އެވަގުތު ހުރީ، އަދި އެކުރީ ކޮން މަގްސަދެއްގަ ކަން! އެމީހާގެ ވިސްމުނުގަ، ނޫނީ ވަކި ތަކްބީރެއް ކިޔަވަމުން އެކަން ކޮއްފިއްޔާ، އެހެން މީހަކައް ނުބުނެވޭނެ އޭނަގެ ހިޔާލަކައް އެހެން ބަހެއް. އެހެންމީހުން ބުނަން ޖެހޭނީ، ތިމަންނަ އައް ފެންނަ ގޮތުގަ އެއީ ދީނުގަ ކަންކަން ކުރަން އޮންނަ ގޮތެއް ނޫނޭ! ވިސްނަންވީ ކިހިނެތް ތޯ މިފަދަ ކަންކަން ދެން ނުވާނީ! ބޯޅަ އަނބުރާ ނުޖަހާ!
އަލި
04 August 2021
މައްސަލަ އަކީ މިމީހުން ދީނޭ ކިޔައިގެން ކުރާތީއޭ. މިކަހަލަ ފަތުވާދޭ މީހުން ހޯދާ ފިޔަވަޅު އަޅަންވީ އެންމެ ފުރަތަމަ.
ލޯމަރާ
04 August 2021
މަގޭ ދީނަކީ އިސްލާމް ދީން. އެހެންވީމާ މަގޭ ދީން ބަރާބަރުވާނެ.
ގޯބެ
03 August 2021
ތިޔައީ އެއްވަނައިގެ ބުނުމެއް. ނޭނގެ ދެން މީނަ މާދަން ބުނާނީ ކީކޭކަމެއް
ހޭޖެހޭ
03 August 2021
ރަނގަޅު. ޖާނުން ފިދާވުން، މީހުން މެރުން، މީހުން ކާފަރު ކުރަމުން ލޭ ހުއްދަ ކުރަމުން ދުވުމަކީ އިސްލާމް ދީނާ ބެހޭ އަދި ގުޅޭވެސް ކަމެއްނޫން. އެއީ ޖިނާއީ ބޮޑު ކުށެއް.
ޝަމީމުމާމަ
03 August 2021
އެއީ ސީދާ ދީނާ ގުޅުވައިގެން ހައްދުފަހަނައަޅާފަ ތިބި ބައެއް ދިން ހަމަލައެއް
ށަވިޔަނި
03 August 2021
ބަޔަކު ޖިނާއީ ކުށެއް ކުރާއިރު އެއީ ދީނީ ކަމެއްކަމަށް ދެކުމަކީ އެކުށް ކުށަކަށް ނުވާނެ ސަބަބެއްނޫން. އަދި އެކަން ދީނީކަމަކަށްވާނެކަމެއްވެސްނޫން. ތިއީ ބޯބުރާންތިން. ހިތާމައަކީ ތިބައިގަޑު މުޖްތަމައުގައި ވަކިހިއްޕަން ދޫކޮށްފަ ތިބުން.
ސަސި
03 August 2021
ތަހްގީގު ފަރަކަށް އެރީބާ