ސުލްތާން: ރަށާއި އާއިލާ އަށް، އަދި އެކުވެރިންނަށް ވެސް ވަނީ ސިހުން ލިބިފައި
25 ސެޕްޓެމްބަރ 2021 - 22:50
އިންޑިއާގެ ޕޫނާގައި އެންމެ ފަހުގެ އަސްކަރީ ތަމްރީނު ހަދަނިކޮށް އުމުރުން 22 އަހަރުގެ ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން އިބްރާހީމްގެ ކުއްލި މަރާ އެކު، އޭނާގެ އާއިލާ އާއި އެކުވެރިންނަށް ވަނީ ކުއްލި ސިހުމެއް ލިބިފަ އެވެ. އޭނާގެ ބައެއް އެކުވެރިން ބުނާ ގޮތުން، އެންމެ ފަހުން ވެސް އޭނާގެ ފަރާތުން އެއްވެސް ކަހަލަ ތަފާތު ކަމެއް ނުފެނެ އެވެ.
އއ. ހިމަންދޫ، ރޯޒް މީޑް ސުލްތާނަކީ އޭނާގެ މައިންބަފައިންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. އޭނާ މަރުވީ މިއަދު މެންދުރު، ތަމްރީނުގެ ތެރޭގައި ދުވަމުން ދަނިކޮށެވެ. ދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނާ ގުޅިގެން އޭނާގެ ހަށިގަަނޑު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.
މި ހަބަރާ އެކު، ކުއްލި ހުއްޓުމެއް ނާންނަ އޭނާގެ ރަހުމަތްތެރިއަކު ނެތެވެ. މީގެ ތިން އަހަރު ވަރު ކުރިން އެމްއެންޑީއެފާ ގުޅުން ސުލްތާންގެ މަރާ ގުޅިގެން އޭނާގެ އެކުވެރިން، އޭނާގެ ހަނދާން އާކުރަމުން އަންނައިރު އެންމެން ވެސް ސިފަކުރާ ގޮތުގައި އޭނާއަކީ އެންމެނާ ވެސް ގުޅޭ ރަނގަޅު އަހުލާގެއް ލިބިފައިވާ ޒުވާނެކެވެ. އަނެއް ބަޔަކު އޭނާ ސިފަކުރަނީ ވަރަށް ގައުމު ދެކެ ލޯބިވާ ޒުވާނެއްގެ ގޮތުގަ އެވެ.
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިރޭ ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، ސުލްތާނަކީ ހިތްވަރުގަދަ ޒުވާނެކެވެ. އެކަހަލަ ޒުވާނަކު މަރުވުމަކީ ގައުމަކަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
ސުލްތާނުގެ ފޭސްބުކަށް ބަލާލިޔަސް، ފެންނަނީ ހަމަ އެފަދަ މަންޒަރެކެވެ. އޭނާ މަރުވިއިރު އެންމެ ފަހުގެ ފޭސްބުކް ފޮޓޯއަކަށް މައިންބަފައިންގެ ފޮޓޯއެއް އިންއިރު އޭގެ ކުރިން ލާފައި ވަނީ ސިފައިންގެ ޔުނީފޯމުގައި ގައުމަށްޓަކައި ފުރާނަ ދޭން ވެސް ތައްޔާރަށް ހުރި ކަމަށް، ޅެންބައިތަކުން ކެޕްޝަންގައި ޖަހާފައި ހުރި ފޮޓޯއެކެވެ.
ސުލްތާނުގެ ފޭސްބުކް ޕްރޮފައިލް ފޮޓޯއެއް--
ސުލްތާނާ އެކު އެމްއެންޑީއެފްގައި މަސައްކަތް ކުރަމުން އަންނަ ޒުވާނަކު، "މިހާރު" އަށް ބުނި ގޮތުގައި އޭނާއަކީ ވަރަށް ހިތްހެޔޮ އަދި އަބަދުވެސް ދިމާވާއިރު ހިނިތުންވުމެއްގައި ހުންނަ ޒުވާނެކެވެ. އަދި މަސައްކަތަށް ވަރަށް ފަރުވާތެރި މޮޅު ޒުވާނެއް ކަމަށް އޭނާ ބުންޏެވެ.
"ނަމާދަށް ކުއްޖަކު ނުގޮސް އޮތްތަން ފެނުނަސް ހޭލައްވައިފައި، ނަމާދުކޮށްގެން އައިސް އޮންނަން ބުނާނެ. މާދަމާ ވެސް މަރުވެދާނެއޭ ބުނާނީ. އެއީ އެންމެ ހަނދާންވާ ތަންކޮޅު،" އެމްއެންޑީއެފްގައި އުޅޭ ސުލްތާނުގެ ގާތް އެކުވެރިއެއް ބުންޏެވެ.
އިންޑިއާގައި ސިފައިންގެ ތަމްރީނުތަކެއްގައި އުޅެނިކޮށް މަރުވި ޒުވާނާ.--
ޔުނިޓްގައި އުޅުމަށް ފަހު އޮފިސާ ކެޑޭޓް ކޯސް ފުރިހަމަކުރުމުގައި އުޅެނިކޮށް އޭނާ މަރުވިއިރު، އޭނާގެ އެކުވެރިން ބުނާ ގޮތުގައި ސުލްތާނަކީ ބަޑި އަނބުރަން ވަރަށް މޮޅު ޒުވާނެކެވެ. ސޯޝަލް މީޑިއާގައި އޭނާ ބަޑި އަނބުރާ ވީޑިއޯއެއް ވެސް ދައުރު އެބަވެ އެވެ.
"ވަރަށް ބަސް އަހާ ކުއްޖެއް އެއީ. ވަރަށް ގައުމީ ވާނެ. ކުރާ ކޮންމެ ކަމެއް ވެސް ވަރަށް ކެރިގެން ކުރާ ކުއްޖެއް އެއީ." ސުލްތާންއާ އެކު މަސައްކަތްކުރާ މީހަކު އޭނާ ސިފަކޮށްދިނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސީމް
27 September 2021
އިންސާނުންގެ ހަށިގަނޑަށް ނުކުޅަދާނަވަރުގެ ބުރަ ޖައްސަނީ.
ގުދުގުދާބެއްޔާ
26 September 2021
ބޮޑަށް ވައްތަރީ ހީޓް ސްޓްރޯކެއް ޖެހުނުކަމަށް! ރަތްދަކަ އަވީގައި ރާއްޖޭގައިވެސް ޓްރޭނިންގ އެބަހައްދާ! އެކަމަކު އެފަދަ ޓްރެއިނިންގ ހައްދަންވާނީ މަދުވަގުތު ކޮޅަކަށް!
ޙަމް77
25 September 2021
ސިފައިން ހަދަ މެޑިކަލް ޗެކްއަޕް ގަބޫލް ނުކުރެވޭ. 22 އަހަރަކީ އެކަށީގެންވާ ކޮންޑިށަނެއް ނެތި ހާރޓް އެޓެކެއްް ޖެހުމުގެ އެންމެ ނާދިރު އުމުރުފުރާ. ޕްރީ އެގްޒިސްޓިން ކޮންޑިށަނެއް ނެތި މިކަހަލަ ކަމެއް ވެދާނެ ހެން ހަމަ ހީ ނުވޭ. މަރުގެ ތަފްސީލް މިހާރު އެންރޯލް ވި ތިބި ސިފައިންނަށާ އާއިލާ އައް ލިބެން ޖެހޭނެ. މާތްﷲ މަރުހޫމަައް ސުވަރުގެ މިންވަރ ކުރައްވާށި.
ރަށުމީހާ
26 September 2021
ފުރާނަ އެޅުއްވިފަރާތުން ފުރާނަ ހިއްޕަވަންވީމަ އުމުރުފުރަ އަކަށް ބެއްލެވުމެއް ނޯށްނާނެ ދިރިތިބީންނަށް އޮތީ މަރުހަނދުމަކޮށް އާހިރަތްދުވަހަށް ގަދައަޅާ މަސައްކަތްކުރުން ތިމާގެ އުމުރުގަ ތަންއެބައޮތޭ ފަހުން ހެޔޮޢަމްލްކުރުމް ހިތުއަޅާއިގެން ވަހުމެއްގަާ ތިބެގެން ނުވާނެކަން ދަސްކުތަންވީ
ޛަމް
26 September 2021
މިކަހަލަ ރަން/ދުވުން ނިންމާފައި އެމް.އެން.ޑި.އެފް ސިފައިން މަރުވުމަކީ އައުކަމެއްނޫން. ރިސާޗް ހަދާނެ ކަމެއް ރަގަޅުކުރާނެ މީހަކުނެތް. މިނިސްޓަރ ތި ޓްވީޓް ގަ އިޚްލާސްތެރިކަމެއް ހުރެއްޖެނަމަ މިވާގޮތް ބަލާބަލަ