ދުނިޔެ / ކެނެޑާ

ޓްރޫޑޯ، ކެނެޑާގެ އިންތިހާބު ކާމިޔާބު ކުރައްވައިފި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ، އިއްޔެ އެ ގައުމުގައި ބޭއްވި އާންމު އިންތިހާބު ކުރިއަށް ދާގޮތް އާއިލާއާއެކު ޓީވީން ބައްލަވައި ލައްވަނީ.-- ފޮޓޯ: އޭއެފްޕީ

21 ސެޕްޓެމްބަރ 2021 - 12:37

1 comments

ކެނެޑާގައި އިއްޔެ ބޭއްވި އާންމު އިންތިހާބު ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ހަނި ގޮތަކަށް ކާމިޔާބު ކުރައްވައި މަގާމު ދިފާއު ކުރައްވައިފި ކަމަށް، ކެނެޑާގެ ނޫސްތަކުން ބުނަން ފަށައިފި އެވެ.

މިހާތަނަށް ސާފުކުރެވުނު ވޯޓުގެ ނަތީޖާތަކަށް ބަލާއިރު، މުޅި މަޖިލީހުގެ އަގުލަބިއްޔަތެއް، ޓްރޫޑޯގެ ލިބެރަލް ޕާޓީއަކަށް ނުލިބުނެވެ. ނަމަވެސް މިހާރު އޮތް ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ލިބުނު ގޮނޑިތަކާ އެކު، ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްޔަތު ލިބޭނެ އެވެ.

ސީބީސީ ނިއުސް އިން ބުނި ގޮތުގައި، މިހާރު ސާފުކުރެވުނު ނަތީޖާ އާއި، މިހާތަނަށް ނުގުނައި ހުރި ވޯޓު ފޮށިތަކަށް ބަލާއިރު، ގާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި އެއް ޕާޓީއަކަށް ލިބޭނީ، ޓްރޫޑޯގެ ލިބަރަލް ޕާޓީއަށެވެ. ނަމަވެސް މުޅި މަޖިލީހުގެ އަގުލިބިއްޔަތު ކަމަށްވާ 170 ގޮނޑި ލިބުމުގެ ފުރުސަތެއް ނެތެވެ.

މިހާތަނަށް ސާފު ކުރި ނަތީޖާތަކަށް ބަލާއިރު، ލިބަރަލް ޕާޓީ އަށް ކާމިޔާބު ހޯދިފައިވަނީ ނުވަތަ ކުރި ހޯދަމުން އަންނަނީ 152 ދާއިރާއަކުންނެވެ. މިފަހަރުގެ އިންތިހާބުގައި އީމެއިލްގެ ޒަރީއާއިން ލިބިފައިވާ ވޯޓުތައް ގުނަން ފަށާނީ މިއަދު ހެނދުނު އެވެ. އެހެންކަމުން އިންތިހާބުގެ ދާއިމީ ނަތީޖާ ސާފުވާން އަދި ދެތިން ދުވަސް ނަގާނެ ކަމަށް ބެލެވެ އެވެ.

ކެނެޑާގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް، ޓްރޫޑޯގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް އާންމު ރައްޔިތުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ފާޑުކިޔަން ފެށުމާ ގުޅިގެން، ސަރުކާރަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމުގެ ގޮތުން، އާންމު އިންތިހާބެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ މެދުތެރޭގަ އެވެ.

ގާނޫނު ހަދާ މަޖިލީހުގައި ކުރިން ލިބިފައި ހުރި އަދަދަށް (155) ވުރެ ގިނަ ގޮނޑި ކާމިޔާބު ކުރުމުގެ އަޒުމުގައި، އިއްޔެ ބޭއްވި އާންމު އިންތިހާބުގެ އެންމެ ބޮޑު ބޭނުމަކީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމެވެ.

ނަމަވެސް ޓްރޫޑޯ ހީކުރެއްވި ގޮތާ ހިލާފަށް އިއްޔެގެ އިންތިހާބުވީ، އިދިކޮޅު ކޮންޒަވެޓިވް ޕާޓީގެ ފަރާތުން އޭނާއަށާއި އޭނާގެ ޕާޓީއަށް ކުރިމަތިވި ބޮޑު ގޮންޖެހުމަކަށެވެ.

ކެނެޑާގައި 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވެސް، އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރެވުނީ ލިބެރަލް ޕާޓީއަށެވެ. އެފަހަރުގެ އިންތިހާބުގައި ވެސް އެ ޕާޓީއަށް ލިބުނީ، ގާނޫނު ހަދާ މަޖިލީހުގެ އަގުލަބިއްތު ހަމަވާ ވަރަށް ވުރެ މަދުން، 157 ގޮނޑި އެވެ.

މަޖިލީހުގެ އަގުލަބިއްޔަތަކީ 170 ގޮނޑި އެވެ. އެހެންކަމުން 2019 ވަނަ އަހަރުގެ އިންތިހާބަށް ފަހު، މިއަދާ ހަމައަށް އައި އިރު ވެސް، ލިބެރަލް ޕާޓީން ވެރިކަން ކުރަމުން އަންނަނީ އިދިކޮޅު ޕާޓީތަކުގެ މަދަދާ އެކުގަ އެވެ.

މިފަހަރުގެ އިންތިހާބުގައި ވެސް، ލިބެރަލް ޕާޓީ އަށް 154 ގޮނޑިއަށް ވުރެ ގިނައިން ލިބޭނެ ކަމަށް އަންދާޒާ ނުކުރެވޭތީ، ކެނެޑާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި، ލިބެރަލް ޕާޓީގެ ސިޔާސަތަށް އިސްލާހީ ބަދަލެއް އައި ކަމަށް އާންމު ރައްޔިތުން ގަބޫލެއް ނުކުރެ އެވެ.

އިއްޔެގެ ވޯޓުލުމަށް އާންމު ރައްޔިތުން ނުކުތް އިރު، ސަރުކާރުގެ ބައެއް ސިޔާސަތުތަކަކާ މެދު، އިދިކޮޅު ފަރާތްތަކުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތާއި، ވެކްސިން މަޖުބޫރުކުރުމާއި، ސިއްހީ ނިޒާމަށް އިންވެސްޓް ކުރުމާއި، ކުޑަކުދިންގެ ދުޅަހެޔޮކަމުގެ ދާއިރާގެ އިންވެސްޓްމެންޓްތަކާއި، އިގްތިސާދު އިއާދަކުރުމުގެ އިތުރުން ބޯހިޔާވަހިކަމުގެ ސިޔާސަތާ މެދު ސިޔާސީ ފަރާތްތަކުގެ ކަންބޮޑުވުން އެބަހުއްޓެވެ.

ކޮވިޑްގެ ހަތަރު ވަނަ ރާޅެއް ކެނެޑާގައި ފެތުރެމުން ދާ ދަނޑިވަޅެއްގައި، އާންމު އިންތިހާބު އިއުލާން ކުރުމާ ގުޅިގެން، އިދިކޮޅު ކޮންޒަވެޓިވް ޕާޓީ އާއި އިދިކޮޅު އެހެން ޕާޓީތަކުން ވެސް ވަރަށް ބޮޑަށް، ޓްރޫޑޯ އަށް ފާޑު ކިޔާފައިވެ އެވެ.

ވެރިރަށް ޓޮރޮންޓޯގެ އތުރުން އޮންނަ އޮންޓާރިއޯގައި، މިދިޔަ އާދީއްތަ ދުވަހު ޕާޓީގެ ވޮލަންޓިއަރުންނާ ބައްދަލުކުރައްވަމުން، ކޮންޒަވެޓިވް ޕާޓީގެ ލީޑަރު އެރިން އޯޓޫލޭ ތުހުމަތުކުރެއްވި ގޮތުގައި، ކޮވިޑްގެ ވަބާގެ ތެރޭގައި އިންތިހާބު އިއުލާންކުރެއްވުމަކީ، އާންމު ރައްޔިތުންގެ ސިއްހަތަށް އިސްކަން ދިނުމުގެ ބަދަލުގައި، ސިޔާސީ އިންތިހާބަކަށް 600 މިލިއަން ޑޮލަރު އިސްރާފު ކޮށްލުމެވެ.

މިހާތަނަށް ސާފު ކުރި ނަތީޖާ އަށް ބަލާއިރު، ބޮޑުވަޒީރު އަދި ލިބެރަލް ލީޑަރު ޓްރޫޑޯ ވެސް އަދި އިދިކޮޅު ކޮންޒަވެޓިވް ލީޑަރު އެރިން ވެސް ވަނީ، އެ ދެ ބޭފުޅުން ވާދަކުރެއްވި ދެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައިފަ އެވެ.

މިހާރުގެ ނަތީޖާ އިން ދައްކާ ގޮތުން އިއްޔެގެ އިންތިހާބުގައި، ވެރިކަންކުރާ ލިބެރަލް ޕާޓީ އަށް ކާމިޔާބު ކުރެވޭނީ ގާނޫނު ހަދާ މަޖިލީހުގެ 31.4 ޕަސެންޓެވެ. އިދިކޮޅު ކޮންޒަވޭޓިވުންނަށް ކާމިޔާބު ކުރެވޭނީ 30.9 ޕަސެންޓެވެ. އަދި ތިން ވަނަ އަށް އެންމެ ގިނަ ގޮނޑި ހޯދާނެ ކަމަށް ބެލެވޭ ވާތުފިޔައިގެ ނިއު ޑިމޮކްރެޓިކް ޕާޓީ އަށް ކާމިޔާބު ކުރެވޭނީ، ގާނޫނު ހަދާ މަޖިލީހުގެ 20 ޕަސެންޓެވެ. ބާކީ ގޮނޑިތައް ކާމިޔާބު ކުރާނީ ކުދި ޕާޓީތަކުންނާއި މިނިވަން ކެންޑިޑޭޓުންނެވެ.

ޖަސްޓިން ޓްރޫޑޯ، 49، ކެނެޑާގެ ބޮޑުވަޒީރުގެ މަގާމަށް އިންތިހާބުވީ 2015 ވަނަ އަހަރު އެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަންކުން

21 September 2021

މަރުހަބާ ޓުރޫޑޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454