މެދުސަފުހާ

އަލިފާން ފަރުބަދައިގެ މެދުގައި

އޭޑީބީން ފަންޑްކުރޭ ގްރޭޓާ މާލެ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓު މެނޭޖްމަންޓު ޔުނިޓުން ދިން ދައުވަތުގައި "މިހާރު"ގެ ނޫސްވެރިން ކުނި ފަރުބަދަމަތީގައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލޭގެ އަށް ބުރީގެ އިމާރާތެއްގެ އުސްމިން ހުރި ކުނީގެ ފަރުބައަށް "މިހާރު"ގެ ނިއުސް ޓީމުން މިދިޔަ ބުރާސްފަތިދުވަހު އެރީ ވަރަށް ހަމަޖެހިގެން ތިބެ. މާސިންގާ ވެހިކަލެއްގައި އަޑިގުޑަންތަކުން މައްޗަށް އަރައި އަހަރެމެން ހުއްޓުނީ ފަރުބަދައިގެ މެދަށް!

ޑަމްޕް ޓްރަކުގައި ޕްރޮޖެކްޓް ޓީމާ އެކު ކުނި ފަރުބަދައަށް އަރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކުރިން ނަމަ މިއީ ތަޖުރިބާ ކުރެވޭނެ ކަމެއް ނޫނެވެ. މިއީ އަބަދުވެސް ރޯވެފައި އޮންނަ އަލިފާންގަނޑެކެވެ. މުޅި ސަރަހައްދު އޮންނާނީ ކަޅު ދުމުން ބޯވެފަ އެވެ.

މިއީ ކުރިން އެ ސަރަހައްދު އޮންނަ ގޮތް. -- ފޮޓޯ/ ޕްރޮޖެކްޓް މެނޭޖްމަންޓް ޓީމް

"މިތަނުގައި ހާސްކަމެއް ނެތި މިހާރު ތިބެވުން މިއީ މި ޕްރޮޖެކްޓުގައި ވަރަށް ބޮޑު ކާމިޔާބީއެއް," ރާއްޖޭގައި މިހާތަނަށް ހިންގާ ކުނީގެ އެންމެ ބިޔަ މަޝްރޫއުގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އިމްޖާދު ޖަލީލް ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވީ މާލެ ސަރަހައްދުގައި ޖަމާވާ ކުނިތައް މި ފަރުބަދައަށް ޖަމާކޮށްގެން އެންދުން މުޅިން ހުއްޓުވިފައި އޮތުމެވެ. އޭޑީބީ އާއި ސަރުކާރާއި ޖޭއެފްފީއާއާރު އަދި ޓީއޭއެސްއެފް ގުޅިގެން ހިންގާ މި މަޝްރޫއުގައި އަމާޒު ހިފާފައި އޮތީ އޮކްޓޯބަރުގެ ނިޔަލަށް ދުން އެރުން ހުއްޓުވާށެވެ.

އެކަމަކު އޭގެ މާކުރިން ވެސް އަމާޒަށް ވާސިލްވެވުނީ އެވެ؛ ތިލަފުށި ބަލާލަން "މިހާރު"އަށް ދައުވަތުދިން ޕްރޮޖެކްޓް މޭނޭޖްމަންޓު ޔުނިޓުން މިއީ ތާރީހީ ކާމިޔާބެއްގެ ގޮތުގައި ދެކޭ އެއް ސަބަބަކީ ވެސް އެއީ އެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ތިލަފުއްޓަށް ކޮންމެ ދުވަހަކު ގާތްގަނޑަކަށް 500 ޓަނުގެ ކުނި ޖަމާކުރެ އެވެ.

ދުމުން ސަލާމަތްވެފައިވާ އެ ސަރަހައްދު މިހާރު އޮންނަ ގޮތް. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިލަފުއްޓަކީ ކުރިން ފުން ވިލެއް އޮތް، "ދެކުނު ތިލަފަޅެ"ވެ. މާލެއަށް ދިމާވި ކުނީގެ މައްސަލަ ހައްލުކުރަން، މި ފަޅަށް ކުނި އަޅައި ހިއްކަން ފެށީ 1992ގަ އެވެ. ބަންޑްވޯލެއް ޖަހައި ކުނި ޖަމާކުރީ މޫދަށެވެ. އޭގެ ފަހުން މިވީ 29 އަހަރުގެ ތެރޭގައި ހުއްޓުމެއް ނެތެވެ.

މާލޭގައި ހުރި ކުނި ފުނިތައް ހުސްކުރީ ތިލަފުއްޓަށެވެ. އޭގެ އިތުރަށް މުޅި މި ސަރަހައްދާއި މާލެ ކައިރި ރިސޯޓްތަކުން ވެސް ނައްތާލަން ޖެހޭ ހުރިހާ އެއްޗެއް ގެންދަނީ ތިލަފުއްޓަށެވެ. އެއީ ކޮންކްރީޓާއި ހިލަ އާއި ދަގަނޑުގެ ބާވަތްތައް ވެސް ހިމެނިގެންނެވެ. ހުރިހާ ބާވަތެއް އެކުވެ އުފެދުނު އުފެދުނީ ކުނީގެ ބޮޑު ފަރުބަދައެކެވެ.

ތިލަފުށިން ދުން އެރުން ހުއްޓުވާފައި: މިއީ ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި މި ޕްރޮޖެކްޓް މެނޭޖްމެންޓް ޓީމުން ފާހަގަކުރޭ.

މި ހުރިހާ އެއްޗެއް ފުންޏަކަށް ޖަހައި އެންދުމަކީ ކުނި ނައްތާލަން އޭރަށް ފެނުނު އެންމެ ރަނގަޅު ހައްލެވެ. އެކަމަކު އެއްވެސް ގޮތަކުން ރައްކާތެރިއެއް ނޫނެވެ. ކުނީގެ ބާވަތްތައް ވަކިނުކޮށް ކެމިކަލް ހުންނަ ސާމާނާ އެކު އުކާލާ ކުނި އަންދައި ބޭރުވާ ވިހަ ގޭހުން ސިއްހީ ގޮތުންނާއި ތިމާވެށީގެ ގޮތުން ވެސް ނޭދެވޭ އަސަރު ކުރެ އެވެ.

މިގޮތަށް މި ތަނުގައި ކުނި އެންދުމާ އެކު ސިނާއީ މަސައްކަތްތަކަށް ބިން ވެސް ދޫކުރީ އެވެ.

އުނދަގުލާއި ޝަކުވާއަށް ނިމުމުން!

ޒަމާންތަކަކަށް ފަހު ކުނީގެ ފަރުބަދަ ވެސް ނިއްވާލެވި އުނދަގުލުން މި އަރައިގަނެވުނު ތަކުލީފުގެ ފަހަތުގައި އޮތީ ހުސް ޝަކުވާ އެވެ.

މި ކުނި ފަރުބަދައިގެ އުނދަގޫ އެންމެ ބޮޑަށް ޖެހެނީ މާލެ ސަރަހައްދުގެ އާއްމުންނަށެވެ. ތިލަފުށީގައި ކުނި އެންދުމުގެ ސަބަބުން އުފެދޭ ދުމުގެ އަސަރު މާލެ އާއި ވިލިމާލެއަށް ވަރަށް ބޮޑަށް ކުރެ އެވެ. އެއީ އާންމު ސިއްހަތަށް އޮތް ބޮޑު ނުރައްކަލެކެވެ. ވިހަ ގޭހާ އެކު ބޭރުވާ ދުމުގެ އަސަރުން ސަލާމަތްވެވޭނެ ގޮތެއް ނެތި އެތައް ދުވަހެއް ހޭދަވެއްޖެ އެވެ. މިހާތަނަށް އޮތީ ހައްލެއް ނުހޯދި އެވެ.

ކުނި ފަރުބަދައިން ދުން އެރުން ހުއްޓިފައި: މިތަން ކުރިއަށް އޮތް ތަނުގައި ފެންނާނީ ފެހި ސަރަހައްދެއްގެ ގޮތުގައި.

ފަހަކަށް އައިސް މިތަނުން ދުން އަރަނީ ގަސްތުގައި ރޯކޮށްގެންނެއް ވެސް ނޫނެވެ. ކުނީގެ މި ފަރުބަދައިގައި ރޯވަނީ މަތިމައްޗަށް އަޅާފައި ހުންނަ ކުނީގެ ދޭތެރެއަށް އޮކްސިޖަން ވަނުމުން އަލިފާން ހިފައިގެންނެވެ.

"މީގެ އަޑީގައި ހުރި ހޫނާއި ޓޮކްސިކް އެލިމެންޓްސް އެއްވީމަ އަރަމުން ދިޔަ ދުންތަކެއް އެއީ،" އިމްޖާދު ވިދާޅުވި އެވެ.

ދުން އެރުން ހުއްޓާލެވުނީ މި މަޝްރޫއަށް އޭޑީބީން ކަނޑައެޅި ކޮންސަލްޓަންޓުގެ ދިރާސާގެ މައްޗަށް ދެއްވި ލަފައާ އެކު ވެމްކޯގެ މަސައްކަތުންނެވެ. ކުރިން ހަދާ ގޮތަކީ ވެލި ފުރާނާ ނެޓެއް ކަހަލަ އެއްޗަކަށް ފަރުބަދައިން ކުނިތައް އަޅައި ވެލިތައް ފުރާނާލަނީ އެވެ. އެކަމަކު މިހާރު ވަނީ އެކަމަށް ހާއްސަ މެޝިނެއް ހޯދަައިފަ އެވެ. ކުނި ފަރުބަދައިގައި ހުރި ކުނިތައް ވެއްޔާ އެކު ގެނެސް މެޝިނަށް އަޅާލުމުން ކުނިތައް ވަކިވާނެ އެވެ. އޭގެއިން ވަކިވާ ވެއްޔަކީ ނުރައްކާތެރި ބޭނުން ނުކުރެވޭނެ އެއްޗަކަށް ވާތީ އަނެއްކާވެސް ގެންދަނީ ފަރުބަދައަށެވެ.

މި ފަރުބަދައަަށް އިތުރަށް ދެން ކުންޏެއް ނާޅާނެ އެވެ.

"ދެން އޮންނަ ފޭސްގައި އޮންނާނީ މިތަން ރީހެބިލިޓޭޓްކޮށް ކުނި ފަރުބަދައިގައި ހިމެނޭ ކުނިތައް ނަގައި ސާފުކޮށް ގްރީން ސަރަހައްދަކަށް ބަދަލުކުރުން،" އިމްޖާދު ވިދާޅުވި އެވެ.

މި ޕްރޮޖެކްޓުގައި ތިލަފުށި ބަދަލުކޮށްލާނެ ގޮތް: މަޝްރޫއު 2024 ގައި ނިމޭއިރު ދެ ވަނަ ފިޔަވަހީގައި މި ބަދަލު ފެންނާނެ ކަމަށް އޭޑީބީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓުން ބުނޭ.

ތިލަފުއްޓަށް ގެންދާ ކުނިތައް ދެން ބަހައްޓާނީ ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަށް ބަންދުކޮށް ރައްކާކޮށްފަ އެވެ. އެއްޓަނުން ބޭލްކުރާ ކުނިތައް އަންދާނީ އިންސިނިރޭޓާގަ އެވެ.

މިއީ ކުނީގެ މައްސަލައިގައި އެތައް ބަޔަކު އިންތިޒާރުކުރި ހައްލެކެވެ؛ އަހަރުތަކަކަށް ފަހު ތިލަފުށި މިއޮތީ ކުނި ނައްތާލުމުގައި ޒަމާނަށް ފެތި ފައްކާވެފަ އެވެ.

1 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 92%
icon sad icon sad 8%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސޭނުގެ ހަސަނު

24 September 2021

ކުރެހުން ރީތި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454