ޖިންސީ ގޯނާއާ ދެކޮޅަށް ކުރި މުޒާހަރާއެއް: ދަރިފުޅަށް ޖިންސީ ގޯނާކުރުމުގެ ދައުވާލިބޭ ބައްޕައެއްގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން ވަނީ އަންގާފައި --- ފޮޓޯ/މިހާރު
06 އޮކްޓޯބަރ 2021 - 11:27
އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ބައްޕައެއްގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ.
މިދިޔަ އަހަރު، އުމުރުން 17 އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ އުފުލި ދައުވާ ކްރިމިނަލް ކޯޓުން މިދިޔަ މަހު ބޭރުކޮށްލީ ކުށްކުރި ކަމަށް ބުނާ ތަން ދައުވާގައި ހިމަނާފައި ނުވާތީ ކަމަށް ބުނެ އެވެ.
ދައު ލިބޭ މީހާގެ މައުލޫމާތު އާންމު ނުކުރީ އަނިޔާ ލިބުނު ކުއްޖާގެ މައުލޫމާތު އާންމުވިޔަ ނުދިނުމަށެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ދައުވާގައި މައުލޫމާތެއް ނުހިމެނުމުގެ ސަބަބުން ދިފާއުއެއް ބިނާކުރަން ހުރަސް ނޭޅޭ ނަމަ ނުވަތަ އެއީ ކުށުގެ އުންސުރާ ގުޅުން ނެތް ކަމެއް ނަމަ، އެއީ އެ ދައުވާއެއް ބާތިލް ކުރެވޭނެ ސަބަބެއް ނޫން ކަމަށެވެ.
އެ ހާދިސާ ހިނގި ތަން ދައުވާގައި ބަޔާން ކޮށްފައި ނެތުމަކީ އެ މީހާއަށް ދިފާއުވުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމެއް ނޫން ކަމަށާއި އެހެންވެ، އެއީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫން ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިިންމި ނިންމުން ބާތިލް ކުރުމާ އެކު، އެ މައްސަލަ އަލުން ބަލަން އެ ކޯޓަށް އަންގާ ކަމަށެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލް އެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ރައޫފެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޒޭބެ
06 October 2021
ރާއްޖޭގައި އަދުލު އިންސާފު ގާއިމުނުކުރެވިގެން މިއަންނަނީ މިހިރިމިހިރި ކަންތަކާ. މިދައްކަނީ އާދައިގެ ވާހަކައެއް ނޫން. ހަރުކަށި އަދަބުލިބެންޖެހޭ ކަންތަކެއްގެ ވާހަކަ.
މާބޮޑް
06 October 2021
ކޯޓް ތަކުގެ ޤާޒީ ނައް އަލުން އިސްލާމީ ޝަރީޔަށް ދަސް ކޮށްދެންވީ ނޫނީ މިޤައުމު އޮޔާ ހިގައި ދާނެ ދެރަވޭ މިހާރު މިއިވޭ އަޑު ތަކުން.