އަމީތާބް.
30 އޯގަސްޓް 2021 - 06:13
މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި އެޅުވި އަމީތާބް ބައްޗަންގެ ފިލްމު "ޗެހެރޭ" އޭނާ ކުޅުނީ އެއްވެސް އަގަކާ ނުލައި ހިލޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމުފެއާ އިން ބުނީ ރޫމީ ޖެފްރީ ޑައިރެކްޓްކުރި މިސްޓްރީ ތުރިލާ އަށް އަމީތާބް އެއްބަސްވީ އޭގެ ސްކްރިޕްޓް ރަނގަޅުވުމުން ކަމަށެވެ. އަދި އެ ފިލްމަކީ ވަރަށް ފުރިހަމަވާނެ ފިލްމަކަށްވެފައި، ބެލުންތެރިންގެ ބޮޑު ސަޕޯޓެއް ވެސް ލިބޭނެ ކަމަށް ގަބޫލުކުރެވުމުން އެއްވެސް އަގެއް ނުނަގައި ފިލްމު ކުޅެދޭން އެއްބަސްވީ އެވެ.
"ޗެހެރޭ" ގެ ކުރިން ވެސް ރޫމީ ޑައިރެކްޓްކުރި ފިލްމެއްގައި އަމީތާބް، 78، މަސައްކަތްކުރި އެވެ. އެއީ ސަލްމާން ޚާނާއި ޕްރިޔަންކާ ޗޯޕްރާ ވެސް މުހިއްމު ރޯލުތަކެއް ކުޅުނު 2008 ގެ "ގޯޑް ތުސީ ގްރޭޓް ހޯ" އެވެ.
ފިލްމުފެއާ އިން ބުނި ގޮތުގައި "ޗެހެރޭ" ކުޅެން އަމީތާބް އެއްވެސް ފީއެއް ނުހޯދާ އިރު، އެ ފިލްމުގެ މަންޒަރުތަކެއް ޕޮލޭންޑްގައި ޝޫޓްކުރި އިރު، ދަތުރުގެ ހުރިހާ ހަރަދަކާއި ޝޫޓިން އަށް ހޭދަވި މުއްދަތުގެ ތެރޭގައި އެކަމޮޑޭޝަނާއި އަމިއްލަ ކެއުމަށް ދިޔަ ހުރިހާ ހަރަދެއް ވެސް ކުރީ އަމީތާބް އަމިއްލައަށެވެ.
#OneWordReview...#CHEHRE: ENGROSSING.
— taran adarsh (@taran_adarsh) August 26, 2021
Rating: ⭐⭐⭐½
Captivating screenplay + wonderful performances by the principal cast makes #Chehre an interesting watch... Director #RumyJafry - associated with comedies - springs a pleasant surprise with a dramatic thriller. #ChehreReview pic.twitter.com/MffOcTOYaP
ކްރިޓިކުންގެ މަސްހުނި ފާޑުކިޔުންތަކެއް ލިބުނު "ޗެހެރޭ" އަކީ ގާނޫނީ ދާއިރާގެ ބަޔަކު ސްނޯގެ ތޫފަނަކާ ހެދި އެއް ގެއެއްގައި ތިބެން ޖެހުމުން އެ މީހުންގެ ތެރޭގައި ހިނގާ ކަންތައްތަކާއި އެ މީހުންގެ ސިއްރު ހަޔާތުގެ ކަންކަން ތިލަވެގެން އަންނަ ގޮތް ދައްކުވައިދޭ ފިލްމެކެވެ.
ފިލްމުގައި އަމީތާބް ކުޅުނު ލަތީފް ޒައިދީގެ ކެރެކްޓާ ފިލްމުގެ ފްރެންޑްލީ އެޕިރިއަންސެއްގެ ގޮތުގައި ކްރެޑިޓްކޮށްފައިވާ އިރު، މީގެ ކާސްޓްގައި އިމްރާން ހާޝިމީ، ރިއާ ޗަކްރަބަތީ، އައްނޫ ކަޕޫރް، ކްރިސްޓަލް ޑި ސޫޒާ، ސަމީރު ސޯނީ، ރަގްބީރް ޔާދަވް، ސިދާންތު ކަޕޫރް އަދި ދުރިތިމަން ޗެޓަޖީ ހިމެނެ އެވެ.
މީގެ ކުރިން އަމީތާބު އެއްވެސް އަގެއް ނުނަގައި ކުޅުނު އެންމެ ފާހަގަކޮށްލެވުނު ފިލްމަކީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ކެރިއަރުގައި ގެނެސްދިން އެންމެ ތަފާތު ފިލްމު ކަމަށްވާ 2005 ގެ "ބްލެކް" އެވެ. އަމީތާބް ބުނެފައިވާ ގޮތުގައި އެ ފިލްމު ހިލޭ ކުޅެން ނިންމީ މޮޅު ފިލްމެއްގައި އެއްވެސް އަގަކާ ނުލައި ހިއްސާވުމުގެ ޝަރަފު ހޯދުމުގެ ގޮތުންނެވެ.
ރާނީ މުކަރްޖީ ވެސް މުހިއްމު ރޯލެއް ކުޅުނު "ބްލެކް" އަކީ އަމީތާބަށް މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމެކެވެ. އަދި އެ ފިލްމަކީ އެންމެ މޮޅު ހިންދީ ފިލްމާއި އެންމެ މޮޅު ކޮސްޓިއުމްގެ ނެޝަނަލް އެވޯޑް ލިބުނު ފިލްމެކެވެ. "ބްލެކް" އަށް ފިލްމުފެއާގެ 11 އެވޯޑް ވެސް ލިބުނެވެ.
އަމީތާބްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ޖުންދު"، ބުރައްމަސްތުރާ"، "މޭޑޭ" އަދި "ގުޑްބާއި" ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އުދުހޭ
30 August 2021
މުސްކުޅިވެ ދެން އިތުރު ފައިސާއިން ކުރަން ބޭނުންކަމެއް ނެތީދޯ