ދުނިޔެ / ލުބުނާން

ލެބަނާންގެ ސަފީރުން އަރަބި ގައުމުތަކުން ބޭރުކުރަނީ

ލެބަނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ގަރްދާހީ

31 އޮކްޓޯބަރ 2021 - 12:04

2 comments

އަރަބި ގައުމުތަކުން ލެބަނާނަށް ކަނޑައަޅާފައި ތިބޭ ސަފީރުން، އަނބުރާ އެ ގައުމުތަކަށް ގެނައުމާއި، އަރަބި ގައުމުތަކުގައި ތިބި ލެބަނާންގެ ސަފީރުން އެ ގައުމުތަކުން ބޭރުކުރުމުގެ "ސިޔާސީ ރޯޅި" އަށް އަދިވެސް ނިމުމެއް ނާދެ އެވެ.

ސަފީރުން އަނބުރާ ގެނައުމުގެ ރޯޅިއެއް މި އުފެދުނީ، ޔަމަންގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ސައޫދީ އަރަބިއްޔާ އިން ބައިވެރިވެ ހިންގަމުންދާ ހަރަކާތްތަކާ ދެކޮޅަށް، ލެބަނާންގެ އިންފޮމޭޝަން މިނިސްޓަރު ޖޯޖް ގަރްދާހީ ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ޓީވީ ޕްރެޒެންޓަރެއްގެ ގޮތުން އަރަބި ދުނިޔޭގައި ވަރަށް މަޝްހޫރު ޖޯޖް، އެ ވާހަކަތައް ދެއްކެވީ، "ޒުވާނުންގެ ޕާލަމެންޓް" ކިޔާ ޓީވީ ޕްރޮގްރާމެއްގަ އެވެ.

ޔަމަންގައި ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސް ސިފައިން ބައިވެރިވެގެން ހިންގާ ކަންކަމަކީ، ޔަމަނާ ދެކޮޅަށް ހިންގާ އުދުވާނެއްތޯ، ޓީވީ ޕްރޮގްރާމްގެ ޕްރެޒެންޓަރު ސުވާލު ކުރުމުން، ޖޯޖް ވިދާޅުވީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެއީ އުދުވާނީ އަމަލެއް ކަމަށެވެ. އަދި ޔަމަންގައި ސައޫދީ އާއި އެމިރޭޓްސް އިން ކުރަމުންދަނީ ބޭކާރު ހަނގުރާމައެއް ކަމަށާއި އެހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ޔަމަންގައި ހޫތީ ހަނގުރާމަވެރިން ކުރަމުން އެއަންނަ ކަމަކީ، ސައޫދީ އަރަބިއްޔާ އާއި އެމިރޭޓްސް އިން ތަންފީޒުކުރަމުންދާ ބޭރުގެ އުދުވާނީ ހަމަލާއަކުން، އެމީހުންގެ އަމިއްލަ ނަފްސު ދިފާއުކުރުމުގެ މަސައްކަތް. މިއީ އެއްވެސް ބޭނުމެއް ނެތް، ބޭކާރު ހަނގުރާމައެއް،" ޖޯޖް ވިދާޅުވެފައިވެ އެވެ.

ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހޫތީ ހަނގުރާމަވެރިންނަށް މަދަދު ފޯރުވަނީ އީރާނާއި ލެބަނާންގައި އޮންނަ ހިޒްބުﷲ ޖަމާއަތުންނެވެ. ޖޯޖް ގަރްދާހީއަކީ ހިޒްބުﷲ ޖަމާއަތާ އެކު ކޯލިޝަން ހަދާފައިވާ އެހެން ޕާޓީއެއްގެ ބޭފުޅެކެވެ.

ޖޯޖްގެ މި ވާހަކަތަކަކީ އޭނާ، ވަޒީރު ކަމުގެ މަގާމާ ހަވާލުވުމުގެ ވެސް މާ ކުރިން، މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ދެއްކެވި ވާހަކަތަކެކެވެ. މި ވާހަކަތައް ވައިގައި ހިފައިގެން މިއުޅެނީ، އެ ޕްރޮގްރާމްގެ ވީޑިއޯ ފޭސްބުކްގައި ހިއްސާކުރުމުން، ގިނަ ބަޔަކަށް އެ ވީޑިއޯ ފެނި ފާޑު ކިޔަން ފެށުމުންނެވެ.

މި މައްސަލައިގައި ލެބަނާން އާއި ގަލްފުގެ ގައުމުތަކާ ދެމެދު ސިޔާސީ އަދި ޑިޕްލޮމެޓިކް ނުތަނަވަސްކަމެއް މިއުފެދުނީ، ޔަމަން ހަނގުރާމައިގައި ސައުދީ އަރަބިއްޔާ އާއި އެމިރޭޓްސް ބައިވެރިވުމަށް ގަލްފުގެ ގައުމުތަކުން ތާއީދުކޮށްފައި ވަނިކޮށް، އެކަމާ އިދިކޮޅު ސިޔާސަތުގެ ބޭފުޅަކު ގަލްފު ގައުމެއްގެ ކެބިނެޓްގައި ހިމެނުމާ ގުޅިގެންނެވެ.

މި މައްސަލައިގައި މިދިޔަ ބުދަ ދުވަހު ސައޫދީ އަރަބިއްޔާ އިން ވަނީ، އެ ގައުމުގައި ހުންނަ ލެބަނާންގެ ސަފީރު، ސައޫދީގެ ހާރިޖިއްޔާ އަށް ހާޒިރުކޮށް، 48 ގަޑިއިރުގެ ތެރޭގައި ސައޫދީން ފުރައިގެން ދިއުމަށް އަންގައިފަ އެވެ. އަދި ލެބަނާންގައި ހުންނަ ސައޫދީ ސަފީރު އަނބުރާ ގައުމަށް ގެނައުމަށް ނިންމައިފަ އެވެ.

ސައޫދީއާ އެއްބައިވުމުގެ ގޮތުން، ބަހްރައިންގައި ހުންނަވާ ލެބަނާންގެ ސަފީރު ވެސް ވަނީ، ބަހްރައިންގެ ހާރިޖިއްޔާ އަށް ހާޒިރުކޮށްފަ އެވެ. އަދި ކުވައިތުގައި ހުންނަވާ ލެބަނާންގެ ސަފީރު ވެސް ވަނީ، ކުވައިތުގެ ހާރިޖިއްޔާ އަށް ހާޒިރުކޮށް، ޖޯޖްގެ ވާހަކަތަކާ މެދު ހިތްހަމަނުޖެހޭ ކަން އަންގައިފަ އެވެ. އޭގެ އިތުރުން، ޔަމަންގައި ހުންނަ ލެބަނާންގެ ސަފީރު ވެސް، ޔަމަންގެ ހާރިޖިއްޔާ އަށް ހާޒިރުކުރި އެވެ.

މިކަމާ ގުޅިގެން ލެބަނާންގެ ބޮޑުވަޒީރު ނަޖީބު މީގާތީ ވިދާޅުވީ، ޖޯޖް ގަރްދާހީ ދެއްކެވި ވާހަކަތަކަކީ، އޭނާގެ އަމިއްލަ ޚިޔާލު ކަމަށާއި، އެއީ ލެބަނާން ސަރުކާރުގެ ސިޔާސަތު ނޫން ކަމަށެވެ.

2 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުހާ.

31 October 2021

މިހުރީ އިސްލާމްދީނޭ ރަސޫލާގެ ސުންނަތޭ ކިއައިގެން ބޮލުގައި ފަގުޑި އޮޅައިގެން ތިބި ޢަރަބިންގެ ހާލު. މީހަކަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަންވެސް ނެތް. ޔަހޫދީ ދެ ގަބީލާ. ހިޖާޒުގެ މައްޗަށް އަތްގަދަ ކޮށްގެން އުޅޭތާ ގަރުނެއްވަނީ. އަނިޔާވެރި ނުބައި ބައެއް.

The name is already taken The name is available. Register?

ދުނިޔޭގެ ސިވަރުގޭގެ އަހުލުވެރިން

31 October 2021

ހާލޭ؟ ބަލަ އެއީ އެކަންފެށުނީއްސުރެ އޮތްގޮތޭ! ތިމާ އަމިއްލައައް މިއުންމަތަކީ ދުނިޔޭގެ ސްވިޓްޒަލަންޑް އޭހީކުރުމަކީ އެހެންމީހެއްގެ މައްސަލައެއް ނޫނޭ! އެއީ އަމިއްލަ ޖާހިލުކަން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454