ދުނިޔެ / އީރާން

އެމެރިކާގެ ގޮށްމުށުގެ ބާރަށް އެއްވެސް ހައިސިއްޔަތެއް ނެތް: އީރާން

އީރާނުގެ ރައީސް އިބްރާހިމް ރައިސީ

22 ސެޕްޓެމްބަރ 2021 - 11:57

އެމެރިކާ އިން ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގަމުން އައި ގޮށްމުށުގެ ބާރަށް، އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށް އީރާންގެ ރައީސް އިބްރާހީމް ރައީސީ ރޭ ވިދާޅުވެއްޖެ އެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ އާންމު ބައްދަލުވުމުގައި، ތަގުރީރު ކުރައްވަމުން ރައީސީ ވިދާޅުވި ގޮތުގައި، އެމެރިކާގެ އެތެރޭގައި ވެސް އަދި ބައިނަލްއަގުވާމީ މުޖްތަމައުގައި ވެސް ގޮށްމުށުގެ ބާރު ހިންގުމަށް އެމެރިކާގެ ސިޔާސީ ވެރިން ކުރާ ކަންކަމަށް މިހާރު އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ. ވިހި އަހަރަށް ފަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުން އެކަމަށް އުފާ ފާޅުކުރައްވައި ރައީސީ ވިދާޅުވީ ދުނިޔޭގެ ކަންކަމުގައި އެމެރިކާގެ ހަންފެތުރުން ނިމުމަކަށް އައީ ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިކާގައި ބޭއްވި ރިއާސީ އިންތިހާބުގެ ނަތީޖާއާ ގުޅިގެން، އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަޕޯޓަރުން، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަނެ ހިންގި އަމަލުތަކަށާއި، އަފްގާނިސްތާނު މައްސަލަ އަށް އިޝާރާތް ކުރައްވައި ރައީސީ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖްތަމައުގައި އެމެރިކާ ފަތުރަމުން އައި ނުފޫޒު ފަނޑުވަމުން އަންނަ ކަމަށެވެ.

"ކެޕިޓޮލް ހިލް އިން ކާބުލް އަށް، ދުނިޔެ އަށް ވަރަށް ސާފު މެސެޖެއް ފޮނުވައިފި. އެއީ އެމެރިކާގެ އެތެރޭގައި ވިޔަސް އަދި ބޭރުގައި ވިޔަސް، އެމެރިކާގެ ގޮށްމުށުގެ ނިޒާމަށް އެއްވެސް ހައިސިއްޔަތެއް ނެތްކަން،" ކުރިން ރެކޯޑްކޮށް، އާންމު މަޖިލީހުގައި ރޭ ދެއްކި ވީޑިއޯ މެސެޖްގައި، ރައީސީ ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އިރާގުގައި.

"އަހަރެމެންގެ ސަރަހައްދުން މިއަދު ފެންނަމުން ދާ ކަންކަމުން ސާބިތުކޮށްދެނީ، ގޮށްމުށުގެ ބާރާއި ހަންފެތުރުމުގެ ފިކުރިއްޔާތު އެކަންޏެއް ނޫން، ހުޅަނގުވަންތަކުރުމަށް ކުރާ ކަންތައް ވެސް ވަރަށް ބޮޑަށް ނާކާމިޔާބު ވެފައިވާ ކަން."

އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ރައީސީ ވަނީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު ގެންގުޅުއްވި، އެމެރިކާ އަމިއްލަ އަށް ހުރިހާ ކަމެއް ނިންމުމުގެ ސިޔާސަތާއި، މިހާރުގެ ރައީސް ޖޯ ބައިޑެން ގެންގުޅުއްވާ، ގިނަ ގައުމުތަކެއް ގުޅިގެން ދުނިޔެ އަށް ނުފޫޒު ފެތުރުމުގެ ސިޔާސަތަށް ވެސް ފާޑުވިދާޅުވެފަ އެވެ.

"މިއަދު ދުނިޔެ އެއްވެސް ފަރުވާލެއް ނުބަހައްޓާ، 'އެމެރިކާ ފުރަތަމަ' ނުވަތަ 'އެމެރިކާ އެނބުރި އަތުވެއްޖެ' މިފަދަ ޝިއާރުތަކަކަށް،" ޓްރަމްޕު ސަރުކާރުގެ ސިޔާސަތަށާއި ބައިޑެން ސަރުކާރުގެ ސިޔާސަތަށް އިޝާރާތް ކުރައްވައި ރައީސީ ވިދާޅުވި އެވެ.

ކުރިއަރާފައިވާ ބޮޑެތި ގައުމުތަކާއި އީރާނާ ދެމެދު 2015 ވަނަ އަހަރު ސޮއިކޮށް އަމަލުކުރަމުން އައި ނިއުކްލިއާ މުއާހަދާ އިން، 2018 ވަނަ އަހަރު އެމެރިކާ އަމިއްލަ އަށް ވަކިވެ، އީރާނާ ދެކޮޅަށް އެމެރިކާ އިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް ރައީސީ ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އޭނާ އެކަން ސިފަކުރެއްވީ، "އިންސާނިއްޔަތާ ދެކޮޅަށް އެމެރިކާ އިން ރާވައިގެން ހިންގާ ބޮޑު ޖަރީމާއެއް"ގެ ގޮތުގަ އެވެ.

އީރާންގެ ނިއުކްލިއާ އިންޖީނުގެ

ރައީސީ ވިދާޅުވި ގޮތުގައި ކޮވިޑް ވަބާގެ ދަތިކަމުގެ ތެރޭގައި ވެސް، ދަތިކުރުމުގެ ފިޔަވަޅުތަކަށް އެމެރިކާ އިން އެއްވެސް ލުޔެއް ނުދޭ އެވެ. އަދި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، ކޮވިޑް ވެކްސިން ހޯދުމުގައި ވެސް އީރާނަށް އެތައް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ނިއުކްލިއާ މުއާހަދާ އަށް އަލުން އަމަލުކުރުމާ ބެހޭ ގޮތުން އެމެރިކާއާ އެކުގައި މަޝްވަރާގެ މޭޒު ދޮށަށް އީރާނުން ދާނީ އެންމެ ޝަރުތަކާ އެކުގަ އެވެ. އެއީ އެ މަޝްވަރާތަކުގެ ސަބަބުން، ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލުމަށް މަގު ފަހިކުރުމެވެ. އެކަން ހާސިލުނުވާ ނަމަ، ނިއުކްލިއާ މުއާހަދާއާ ބެހޭ ގޮތުން އީރާނުން ދައްކާނެ ވާހަކައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

އީރާނަށް ދަތިކުރުމަށް އެމެރިކާ އިން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ ރައީސީ ވިދާޅުވި ގޮތުގައި، އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި މަޝްރޫއެކެވެ. އަދި އެއީ އީރާނުގެ ދިފާއީ ސިޔާސަތުގެ ތެރޭގައި އެއްވެސް ގޮތަކުން ޝާމިލްވާ މަޝްރޫއެއް ނޫން ކަމަށް ވެސް ރައީސީ ވިދާޅުވި އެވެ.

"އިންސާނިއްޔަތަށްޓަކައި ސައިންސްގެ މަންފާ ލިބިގަތުމަކީ، ދަތިކުރުމުގެ ފިޔަވަޅު އެޅޭނެ ފަދަ ސަބަބެއް ނޫން."

މެދުއިރުމަތީގެ މައްސަލަތަކަށް އެމެރިކާ އާއި އިޒްރޭލުން ފޯރުވަމުންދާ ނުފޫޒުތަކަށް އިޝާރާތް ކުރައްވައި ރައީސީ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ގައުމުތަކުގައި ތިބި އެމެރިކާ އާއި އިޒްރޭލުގެ ސިފައިން އެ ގައުމުތަކުން ބާލަންޖެހޭނެ އެވެ. އޭގެ ބަދަލުގައި ޔަމަނާއި އިރާގާއި ފަލަސްތީނުގައި މިނިވަން އިންތިހާބެއް ބާއްވައި، އެ ގައުމުތަކުގެ ވެރިން ކަނޑައެޅުމުގެ އިހުތިޔާރު އެ ގައުމުތަކުގެ ރައްޔިތުންނަށް ދިނުމަށް ރައީސީ ގޮވައިލެއްވި އެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454