ޚަބަރު / ޕްރޮސެކިއުޓާ ޖެނެރަލް

ޔާމީންގެ މަރުގެ މައްސަލާގައި ޕީޖީ ދެއްކެވި ވާހަކަތަކަށް ކޯޓުން ރައްދު ދީފިި

ޔާމީން ރަޝީދު: އޭނާގެ މަރުގެ މައްސަލަ ނުނިމި ލަސްވާ މައްސަލާގައި ޕީޖީ ދެއްކެވި ވާހަކަތަކަށް ކޯޓުން ވަނީ ރައްދުު ދީފައި

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ނުނިމި ލަސްވާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ދެއްކެވި ވާހަކަތަކަށް ކްރިމިނަލް ކޯޓުން މިއަދު ރައްދު ދީފި އެވެ.

އޭޕްރީލް، 2017 ގައި ޔާމީނަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް، އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލާގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީގައި އިއްޔެ ވާހަކަ ދައްކަވަމުން ޕްރޮސެކިއުޓާ ޖެނެރަލް ޝަމީމް ދެއްކެވި ވާހަކަތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ނެރުނު ބަޔާނުގައި ބުނީ އެ މައްސަލަ ދެ ދުވަސް ތެރޭގައި ނިންމައި، ހުކުމް ކުރެވޭނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ކޮމެޓީގައި ވިދާޅުވިޔަސް، ކޯޓުން ޝަރީއަތްތައް ހިންގަން ޖެހެނީ ގާނޫނުގައި ބުނާ އިޖްރައާތުތައް ފުރިހަމަ ކުރުމަށް ފަހުގައި ކަމަށެވެ. އަދި ކޯޓުން މަސައްކަތް ކުރަނީ އިޖްރައާތުތަކާ އެއްގޮތަށް އަދި ހައްގުުތައް ނުގެއްލޭ ގޮތަށް އެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކަމަށާއި އެހެން ނޫން ނަމަ، އިސްތިއުނާފް މަރުހަލާގައި އެ ނިންމުމެއް ބާތިލްވުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ މަރުތަކާ ބެހޭ ކޮމިޝަންގެ ސިޓީއަކާ އެކު، އެ މައްސަލަ އަވަސްކޮށްދޭން ކޯޓުގައި އެދުނު ކަމަށް ޕީޖީ ވިދާޅުވިޔަސް، މަރު ކޮމިޝަންގެ ސިޓީއަކާ އެކު އެފަދަ އެއްވެސް ސިޓީއެއް ލިބިފައިނުވާ ކަމަށެވެ. އަދިި މިހާރު އެ މައްސަލަ ބައްލަވާ ގާޒީ އެ މައްސަލަ ބެއްލެވުމާ ހަވާލުވެ ވަޑައިގަތް ފަހުން މައްސަލަ އަވަސްކޮށްދޭން އެދި ދައުލަތުން ސިޓީ ފޮނުވާފައިވަނީ މިމަހު ކުރީކޮޅު އަދި އިއްޔެގެ ވަގުތެއްގައި ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން އަންނަ ނޮވެމްބަރުު މަހު އެ މައްސަލަ ނިންމަން އެދިފައިވާ ކަމަށް ޕީޖީ ވިދާޅުވިޔަސް، އެފަދަ ހުށަހެޅުމެއް ލިބިފައި ނެތް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އަޑުއެހުންތައް ނުބޭއްވި ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ޕީޖީ ވިދާޅުވެފައި ވިޔަސް، އެކަން އެގޮތަށް ދިމާވީ ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ކޯޓަށް މީހުން ހާޒިރު ކުރުމުގައި ހުރި ދަތިތަކެއް ކުރިމަތިވާތީ ކަމަށާއި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވެސް އެކަން ސާފުކޮށްދީފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ އެ މައްސަލަ ކުރިއަށް ގެންދަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ބުނާ ފަދަ ތާވަލެއް އެކުލަވާލުމެއް ނެތި ކަމަށް ޕީޖީ ވިދާޅުވިޔަސް، މައްސަލަ ކުރިއަށް ގެންދަނީ ތާވަލެއް އެކުލަވާލައިގެން ކަމަށެވެ. އަދި ކުރިއަށް އޮތް ތިން މަހަށް ވެސް ތާވަލް އެކުލަވާލައި، މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާނެ ކަމަށާއި އެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ދާ ނަމަ، އަންނަ ޑިސެމްބަރު މަހު އެ މައްސަލާގެ ހުކުމް އިއްވޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ހަތަރު އަހަރަށް ވުރެ ގިނަ ދުވަސްވީއިރު ވެސް، ޔާމީންގެ މަރުގެ މައްސަލަ ނުނިމި ލަސްވަމުންދާތީ އޭނާގެ އާއިލާ އާއި ގިނަ ބައެއްގެ ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 20%
icon angry icon angry 80%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިތުންނޭ

31 August 2021

ދައުލަތް ތަމްސީލުކޮށް މައްސަލަތައް ބަލާ ދައުވާކުރަން ހުންނަވާ ބޭފުޅާ ފާޅުގައި އިތުރުފުޅުހައްދަވާ ކޯޓުތަކަށް ގޮންޖައްސާ ކޯޓުތަކުގެ ގަދަރު ގެއްލުވާލަނީ. މިއީ އެންމެ ކަމެއް މިފަދަ ކިތައް ކަންކަން އޮޅުވާލާއި އިތުރުފުޅުހައްދަވާފައި ވާނެބާ؟ މަގާމްގެ އިތުބާރެއްނެތް.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 August 2021

ޖޫޑިޝަރީއަކީ ސޯލިޙްގެ ސަރުކާރު އައިފަހުން ރައްޔިތުން އެންމެ އިތުބާރުކުރި ދައުލަތުގެބާރުގެ ގޮތުގައި ވެގެންދިޔަ. # ނަމަވެސް ދައުލަތުގެ ޕްރޮސިކިއުޓަރ ޤާނޫނުހަދާ މަޖިލީހުގައި ދެއްކެވިވާހަކައަކަށް ކޯޓުން މިގޮތަށް ޕްރެސް ރިލީޒް ނެރުއްވައިގެން ރައްދުދެއްވުމަކީ މިދެންނެވިއިތުބާރުގެއްލި އަނެއްކާވެސް ކުރީގެޙާލަތަށް ރުޖޫޢަ ވެދާނެފަދަކަމެއް. # ނޫސްބަޔާނުގައި ހުރިވާހަކަތަކުގެ އިބާރާތްހުރިގޮތުން ހީވަނީ ދައުވާކުރެވޭފަރާތުގެ ވަކީލުން ނެރުއްވާފައިވާ ބަޔާނެއްހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454