ވިޔަފާރި / ސ. ގަން

ގަން އެއާޕޯޓް ދުނިޔެއާ ގުޅާލުމުގެ ދަތުރުތައް

ސ. ގަމަށް މި މަހުގެ ދެވަނަ ދުވަހު ޝެޑިއުލް ދަތުރު ފެށި ސްރީލަންކަން އެއާލައިންސްގެ ފުރަތަމަ ފްލައިޓުން ފަސިންޖަރުން ފައިބަނީ --ފޮޓޯ: އަހުމަދު އަދުޝަން

މިއީ އެންމެ ފުރަތަމަ ރާއްޖެ އާއި ދުނިޔެ ގުޅުވައިދިން ވައިގެ ބަނދަރެވެ؛ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިން އެކި ތަންތަނަށް ދަތުރުކުރަން ސ. ގަމުގައި ހެދި ވައިގެ ބަނދަރަށް 50 އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު އެތަނުގެ ތަރައްގީއަށް ސަރުކާރުން މާ ބޮޑު މަސައްކަތެއް ނުކުރެ އެވެ.

އިނގިރޭސިން ފޭބި ފަހުން އެ އެއާޕޯޓް ތަރައްގީކުރަން ހިންގި ހަމައެކަނި މަޝްރޫއަކީ 2000 ވަނަ އަހަރުގެ ކުރީކޮޅު ގަން އެއާޕޯޓްގެ އާ ޓާމިނަލް އެޅުމުގެ މަޝްރޫއު އެވެ. އޭރުވެސް އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންގެ އެންމެ ބޮޑު ބޭނުމަކަށް ވެފައި އޮތީ ގަމުން ރާއްޖެ އިން ބޭރަށް ދަތުރުކުރެވޭނެ ގޮތެއް ހަމަޖެހުމެވެ.

އައްޑޫގެ ރައްޔިތުންގެ އުއްމީދުތަކަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ގެނެސްދެވޭތޯ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން މަސައްކަތްތަކެއް ކުރި އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ލަގާން ކުންފުންޏާ ހަވާލުކޮށްގެން ސަރުކާރުން ގަން އެއާޕޯޓްގެ ޓާމިނަލް ބޮޑުކުރުމުގެ މަޝްރޫއެއް ހިންގުމަށް ފަހު އެތަނުގެ ނަން "ގަން އިންޓަނޭޝަނަލް އެއާޕޯޓް"ގެ ނަމަށް ބަދަލުކުރި އެވެ. ނަމަވެސް އެތަނުގެ ރަންވޭ އެކަށީގެންވާ މިންވަރަށް ވުރެ ކުޑަވުމުން ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ގަމަށް ސީދާ ދަތުރުތައް ކުރަން ޝައުގުވެރިއެއްނުވި އެވެ.

ގަން އެއާޕޯޓްގެ ނަން ބޯޑު އިންޓަނޭޝަނަލް ވިޔަސް ހަގީގީ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުނުވެ ދިގުލައިގެން ދިއުމުގެ މައިގަނޑު ސަބަބަކީ އައްޑު އާއި ހުވަދު އަތޮޅުގައި ޓޫރިޒަމް ފުޅާވެފައި ނެތުމެވެ. ނަމަވެސް އައްޑޫގައި ބޮޑު ރިސޯޓު ހުޅުވުމާ އެކު ޗާޓަރު ބައެއް ދަތުރުތައް ޔޫރަޕުން ސީދާ ގަމަށް ފެށި އެވެ. އެކަމަކު އެއީ ހަމައެކަނި ޓޫރިސްޓުން އުފުލުމަށެވެ.

އައްޑޫގެ އިތުރުން ހުވަދު އަތޮޅުގައި ޓޫރިޒަމް މިހާރު އަންނަނީ ފުޅާވަމުންނެވެ. ގަން އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ބޮޑު މަޝްރޫއެއް ފަށަން ނިންމީ އެހެންވެ އެވެ. ނަމަވެސް ސަރުކާރަށް އެކަނި އެކަން ކުރެވޭނެ ގޮތެއް ނެތުމުން އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓްސް ކޮމްޕެނީގެ ހިއްސާގެ 30 ޕަސެންޓް ކާސާ ހޮލްޑިން އިން ގަނެ، ގަމުގެ ރަންވޭ ބޮޑުކުރުމުގެ ބިޔަ މަޝްރޫއެއް 2012 ގައި ފަށައި ރަންވޭ ވަނީ 3،100 މީޓަރަށް ދިގުކޮށްފަ އެވެ.

ރަންވޭ ދިގުކުރުމުގެ ބޭނުމަކީ ބޮއިން 777 މަރުކާގެ ބޯޓު ޖެއްސޭ ފެންވަރަށް އެތަން ތަރައްގީކުރުމެވެ. ރަންވޭ ތަރައްގީކޮށް ނިމުމާ އެކު ގަމާއި ސްރީ ލަންކާގެ ކޮލަމްބޯއާ ދެމެދު ސީދާ ދަތުރުތައް ސްރީލަންކަން އެއާލައިސުން މިހާރު ވަނީ ފަށައިފަ އެވެ. އަދި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސީ ޕްލޭންގެ ހިދުމަތް ދެމުން އަންނަ ޓީއެމްއޭ އިން ހަމަ އެ ދުވަހު ހުވަދު އަތޮޅާއި ގަމާ ދެމެދު ވެސް ދަތުރުތައް ފެށި އެވެ.

ހަމާރީ ހަވޮއްޑާ ރިސޯޓު ބޭރުގައި ޓީއެމްއޭގެ ބޯޓެއް ޖައްސާފައި.

ސްރީލަންކަންގެ ދަތުރުތައް ކާމިޔާބުވާނެ

ރާއްޖެއަށް މިވަގުތު އެންމެ ގިނަ ދަތުރުތައް ކުރަމުން އަންނަ އެއާލައިން އިން ގަމަށް ސީދާ ދަތުރުތައް ފެށުމަކީ ކުރިންސުރެ އޮތް އުއްމީދެކެވެ. އެ އެއާލައިންގެ ބޭނުމަކަށް ވެފައި އޮތީ އައްޑު އާއި ހުވަދޫގެ ރިސޯޓްތަކަށް ދަތުރުކުރާ ޓޫރިސްޓުން ސީދާ ގަމަށް ގެންދިއުމެވެ. އެކަމަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކަން އިން ދިރާސާތަކެއް މީގެ އަހަރުތަކެއް ކުރިން ފެށި އެވެ.

އެ ދިރާސާ އަށް ފަހު އެނގުނީ އެއީ ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދެވިދާނެ އޮޕަރޭޝަނެއް ކަމެވެ. އެގޮތުން އެއާލައިން އިން އަމާޒުކުރީ ދަތުރުކުރާ ޕެސެންޖަރުންގެ ތެރެއިން 50 ޕަސެންޓަކީ ޓޫރިސްޓުންނަށް ހެދުމަށެވެ. އަދި އޭގެ އިތުރުން 30 ޕަސެންޓަކީ އެ ސަރަހައްދުގައި ވަޒީފާ އަދާކުރާ މީހުންނެވެ. ބާކީ 20 ޕަސެންޓަކީ ދިވެހިންނެވެ.

"އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްކޮށްގެން ޑިސެމްބަރު ދެވަނަ ދުވަހު މިކަން މިފެށުނީ. އަޅުގަނޑުމެން އުއްމީދުކުރި ވަރަށް މިހާރު ވެސް ޕެސެންޖަރުން ލިބެމުން އެބަ ދޭ. ފުރަތަމަ ހަތަރު ދަތުރު ނިންމާލިއިރު ވަރަށް ކާމިޔާބު،" ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އިނަ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ފްލައިޓާއި މިއަދުގެ ފްލައިޓް އޮތީ ފަސިންޖަރުންނާއި ކާގޯ އިން ފުލްވެފައި ކަމަށެވެ.

"އަޅުގަނޑުމެންނަށް ކޮޅަކަށް 80 މީހުން ލިބުނަސް އެންމެ ރަނގަޅު. ދެކުނު ހަތަރު އަތޮޅުގެ އާބާދީ އާއި އެ ސަރަހައްދުގައި ހުޅުވާފައިވާ ރިސޯޓްތަކަށް ބަލާއިރު އެކަށީގެންވާ ރަނގަޅު މިންވަރަކަށް ފަސިންޖަރުން ލިބޭނެ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަންގެ އެޖެންޓް އުއްމީދުކުރަނީ ކުރިޔަށް އޮތް ހަ މަހެއްހާ ދުވަހުގެ ތެރޭގައި ބޭނުންވާ މިންވަރަށް ފަސިންޖަރުންނާއި ކާގޯ ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް މިކަން އެކި ސަބަބުތަކާ ހެދި ފެށުން ލަސްވީމަ ޓޫރިސްޓުން ލިބުން މަދުވީ. އެއީ ޓޫރިސްޓުން ކުރިއާލައި އެއާލައިން އަދި ރިސޯޓް ބުކިން ހަދާތީ. އަޅުގަނޑުމެން މިހާރު ވެސް މި ބަލަނީ މާޗް މަހުން ފެށިގެން ދުވާލަކު ފްލައިޓެއް ގަމާއި ކޮލަމްބޯއާ ދެމެދު ދަތުރުކުރެވޭތޯ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަން އިން ވަނީ ދެކުނު ސަރަހައްދުގެ ޓޫރިޒަމް އިތުރަށް އިސްތިހާރުކުރުމަށް ބޭރުގެ އޮޕަރޭޓަރުންނާ ގުޅިގެން ވަރުގަދަ ކެމްޕޭނެއް ފަށަން ނިންމައިފަ އެވެ. އެގޮތުން އަންނަ ޖެނުއަރީ މަހު އޭޝިއާގެ ޓުއާ އޮޕަރޭޓަރުންތަކެއް ގަމަށް ގެންދާނެ އެވެ.

ފިރާގު ވިދާޅުވި ގޮތުގައި ގަމަށް ދަތުރުތައް ފެށިއިރު ދިމާވެފަައިވާ އެންމެ ބޮޑު މައްސަލައަކީ ވޯކް ވިސާގައި ތިބި ބިދޭސީންނަށް ގަމުން ކޮލަމްބޯއަށް ދަތުރުނުކުރެވުމެވެ.

"ވޯކް ވިސާ ހޮލްޑަރުންނަށް މިވަގުތު ދަތުރެއް ނުކުރެވޭ. އައްޑު އާއި ފުވައްމުލަކުގައި މިވަގުތު 1،000 ސްރީ ލަންކާ މީހުން އެބަ އުޅޭ. އެއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު މާކެޓެއް. އެ ސަރަހައްދުގެ ރިސޯޓްތަކުގައި މަަސައްކަތްކުރާ ލަންކާގެ ބައެއް މީހުން ބޭނުންވޭ ހަފުތާ ބަންދާ ދިމާކޮށް ވެސް ދަތުރުކުރަން. އެކަމަކު މިހާރު އެ ފުރުސަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އިން ދަތުރުތައް ފެށިއިރު ޓިކެޓްގެ އަގު މާލެއިން ވިއްކާ އަގަށް ވުރެ ބޮޑުވުމަކީ އައްޑޫގެ ބައެއް މީހުން ކުރަމުން އަންނަ ޝަކުވާއެކެވެ. ނަމަވެސް އިނަ މޯލްޑިވްސް އިން ބުނަނީ އަގު ބޮޑު ނޫން ކަމަށެވެ. އަދި ލޯޑް އިތުރުވަމުންދާ މިންވަރަކުން އަގުތައް ތިރިކުރަން މަސައްކަތްކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ޓިކެޓްގެ އަގުތައް މިވަގުތު މިއުޅެނީ 330 ޑޮލަރުން ފެށިގެން. ނަމަވެސް ލޯޑު އިތުރުވަމުންދާ މިންވަރަކުން އަގު ހެޔޮ ފެއާތައް ވެސް ތައާރަފްކުރަން މަސައްކަތްކުރާނަން. މިހާރު ވެސް ކޮލަމްބޯ ފިޔަވައި އެހެން ސެކްޓާތަކަށް ޓިކެޓް މި ވިއްކަނީ މާލެއިން ފުރާއިރު ވެސް ވިއްކާ އަގުގައި،" ފިރާގު ވިދާޅުވި އެވެ.

އިނަ މޯލްޑިވްސް އިން ދެކޭ ގޮތުގައި ސްރީލަންކަންގެ ދަތުރުތައް ގަމަށް ފެށުމުން އައްޑު އާއި ފުވައްމުލަކުގެ ވިޔަފާރިވެރިންނަށް މުދާ އުފުލަން ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ އެވެ.

އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްކޮށްގެން ޑިސެމްބަރު ދެވަނަ ދުވަހު މިކަން މިފެށުނީ. އަޅުގަނޑުމެން އުއްމީދުކުރި ވަރަށް މިހާރު ވެސް ޕެސެންޖަރުން ލިބެމުން އެބަދޭ. ފުރަތަމަ ހަތަރު ދަތުރު ނިންމާލިއިރު ވަރަށް ކާމިޔާބު، ފިރާގު

"ދުވަސްކޮޅަކުން ފެނިދާނެ ބެންކޮކުން ޓީވީ ގެންގޮސްގެން ވިއްކާ އައްޑޫގައި ވިއްކާ ތަން. މިހާރު ވެސް ތަރުކާރީ އާއި މޭވާ ވިއްކާ ފިހާރަތައް މަދުމަދުން ދަނީ ހުޅުވަމުން. މިހާރު ވެސް ވިޔަފާރިވެރިންނަށް މިވަނީ ވަރަށް ބޮޑުތަން ފަސޭހަވެފައި،" ފިރާގު ވިދާޅުވި އެވެ.

ފުވައްމަލަކުގެ ވިޔަފާރިވެރިއަކު ބުނީ ފުވައްމުލަކުން މާލެ އައިސް ކޮލަމްބޯ ނުވަތަ ބެންކޮކަށް ދާން ކުރާ ހަރަދަށް ވުރެ ގަމުން ކޮލަމްބޯ ނުވަތަ ބެންކޮކަށް ދަތުރުކުރަން ކުރާ ހަރަދު މިހާރު ކުޑަ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ބޮޑަށް އުއްމީދުކުރި ކަމެއް ގަމާއި ކޮލަމްބޯއާ ދެމެދު ދަތުރުތައް ފެށުމަކީ. މިހާރު އަޅުގަނޑުމެން އަތުން މާލެ ދާން ކޮޅަކަށް މަދުވެގެން 1،350ރ. އެބަ ހަރަދުވޭ. އޭގެ އިތުރުން ކޮލަމްބޯއަށް ދެކޮޅަށް 250 ޑޮލަރު ހަރަދުވާއިރު ފުވައްމުލަކާއި މާލެއާ ދެމެދު ދެކޮޅަށް 180 ވަރަކަށް ޑޮލަރު ހޭދަކުރަން ޖެހޭ. ނަމަވެސް މިހާރު ގަމަށް ދިއުމަށް ފަހު ކޮލަމްބޯ އަށް ދާން ކުރަން ޖެހޭ ހަރަދު އެތައް ގުނައެއް ވަނީ ހެޔޮވެފައި،" އޭނާ ބުންޏެވެ.

އިނަ މޯލްޑިވްސް އިން މިހާރު ދަނީ ދުބާއީގެ ބަޖެޓް އެއާލައިނެއް ކަމަށްވާ ފްލައި ޑުބާއީގެ ދަތުރުތައް ވެސް ގަމަށް ފަށަން މަސައްކަތްކުރަމުންނެވެ.

"ފްލައި ޑުބާއީން ވެސް އެބަ އޮތް ޝައުގުވެރިކަން ފާޅުކޮށްފައި. އެ އެއާލައިނުން ވެސް ދަނީ އަންނަ ސަމާގައި ދަތުރުތައް ފެށޭތޯ. އެ މީހުން ވެސް ބުނެފައި ވަނީ އެއް ބަޔަކު ފަށައިފިއްޔާ ތިމަންނަމެން ވެސް ފަށާނަމޭ،" ފިރާގު ވިދާޅުވި އެވެ.

ޓީއެމްއޭގެ އާ ފެށުން ގަމުން

ގަން އެއާޕޯޓްގެ ރަންވޭ ނިމެންވާއިރަށް ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ވެސް އޮތީ ގަމާއި ހުވަދު އަތޮޅުގެ ރިސޯޓްތަކާ ދެމެދު ދަތުރުތައް ފަށަން ފިޔަގަނޑު ހުޅުވާލައިގެންނެވެ. ޓީއެމްއޭ އަކީ ގަން ތަރައްގީކުރި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީގެ އެއް ހިސާދާރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ ހުސެއިން އަފީފްގެ ހިއްސާ އޮންނަ ކުންފުންޏެވެ.

އޭއައިއޭ އިން ގަމުގެ ސީ ޕްލޭން އޮޕަރޭޝަން ޓީއެމްއޭއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.

ގަމުގެ ސީ ޕްލޭން ބޭސްގައި މަޑުކޮށްފައި އޮތް ސީޕްލޭނެއް: ޓީއެމްއޭ އިން މިހާރު ވަނީ ގަމާއި ހުވަދުއާ ދެމެދު ދަތުރުތައް ފަށާފައި. ފޮޓޯ: ޓީއެމްއޭ

ޓީއެމްއޭ އިން އައްޑު އާއި ހުވަދުއާ ދެމެދު ދަތުރުތައް ކުރަން 15 މީހުންގެ ޖާގައިގެ ބޯޓެއް ވަނީ ގެންގޮސްފަ އެވެ. ނަމަވެސް ކުރިޔަށް އޮތް ތަނުގައި ޓޫރިސްޓުންގެ އަދަދު އިތުރުވަމުން އަންނަ މިންވަރަކުން އިތުރު ބޯޓުތައް ގަމަށް ގެންދަން އެ ކުންފުނިން ވަނީ ނިންމައިފަ އެވެ.

"އަޅުގަނޑުމެންނަށް މިވަގުތު އެއް ބޯޓުން ފުދޭ. ޓޫރިސްޓުން އުފުލުމުގެ އިތުރުން ފޮޓޯ ފްލައިޓާއި އެކްސްކާޝަން ދަތުރުތައް ވެސް އަޅުގަނޑުމެން ކޮށްދެން،" ޓީއެމްއޭގެ އޮފިޝަލަކު ވިދާޅުވި އެވެ. ގަން އެއާޕޯޓް އަލުން ތަރައްގީކުރި އިރު ސީޕްލޭނަށް ހާއްސަ ބައެއް ވެސް ވަނީ ހަދައިފަ އެވެ.

"އަޅުގަނޑުމެން ވަރަށް ބޭނުންވި ކަމެއް ގަމަށް އިންޓަނޭޝަނަލް ދަތުރުތައް ފެށުމަކީ. ކުރިޔަށް އޮތް ތަނުގައި އައްޑޫ އަދި ހުވަދުއަށް ވެސް އަންނަ ޓޫރިސްޓުން ބޭނުންކުރާނީ އެ ރޫޓު،" އޭނާ ވިދާޅުވި އެވެ.

ގަމުން މިހާރު މި ފެންނަ މަންޒަރަކީ އެ ސަރަހައްދުގެ ރައްޔިތުން މީގެ އެތައް އަހަރެއް ކުރިން ވެސް ދުށް ހުވަފެން ހަގީގަތަކަށް ވަމުން އަންނަ ތަނެވެ. އެ ދަތުރުގެ ކާމިޔާބުވުން ވަރަށް މުހިންމެވެ.

26 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނެވަރސީން

06 December 2016

ގަން އެއާރޕޯރޓް ދުނިޔެ އާއި ގުޅާލާ އަދި ފޯއްމުލައް ސިޓީ އަކަށް ބަދަލު ކުރީ އެއީ މަމެންގެ ވެރިކަމުގައެވެ. މަމެން ޕިންކީންގެ ވެރިކަމަކީ އެއީ އައްޑޫ އާއި އަދި ފޯއްމުލަކު ރައްޔިތުންނަށް ފާގަތި ކަން ހަމަ އެކަނި ގެނެސްދޭނެ ވެރިކަމަކީ. މާ ބޮޑަށް ޕްރޮޕެގެންޑާ ނުފަތުރާ އެކަން މިކުރަނީ މަމެން ޕިންކީން އެކަނި އެވެ. ނެވަރ ސީން ސަޗް އަ ސްޓްރެއިޓް ފޯވާރޑް ލީޑަރޝިޕް..

The name is already taken The name is available. Register?

ހުވަދޫ

06 December 2016

އައްޑޫ ގައި ޓުއަރިޒަމެއް ނުއެއްހިންގޭނެ. މިކަން ކުރެވޭނީ ހުވަދު އަތޮޅުގައި މިހާރު ހިންގަމުންދާ 7 ރިސޯޓުގެ އިތުރުން ނުހެދިފަ ހުރި ރަށްތައް ވީހާވެސް ނިމިގެން ، އަދި ހުވަދު އަތޮޅުގައިގައިވާ 200 އަށް ވުރެ ގިނަ ފަޅުރަށްތައް ތަރައްގީ ކޮށް ، އަދި ގަމާއި ހުވަދު އަތޮޅާއި ސީޕްލޭން ދަތުރު އިތުރުކޮއްގެން.... ނަމަވެސް ގައުމީ އެއާލައިން ބަގުރޫޓް ވެދާނެތީ ސަރުކާރުން މިފުރުސަތު އެހެން ބަޔަކަން ނުދޭނެކަން ކަށަވަރު ، އަދި ހުވަދު އަތޮޅަށް މިހާރު ކުރަމުން ދަތުރު ތައްގެއްލިދާނެތީ މިހާރު ސްރީލަންކަން ދަތުރު ތައް ދުވަސް ކޮޅަކުން ސަރުކާރުން ހުއްޓުވާނެ .

The name is already taken The name is available. Register?

البنطلون ت

08 December 2016

ތި ހެން ނުބުނެ ހުވަދޫ...އައްޑޫ ވަރުގެ ރަށެއް ނޯންނާނެ މި ދިވެހި ޱަޒީރާއަކު...

The name is already taken The name is available. Register?

ތ

06 December 2016

ޓިކެޓްގެ އަގާއި ކާގޯގެ އަގު ތިރި ކޮށްފިނަމަ މިހާރަށްވުރެ ރަގަޅު މާކެޓެއް ލިބޭނެ.

The name is already taken The name is available. Register?

ނެވަރ

06 December 2016

އައްޑޫ ގަމުގެ އެއާރޕޯރޓް އިންޓަރނޭޝަނަލް އެއާރޕޯރޓް އަކަށް ބަދަލު ކޮށް މިސަރަހައްދުގެ ލިޓިލް ސިންގަޕޯރ އަށް ރާއްޖެ ބަދަލު ކޮށްލަން މަމެން ޕިންކީން ކުރާ މަސައްކަތަށް އިތުރު ދިރުމެއް އަންނަނީ އެވެ. އައި ހޭވް ނެވަރ ސީން ސަޗް އަ ބިއުޓިފުލް ޑިސިޝަން ދޯ. ނެވަރސީން ސަޗް އަ ލަވްލީ ސީޒަން ދޯ. މިހެން މިވަނީ މަމެން ޕިންކީންގެ ލީޑަރޝިޕް އިން އައްޑޫ ސިޓީ އަދި ފޯއްމުލަކުގެ ސިޓީ ގެ އިގްތިސާދު އާލާ ކޮށް އާރޯ ކުރަން ކުރާ މަސައްކަތުގެ ނަތީޖާ އެވެ. ވީ ވިލް ނެވަރ ފޮރގެޓް ދަ ވޭ ޔޫ ޕޭވް ޑިވެލޮޕްމެންޓް ފޯރ އަސް.

The name is already taken The name is available. Register?

މޫސަ

06 December 2016

ޕިންކީންނަކީ ޒީރޯ، ތިޔަ ކަމުގައި ހީރޯ އިންނަކީ، ޗަމްޕާ، ވަހީ، އަންނި. އެމީހުން ކުރި މަސައްކަތް ފެންނަންއޮތީ. ޕިންކީން ކުރަންޖެހޭ ކަންތައް ނުނިމެނީ އަދިވެސް. އެއީ ބޯޑާކޮންޓްރޯލް. ޕިންކީން ލަދު ގަނެބަލަ. ކޮބާތަ އެއްކަލަ މަ މާމޮޅު އިމިގްރޭޝަންސް.

The name is already taken The name is available. Register?

މިނިވަންކަން / އައްޑޫ ސިޓީ

06 December 2016

* މުހައްމަދު ފިރާގު ވިދާޅުވިހެން ބެންގކޮކުން ޓީވީ އާއި ލަންކާއިން ތަރުކާރީ ގެނެސްގެން މާލޭގެ ''ރަންބިމުގައި'' ޖެހުމުން އަގުއުފުލޭގޮތަށް އަގު މައްޗަށް ނުގޮސް ދެކުނުގެރައްޔިތުންނަށް ލިބޭނެމަގު ތަނަވަސް ވުމަކީ އުފަލެއް. * ސްރީލަންކަން ގެ ސަބަބުން ތިޔަ ސަރަހައްދަށް ބޭރުފައިސާ އެތެރެ ކުރެވޭނެ މާހައުލެއް އުފެއްދުމަށް ވެސް މުހައްމަދު ފިރާގު ގެ ވިސްނުން ބެހެއްޓުން މުހިންމު ކަމުގައި ދެކެން. މިގޮތުން ހުވަދޫ އަތޮޅަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ހިކިމަސް ނުވަތަ ސިލޯނު މީހުން ކިޔާގޮތަށް ނަމަ Maldive Umbalakada އުފައްދާ ސަރަހައްދު. * ހިކިމަހުގެ އިތުރުން ހުވަދޫ އަތޮޅުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުން ތައްޔާރު ކުރާ އެންމެ ބޮޑު އެއް ފެކްޓަރީ އެބަހުރި. އަދި ފުވައްމުލަކުގައި މަސްވެރިކަމުގައި ހަރަކާތް ރެރިވާ ޕްރައިވެޓް އެންމެ ބޮޑޫ ކުންފުނި Ensis Fisheries ކާރުހާނާ އެބަހުރި އަދި Big Fish Processing Factory ގެ ވިޔަފާރި ހަރަކާތް ވެސް މިސަރަހައްދުގައޮ އޮތް ކަމަށްވޭ. * އެހެން ކަމަށްވާނަމަ އައްޑޫ ގެ މަގުން Export ކުރާ މުދަލަށް ސްރީލަންކަން އިން ''ވަރަށް ޙާއްސަ Freight ތައް ދެއްވައިގެން'' ސަރަހައްދުގައި ވިޔަފާރި ހަރަކާތް އިތުރުކޮށް ތިބޭފުޅުންނަށް ވެސް ވިޔަފާރި ލިބޭނެ ގޮތަށް ކަންކަން ކުރެއްވުން މުހިންމު. * ސްރީލަންކަން ގެ ގޭން ދަތުރު ތަކަކީ ކާމިޔާބް ދަތުރު ތަކަކށް ނުވާނެ ކަމަށާއި ''ބޮޑޫ ނަގުލަށް ގޮސް ދުވަސް ކޮޅަކުން ހުއްޓާލާނެ'' ކަމަށް ބުނާ މީހުންނަށް ނޭގޭ ކަމަކީ ސްރީލަންކަން އެއަރލައިން އަކީ ދުނިޔޭގެ އެތަސް ސަތޭކަ ޑެސްޓިނޭޝަން ތަކެއްގައި އަމިއްލަ އޮފީސް ހުޅުވައި ވައިގެ ދަތުރުގެ ހިދުމަތުގެ އިތުރުން ބޮޑު Travel Agency އެއް ހިންގާ ކުންފުންޏެއްކަން. އަދި ދުވަސް ކޮޅެއްފަހުން އެ ކުންފުނީގެ %80 ހިއްސާ އަމިއްލަ ކުރާ ބްލެކް ސްޓޯން އަކީ އެމަރިކާގެ ތަނަވަސް ފައިސާހުރި ކުންފުންޏެއްކަން. / މިނިވަންކަން ، އައްޑޫ ސިޓީ

The name is already taken The name is available. Register?

ހާޒީ

06 December 2016

ބަލަ އުތުރުގެ ޒުވާނާގެ ނަމުގަ ކޮމެންޓްކުރި މީހާ ބުނަން، ބޮއިން 777 ޖެއްސޭވަރުގެ 3.5 ކިލޯ މީޓަރު ރަންވޭ އެއް ނަގަންޏާ ތިޔަރަށުން މީހުން ބާލާ އެހެންތަނެއްގަ ވަޒަންވެރި ކުރުވަންޖެހޭ. އެކަމަށް ހަރަދުވޭ 2 އެއަރ ޕޯޓް އަޅަންދާ ވަރު. މިހާރު އޮތް ގޮތުން ނެގެނީ އެންމެ 2.3 ކިލޯ މީޓަރ.އެއީ އަސްލު މާނައިގަ އިންޓަރނޭޝަނަލް އެއަރ ޕޯޓެއް އޮޕަރޭޓް ކުރެވޭނެ ދިގުމިނެއް ނޫން. އެހެންވީމަ ކުޑަ ހަރަދަކުން އެވަރުގެ ރަންވޭއެއް އެޅޭނެ ވަރުގެ އުތުރުގެ އެހެން ރަށަކު އެއަރޕޯޓް އެޅުން މާ މުހިންމު

The name is already taken The name is available. Register?

ނަޒީރު

06 December 2016

ޢަދި އޮޅުން ފިލަންވާ ވަރަށް ނުފިލާ ތިހިރީ.

The name is already taken The name is available. Register?

ވަހީދާ

06 December 2016

ޗަންޕާ އަފީފުއަށް އައްޑުއަށް ކުރިމަތިލައިފިނަމަ އައްޑޫ ރައްޔިތުންގެ%95 ވޯޓު ލިބޭނެކަން ކަށަވަރު

The name is already taken The name is available. Register?

އަފީފު

06 December 2016

ގަން އެއަރޕޯޓު ތަރައްގީ ކުރުމަށް ބެންކު އޮފު މޯލްޑިވިސް އިން އެންމެފަހުން ދޫކުރި ލޯނު ދޫކުރީ ޗަންޕާ އަފީފު ޕާސަނަލް ގެރެންޓީ ދިނުމުން. ޗަންޕާ އަފީފުއަށް ވަރަށް ބޮޑަށް އައްޑޫ ރައްޔިތުން ޝުކުރު ދަންނަވާ

The name is already taken The name is available. Register?

މޫސަ

06 December 2016

ސެލިއުޓު ޔޯ ސަރ. ޗަމްޕާ ބްރއދާސް.....

The name is already taken The name is available. Register?

ހަބް

06 December 2016

އައްޑު އަތޮޅަކީ އެއީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީ އެވެ. ނިސްބަތުން އެންމެ ސްކިލްޑް މީހުން ގިނަ އަދި އެގްރެސިވް ކޮށް މަސައްކަތް ކޮށް މީހުންނަށް ޗެލެންޖް ކޮށްގެން މަސައްކަތް ކޮށް ދުނިޔޭގައި ކާމިޔާބު ހޯދުމުގައި އައްޑޫގެ ރައްޔިތުންނާއި މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި ތިބެނީ އެއް ޕޭޖެއްގައެވެ. އެހެންވުމުން އެމީހުންނަށް ވިޔަފާރީގައި މާލެ ސަރަަހައްދުގައި ތިބި ޖަޔަންޓް ބިޒްނެސް މަނުންނާއި އެކު މަސައްކަތް ކުރެވި އެމީހުންގެ ޕާރޓްނަރުންނަށް ތިބެވެނީ ވެސް. އައްޑޫގައި ލޯޔަލް އެން ފެއިތްފުލް މީހުން ވަރަށް ލޯޔަލް ވެފައި އަދި ފެއިތްފުލް އެވެ. މަސައްކަތަށް ޑިވޯޓްވެ މަސައްކަތަށް އަޅުކަން ކުރާ މީހުން ވެސް ގިނަ އެވެ. ކަން މިހެން ހުރުމުން މިފަދަ ސޮސައިޓީ އެއް މަމެން ޕިންކީންގެ ވެރިކަމުގައި ނިގްލެޓް މަމެން ނުކުރާނަމެވެ. އެހެން ވެއްޖެނަމަ ރާއްޖޭގައި އެތްނިކް ވަޔަލެންސް އަށް މަގުފަހިވެގެން ގޮސް އިރާގުގައި އަދި ޔަމަނުގައި މިހާރު އޮތް ފަދަ ޑިވިޜަން ތަކެއް އުފެދިގެން ދާނެއެވެ. މަމެން ޕިންކީން މިބަލަނީ އައްޑޫ އާއި ފޯއްމުލައް އެއީ ދެކުނުގެ ތަރައްގީ ގެ އިގްތިސާދީ ހަބަކަށް ހެދޭތޯއެވެ.

The name is already taken The name is available. Register?

މޫސާ

06 December 2016

އިރަކު އައްޑޫގައި ވިސްނުންތެރި، އުފެއްދުންތެރި ތިޔަބުނާ "ސްކިލްޑް" ބަޔަކު ތިއްބަސް މިއަދުގެ ޙާލަތައްބަލާއިރު ނިސްބަތުން އެއްމެ ކޮހުން ގިނައީ އައްޑޫގަ. އެހެންނަމަކަ ޗަމްޕާ އަމިއްލަ ޖީބުން ޚަރަދުކޮށް ޝްރީލަންކަން އިން އިސްނަގައިގެން (މިސަރުކާރުގެ އެއްވެސް އެްބާރުލުމެއްނެތި) ފެށި ތިޔަ ބޮޑު އޮޕަރޭޝަންގައި، ސަރުކާރުން ފުރިހަމަކުރަންޖެހޭ ބައި ފުރިހަމަ ނުވުމުގެ ސަބަބުން ވޯކްވިސާ އާއި އަލައް އަންނަމީހުން އައިސް ފުރުމުގެ ބައި. އާދެ! އެއްމެ މުހިއްމު ރުކުން އެއޮތީ އިހުމާލުވެފަ. އެއީ އިމިގްރޭޝަންސްގެ ނުކުޅެދުންތެރިކަންތީ ނޫނީ ވެރިމީހާ ގެ ނާޤާބިލު ކަމުންތޯ ސުވާލުކުރަނޭ ކިތައްމީހުންތޯ....ކޮބާތޯ އެއްކަލަ އުގުޅޭ މެމްބަރުން..ހުއް

The name is already taken The name is available. Register?

މުހައްމާދީދީ

06 December 2016

ޕީޕީއެމް އިން އައްޑޫގައި އެޅުމަށް ވައުދުވެފައިވާ 5000 ޓުވަރިސްޓު ބެޑު އަވަަހަށް އަޅާ ނިއްމާ. ކޮބާ އިސްމެހެލާ ހެރަ، ހަންކެޑެ، ސަވާހިލި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454