ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މެމްބަރުން ނިކަމެތިކުރަމުންދާ ކަމުގެ ތުހުމަތާ އެކު ބަހުގެ ހަމަލާތަކެއް މިއަދު ވަނީ ބަދަލުކޮށްފައި. -- ފޮޓޯ/ މަޖިލިސް
02 އޮކްޓޯބަރ 2021 - 14:51
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ގާނޫނުން ލިބިދީފައި އޮންނަ އިމްތިޔާޒްތަކަށް އިހްތިރާމް ކުރުމެއް ނެތި، އިއްޒަތް ނުލިބި ނިކަމެތި ކުރަމުންދާ ކަމުގެ ޝަކުވާއާ އެކު ހިޔާލުތަފާތުވުންތަކެއް ހޫނުވެ މެމްބަރުންތަކެއް މެދުގައި ބަހުގެ ހަމަލާތަކެއް މިއަދު ބަދަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަޖައްސާފައިވާ އެއާޕޯޓު ވީއައިޕީ ހިދުމަތުގެ ތެރޭގައި ރައްޓެހިން ހިމެނުމުގެ ނިންމުން ތަންފީޒު ނުކުރަން ނިންމާފައި ވަނިކޮށް، އިމްތިޔާޒު ނުލިބޭ ކަމުގެ ބަހުސް މިއަދު ހޫނުވީ މެމްބަރުން "ނިކަމެތިކުރަމުންދާ" ކަމުގެ ތުހުމަތު އެމްޑީޕީގެ ދެ މެމްބަރަކު ކުރެއްވުމުންނެވެ. އެ ދެ މެމްބަރުންގެ ހިތްހަމަނުޖެހުމަކަށް ވީ އަމިއްލަ ގައުމުގައި ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ޓީމު ރޭ ކުޅުނު މެޗު ބަލަން ދަނޑުގެ ރެސްޓްރޮމް އިން ޖާގަ ނުލިބުމެވެ.
މަޖިލިސް މެމްބަރުން ތިއްބަވާ ގްރޫޕެއްގައި މި ބަހުސް ފެށުމުން ދިއްގަރު ދާއިރާގެ މެމްބަރު، އިކްރާމް ހަސަން ވިދާޅުވީ ގަވާއިދުގައި ލިއެގެން އެކަކު އަނެކަކަށް "އިއްޒަތްތެރި" ކިޔަން މަޖުބޫރު ކުރުވާފައިވީ ނަމަވެސް ރާއްޖޭގެ މަޖިލިސް މެމްބަރުންނަށް ހަގީގީ މާނައިގައި އިމްތިޔާޒު ނުލިބޭ ކަމަށެވެ. ގާނޫނުގައި ލިއެފައި އޮންނަ "އިއްޒަތްތެރި" ކަމުގެ އިހްސާސް ބޭރު ތެރޭގައި ކުޑަކޮށް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޒަތްތެރިކަން ނުލިބޭ ނަމަ އިއްޒަތްތެރި މެމްބަރު ކިއުމުގެ ބަދަލުގައި ނިކަމެތި މެމްބަރު ކިއުން ރަނގަޅުވާނެ. އޭރުން ރައްޔިތުން އަދި މާ އުފާވާނެ،" އިކްރާމް ފޮނުއްވި މެސެޖެއްގައިވެ އެވެ.
އިމްތިޔާޒުގެ ވާހަކަ މެމްބަރުން ފެއްޓެވުމާ އެކު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާއްމު ކޮމިޓީގެ ނިންމުން ތަންފީޒުކުރައްވަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެއީ، މި މަޖިލީހުން ލިމިޓްކޮށްފައި އޮތް ވީއައިޕީގެ ހިދުމަތަށް މެމްބަރުންގެ ރައްޓެހިން އިތުރުކުރަން އާއްމު ކޮމިޓީގެ ނިންމުމެވެ.
މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މަޖިލިސް
ނަޝީދު ވިދާޅުވި ގޮތުގައި "އިމްތިޔާޒާއި އިއްޒަތް" އެއީ ރައްޔިތުން ދޭ އެއްޗެކެވެ. މެމްބަރުން "ބޮޑޭ ހެދެން އުޅޭވަރުން" ހިތްހަމަނުޖެހުން އެބައޮތް ކަމަށާއި ދާއިރާތަކުގެ ރައްޔިތުންގެ ފަރާތުން އިހްތިރާމް ނުލިބެނީ މެމްބަރުން އުޅުއްވާ ގޮތުން ކަމަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ކުރީ ސަފުން ޖާގަ ދެއްވައި މެމްބަރުން އުޅުއްވަން ޖެހިވަޑައިގަންނަވާނީ އަބަދުވެސް އެންމެ ފަހަތުގައި ކަމަށެވެ. ކިޔޫތަކުގައި ވެސް މެމްބަރުން އެގޮތަށް އަމަލުކުރެއްވަން އެދިވަޑައިގެން މިސާލެއް ދެއްކެވުމުގެ ގޮތުން މަޖިލީހުގެ ކުރީގެ ރައީސް ގާސިމް އިބްރާހިމް ގެންގުޅުއްވަނީ އެ ރީތި އާދަ ކަމަށް ވިދާޅުވި އެވެ.
ގާސިމް އަރިހުގައި ތަންތަނަށް ވަޑައިގެންނެވިއިރު އެހެން މީހުންނަށް މާ ބޮޑަށް ބައްލަވާ ކަމަށާއި އެއީ ގާސިމަށް ގަދަރުކުރައްވާ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިއަދުގެ ތަހުޒީބު މުޖުތަމައުތަކުގައި 'ޕްރިވިލެޖް' މި ބަހަކީ އެންމެ ހުތުރު ބަސް،" އެއް މެސެޖުގައި ނަޝީދު ވިދާޅުވި އެވެ.
މެމްބަރުންނަށް ގާނޫނީ ގޮތުން އިމްތިޔާޒް ހަމަޖައްސަން ޖެހުނީ، ނަޝީދު ވިދާޅުވި ގޮތުގައި، ޖަލަށް ލާ ތީ އެވެ. އިނގިރޭސި ވިލާތުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ފަރާތުން ފެންނާނީ ކިއޫގެ ފަހަތުގައި ތިބުން ފަދަ ރީތި އަހުލާގު ކަމަށް ވިދާޅުވި އެވެ.
މެމްބަރުން ނިކަމެތި ކުރާ ކަމުގެ ތުހުމަތު ކުރެއްވުމުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) އެދިވަޑައިގަތީ އެއީ ކޮންބައެއްތޯ ސާފުކޮށްދެއްވާށެވެ.
"ނިކަމެތި ކުރަނީ މަޖިލީހުގެ އިދާރާ އިން،" ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި އެވެ.
މިހެން ވިދާޅުވުމަށް ފަހު ވެސް ޝަރީފް ހިތްހަމަނުޖެހުންފާޅުކުރެއްވީ، ކުރެއްވި މެސެޖަށް ބަލާއިރު ބެލެވޭ ގޮތުގައި، މެޗު ބަލަން ވަޑައިގަތުމުން މެމްބަރުންނަށް ހަމަޖައްސަފާވައި ހުރި އިންތިޒާމެއް އެނގިވަޑައިނުގެން މަޖިލީހުގެ އިދާރާ އިން ސާފުކުރައްވަން ޖެހިވަޑައިގަތުމުންނެވެ. ރެސްޓްރޮމްގެ ޖާގައަކީ 30 ކަމަށާއި ސަޕޯޓްކުރަން ދަނޑަށް ވަދެވަޑައިގެން އެންމެ ރަނގަޅު ގޮތަކީ ސިޑި ބަރި ކަމަށް ވެސް އޭނާ އަށް ދިން ރައްދެއްގައިވެ އެވެ.
އިމްތިޔާޒު ނުލިބުމުގެ ހިތްހަމަނުޖެހުމުގެ ތެރެއިން އެއް މެމްބަރަކު ވަނީ މަޖިލީހުގެ ރިޔާސަތަށް ފާޑުވިދާޅުވެފަ އެވެ.
މަޖިލީހުގެ "ރިސާތެއް، ހަމައެއް، އުސޫލެއް،" ނެތް ކަމަށް ވިދާޅުވުމުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ މެމްބަރުގެ އެ ހިތްހަމަނުޖެހުން ވީއައިޕީ ހިދުމަތާ ގުޅުވައި އެކަން ތަންފީޒު ކުރައްވަން ދެކޮޅު ކަން ތަކުރާރު ކުރައްވައިފަ އެވެ.
"ކޮމިޓީގެ ކޮން ނިންމުމަކަށްތޯ އިހްތިރާމް ނުކުރީ؟ ވީއައިޕީ އަށް މީހުން ވައްދަން؟ މަޖިލިސްގެ ބަޖެޓަށް ބޮޑު އަސަރެއް ކުރާ އިރު އަހާލަން ވެސް ރަނގަޅު ހަމަ. އެއީ ވެސް އޮތް ގޮތެއް،" އީވާ ވިދާޅުވި އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ހިދުމަތް ކުރިން އޮންނަނީ ލިމިޓެއް ނެތި އެވެ. އެކަމަކު މި ހިނގާ މަޖިލީހުން ނިންމީ މެމްބަރުންނާއި އާއިލާއަށް އެކަނި ހިދުމަތް ލިބޭ ގޮތަށް ބޭއްވުމަށެވެ. އެކަމަކު މީގެ ތެރެއަށް މެމްބަރުންގެ ރައްޓެހިން ހިމެނުމަކީ މަޖިލީހުގެ ބަޖެޓަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް އީވާ ވަނީ ވިދާޅުވެފަ އެވެ.
އެ ނިންމުން ތަންފީޒު ނުކުރައްވަން ނިންމަވައި ކޮމިޓީގައި އަލުން ރިވިއުކުރަން އެދިވަޑައިގަންނަވާނެ ކަމަށް ވެސް އީވާ ވަނީ ވިދާޅުވެފަ އެވެ. ވީއައިޕީ ހިދުމަތުގެ ތެރޭގައި ރައްޓެހިން ހިމަނަން ނިންމި ސަބަބެއް އާއްމު ކޮމިޓީން އަދި ހާމައެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަނަވަރުގެ ބަފާބެ
04 October 2021
މުސާރަ ބޮޑުކޮއް، އުމުރު ދުވަހައް ޕެންޝަން ދޭން ނިންމި އިރު ވަރައް އަވަހައް ފާސްވި. ވީއައިޕީ އައްވުރެ މާ އަމިއްލަ އެދުންބޮޑު ކަމެއް އެއީ. ދެން އޮތީ ކޮންމެ މެމްބަރަކައް ރިސޯޓެއް ލިޔެ ފަތްކޮޅު އެރުވުން. އާންމުން ތިބޭނެ ވާނުވާ ނެގިފަ! ހަތަރެސްފައި އެއްތާ ނުޖަހާ މަޖްލިހައް ވަދެވޭތޯ އެއުޅެނީ ފައިދާ އާއި މަންފާ ލިބޭތީ އަދި އެ ހޯދަންވެގެން، ގައުމުގެ ދެކެ ލޯބިންނެއް ނޫން. ހަގީގަތް އޮޅުވާނުލެއްވުން އެދެން!
އަންނި ކަލޯ
04 October 2021
މަދުމަދުން ނަމަވެސް އަންނި ބައެއްފަހަރު ރަގަޅު އިބްރަތްތެރި ވާހަކަ ދައްކާކަން މިޚަބަރުން އެގޭ. މެމްބަރުކަމުގެ މަގާމަށް ކުފޫ ހަމަވާ މީހުންނާއި ހަމަނުވާ މީހުން މިކަހަލަ ޚަބަރުން އެގޭނެ. މަބޮޑޭ ވެގެން މަ އިއްޒަތްތެރިވެގެން އުޅޭ މީހުން ފާހަގަކޮށް އެމީހުން ބޭރުކުރަން އަންނަ ވޯޓްލުމުގެ ބުރުގައި ނިންމަން ތައްޔާރުވޭ.
މަމޮޅު
03 October 2021
ހޮސްޕިޓަލުގެ ކިޔޫ އިން ކޮންމެ މެމަބަރަކަށް 10 ރައްޓެހީންނަށް ޑޮކަޓަރަށް ދެއްކޭ ގޮތަށް ހެދުމާއެކު ލެބޯޓަރީ މުޅީން މެމްބަރުންނަށް ޚާއްސަ ކުރަން ފެނޭ. މިކަން ނުކުރާ މީހުންގެ ނަމުގެ ފަހަތަށް ގޮލާ ނުވަތަ ސޮރު ލާން ވެސް ފެނޭ. 62 ހާސް 99 ހާހަށް ހެދުން މުހިންމު.
އަބްޑޫޅް
03 October 2021
ކަލޭމެންނަކީ ރައްޔިތުންގެ ނޯކަރުންނޭ. ހައްގު މިންވަރު އޮޅިގެން ނޫޅެބަލަ. މާތްވެގެންވާ އިގިރޭސި ދައުލަތުގެ ޕާލިމެންޓު ހުޅުއްވަވާ ދުވަހު، ޖަލާލަތުލް މަލިކާ ރާނީ، ތަހުތުން އިއްވަވާ ބަސްފުޅުގެ އަޑު އެހުމަށް، މިންބަރުން ތިބެނީ ދޮރު ދޮރުން، ކޮރައިގެން ބޯދީގެން، ކޮޅަށް. އިށީންނާނެ ގޮނޑިގަނޑެއްވެސް އެ ފަކީރުމެނަކަށް ނުލިބޭ. ބޮޑުވަޒީރު ޖޯންސަން ވެސް ހުންނަނީ ކޮޅަށް.
އަޙްމަދް….
03 October 2021
ފުރަތަމަ ކަމަކަށް ޢިއްޒަތަކީ ކޮބައިކަން ދަސްކޮށް ދެނެގަންނަން އެބަޖެހޭ އެވެ.
1222
03 October 2021
އަހަރުމެން އިންސާނުންނަކީ ނިކަމެތި ބައެއް. އިއްޒަތް ލިބިވޮޑިގެންވަނީ މާތް ﷲއަށް.
ރަށުމީހާ
03 October 2021
އިއްޒަތެއް އޮތްބަޔެއްތޯތީ?
ވަހުތާން
03 October 2021
މިކަމުގައި އެ މަޖުލީހުގެ ރައީސާއި ނާއއިބުގެ ނިންމުމަށްތާއީދު! މަޖުލިސް މެމްބަރަކަށްވާއިރަށް ތިމާގެ ހައިސިއްޔަތާއި ސައިޒު އޮޅިގެން ނުވާނެ! އިއްޒަތޭ މާތް އޭ ކިޔަކަސް އެއީ ތިމާގައި އެކަން ނެތްނަ،މަ ތިމާއާއި ދިމާއަށް މަލާމާތުގެ ގޮތުގައި އަންނަ ބަސްތަކެއް! މި މީހުންގެ ގިނަބަޔަކަށް އެބަސްތަކެއް ޙައްޤެއް ނޫން.
ވަސްވާސްދ
03 October 2021
އިއްޒަތަކީ ހޯދާ އެއްޗެއްނުން ލިބިގަންނަ އެއްޗެކެވެ.
ތިމާވެށި
03 October 2021
ގައުމުގެ ދަރަނި 100 ބިލިއަނައް އަރަނީ އެވެ. ސިޔާސީ މީހުންގެ މުސާރަތައް ކުޑަ ކުރަން ވި އެވެ.