ޚަބަރު / ދިވެހި ސަރުކާރު

ޖަލްސާ ފޫހި، މަޖުބޫރު، އެންމެ ފަހުން ނުކުތީ!

"ހަބޭސް ތިނެއް" ޖަލްސާ: ވަކި ހިސާބަކުން ގިނަ ބަޔަކު ވަނީ ނުކުމެފައި --ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން "ހަބޭސް ތިނެއް" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާ އިން ގިނަ ބަޔަކު ނުކުމެގެން ދިއުމުން އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއިން ދައްކައިދެނީ ގިނަ ބައެއްގެ ހިތުގައި ސަރުކާރަށް ތާއީދު ނެތް ކަމެވެ. އަނެއް ބަޔަކު ބުނަނީ ޖަލްސާ އެހާ ފޫހި ކަމަށެވެ.

އެކަމަކު ސަަރުކާރުގެ އިސް ބައެއް ވެރިން ވިދާޅުވާ ގޮތުގައި ރޭގެ ޖަލްސާ ކާމިޔާބެވެ. ގޮނޑިތައް ހުސްވީ ޖަލްސާ ރޭވިފައި އޮތް ގޮތުންނެވެ.

ޖަލްސާގެ ކުރިން ވެސް ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރުވިކަމުގެ ވާހަކަ އޮތީ އާންމުވެފަ އެވެ.

އެކަމަކު ޖަލްސާ ފެށިއިރު، ހުރިހާ ގޮނޑިއެއްހެން އޮތީ ފުރިފަ އެވެ. ގޮނޑިތައް ހުސްވެ، ގިނަ މީހުން ނުކުމެގެން ދިޔައީ ވަކި ހިސާބަކުންނެވެ.

"ހަބޭސް ތިނެއް" ގެ ޖަލްސާ ނިމެން ގާތްވެފައި ވަނިކޮށް، ޖަލްސާގެ ފަހަތް ފެންނަ ގޮތް.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ސިވިލް ސާވިސް މުވައްޒަފަކު ބުނީ އެ މިނިސްޓްރީގެ ހުރިހާ ސެކްޝަނެއްގެ މުވައްޒަފުންނާ ވެސް ޕާމަނަންޓް ސެކްރެޓަރީ ވަކިވަކިން ބައްދަލުކުރައްވާ، ޖަލްސާ އަށް ދައުވަތު ދެއްވި ކަމަށެވެ. އަދި ޖަލްސާ އަށް ނުދާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

"ހާޒިރީ ބަލާނެ ވާހަކަ އާއި އެހެން ފިޔަވަޅެއް އަޅަން ޖެހިއްޖެއްޔާ އެކަން ވެސް ކުރަން ފަސްނުޖެހޭނެ ކަމަށް ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި،" އެ މުވައްޒަފު ބުންޏެވެ.

ޖަލްސާގައި ބައިވެރިވި އެހެން މުވައްޒަފަކު ބުނީ އޭނާ ދިޔައީ އުންމީދީ ވާހަކަތަކެއް އިވޭނެ ކަމުގެ އުފަލުގައި ކަމަށެވެ. ނަމަވެސް ހީކުރިވަރުގެ ވާހަކަތަކެއް މިނިސްޓަރުން ވެސް ނުދައްކަވާ ކަމަށް އޭނާ ބުންޏެވެ.

"ހަބޭސް ތިނެއް" ގައި ސިވިލް ސާވިސް އާއި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވި – ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

"ސިވިލް ސާވިސް މުވައްޒަފުންނަށް ރަނގަޅު ގޮތެއް ވާނެ ކަމަށް އުންމީދުކުރީ. ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައި އޮތްއިރު، ޖީބަށް ލިބޭ ފައިސާ އިތުރުވާނެ ކަހަލަ އުފާވެރި ހަބަރެއް ދޭނެ ކަމަށް ހީކުރިން. އެކަމަކު ޖަލްސާއިން އިވުނީ އަބަދުވެސް ދައްކާ ވާހަކަތައް،" އޭނާ ބުންޏެވެ.

އިދިކޮޅު އެމްޑީޕީން ބުނި ގޮތުގައި މަޖުބޫރުނުކުރާ ނަމަ ޖަލްސާ އަށް އެހާ ގިނަ މުވައްޒަފުން ނުދިޔައީހެވެ.

"މުނިފޫހިފިލުވުން ނުވަތަ މަޖާ އައިޓަމްތަކެއް ބާއްވާ، ރައީސް ދެތިން ވާހަކަފުޅެއް ދައްކަވާލީމާ އެ ނިމުނީ. އެ ހިސާބުން ދެން ޖެހޭނީ ޖަލްސާ ނިންމާލަން،"

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މުވައްޒަފުންގެ ހާޒިރީ ބެލުމާ އެކު ގިނަ މުވައްޒަފުން ޖަލްސާ ދޫކޮށް ދިއުމުން އެކަން ސާފުކޮށް އެނގޭ ކަމަށެވެ.

"ހާޒިރީ ބަލާނެކަން އަންގާފައި އޮތީމަ ގިނަ ބަޔަކު މަޖުބޫރީ ހާލަތުގައި ޖަލްސާއަށް ދިޔައީ. މަޖުބޫރީ ހާލަތުގައި މީހުން ގެންގޮސްގެން ސަރުކާރަށް ތާއީދު ނެތްކަން ޖަލްސާއިން ހާމަވީ،" ރޮޒެއިނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގިނަ ބަޔަކު ޖަލްސާއަށް ދިޔައީ ވަޒީފާގެ ބިރަށެވެ. ޖަލްސާގައި ވާހަކަ ދެއްކެވި ބޭފުޅުންގެ ވާހަކަތައް އަޑު އަހަން ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ބަޔަކު ގަބޫލެއްނުކުރޭ ރައީސް ޔާމީންގެ ތިން އަހަރަކީ ހަބޭސް ތިން އަހަރު ކަމަކަށް. ޖަލްސާއިން ވަރަށް ސާފުކޮށް އެނގިއްޖެ، ރައީސް ޔާމީނަށް ރައްޔިތުންގެ ލޯތްބާއި ތާއީދު ނެތްކަން،" އޭނާ ވިދާޅުވި އެވެ.

"ހަބޭސް ތިނެއް" ގައި މުއިއްޒު ވާހަކަ ދައްކަވަނީ: ގިނަ ބަޔަކު ޖަލްސާ ދޫކޮށް ދިޔައީ ޒަރޫރީ ބޭނުންތަކެއް ހުރުމުން ކަމަށް ވިދާޅުވި -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

އެމްޑީޕީންނާއި ބައެއް މުވައްޒަފުންގެ ވާހަކަތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "ހަބޭސް ޖަލްސާ" ވަރަށް ކާމިޔާބު ކަމަށެވެ. އަދި ޖަލްސާގެ ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ އެކި ވުޒާރާތައް ގުޅިގެން ބޭއްވި ޖަލްސާގައި ވަރަށް ގިނަ މައުލޫމާތުތަކެއް ހިއްސާ ކުރެވުނު، އަޅުގަނޑަށް ފާހަގަކުރެވުނީ ވަރަށް ރަނގަޅު ޖަލްސާއެއް ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

ސިވިލް ސާވަންޓުންނާއި ކުންފުނިތަކުގެ މުވައްޒަފުން ޖަލްސާއަށް ދިޔައީ މަޖުބޫރީ ހާލަތުގައި ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރެއްވި އެވެ. އެއްވެސް މުވައްޒަފަކު މަޖުބޫރީ ހާލަތުގައި ޖަލްސާއަށް ގޮސްފައި ނުވާނެ ކަމަށާއި އެފަދަ ހާލަތެއްގައި މީހަކު ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގަބޫލެއް ނުކުރަން މަޖުބޫރީ ހާލަތުގައި ދިޔަ ކަމަކަށް. އެއްވެސް މުވައްޒަފަކު މަޖުބޫރު ކަމެއް އޮވެގެނެއް ނޫން ޖަލްސާގައި ބައިވެރިވީ،" އޭނާ ވިދާޅުވި އެވެ.

ޖަލްސާގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ޖަލްސާ ފެށި އިރު ހުރިހާ ގޮނޑިއެއް ފުރުނު ނަމަވެސް ލަސްވި ވަރަކަށް މީހުން ނުކުތީ "ޒަރޫރީ ބޭނުންތައް" ފުރިހަމަކުރަން ބޭނުންވެގެން ކަމަށެވެ.

"އަޅުގަނޑުމެން މުވައްޒަފުން މި ތަނުގައި ބެހިން 12،000 ބެޖު. އެ ބެޖުތައް ހުސްވެގެން ދިޔައީ. އެ ބެޖު ހުސްވެގެން އަޅުގަނޑުމެން ކައިރިއަށް ގިނަ ބަޔަކު އައި. އެހެންކަމުން އެއީ މިތަނަށް އައި މީހުންގެ އަދަދު ރަމްޒުކޮށްދޭ އެއް ކަންތައް،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވުމުން އެނގެނީ ރައީސް ޔާމީނާ އެކު ތިބިކަމެވެ. ސަރުކާރުގެ ވުޒާރާތަކާއި ކުންފުނިތަކުގެ މުވައްޒަފުން އަތުކުރި އޮޅާލައިގެން ތިބީ ޕީޕީއެމް ސަރުކާރުގެ މެނިފެސްޓޯ ތަންފީޒުކުރަން ކަމަށް ވެސް ވިދާޅުވި އެވެ.

ޖަލްސާގެ ވަކި ހިސާބަކުން ގިނަ ބަޔަކު ވަނީ ނުކުމެގެން ގޮސްފައި- – ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ބައެއް މީހުން ބުނި ގޮތުގައި ޖަލްސާގެ ފޫހިކަން ވަރަށް ބޮޑެވެ. ހުރިހާ ބޭފުޅުން ދެއްކެވީ ސަރުކާރުގެ ވެރިން އަބަދު ދައްކަމުން، ޓީވީއެމުން ހަތަރު ދަމުން މިހާރު ފޮނުވަމުން އަންނަ ވާހަކަތައް ކަމަށް އެމީހުން ބުނެ އެވެ.

ރައީސް ޔާމީން ފެކްޝަންގެ އިސް ވެރިޔަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަވަމުން، ވިދާޅުވީ އެހާ ގިނަ ބަޔަކު ބައިވެރިވި ޖަލްސާއެއްގައި ބަލަން ޖެހޭނީ ފޫހިނުވާނެ ގޮތަށް ކަންކަން އިންތިޒާމްކޮށް، ޖަލްސާ ކުރުކުރަން ކަމަށެވެ.

"މުނިފޫހިފިލުވުން ނުވަތަ މަޖާ އައިޓަމްތަކެއް ބާއްވާ، ރައީސް ދެތިން ވާހަކަފުޅެއް ދައްކަވާލީމާ އެ ނިމުނީ. އެ ހިސާބުން ދެން ޖެހޭނީ ޖަލްސާ ނިންމާލަން،" އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީން އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ. ޖަލްސާ އަށް ވަޑައިގެންނެވި ގޮތަށް ސްޓޭޖަށް އަރައިވަޑައިގެން، އެންމެންނަށް އަތްޕުޅުން އިޝާރަތްކުރެއްވުމަށް ފަހު އިށީދެވަޑައިގަތީ އެވެ.

ޖަލްސާގައި ފެނުނު ފޫހި ކަންކަމުގެ ތެރޭގައި ބައެއް ބޭފުޅުންގެ ވާހަކަތަކާއި ސަރުކާރުން ހާސިލްކުރި ކާމިޔާބީތަކާ ބެހޭ ގޮތުން ދެއްކި ދިގު ޕްރެޒަންޓޭޝަންތައް ހިމެނޭ ކަމަށް، ބައެއް މީހުން ބުނެ އެވެ.

75 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯހަރު

30 November 2016

މުއިޒް އަމިއްލަޔަށް ތިބޭޒާރުވީ ޖަލްސާއަށް ދިޔަކަން ކަށަވަރު ކޮށްދޭން ބެޖް އޮފީހަށް ގެންދަން ޖެހެނެ ކަން އަންގާފަ އޮތީ އެއީ ބެޖް ހޯދަން މީހުން ދުވި ސަބަބަކީ މުއިޒް އޮޅިގެން ނަމަވެސް މިފަހަރު ތިބުނެވުނީ ތެދު

The name is already taken The name is available. Register?

Mohamed

30 November 2016

ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށެވެ. އަދި ސަރުކާރު ހިންގާ ޕީޕީއެމަށް ފަސް އަހަރު ފުރުން ފާހަގަކުރުމަށް މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ މާލޭގައި ބޭއްވި ޖަލްސާ އަށް ވުރެ ގިނަ މީހުން ރޭގެ ޖަލްސާގައި ބައިވެރިވާނެ ކަމަށް ޒަމީރު އޮތީ ވިދާޅުވެފަ އެވެ.

The name is already taken The name is available. Register?

ހާޖަރާ

30 November 2016

މިނިސްޓަރ އެހަދަނީ ހަމަ ކަނޑައެޅިގެން ދޮގު. ޙުދު އެ މިނިސްޓަރ ހިމެނޭ މިނިސްޓްރީންވެސް މުވައްޒަފުން ގެންދިޔައީ މަޖްބޫރުކޮށްގެން. މީ ދެން ތަންފުކެއް ބޮޑުވަރު. މި ގޮތަށް މަޖްބޫރު ކޮށްގެން ވޯޓު ލިބޭނެބާ؟؟ ހަމަ ޔަޤީނުންވެސް ނުލިބޭނެ. ސަރުކަާރު އެ އޮތީ ފެއިލްވެފައި. ހުސް ކޮރަޕްޓް މީހުން.

The name is already taken The name is available. Register?

އަޅުގަނޑު އާރިފް

30 November 2016

ސިވިލް ސާރވިސް މުވައްޒަފުންނަކީ ދައުލަތުގެ ސިޔާސަތު ތަންފީޒުކުރާން ތިބޭ ބައެއްކާމާ މެދު ސިވިލްސާރވިސް މުވައްޒަފެއްގެ ގޮތުން އަޅުގަނޑު ދެބަހެއްނެތި އެއްބަސްވުން. އެކަމަކު އަޅުގަނޑުމެންގެ ދައުރަކީ ދައުލަތުގެ ސިޔާސީ ބޭފުޅުންގެ ސިޔާސަކަން ތަންފީޒުކުރުމެއް ނޫން. އަޅުގަނޑުމެންގެ މަސައްކަތުގެ އަސްލު ކްރެޑިޓާއި ފޮނިމީރުކަން އޮޓޮމެޓިކުން ލިބެނީ ސިޔާސީ ބޭފުޅުންނަށް. ހަބޭސްވިޔަސް އަދި ނުވިޔަސް، މިހާތަނަށް ތަންފީޒުކުރެވުނު ސިޔާސަތުގެ ތެރެއިން ކާމިޔާބު ސިޔާސަތެއް ތަންފީޒުވިއްޔާ ވެފަ އޮންނާނީ ސިވިލް ސާރވިސް މުވައްޒަފުންގެ ބުރަ މަސައްކަތުން. ސިޔާސީ ބޭފުޅުން ޕޯޑިއަމްތަކުގަ ދެއްކެވި ކުލައާއި ކެނޑުއްވި ފޮނާނާއި ބޭރުކޮއްލެއްވި ހަސަދައާއި އަދި އޮއްސެވި ބައިސާ ތަކުގެ ސަބަބަކުންނެއް ނޫން. ތަންފީޒު ނުކުރެވުނު ސިޔާސަތެއް ވިއްޔާ އޮންނާނީ ތަންދޮރު ނުބަލާ ވާނުވާނޭނގި ހެބޯނާރާއިގެން އެކުލަވައިލެއްވި ފެށުމުގައިވެސް ބާޠިލް ސިޔާސަތުތަކުގެ ސަބަބުން. އަޅުގަނޑު ހާޒިރީ ބެއްޔަސް، ބިރުދެއްކިޔަސް ޖަލްސާއަށް ގޮސް ބެޖުހިފައިގެން ގޮސް ޕީއެސްއަށް ދޭންޖެހުނަސް ސިޔާސީ ޖަލްސާއަކަށް ނުދާނަން. ގެންދަންޖެހޭނީ ހޭނައްތައިގެން، ހޭ އަރާއިރަށް ނުކުންނާނަން. އަދި ދިމާލަށް ވެސް މިހެން އޮނާނީ ބުނެފަ އަދިވެސް ބުނާނަން. އޭގެ މާނަޔައަކީ ދައުލަތުގެ ސިޔާސަތު ތަންފީޒުކުރުމަށް އަޅުގަނޑުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަރުވާކުޑަ ކުރުމެއްނޫން. ވާޖިބް އަދާކުރުން މަތީ ދެމިހުންނާނަން. ސިވިލް ސާރވިސް މުވައްޒަފުން މިއަދު ދަސްކުރަންވީ އެންމެ ބޮޑު އެއް ފިލާވަޅަކީ، ހުރިހާ ފަހަރެއްގައި އާދެ ލައްބަ ކިޔުމުގެ ބަދަލުގައި ނޫނެކޭ ބުނަންޖެހޭ ވަގުތުތަކުގައި ނޫނެކޭ ބުނަން ދަސްކުރުން. ވަރަށް ސަލާން

The name is already taken The name is available. Register?

ވަކިފޫ

30 November 2016

ސިޔާސީން އުޅޭހެން ރޭގަނޑު ހޯބާޑިލައްވަން ސިވިލް ސަރވަންޓުން ނަކަށް ނޫޅެވޭނެ އެވެ ސިޔާސީން ބުނާހާ ކަމެއް ކޮށްދޭއިރު ސިވިލްސަރވަންޓުންނަށް މުސާރަވެސް ބޮޑުކޮށް ނުދެވުނެވެ ތަކެތީގެ އަގުބޮޑުކުރުމާ ޓެކުސް ނެގުމުގަ ހަބޭސް

The name is already taken The name is available. Register?

ފިނިޓައްޕު ހަސަނު

30 November 2016

ހަދަން ވީ ގޮތަކީ ދެން ބާއްވާ ހަބޭސް ޖަލްސާއަށް އަންނަ މީހުން ޖަލްސާ ނުނިމެނީސް ގޮނޑިތަކުން ތެދުވުން ގާނޫނަކުން މަނާކުރަންވީ. އެހެންވެސް ހެދިދާނެ ނުން މަޖްލިހުގެ ސުޕަ މެޖޯރިޓީ އޮތުމުން.

The name is already taken The name is available. Register?

ހުސްނުވާ އާސަންދަ

01 December 2016

ނޯ ބްރޯ !!! ޖަލްސާ ނިމުނީމަ ދެން ހާޒިރީ ބަލަންވާނީ !!! އޭރުން އެއޮތީ ގޮނޑި ހުސްވުމުގެ މައްސަލަ ހައްލުވެފަ

The name is already taken The name is available. Register?

ލުގުމާން

30 November 2016

ޖަލްސާ ތަކަށް ދިއުމުގެ ކުރިން އެތާގައި މިއުސިކު ކުޅުމާއި ބޮޑުބެރުޖެހުމާއި ނެށުމާއި މިބާވަތުގެ ކުޅިވަރު ނޯއްނާނެކަމާއި ހަމައެކަނި މީހުން އަރާވާހަކަ ކަން ދައްކަނީ ނޭނގެނީބާ؟ އެހެންވީމާ ތިޔަފޫހިވިބަޔަކު ފޫހިވީ އެކަންނޭގި ދިޔާމަތާ...

The name is already taken The name is available. Register?

އަލީބެ

30 November 2016

އެއްގޮތަކައްވެސް ދެރަވާނެކަމެއްނެތް ދެން އަންނަފަހަރަކައް ރަގަޅުކޮއްލާ ނިކުންނަމީހުން ބަލަން ކެމެރާ ބަހައްޓައިގެން ނޫނީ ވަންނަ ކޮންމެ މީހެއްފައިގަ ޓެގުއަޅުވައި ޖަލްސާނިމުމުގެކުރިން ނިކުމެއްޖިއްޔާ އަދަބުދެވޭނެކަމައް އިންޒާރުދީ އޭރުން މަޖުބޫރުން ވަންނަ މީހުން މަޖުބޫރުން ނުނިކުމެވެސްތިބޭނެ.

The name is already taken The name is available. Register?

ދ.ނ.ސޭޑް

30 November 2016

އަޅުގަނޑު ޖަލުސާޔައް ދިޔެއީ އޮފީހުން އެތަނައް ނުދާ މީހުން ބަލާ ވާހަކަ ބުނީމަ އެހެން ނޫން ނަމަ އަޅުގަނޑު އެތަނަކަ ނުދިޔާއީމުސް.އަޅުގަނޑު އެތަނައް ވަދެފަ 15 މިނެޓު މަޑުކޮއްފަ ހާޒިރީ މާރކް ކޮއްލާފަ އައީ.ތިބުނާ ބެޖު ކޮތަޅަކުން ނަގާފަ އަތްފުރާ ދިން.އަޅުގަނޑު ބުނިން އެކަތި އޯކޭ ކަމައް.ބުނީމަވެސް ބުނި މީޗެހި ގެންދާށޭ ގޭކުދިންނައް ދޭން.އަޅުގަނޑާއެކު ދެން ހުރި ކުއްޖާޔައް ވެސް އޭގަ ހިފަން ޖެހުނު.އަޅުގަނޑުމެން ދެމީހުން އެތަނުން ނުކުމެގެން ގޮސް ޖަލުސާޔައް ނުދެވުނު ރައްޓެހި ކުދިންނައް އޭއްޗެހި ބަހާލީ.އެއީ އޮފީސް ބޮޑެތި މީހުން ކާެރިން އެކުދިން ސަލާމަތް ކުރަން ބޭނުން ވާތީ.އެއީ ބޮޑެތި މީހުން ގަބޫލު ކުރަނީ އެބެޖު ލިބޭނީ ޖަލުސާޔައް ދިޔޭމަ ކަމައް.މިހާރުވެސް ވަރައް ގިނަކުދިން ގުޅާ އޭގަ ބެޖެއް އޮތްތޯ ޖަލުސާޔައް ދިޔެކަން ސާބިތު ކޮއްދޭން އެބެޖު ދައްކަން ގެހޭތީ.

The name is already taken The name is available. Register?

އަޙްމަދު

30 November 2016

ދުނިޔޭގެ ބިޔަ ޤައުމުތަކަށް ނުކުރެވޭ ވަރު ކަމެއް އެއީ ޤައުމު ދަވާލުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454