ވިޔަފާރި / ޓޫރިޒަމް

ފުރަތަމަ ރިސޯޓާ ގުޅުވައި ގައުމީ ޓޫރިޒަމް ދުވަހަކަށް އޮކްޓޯބަރު 3

ޓޫރިޒަމަށް ފުރުސަތު ހަނި ކަމަށް ދެކުނު ރާއްޖެއަކީ މިހާރު އެންމެ މަގްބޫލް މަންޒިލްކަން ރައީސް ފާހަގަކުރެއްވި. އަދިވެސް މި ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރަން ހުރި ކަމަށް ވިދާޅުވި.

ގައުމީ ޓޫރިޒަމް ދުވަސް އިއުލާން ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އެންމެ ފުރަތަމަ ރިސޯޓު ހުޅުވި ދުވަހާ ގުޅުވައި ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު 3 ވަނަ ދުވަހަކީ ގައުމީ ޓޫރިޒަމްގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވައި މުޅި ރާއްޖެއަށް ޓޫރިޒަމް އިތުރަށް ފަތުރާލެއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގައުމީ ޓޫރިޒަމް ދުވަހެއް ކަނޑައަޅުއްވައި އެކަން ރައީސް އިއުލާން މި ކުރެއްވީ ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރަން ފެށުމަށް ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ހުޅުވި ރިސޯޓަކީ ކުރުނބާ ވިލެޖެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 27 ފާހަގަކުރި ނަމަވެސް މިއަދުން ފެށިގެން ދިވެހި ގައުމީ ޓޫރިޒަމް ދުވަހަކީ އޮކްޓޯބަރު 3 ކަމަށެވެ. ރާއްޖެއަކީ ޓޫރިޒަމަށް ފުރުސަތު ހަނި ތަނެއް ކަަމަށް ކުރިން ގަބޫލުކުރެވުނަސް ގިނަ ބައެއްގެ ހިތްވަރާ އެކު ގޮންޖެހުންތަކުން އަރައިގަނެ މި ދާއިރާގައި ކުރެވުނު މަސައްކަތްތައް ގިނަ ކަމަށް ރައީސް ވިދާޅުވި އެވެ.

"ރާއްޖޭގައި ފާހަގަ ކުރަމުން އަންނަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް. އެހެންކަމުން އަޅުގަނޑުމެން މި ނިންމަނީ ކުރުނބާ ވިލެޖުގެ ނަމުގައި ރާއްޖޭގެ ފުރަތަމަ ރިސޯޓު ހުޅުވުނު ދުވަސް، އާދެ 3 އޮކްޓޯބަރު ކޮންމެ އަހަރަކުވެސް ދިވެހި ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖެ އަކީ މުޅި ދުނިޔޭގައި ވެސް މިހާރު އޮތް ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލެވެ. މި ދާއިރާ ކުރިއަރުވަން އިތުރު މަސައްކަތް ކުރަން ޖެހޭ ކަމަށާއި އަމާޒަކީ މުޅި ރާއްޖެ އަށް ޓޫރިޒަމް ފަތުރާލުމުގެ ހުރިހާ ކަމެއް ކުރެއްވުން ކަމަށް ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް ކައުންޓްޑައުން ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމަށް ދަތުރުފަތުރު ކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމާއި ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމުތައް ހުރުމާއި ޒަމާނީ މުވާސަލާތީ ހިދުމަތްތައް ލިބެން ޖެހޭނެ އެވެ. މީގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއެރުވުމަށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ ކޮންމެ މަޝްރޫއެއްގައި ތިމާވެއްޓާ އެއްކީލު ސިޔާސަތުތައް އެންމެ ކުރީގައި ހިމަނަން ޖެހޭ. އިއާދަ ކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރަން އެބަޖެހޭ. ޕްލާސްޓިކާ މުޅިން ދުރަށްދާން އެބަޖެހޭ. ފަޅުތަކާއި ފަރުތަކާއި ގޮނޑުދޮށްތައް ހިމާޔަތް ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވި އެވެ.

"މިއަދު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ ތިމާވެށީގެ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކަށް. ރާއްޖެއަކީ ޓޫރިޒަމްގެ އެންމެ މަގުބޫލު މަންޒިލަށްވާއިރު ތިމާވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރާއްޖޭން ކުރާ ކޮންމެ ކަމަކީ ދިވެހި ފަތުރުވެރިކަމަށް ލިބޭ އިތުރު ދިރުމަކަށްވާނެ."

ރައީސް މިރޭ ވަނީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ދާއިރާގެ އިސް ބޭފުޅުންނާއި މުވައްޒަފުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފަ އެވެ. އަދި މުވައްޒަފުން ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަންހެނުންނާއި ޒުވާނުން ދާއިރާގައި ގިނަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.

ރައީސް ވަނީ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ތީމް ލަވަ، "ނަލަ ނަލަ ރާއްޖެ" ލޯންޗުކޮށްދެއްވައިފަ އެވެ. މި ލަވަ ތައްޔާރުކުރީ ދެޓިއުން ބޭންޑުންނެވެ.

ރާއްޖޭގެ ޓޫރިޒަމް 50 އަހަރު ފުރުން ފާހަގަ ކުރުމަށް އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހާއްސަ ހަރަކާތްތަކެއް ހިންގާނެ އެވެ.

5 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

04 October 2021

މަމެންގެ ވެރިކަމެއްގަ ތި ދުވަސް 10 އޮކްޓޫބަރަށް ހަދާނަން.

The name is already taken The name is available. Register?

ލޮނުމެދު

04 October 2021

"ޓޫރިޒަމް" އަށް ބުނެލަން އޮތީ ތިޔަ އަރަތުގެ ޖަވާބު ވަރަށް ފަސޭހައޭ! އަހަރުމެން އެންމެންނަށް ވެސް އެނގޭ މި ގައުމުގައި ނާޖާއިޒު ފައިދާ ނަގަނީ ރިސޯޓް އޯނަރުންނާ، ޢިއްޒަތްތެރި މަޖްލިސް މެންބަރުންނާ އަދި ސިޔާސީ މީހުންކަން! މިސާލަކަށް 5،000،000.00ޑޮލަރު ބޭންކް ރޭޓް 15.42ގެ ރޭޓުން އެއީ 77،100،000.00ރ. (ނަގާ ލޯނުތަކަށް ކޮންމެ 5 މިލިއަން ބޭންކަށް މި ވަރު ވެއްދީމާ އެއޮތީ "ގަވައިދުން" ނާޖާއިޒު ފައިދާ ނެގިނެގިއެވެ!) ފަސް މިލިއަން ޑޮލަރު ބްލެކްގެ ރޭޓް 18.50 އަށް ވިއްޔާ އެއީ 92،500،000.00ރ. ވީމާ 15،400،000.00ރ ގެ ނާޖާއިޒު ފައިދާ އެ ނެގެނީ! ވީމާ ޖަރީމާ ހިންގާ މީހާ ނުވަތަ މީހުން މިވަރުކަމެއް ދޫކޮށްލާނެ ހެއްޔެވެ؟

The name is already taken The name is available. Register?

މުހައްމަދު

04 October 2021

"އެއްކީލު" މިގޮތަށް ލިޔުނީމަ ރަނގަޅެއްނޫން.މިއީ އިދިކީލި މި ބަހުގެ އިދިކޮޅު ކަމަށްވާނަމާ ރަނގަޅު ގޮތަކީ "އެއްކީލި" މިގޮތެވެ.

The name is already taken The name is available. Register?

ޓޫރިޒަމް

04 October 2021

ޓޫރިޒަމް މިވަރަށް ކުރިއަރައިގޮސްފައިވާއިރު ދުނިޔޭގެ ނިސްބަތުންވެސް އެންމެ ކުރިއަރާފައިވާ ޓޫރިޒަމް އޮތް މިގައުމުގަ ކީއްވެގެންބާ ޑޮލަރެއް ގަންނަން ނުލިބިގެން ތަދުބޭހެއްހެން ބްލެކް މާރކެޓްން ޑޮލަރު ނަވާރަ ވިހި ރުފިޔާ އަށް ގަންނަން މިޖެހެނީ؟ ތިއަންނަ މިލިއަން ޓޫރިސްޓްން ކޮންމެ ޓޫރިސްޓަކު އެތައްހާސް ޑަލަރެއް ޚަރަދުކޮށްފަ ދާއިރު ކޮބާތަ އެމީހުން އަތުން ލިބޭ ޑޮލަރު؟ ބޭންކްންވެސް އިއުލާންކުރަނީ ގަނެވިއްކާ އަގު، ޑޮަލަރެއް ގަންނާކަށް ނުލިބޭނެ! އަރަތެއްދޯ؟

The name is already taken The name is available. Register?

ޢަރަތް

04 October 2021

އަރަތެއް ނޫން، ރަނގަޅަށް ބެއްލެވީމަ ފެންނާނެ، ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ 10 އިން ސައްތަ ބޭރުގެ ބޭންކްތަކުން ނަގާފަ ހުންނަ ލޯނު ދެއްމުމަށް، 40 އިންސައްތަ ބޭރުން މުދާ އެރޭ ކުރުމަށް، 10 އިން ސައްތަ، ބޭރު މުއައްޒިފުންނަށް މުސާރަ ދިނުމަށް، 25 ޕަސެންޓު ސަރުކާރަށް ޓެކްސް އާއި ކުލިތަކަށް، ސަރުކާރަށް ޓެކްސް ގެ ގޮތުގައި ލިބޭ ބޭރު ފައިސާއަށް ވުރެ، ގިނައިން ސަރުކާރުގެ ލޯނު ތައް ދެއްކުމަށް ބޭނުންވޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454