ޓީއެމްއޭގެ ސީޕްލޭނެއް: ޓީއެމްއޭގެ ޖޮއިންޓް ވެންޗާ ކުންފުނިން ހުށަހަޅާފައި ވަނީ ސްރީލަންކަންގެ 80 ޕަސެންޓް ގަންނަން.-- ފައިލް ފޮޓޯ: ޓީއެމްއޭ
30 ނޮވެމްބަރ 2016 - 12:03
ރާއްޖޭގެ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި ސިންގަޕޫރުގެ ކުންފުންޏަކުން ގުޅިގެން ސްރީލަންކަން އެއާލައިންސްގެ ބޮޑު ބައެއް ގަނެ، ލަންކާގައި ފަސް ބިލިއަން ޑޮލަރު (77 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ހުށަހަޅައިފި އެވެ.
އިތުބާރު ހުރި ފަރާތްތަކާ ހަވާލާ ދީ ލަންކާގެ ސަންޑޭ ޓައިމްސް ނޫހުން ބުނި ގޮތުގައި ލަންކާގެ ގައުމީ އެއާލައިންގެ ބައެއް ގަތުމަށް ހުށަހެޅި ދިހަ ފަރާތުގެ ތެރޭން އެންމެ މަތިން މާކްސް ލިބިފައި ވަނީ ވެސް ޓީއެމްއޭ އާއި ސިންގަޕޫރުގެ އެސްއޭޓީއެސް ކުންފުނިން އުފައްދާފައިވާ ޖޮއިންޓް ވެންޗާއެއް ކަމަށްވާ ސުޕަ ގްރޫޕް ޕާޓްނާސް ކޮމްޕެނީ ލިމިޓެޑަށެވެ. ސްރީލަންކަންގެ 80 ޕަސެންޓް ހިއްސާ ގަންނަން ހުށަހަޅާފައިވާ އެ ކުންފުންޏަށް 68 ޕޮއިންޓް ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.
ސުޕަ ގްރޫޕުން ހުށަހަޅާފައި ވަނީ، ސަންޑޭ ޓައިމްސް އިން ބުނި ގޮތުގައި، ދިހަ އަހަރަށް ބަހާލައިގެން ޖުމްލަ ފަސް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ލަންކާގައި ކުރުމަށެވެ. އޭގެ ތެރޭން އެއް ބިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ސްރީލަންކަންގެ ދަރަނި އަދާކުރަން ހޭދަކުރާއިރު، ބާކީ ބައި އިންވެސްޓް ކުރުމަށް ހުށަހަޅާފައި ވަނީ ވައިގެ ދަތުރުފަތުރާއި އެއާ ގުޅުން ހުރި އެކި މަޝްރޫއުތަކަށެވެ.
- ބިޑު ހުށަހެޅީ ޓީއެމްއޭ އާއި ސިންގަޕޫރުގެ އެސްއޭޓީއެސް އިން ގުޅިގެން އުފައްދާފައިވާ ސުޕަ ގްރޫޕް ޕާޓްނާސް ކޮމްޕެނީ ލިމިޓެޑުން
- ހުށަހެޅީ 80 ޕަސެންޓް ގަންނަން
- 10 އަހަރުން ފަސް ބިލިއަން ޑޮލަރު އިންވެސްޓްކުރަން ހުށަހެޅި
- ދަރަނި އަދާކުރަން އެއް ބިލިއަން ޑޮލަރު
އެނގިފައިވާ ގޮތުގައި ސްރީލަންކަން ގަންނަން އިންވެސްޓް ކުރަނީ ޓީއެމްއޭގެ މައި ކުންފުނި، އެމެރިކާގެ ބްލެކްސްޓޯނުންނެވެ. ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމަންޓް ފާމް ކަމަށްވާ ބްލެކްސްޓޯން އިން ވަނީ ފެބްރުއަރީ 2013 ގައި ރާއްޖޭގެ މޯލްޑިވިއަން އެއާޓެކްސީ އާއި ޓީއެމްއޭގެ ބޮޑު ބައެއް ގަނެ، އެ ދެ ކުންފުނި އެއްކޮށްލައި ޓީއެމްއޭގެ ނަމުގައި ހިންގަން ފަށައިފަ އެވެ. އެއާ އެކު، ޓީއެމްއޭ ވެފައި ވަނީ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރަށެވެ.
ޓީއެމްއޭ އާ ބައިވެރިވެފައިވާ އެސްއޭޓީއެސް އަކީ އޭވިއޭޝަން ދާއިރާގެ ހިދުމަތްތައް އެންމެ ފުޅާ ދާއިރާގައި ދޭ ސިންގަޕޫރުގެ ކުންފުންޏެވެ. އެ ކުންފުނިން ސިންގަޕޫރު މައި އެއާޕޯޓް ކަމަށްވާ ޗަންގީ އެއާޕޯޓުގެ ހުރިހާ ހިދުމަތްތަކެއް ވެސް ބަލަހައްޓާއިރު، ރާއްޖޭގެ އިންފްލައިޓް ކޭޓަރިން ކުންފުނި ވެސް ހިންގަނީ އެސްއޭޓީއެސް އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގުޅިގެންނެވެ.
ދަރަނި ބޮޑުވެ، މާލީ މައްސަލަގަނޑެއްގެ ތެރޭގައި އޮތް ސްރީލަންކަން އެއާލައިންސް ޕްރެވަޓައިޒް ކުރަން ނިންމައި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިދިޔަ ސެޕްޓެމްބަރު 23 ގެ ނިޔަލަށް ހުޅުވާލި އެވެ.
ސްރީލަންކަން އެއާލައިންސްގެ ބޯޓެއް ނައްޓާލަނީ: ދަރަނި ބޮޑުވެ، ލަންކާގެ ގައުމީ އެއާލައިން އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި.-- ފައިލް ފޮޓޯ: އޭއެފްޕީ
އެ މުއްދަތުގައި ސްރީލަންކަން ގަންނަން ހުށަހެޅި ބިޑުތައް ދިރާސާކުރީ ލަންކާގެ ސަރުކާރުން އެކަމަށް ހަމަޖެއްސި ސަރުކާރުގެ ބޭންކެއް ކަމަށްވާ ނެޝެނަލް ސޭވިންސް ބޭންކް (އެންއެސްބީ) އާއި ބައިނަލްއަގުވާމީ އޮޑިޓް ފާމެއް ކަމަށްވާ ކޭޕީއެމްޖީގެ ޓީމަކުންނެވެ. އެ ޓީމުގެ ރިޕޯޓް ލަންކާގެ ކެބިނެޓުގެ އިގްތިސާދީ ކޮމިޓީ އަށް މިހާރު ވަނީ ފޮނުވައިފަ އެވެ. އެންމެ ފަހުގެ ނިންމުން ނިންމާނީ އެ ކޮމިޓީންނެވެ.
ސްރީލަންކަންގެ 80 ޕަސެންޓް ގަންނަން ސުޕަ ގްރޫޕުން ހުށަހެޅިއިރު، ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (އައިކާއޯ)ގެ މިންގަނޑުތައް ބުނާ ގޮތުން އެއްވެސް ގައުމެއްގެ ގައުމީ އެއާލައިންގައި ބޭރުގެ ބަޔަކަށް 45 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއެއް ނުގެންގުޅެވޭނެ އެވެ. އެހެންވެ، ސުޕަ ގްރޫޕަށް މި ބިޑް ކާމިޔާބުވެއްޖެ ނަމަ، ލަންކާގެ ގައުމީ އެއާލައިންގެ ޝަރަފް ސްރީލަންކަން އަށް ގެއްލޭނެ އެވެ.
ސްރީލަންކަން، ޕްރެވަޓައިޒް ކުރަން ކުރާ މަސައްކަތުގެ ދަށުން، އެ ކުންފުނީގެ ބަޖެޓް އެއާލައިން ކަމަށް މިހިން ލަންކާ މިހާރު ވަނީ ހުއްޓާލައިފަ އެވެ. އަދި އަލަށް ގެންނަން އުޅުނު ބައެއް ބޯޓުތައް ނުގެންނަން ވެސް ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްޓި
01 December 2016
މިހާރުދެން މޯލްޑިވިއަން އިން ސީޕްލޭން ގެނެސްގެން. މީގެކުރިން ސީޕްލޭންގެންނަށް ނޭގުނީ ކީއެއްވެ؟
ޙަހަ
01 December 2016
ޓީމެމްއޭ އާ މިކަމާ އޮތީ ކޮންގުޅުމއެއްތަ، އެތަން ގަންނަންއެއުޅެނީ އެމެރިކާގެ ބުލެކް ސްޓޯން ގުރޫޕުން
ބްލެކް ސްޓޯން
30 November 2016
ޓީއެމްއޭ އަކުން ނޫން ހުުށަހެޅީ
މޯޑިސް
30 November 2016
ރާއްޖޭގެ ޓީއެމްއޭއަކުން ނޫން. އެމެރިކާގެ ބްލެކްސްޓޯންއިން. އިޒްރާއީލަށްވެސް ވަރަށް ސަޕޯޓް އަދި ފަންޑުކުރާ އެމެރިކާގެ ޒަޔަނިސްޓް ޔަހޫދީ ބައެއްގެ ވަރަށް ބޮޑު ކުންފުންޏެއް. ދުނިޔޭގެ އެންމެ ފައިސާހުރި އެންމެ ބޮޑު އެއްކުންފުނި. ޓީއެމްއޭ އަދި އެމްއޭޓީ މިއާއެކު ރާއްޖޭގެ މުޅި ސީޕްލޭން އިންޑަސްޓްރީ މޮނޮޕޮލީއަކަށް ހަދައި ބްލެކްސްޓޯންއަށް ވިއްކާލީ ދީން ހިމާޔަތްކުރަން ޝޭހުންތަށް މައިތިރިނުވެގެން ގެނައި ވަހީދުގެ ބަގާވާތް ސަރުކާރުން. ލޯމަރައިގެން ތިބެ ހަމައެކަނި އެއްކޮޅުން ދައްކާ ޕްރޮޕެގެންޑާ ވާހަކަ އަޑުއެހިޔަކަސް ދުނިޔޭގެ ކަންކަން ހިނގާގޮތެއް ނޭނގޭނެ. ރޭކާވެސްނުލާނެ.
މޮޔަޑިސް
30 November 2016
ބަލަގަ ޓީއެމްއޭ އަދި އެމްއޭޓީ އަކީ ޕުރައިވެޓް ދެ ކުންފުނި. ސަރުކާރުން މޮނޮޕޮލީ އޭތޯ؟ މޯލްޑިވިއަން ގެ ސީޕްލޭން ކޮބާތޯ. ކީބޯޑަށް ބާރު ބާރަށް ފިތި އަކަސް އަދި ކަމަކު ނުދާނެ. ވާނުވާގަ ތ؟
ހުއްބުލްވަޠަން
30 November 2016
ސްރީލަންކަން އެއާލައިންސް މަޤްބޫލު އެއާލައިނަކަށް ހެދީ އެމިރޭޓްސް އިން. އެކަން އޭރުގައި ވެރިކަމުގައި ހުރި މަހިންދްރަ ރާޖަޕަކްޝަ އާއިލާބަޔަަކަށް ބިޒްންސް ކްލާހުން ޓިކެޓް ނަގާފައިތިބި ބަޔަކު އިކޮނޮމިކްސް ކްލާހަށް ބަދަލުކޮށް އެ ސީޓްތައް ދޭން އެމިރޭޓްސްއިން ދެކޮޅުހެދީމައި އެމީހުން އަތުން ސްރީލަންކަންއެއާލައިންސް ވަކިކުރީ. އޭގެފަހުން ދުވަހެއް ދުވަހަކަށް ދަރަނިވެރިވަމުން ބޯޓްތައް ވިއްކަމުންގޮސް އެންމެފަހުން ޤައުމީ އެއާލައިންސްގެ ނަންވެސް ޤައުމުގެ ޝަރަފުންވަކިވެގެންދަނީ. މީ މިއަދު މިދިވެހި ސިޔާސީވެރިން ދަސްކުރަންވީ ފިލާވަޅެއް. ތިމާމެން އަމިއްލަ އެދުމުން ކުރާކަންތަކުން މުޅިޤައުމަށް އޭގެ ނުތަވަސްކަން ގިނަ ދުވަހަކަށް ތަހައްމަލްކުރަން ޖެހިދާނެކަން. ދިވެހިންގެ ޤައުމީ އެއާލައިންސް "އެއާމޯލްޑިވެސް" ބަގްރޫޓްކޮށްލީ އަމިއްލަ ފައިދާާއަކަށް ބަޔަކު އަޑިގައި ތިބެގެން.
ގުލޯބޯ
30 November 2016
ދިވެހިރާއްޖެ އަކީ އަބަދުވެސް ބެރުމީހުން ވިޔަފާރި ކޮށްގެން މުއްސަދިވާން އޮންނަށް އަދި އެހާމެ ގަމާރުން ގިނަ ރަށްތަކެކެއެވެ.ވ.ސަލާމް
ހަސަނާ
30 November 2016
ރާއްޖޭ ގެ ޓީއެމްއޭ އަކުން ނޫން ސްރީލަންކަން ގަންނަނީ ރަގަޅުގޮތަކީ ރާޖޭގަ ޓީއެމްއޭ ހިންގާ ކުންފުނި އެމެރިކާގެ ބުލެކްސްޓޯން އިން ސްރީލަންކަން ގަންނަން ހުށަހެޅީ
އަސަރޭ
30 November 2016
މިއީ އެހާ އުފާވެރި ހަބަރަކަށް ނުވެދާނެ. ބްލެކްސްޓޯން އިން ޓީއެމްއޭ ގަތުމަށްފަހުވެސް ސީޕްލޭންގެ އަގުތަށް ވަނީ ހެސް ކިޔާފަ މައްޗަށް ޖައްސަާފަ. ހަމަ އެގޮތަށް ރާއްޖެއަށް އެންމެގިނަ ފްލައިޓްއަޅާ ބޭރުގެ އެއާލައިން ގަތުމަށްފަހުވެސް އަގުތައް މަތިކުރުން އެކަށީގެންވޭ. މިހެން ވެއްޖެނަމަ ފަތުރުވެރިންނަށް ރާއްޖެއަކީ އަންނަން އަގުބޮޑު މަންޒިލަކަށްވާނެ. އަދި ދިވެހިންނަށްވެސް މިއަގުތަށް ތަހައްމަލްކުރަން ޖެހޭނެ
ޢަލީ
30 November 2016
ދިވެހި ޤައުމީ އެއަރލައިން މޯލްޑިވިއަންއިންވެސް ސީ ޕްލޭން އޮޕަރޭޓްކުރޭ. އެހެންވީމަ ދިވެހިންނަށް މޯލްޑިވިއަންގަ ދެވޭނެ ޗީޕްކޮށް. މައްސަލަ ނުޖައްސަ ބަލަ.
އެއަރ މޯލްޑިވްސް
30 November 2016
ދޮންކަލޯ މޯލްޑިވިއަންގެ އެތެރޭގެ އުދުހުންވެސް އުޅެނީ އަތްނުފޯރާ ފަށުގައި. ނަމަވެސް ދިވެހިން ދަތުރު ކުރާނެ ނުކައި ތިބެގެންވެސް. އެއީ ވާގޮތަކީ.
ސައްދާމް
30 November 2016
ލަންކާގެ ގައުމީ އެއާލައިން ވިއްކާލާތީ މިކަމާ ދެކޮޅަށް ނިކުންނަން ވީ............. ގައުމު ވިއްކާލަނީ........ ހާހާ ހަހަހަހާ.........
ބޮޑު އުތުރު
30 November 2016
އަހަރެެމެން އުތުރުގެ ޒުވާނުން އެދެން ހަނިމާދޫ އެއަރޕޯޓް ހޯދާ ޓީއެމްއޭއިން ތަރައްގީ ކުރުން. އެކަމާ ދޭތެރޭ ސީރިއަސް ކޮށް ވިސްނާނެ ކަމަށް ހީކުރަން. ރިސޯޓްތައް އެބަ ގިނަވޭ އުތުރުގައި އެކަމަކު މި އައިލެންޑް އޭވިއޭޝަަނުގެ ޓިކެޓާ ހެދި އެކަަމަށް ވަރަށް ދަތި އުނދަގޫކޮށް ތިބޭފުޅުންނަށްވެސް އެނގޭނެ. އަހަރެމެން ބޭނުން މި ޕްރޮޕޯސަލް ހިފައިގެން ތިބޭފުޅުންނާ ބައްދަލުކުރަންވެސް. މާލޭ ސަރުކާޜުން މާލޭ ކުލިދައްކަން މިހުން މަދުވެދާނެތީ އަޅައެއް ނުލާނެ ހަނިމާދޫއަކާ. އައްޑޫެ އެއަޕޯޓްވެސް ހެދުނީ އަންނި ފެށީމަ. ނުފެށިނަމަ ޓާރޝަރީ ހޮސްޕިޓަލަށް ހެދިހެން ރަމްޒީކޮށް ދުއްވާލާނީ. ތިބޭފުޅުން އަޅުގަނޑުމެންނާ ގުޅާނެ ކަމަށް އުއްމީދު ކުރަން.