17 ސެޕްޓެމްބަރ 2021 - 07:08
ހޮލީވުޑްގައި މިހާރު ނުފޫޒު ފަދަ ފަންނާނެއްގެ ގޮތުގައި ފާހަގަކުރެވޭ އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ޕްރޮޑިއުސާސް ގިލްޑް އޮފް އެމެރިކާ (ޕީޖީއޭ) ގެ މެމްބަރަކަށް ވެއްޖެ އެވެ.
އޭނާ މެމްބަރު ކަމަށް ހޮވުނު ވާހަކަ ޕީޖީއޭގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ހާމަކޮށް ބުނެފައި ވަނީ އެތަނުގެ މެމްބަރަކަށް ޕްރިޔަންކާ ވީއިރު އޭނާގެ ކްރެޑިޓްސްގައި މިހާރު ވެސް 14 އުފެއްދުމެއް އެބައޮތް ކަމަށެވެ. އަދި އެންމެ ފަހުން ރިލީޒްވި ޕްރިޔަންކާގެ ނެޓްފްލިކްސްގެ ފިލްމު "ދަ ވައިޓް ޓައިގާ" އަކީ އޭނާ އަށް އެކްޒެކެޓިވް ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް ހިއްސާވި އެއްޗެއްކަން ފާހަގަކޮށްފައިވެ އެވެ.
ޕާޕަލް ޕެބްލް ޕިކްޗާ (ޕީޕީޕީ) ގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް ހަދައިގެން އިންޑިއާގެ އިތުރުން ހޮލީވުޑްގެ އުފެއްދުންތަކުގައި ޕްރިޔަންކާ އަންނަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ބައިވެރިވަމުންނެވެ. އޭނާ ޕްރޮޑިއުސްކުރި އިންޑިއާގެ ފިލްމުތަކުގެ ތެރެއިން 2016 ގެ މަރާޓީ ފިލްމު "ވެންޓިލޭޓާ" އަކީ ތިން ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ފިލްމެކެވެ.
Grateful to be inducted. Thank you @producersguild ❤️🙏🏽 https://t.co/RF7TsyW1dQ
— PRIYANKA (@priyankachopra) September 15, 2021
ހޮލީވުޑްގެ ޕްރޮޖެކްޓްތަކަށް ބަލާ އިރު، ފިރިމީހާ ނިކް ޖޯނަސްއާ އެކު އެމެޒޯން ޕްރައިމް ވީޑިއޯއާ ގުޅިގެން "ސަންގީތު" ނަމުގައި ސީރިޒެއް ޕްރޮޑިއުސްކުރަން ނިންމާފައިވާ އުރި ބަތަލާ މިންޑީ ކޭލިންގެ ކުންފުނި ކޭލީ އިންޓަނޭޝަނަލް އާއި (ޕީޕީޕީ) ގުޅިގެން ވެޑިން ކޮމެޑީ ޕްރޮޑިއުސްކޮށް، ކުޅޭ ގޮތަށް އިއުލާންކޮށްފައިވެ އެވެ.
ޕީޖީއޭ އިން ލިބުނު ފުރުސަތާ އެކު ޕްރިޔަންކާ ޝުކުރު ވެސް އަދާކޮށްފައިވެ އެވެ. ޕީޖީއޭ އަކީ ފިލްމާއި ޓީވީ އިންޑަސްޓްރީ އަދި ނިއު މީޑިއާގައި މަސައްކަތްކުރާ މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމާއަތެކެވެ. އެ ވުޖޫދަށް އައީ 1950 ގަ އެވެ.
ޕްރިޔަންކާގެ ކުރިއަށް ހުރި ހޮލީވުޑްގެ ޕްރޮކްޓްތަކުގެ ތެރޭގައި ފިލްމު "މެޓްރިކްސް 4" އާއި ސީރީޒް "ސިޓަޑެލް" ގެ އިތުރުން ފިލްމު "ޓެކްސްޓް ޔޫ" ހިމެނެ އެވެ. ދެހާސް އަށެއްގެ ހިންދީ ފިލްމު "ފެޝަން" ކުޅެގެން މޮޅު ބަތަލާގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ޕްރިޔަންކާ ސޮއިކޮށްފައި އޮތް އާ ހިންދީ ފިލްމަކީ "ޖީ ލޭ ޒަރާ" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy