އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި މުޒަހާރާގައި ބައެއް ނޫސްވެރިންނަށް އަނިޔާވެފައި.-- ފޮޓޯ: ކޭޑު
20 ސެޕްޓެމްބަރ 2021 - 16:11
އިދިކޮޅު ފަރާތްތަކުން މާލޭގައި ރޭ ބޭއްވި މުޒާހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިންނަށް އަނިޔާވި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން މިއަދު ގޮވާލައިފި އެވެ.
ހުޅުމާލޭ "ފިޔަވަތި"ގައި ހިނގާ ކަންކަމާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި އެ ސަރަހައްދުގައި ހަރަކާތްތެރިވި ޗެނަލް13 ގެ ނޫސްވެރިޔާ މުހައްމަދު ސަމާއުގެ ބޯ ފަޅައިގެން ގޮސް އަދި އެހެން ބައެއް މީޑިއާތަކުގެ ނޫސްވެރިންނަށް ވަނީ އެކި ވަރުގެ އަނިޔާވެފަ އެވެ. ބައެއް ނޫސްވެރިން ހޮސްޕިޓަލަށް ގެންގޮސް ވެސް ވަނީ ފަރުވާދީފަ އެވެ.
އެކަން ކުށްވެރިކޮށް، އެމްއެމްސީން ނެރުނު ބަޔާނެއްގައި ބުނީ މުޒާހަރާ ކަވަރު ކުރި ބައެއް ނޫސްވެރިންނަށް ފުލުހުން ހުރަސް އަޅައި، ބޮޑެތި އަނިޔާވެ އަދި ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާ ކަމުގެ ފޮޓޯ އާއި ވީޑިއޯ އެ ކައުންސިލަށް ލިބިފައިވާ ކަމަށެވެ.
ނޫސްވެރިޔާގެ މަސައްކަތަށް ދަތިކޮށް، ހުރަސް އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މުޒާހަރާ ރޫޅައިލުމުގެ ތެރޭގައި ނޫސްވެރިންނަށް އަނިޔާވެފައިވާ މައްސަލަ ބަލައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށް އެމްއެމްސީން ބުންޏެވެ.
ފުލުހުން ދޭ އިރުޝާދުތަކާ އެއްގޮތަށް ނޫސްވެރިންނާއި މީޑިއާ އިން ވެސް އަމަލުތައް ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކުރެ އެވެ. އަދި މުޒާހަރާ ހިނގާ ސަރަހައްދުގައި ހަރަކާތްތެރިވާއިރު ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކޮށްފައިވާ ފާސް ބޭނުން ކުރުމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގައި ބަޔާން ކުރާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެ ކައުންސިލުން އެދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިސްމަތު
21 September 2021
އެދުހު މުޒާހިރާ ކުރީ ނޫސްވެރިންހެން ހީވަނީ، ޕީ،ޕީ.އެމް މީހުން އުޅުނީ އެމީހުން ފުލުހުންނާ ތަޅާތަން ވީޑިއޯ ކުރަން. ފާޑުފާޑުގެ އޮންލައިން ނޫސް ހަދައިގެން ދެމަފިރިންވެސް ކާރޑް އަޅާގެން އަތުގުޅުވައިގެން މުޒާހިރާ ކަވަރުކުރަން އުޅޭ. އެއްވެސް ގޮތެއް ފޮތެއް ނޯވޭ .
މިނިވަން ނޫސްވެރިޔާ
20 September 2021
ނޫސްވެރިންނޭ ކިޔާފަ މުޒާހަރާ ކަވަރުކުރަން ވަދެ ތިބީ މުޒާހަރާ ކުރާ މީހުންގެ ކުރީ ސަފުގަ. ސަލާމަތީ ބާރުތަކުން އެ ސަރަޚަށްދު ދޫކޮށް ދިޔުމަށް އިންޒާރު ދިނުމުންވެސް ކިޔަމަންވީ ތަނެއް ނުފެނޭ.
މިނިވަންތޯ
20 September 2021
މިނިވަން ނޫސްވެރިން އެފަދަ ތަންތަން ކަވަރ ކުރާނެ. ދާށޭ ބުނީ މުޒާހަރާ ކުރާ މީހުން. ނޫސް ވެރިންނަކީ ހަނގުރާމަ ވެސް ކަވަރ ކުރާ ބަ އެ އް. އެކަމަކު އެމީހުން މަރަ އެ އް ނަހަދާ.