28 ނޮވެމްބަރ 2016 - 15:03
ދިލްބަހާރު ގޯޅީގައި ހުރި ގުދަނެއްގައި ރޯވެ، އެތަނާ ޖެހިގެން ހުރި ގެތަކަށް އަލިފާނުގެ އަސަރުކޮށްގެން، ހާލުގައި ޖެހުނު 23 މީހަކަށް ޑިޒަސްޓާ މެނޭޖްމެންޓު ސެންޓަރު (ޑީއެމްސީ) އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
މި ހާދިސާގައި ކައިރި ގެތަކުގެ އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް ހަތަރު ގެއަކުން ވަނީ މީހުން ހުސްކޮށްފަ އެވެ. އަދި އޭގެ ތެރެއިން 23 މީހަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ފޯރު ކޮށްދިނުމަށް ޑިޒަސްޓާގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ ކަމަށް އެތަނުން ބުންޏެވެ.
އެ މީހުން ޑިޒަސްޓާގެ ބެލުމުގެ ދަށުގައި މިހާރު ތިބި ނަމަވެސް، އެ ގެތަކުގައި ދިރިއުޅެވޭ ވަރުވާ ނަމަ ވަގުތީ ހިޔަލަށް ބަދަލެއް ނުކުރާނެ އެވެ.
"އަޅުގަނޑުމެން މިހާރު އެ ހާދިސާ ހިނގި ތަނުގައި ތިބި ޑިޒަސްޓާގެ މީހުންނާ ކޯޑިނޭޓުކޮށްގެން މި ބަލަނީ ގެތައް ހުރީ އަނބުރާ ދެވޭނެ ފަދަ ހާލަތެއްގައި ތޯ. އަނބުރާ ދެވެން ނެތް ނަމަ އެ ގެތަކުގެ މީހުން އަޅުގަނޑުމެން ފޮނުވާނީ ވަގުތީ ހިޔަލަކަށް،" ޑިޒަސްޓާގެ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު އެ ސެންޓަރުގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ކާބޯތަކެތި ފޯރުކޮށްދީ، ޒަރޫރީ ބޭނުންތައް ފުއްދައިދެމުން އަންނަ ކަމަށެވެ. އަދި އަލިފާނާއި ދުމުގެ ސަބަބުން ގެ އަށް އަނބުރާ ދެވެން ނެތް މީހުންނަށް، މަޑުކޮށްލެވޭނެ ގޮތަށް އިމާރާތެއް ކުއްޔަށް ހިފާނެ ކަމަށް ޑިޒާސްޓާ މެނޭޖްމެންޓުން ބުންޏެވެ.
ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ މި ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް މިހާރު ވެސް ސަރުކާރުގެ ފަރާތުން ކުއްލި އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އެ މީހުންނަށް މާލެ އިން ވަގުތީ ހިޔާ ފޯރުކޮށްދޭނެ ކަަމަށެވެ. އަދި މި ހާދިސާގައި ގެދޮރު ހަލާކުވި މީހުންނަށް، ގެދޮރު އިމާރާތް ކުރުމަަށް ލުއި ފަސޭހަ ގޮތަކަށް ސަރުކާރުން ލޯން ހަމަޖައްސައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެކަމަކު އަދި މީހުން ނެރުނު ގެތަކަށް ލިބުނު ގެއްލުންތަކެއް ސާފެއް ނުވެ އެވެ.
ފުލުހުން ބުނީ މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި އަލިފާން ރޯވީ މއ. ކަފިދޫގޭގައި ދަގަނޑާއި ޓިނުން ހަދާފައި ހުރި ފަސް ބުރީގެ ގުދަނެއްގައި ކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލްވެފައިވާ ކަމަށް ސިފައިން ބުންޏެވެ.
މި ހާދިސާގައި އަނދާފައިވަނީ "ބްރަދަހުޑް ގުރޫޕް" ކިޔާ ވިޔަފާރި ކުންފުންޏެއްގެ މުދާތައް ރައްކާކުރާ ގުދަނެކެވެ. އެ ގުދަނުގައި 40 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑި މޭން
29 November 2016
މީ ރަޙްމާއި އޯގާތެރިކަމުން ފުރިގެންވާ ސަރުކާރެއް.
ޢަބްދުﷲ ސަޢީދު ގދ.ގައްދޫ.
29 November 2016
އަލިފާނުގެ ޙާދިސާގައި ގެދޮރު ގެއްލިފައިވާ މީހުންނޭ ބުނާށެވެ. ޙާލުގައި ޖެހިފައިވާ މީހުންނޭ ނުބުނާށެވެ.
އެމެންދޯ
28 November 2016
ހާލުގައި ޖެހުނު 23 މީހަކަށް ޑިޒާސްޓަރ އިން އެހީވަނީ އެއީ މަމެންގެ ސަރުކާރަކީ އެއީ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރަށް ވީތީއެވެ. ދެން ހާލުގައި ޖެހުނު ހުރިހާ ގޭގެ ކުދިން ވާނެ އަންނަން އުފާ ކޮށްލާ ނަށާލާ ލަވަކިޔާލަން މިރޭ މަމެން ޕިންކީން ބާއްވާ ގްރޭންޑް ފިނާލޭ ހަބޭސް ޖަލްސާ އަށް އެކުދިން ދާންވާނެއެވެ. އެއިރުން ދެން ވަރަށް ރަނގަޅު ވާނެއެވެ. ރަންރީނދުލޭ މެންގެ ވެރިކަމުގައި ހާލުގައި ޖެހުނު މީހުންނަށް ދެއްކީ ހުޅުމާލޭގެ ޓިނު ގުދަން ގަނޑެކެވެ.
ހޭބަލި
28 November 2016
ހީވާކަހަލަ އަމިއްލަ ޚަރަދުގަޔޭ ތިކަންކުރަނީ ބަލަގަ ބައިތުލްމާލުގަ ހުރީ ރައްޔިތުން ދައްކާ ޓެކްސް ފައިސާއޭ. އެފައިސާއަކީ މިފަދަ ކަންކަމަށް ޚަރަދު ކުރަން ހުރި ފައިސާ. އެއީ ތަމެންގެ ސިޔާސީ މަގާމުތަކާ ތަމެންގެ 5 ފޫޓު ކޭކުތައް ފަޅަން ހުރި ފައިސާއެއްނޫނޭ.