ދުނިޔެ / އިޓަލީ

ޔޫރަޕުގެ ހޫނުމިން ރެކޯޑް މިންވަރަކަށް މައްޗަށް

އިޓަލީ ވިލާތަށް ކުރިމަތިވެފައިވާ ހޫނުން ސަލާމަތް ވުމަށް، އޮގަސްޓް 11، 2021 ގައި ރޯމްގެ އަންހެނަކު އިސްކުރަކުން ގަޔަށް ފެން އަޅަނީ. --އޭއެފްޕީ

12 އޯގަސްޓް 2021 - 10:54

1 comments

މި އަހަރުގެ ހޫނު މޫސުމުގައި ޔޫރަޕްގެ ހޫނުމިން މިހާތަނަށް އެންމެ މައްޗަށް ދިޔައީ، އިއްޔެ އިޓަލީގެ ސިސިލީގައި ކަމަށް ރެކޯޑް ކުރެވިއްޖެ އެވެ.

އިޓަލީގެ މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި، އިއްޔެ ސިސިލީގެ ހޫނުމިން 48.8 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ދިޔަކަމަށް ރެކޯޑް ކުރެވިފައިވެ އެވެ. މިއީ 1999 ވަނަ އަހަރަށް ފަހު، އިޓަލީގައި ހޫނުމިން މިހާ މަތިވި ފުރަތަމަ ފަހަރެވެ. އެ އަހަރުގެ ތެރޭގައި ސިސިލީގެ ހޫނުމިން 48.5 ޑިގްރީ އަށް މަތިވިކަމަށް ރެކޯޑްކުރެވިފައިވެ އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ އިން ބުނާ ގޮތުގައި، ޔޫރަޕްގެ އެންމެ މަތީ ހޫނުމިނެއްގެ ގޮތުގައި މީގެ ކުރިން ރެކޯޑް ކުރެވިފައިވަނީ، 1977 ވަނަ އަހަރުގެ ހޫނު މޫސުމުގައި ގްރީސްގެ ހޫނުމިން 48 ޑިގްރީ އަށް މަތިވި ކަމަށެވެ.

އިޓަލީގެ ހުރިހާ ސަރަހައްދަކަށް ވެސް އިއްޔެއަކީ އާދަޔާ ހިލާފަށް ހޫނު ގަދަ ދުވަހެކެވެ. އެހެންކަމުން، ސިސިލީ އާއި ދެކުނުގެ ކަލަބްރިއާ ސަރަހައްދުގެ ޖަންގަލިތަކުގައި އަލިފާން ރޯވެދާނެ ކަމުގެ ބިރަށް، އަލިފާން ނިއްވާ އިދާރާ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.

އިޓަލީ ވިލާތަށް ކުރިމަތިވެފައިވާ ހޫނުން ސަލާމަތް ވުމަށް، އޮގަސްޓް 11، 2021 ގައި ބަޔަކު މޫދަށް އެރި ހަށިގަނޑު ފިނިކުރަނީ. --އޭއެފްޕީ

އިޓަލީގެ ބައެއް ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ތެރޭގައި، ހޫނުމިން މައްޗަށް ދިޔުމުގެ އިތުރުން ހޫނު ވައިރޯޅިތަކުގެ ސަބަބުން މިހާރު ވެސް ބައެއް ސަރަހައްދުތަކުގައި އަލިފާންގަނޑުތައް ރޯވެފައިވެ އެވެ. އަލިފާން ނިއްވާ އިދާރާ އިން ބުނި ގޮތުގައި، މިދިޔަ އަންގާރަ ދުވަހު އެކަނިވެސް، 300 އަށް ވުރެ ގިނަ އަލިފާނުގެ ހާދިސާ ހިނގާފައިވެ އެވެ.

އޭގެ ތެރެއިން އެއް ހާދިސާއެއްގައި، ގެރިބަކަރި ގެންގުޅޭ ސަރަހައްދެއްގައި ރޯވެފައިވާ އަލިފާންގަނޑުގެ ހޫނުން، ބަކަރިތަކެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި، 77 އަހަރުގެ ފިރިހެނަކު ފިހިގެން މަރުވި އެވެ. އޭގެ އިތުރުން ކަލަބްރިއާގެ ފަރުބަދަމަތީ ސަރަހައްދެއްގެ ޖަންގަލީގައި ވެސް ގިނަ އަދަދެއްގެ އަލިފާންގަނޑުތަކެއް ރޯވެ އަނދަމުން އެބަދެ އެވެ.

މީގެ އިތުރުން ސިސިލީގެ ވެރިރަށް ޕަލެރްމޯއާ ކައިރީގައި އޮންނަ މެޑޯނީ ފަރުބަދަތަކުގެ މަތީގައި ހެދިފައި ހުރި ގަސްތަކުގައި ރޯވެ އަނދަމުންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރި، އެތައް ދަނޑުބިމެއް ހަލާކުވެ، ގިނަ އަދަދެއްގެ ގެރިބަކަރި މަރުވެ، ބައެއް ގެތަކާއި ސިނާއީ މަސައްކަތް ކުރާ ބައެއް އިމާރާތްތައް ވެސް ވަނީ ހަލާކުވެފަ އެވެ.

މި ހާދިސާތަކުގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެފައިވާތީ، ސިސިލީގެ ފަރުބަދަމަތީ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް، ސިސިލީގެ ގަވަރުނަރު ނެއްލޯ މުސްމެޝީ ވަނީ ގޮވައިލައްވައިފަ އެވެ.

އިޓަލީގެ ޖަޒީރާ ރަށެއް ކަމަށްވާ ސަރްދީނިއާގެ ޖަންގަލިތަކުގައި ވެސް 13 އަލިފާންގަނޑެއް އަނދަމުން އެބަދެ އެވެ. އެ ރަށުގެ ހުޅަނގު ސަރަހައްދުގައި މީގެ މަހެއްހާ ދުވަސް ކުރިން ރޯވި އަލިފާންގަނޑު ބޮޑު ސަރަހައްދަކަށް ފެތުރި، 20،000 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ވަނީ އަނދައި އަޅިއަށް ވެފަ އެވެ.

ދެކުނު ޔޫރަޕްގެ ގިނަ ގައުމުތަކަކަށް މި އަހަރުގެ ހޫނު މޫސުމުގައި އާދަޔާ ހިލާފަށް ހޫނުމިން މަތިވެ، ޖަންގަލިތަކުގައި ރޯވުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވެ އެވެ. މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، މި ހާދިސާތައް ހިނގަނީ، ދުނިޔޭގެ ހޫނުމިން މަތިވުމުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުންނެވެ.

1 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 50%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 50%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕިރްލޯ

12 August 2021

ދެވަނަ ފޮޓޯ ފެނިފަ ތުބުޅިލީ ގުރޫޕް ވަރަށް ނައްޓާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454