މި ދަތުރު ވަޑައިގަތީ އޭނާ ފަދައިން ކަނޑުއަޑި ބަލައިލަން ދާން ބިރުން، ނުކެރިފައި ތިބޭ މީހުންނަށް ހިތްވަރުދެއްވުމަށް. އެ ރީތި މަންޒަރު އަމިއްލަ ލޮލުން ފެނުމުން ފަރުތަކާއި ކަނޑުދެކެ ހިތުގައި އިތުރަށް ލޯބި އުފެދުނު ކަމަށް މިނިސްޓަރު ވިދާޅުވި.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރީގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރު މޫދުއަޑި ބައްލަވާލައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
16 ސެޕްޓެމްބަރ 2021 - 08:38
މޫދަށް ލޯބި ކުރެއްވިޔަސް، މާ ރަނގަޅަށް ފަތަން ނޭނގުމާއި ފުން ތަންތަނަށް އެރެން ބިރުގަންނާތީ މީގެ ކުރިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ކަނޑު އަޑިއަށް ފީނަން ޖެހިލުންވެ އެވެ. އެކަމަކު، އެ ބިރަށް ފަސްދެއްވައި، ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު މިނިސްޓަރު ސްނޯކްލިން އަށް ވަޑައިގަތީ މިދިޔަ އާދިއްތަ ދުވަހު އެވެ. "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އެއީ ހަމަ ލޮލުން ކަނޑުއަޑި ބައްލަވައިލައްވަން ވަޑައިގެންނެވި ފުރަތަމަ ފަހަރު ކަމަށެވެ.
"މި ތަޖުރިބާ އެންމެ ހާއްސަ ވަނީ ދަރިވަރުންނާ އެކު ފުރަތަމަ ފަހަރަށް ކަނޑުއަޑި، އަމިއްލަ ލޮލުން ބަލާލުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނީތީ،" އައިޝަތު އަލީ ވިދާޅުވި އެވެ.
ކެޔޮދޫ ސްކޫލްގެ 24 ދަރިވަރުންނާ އެކު މިނިސްޓަރު ދެ ގަޑިއިރަށް ސްނޯކްލިން އަށް ވަޑައިގަތީ، އެޑިއުކޭޝަން މިނިސްޓްރީ އާއި ޕާލޭ މޯލްޑިވްސް ގުޅިގެން ރާއްޖޭގެ ސްކޫލުތަކުގައި ކުރިއަށް ގެންދާ "އެއާ ޗެލެންޖު" ޕްރޮގްރާމުގެ ފުރަތަމަ މަރުހަލާ އެ ސްކޫލުން ކާމިޔާބުކުރުމުގެ އުފަލުގައި އެ ރަށަށް ކުރެއްވި ދަތުރުގަ އެވެ. ދަރިވަރުންނަށް ފަރުތައް ބަލައިލުމުގެ ފުރުސަތު ދިނުމަށް ސްނޯކްލިން އަށް ދިއުމަކީ މި ޕްރޮގްރާމްގައި ހިމެނޭ "ރީފް އެންޑް މީ" ދަށުން އޮންނަ ހަރަކާތެކެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރީގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
ސްނޯކްލިން އަށް ގޮސްފައި ވަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި ވެސް މިހާރު ވަރަށް މަގުބޫލު މަންޒިލެއް ކަމަށްވާ، ކެޔޮދޫ ކައިރި އަށް އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށެވެ.
އެތަނުން ތަފާތު ބާވަތުގެ މުރަކަ އާއި އެކި ވައްތަރުގެ، ކުލަކުލައިގެ މަސްތައް ފެނުނު ކަމަށާއި އެންމެ އުފާވީ ކުދިން އެ ކަމަށް ހުރި ޝައުގުވެރިކަމުގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޮންމެ މަހެއް ފެނުމުން ވެސް ވަރަށް ޝައުގުވެރިކަމާ އެކު، އޭގެ މައުލޫމާތު ގައިޑުން ގާތުން އެ ކުދިން އަހަމުން ދިޔަ ކަމަށާއި އެތަނުން ފެނުނު ބައެއް މުރަކަތާއި މަސްތަކާ އޮންނަ ގުޅުން އެ ކުދިން މިނިސްޓަރަށް ވެސް ކިޔައިދިނެވެ.
ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރީގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރު މޫދުއަޑި ބައްލަވާލައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
އެހާ ބިރުގަންނަ ކަމެއް ކުރައްވަން މިނިސްޓަރު ނިންމެވީ ވެސް ހާއްސަ ދެ ސަބަބެއް އޮވެގެންނެވެ؛ އޭގެން އެއް ކަމަކީ ރާއްޖެ ފަދަ ގައުމަކަށް ކަނޑުތަކާއި ފަރުތަކުގެ މުހިންމު ކަން ދަރިވަރުންނަށް ވިސްނައިދިނުމާއި ކަނޑަށް ލޯބިކުރާ ކުދިންތަކެއް އުފައްދަވަން ބޭނުން ވާތީ އެވެ.
"އަމިއްލަ ލޮލުން ކަނޑުއަޑީގެ މަންޒަރު ބަލައިލާ މުރަކަ އާއި މަސްތަކާއި ގުޅުންހުރި ހުރިހާ ބާވަތްތަކުގެ މެދުގައި އޮންނަ ގުޅުން ދަރިވަރުންނަށް ވިސްނި ފަރުތަކާއި ކަނޑަށް ގެއްލުން ވާނެ ކަންތައްތަކުން ދަރިވަރުން ދުރުވެ ތިބެން ބޭނުންވާތީ،" މިނިސްޓަރު ކިޔައިދެއްވި އެވެ.
ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރީގައި އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް މިނިސްޓަރު ކުރެއްވި ސްނޯކްލިން ދަތުރުގައި މޫދުއަޑި ބައްލަވާލައްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
"ދެ ވަނަ ސަބަބަކީ، އަޅުގަނޑު ފަދައިން ބިރުން ކަނޑުއަޑި ބަލައިލަން ދާން ނުކެރިފައި ތިބޭ މީހުންނަށް މިކަން ކުރުމަށް ހިތްވަރުދިނުން. އަޅުގަނޑު ދެކޭގޮތުގައި އެ ރީތި މަންޒަރު އަމިއްލަ ލޮލުން ފެނުމުން ފަރުތަކާ ކަނޑުދެކެ ހިތުގައި އިތުރަށް ލޯބި އުފެދޭ."
މި ބިރު ކަނޑުވާލަން މިނިސްޓަރަށް އެންމެ ބޮޑު ހިތްވަރެއް ދެއްވީ ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ އާއި އެ ޖަމިއްޔާގެ ޓީމުންނެވެ.
"އަޅުގަނޑަށް މިއީ އެހާ އުދަނގޫ ކަމެއް ނޫން ކަމަށާއި އެ ބޭފުޅުން އަޅުގަނޑަށް މިކަމުގައި އެހީތެރިވެދެއްވާނެ ކަމަށް ޝާހީނާ ވިދާޅުވުމުން އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވި،" މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރި އަށް އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރުގައި ޕާލޭ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު ޝާހީނާ އަލީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި ދަތުރުގައި މިނިސްޓަރާ އެކު ބައިވެރިވި އެކި އުމުރުފުރާގެ ދަރިވަރުންގެ ތެރޭގައި ވެސް އަލަށް ސްނޯކްލިން އަށް ދިޔަ ކުދިން ތިއްބެވެ.
މިނިސްޓަރު ގަބޫލުކުރައްވާ ގޮތުގައި މިފަދަ ހަރަކާތްތަކުގައި ދަރިވަރުން ބައިވެރިކުރުން މުހިންމު ވަނީ، މީގެ ސަބަބުން ތިމާވެއްޓާއި ކަނޑުތަކުގެ މުހިއްމުކަން ދަރިވަރުންނަށް ވިސްނި އެ ކަން ކަމަށް އެކުދިންގެ ހިތުގައި ލޯބި ޖެހި އަދި އެކުދިންގެ ޒަރީއާއިން ބެލެނިވެރިން ވެސް މި ކަމަށް އަހުލުވެރި ވާތީ ކަމަށެވެ.
ކެޔޮދޫ އަކީ އޭގެ މިސާލެއް ކަމަށާއި އެ ރަށް މިސާލެއްގެ ގޮތުގައި ނަގައިގެން އެހެން ރަށްރަށުން ވެސް މި މަސައްކަތް ކުރުމަށް އެދިލެއްވި އެވެ.
ޑރ. އައިޝަތު އަލީ ވ. ކެޔޮދޫ ސްކޫލްގެ ދަރިވަރުންނާ އެކު އެ ރަށް ކައިރި އަށް އަޑިއަށް ގޮސްފައި އޮންނަ ބޯޓުގެ ސަރަހައްދަށް ކުރެއްވި ސްނޯކްލިން ދަތުރު.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މި ކަހަލަ ހަރަކާތްތައް ރާވައި، ހިންގުމުން ފެންނަ ރަނގަޅު ނަތީޖާތައް ލިސްޓު ކުރައްވާ މިނިސްޓަރު ފާހަގަކުރެއްވީ މި އިވެންޓުގައި، އެއްވެސް ގޮތަކަށް އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކޮށްފައި ނުވާ ކަމަށެވެ. އަދި އެ ރަށުން ވެސް އެ ޒާތުގެ އެއްވެސް ކުންޏެއް ފެނިފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ. ކެޔޮދޫ ފެނުނީ ވަރަށް ސާފުތާހިރު އަދި ތިމާވެށި ރައްކާތެރިކުރަން އަހުލުވެރިވެފައި ތިބި ބަޔަކު ދިރިއުޅޭ ރަށެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް ދަރިވަރުން އަޅުގަނޑު ގާތު ބުނިގޮތުގައި ކައިރި ރަށްރަށަށް ދަތުރުދާއިރު މީހުން އުކާލައިފައި ހުންނަ ޕްލާސްޓިކް ފެނުނުމުން މިހާރު އެ ކުދިންނަށް ވަރަށް އުނދަގޫވޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"އެއާ ޗެލެންޖު"ގެ ފުރަތަމަ މަރުހަލާ ކެޔޮދޫ ސްކޫލްގެ ދަރިވަރުން ކާމިޔާބުކޮށް، ހަދިޔާއަކަށް އައުޓްޑޯ ސައުންޑް ސިސްޓަމެއް ވަނީ ހޯދައިފަ އެވެ. ތިން މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޗެލެންޖުގައި ބަލަނީ އުކާލާ ޕްލާސްޓިކް އެއްކޮށް، ސިންގަލް ޔޫސް ޕްލާސްޓިކްގެ ބަދަލުގައި އެހެން ތަކެތި ބޭނުންކޮށް އަދި ތިމާވެއްޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގުމަށެވެ.
މިނިސްޓަރު ވިދާޅުވީ ތައުލީމުގެ ތެރެއިން ތިމާވެއްޓާ ގުޅުންހުރި މި ކަހަލަ ތަފާތު ކަން ކަމަށް ދަރިވަރުން އަހުލުވެރިކުރުމަކީ އަންނަން އޮތް ޖީލުތަކަށް ފަރުތަކާއި ކަނޑުތައް ރައްކާތެރިކުރުމަށްޓަކައި ކުރުން މުހިއްމު ކަމެއް ކަމަށެވެ. ކަނޑުއަޑިން އޭނާ އަށް ފެނުނު އެ ރީތި މަންޒަރު އެގޮތުގައި ދެމި އޮންނާނީ މިހާރުއްސުރެ އެ މަސައްކަތް ކުރެވިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީޝާ
21 September 2021
މީގެ ކުރިން ކީ ލަވައަކީ މިނިސްޓަރުން ފިނިކޮޓަރީގައި ތިބޭ ވާހަކަ. އެކަމާއިގުޅޭ މީހުންނާ ބައްދަލުނުކުރާ ވާހަކަ. ހާލަތު އެނގެންޖެހޭ ވާހަކަ. މިހާރު ރަށްރަށަށްގޮސް އެކަމާއި ގުޅޭ މީހުންނާއެކު އުޅެންފެށީމާ ސްޓަންޓް ޖައްސަނީއޭ އިޝްތިހާރު ކުޅެނީއޭ ފަޅޮލޭ. ދިވެހިންނަކީ މީހުން ރަނގަޅަށް ކުރާ ކަންތައް ބަލއިނުގަނެ އަބަދުވެސް މީހުންގެ ކުށް ދެއްކުމާއި މަލާމަތްކުރުމުގައި އަރާތިބިބައެއް.
ހުސެން
17 September 2021
އެއްވެސް ހަރުދަނާކަމެއްކުރަންނޭންގޭ އެންމެ ތުއިދެއްކޭ އަދި އެންމެބޮޑު ދޮގު މީޑިއާގައި (އެނގިގެން) ހެދި މިނިސްޓަރު، ފޮނިދެއްކޭ ތުއިދެއްކޭ އެޑިއުކޭޝަންމިނިސްޓަރު
ހަގީގަތް
17 September 2021
ތިމާ މީހާ ގައުމީ ޔުނިވަރސިޓީގެ ރަޖިސްޓްރާއަކަށް ހުރިއިރު އެންމެ ފައި ވިއްދާލާފައި ހުރީ އެންވަޔަރަމެންޓް މެނޭޖްމެންޓު ޑިގުރީ ކޯސް ހުއްޓާލަން. ދެން މިއަދު ކިތަންމެ ދެއްކުމެއް ދެއްކިއްސް ތިޔައީ ހަގީގީ އެންވަޔަރަމެންޓް މީހެއް ނޫން.
ސޮފުވާން
16 September 2021
ތިކުރެވުނީ އާކަމެއްތަ ؟ ކުރީ ސަރުކާރުން ކުރިކަމެއް ނުކުރާނެ .
އައްޔަ ބޮޑޭ
16 September 2021
ހުސްދޮގު ތިމާ މަސްހޫރު ވާން ތިމާމޮޅުކަން މޯހުނައް ދައްކަން މިއޮތީހުރިހާނޫހެއްބެ ފަލަޒުރުޚީ އަކައްއަރާފަ އެއްނުން މީބޭނުމަކީ!
ޑޮކްޓާރ. ބަނާނާ
16 September 2021
ޑރ. ބަނާނާ އަކީވެސް މިބާވަތުގެ ތިމާވެށި ހިމާޔަތް ކޮށް ހޭލުންތެރި ކުރާ ޕްރޮގްރާމް ތަކުގައި ބައިވެރިވާން ބޭނުންވާ މީހެއް. އުއްމީދުކުރަން ތިޔާ ފަދަ ދަތުރެއްގައި މިނިސްޓަރ އައިސްތު މިރަށަށް ވަޑައި ގަންނަވާނެކަމަށް . ވަރަށް ފުރިަހަމަ މަސައްކަތެއް! އީދިގަލި ކިޅި / ބަނާނާ
ރައްޔިތުންގެ އަޑުނީވޭތީ
16 September 2021
ތިޔަ މިނިސްޓްރީގެ ޕްލޭނިންގ ސެކްޝަނުގެ ވެރިން ބަދަލުކުރަންޖެހޭ.
ރަދީފު ބިން ރަފައިދާ
16 September 2021
އެޑިއުކޭޝަން އައިސްތު ފީނަަން، ޕީޖީ ޝަމީމު ފަތަން، ރައީސް އިބޫ ސޯލިހު ދުވަން.
ރަޒީނާ
16 September 2021
އަސަރެއް ކުރާނީ..
ޟީޝާ
21 September 2021
ކޮންމެ މީހެއްވެސް ރަނގަޅަށް ކަމެއްކޮށްފިއްޔާ ހަމަ ރަނގަޅުވާންޖެހޭ. އަހަރެމެން ރަށްރަށުގައި އުޅޭ މީހުންނާއި ކުދިންނަކަށް ވަޒީރުންނާ ބައްދަލުވެލާ ވާހަކަ ދައްކާލުމުގެ ފުރުސަތެއް ނުލިބޭ. ޓީވީ އަކުން މިފެނަންނަނީ ހަމައެކަނި. އެހެންވީމާ މިނިސްޓަރަށް ހަމަ ސާބަސްދެން. ސުކޫލުތަކުގެ ކުދިންނާއި ތީޗަރުން އަދި ބެލެނިވެރިންނާއެކު ތިޔަ ހޭދަކުރައްވާ ވަގުތުތަކަށް ހަމަ ޝުކުރު ޙައްޤުވޭ. ވަރަށް އުފަލުންތިބީ
ފެޑްއަޕް
16 September 2021
ސްޓަންޓުނުޖައްސާ އިސްތިއުފާދީ!
ނަމަނަމަ .
17 September 2021
ނުޖެހެ އިސްތިއުފާ ދޭކަށް. ބާކީ 2 އެބައޮތް. .ކެއްކޮށްލާ .ސްޓަންޓް ވެސް ޖައްސަން އެބަ ޖެހޭ.މިވެސް ޖައްސައިގެން ދޯ އުޅެވޭނީ. ޢަދި ކުޅެން ހުރި ބައިވަރު އިސްތިހާރު ވެސް އެބަހުއްޓޭ .ތި ހެންބުންޔަސް މީ ފަސޭހަ ކަމެއް ނޫނޭ. މާދަމާވެސް ސްނޯރކްލިން އަށް ދިއުން އެބައޮތޭ. ތިހާ ޖޭވާކަށް ނުވާނެ .
ސީޒަން ޖެކުހަން
16 September 2021
ބޭނުންވާ ފޮޓޯލިބިއްޖެ. އަވަހަށް ތިޔަފޮޓޯ ޔޫރަޕަށް ފޮނުވާންއުޅޭ.