ރިޕޯޓް / ހދ. ކުޅުދުއްފުށި

ހާއްސަ އެހީ ބޭނުންވާ ކުދިންނަށް އަފީފުއްދީން ސްކޫލުން ހިތްހަމަޖެހުން

ކުޅުދުއްފުށިން މާއިދާ މުހަންމަދު ރަޝާދު

06 ނޮވެމްބަރ 2021 - 08:27

1 comments

މަޑުމަޑުން އިނދެފައި ކުއްލިއަކަށް ރުޅިއައިގެން އަތުގައި އޮންނަ އެއްޗެއް ވެސް އެއްލާލަފާނެ އެވެ. އަމިއްލަ ނަފްސަށް ނުވަތަ އެހެން މީހަކަށް އަނިޔާވިޔަސް ވަރިހަމަ އެވެ. ވަރަށް އުފަލުން އިނދެފައި ކުއްލިއަކަށް ރޯން ފަށައި، މުޅި ކްލާސްރޫމުގެ އެތަން މިތަނުގައި ދުވެ އެއްޗެހި ހަލާކުކޮށް، އަޑުގަދަކޮށް ވެސް ހަދައިފާނެ އެވެ. އެކަމަކު އެއީ، އެއްގޮތަކަށް ވެސް ހަލަނިވެގެނެއް ނޫނެވެ. މިއީ އުފެދުމުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހާލަތު ހުންނަ ގޮތެކެވެ.

މިކަހަލަ ކުދިން ބެލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ހާއްސަކޮށް ސްކޫލުގެ އެތަން މިތަނުގައި މި ކުދިން ގެންގުޅެން ވެއްޖެ ނަމަ، އޭގެ ތުރާލާއި ތަކުލީފު ޓީޗަރުން އުފުލަން ޖެހޭ މިންވަރު އެތައް ގުނައެއް އިތުރެވެ.

ހދ. ކުޅުދުއްފުށީ، އަފީފުއްދީން ސްކޫލުގެ ސެން ޓީޗަރުން ވަނީ މި އުނދަގޫތައް ވެސް އެތައް އަހަރެއް ވަންދެން ތަޖުރިބާކޮށްފަ އެވެ. އެ ކުދިންނަށް ކްލާސް ރޫމެއް ނެތުމުން، ސްކޫލުގެ ލައިބްރަރީން ސްކޫލުގެ ކޮންމެވެސް އެހެން ދިމާލަކަށް ގޮސް މި ކުދިން މައިތިރިކޮށް ކިޔަވައިދިނީ "ވަރަށް ހާލުން" ކަމަށް މި ޓީޗަރުން ބުނެ އެވެ.

އެކަމަކު މި ވޭނާއި ތަކުލީފަށް ލުއި ލިބިއްޖެ އެވެ. އިންޑިއާ ސަރުކާރުގެ އެހީގައި 1.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އޭޕްރީލް މަހު، އަފީފުއްދީން ސްކޫލާއި ފުވައްމުލަކު، ހާފިޒު އަހުމަދު ސްކޫލުގައި ހުޅުވި އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓާ އެކު ނިމުމެއް އައީ ހަމައެކަނި ޓީޗަރުންގެ ތަކުލީފަކަށް ނޫނެވެ. ބެލެނިވެރިންނާއި ދަރިވަރުންނަށް ވެސް ލުއިވީ އެވެ. އެ ކުދިން ބާކީނުކޮށް، ރަނގަޅު ތައުލީމެއް ލިބިދާނެ ކަމުގެ އުއްމީދު ބޮޑުވީ އެވެ.

ސްކޫލަށް ކުދިން ދަނީ ދާހިތުން

އެހީއަށް ބޭނުންވާ ޖުމްލަ 35 ކުއްޖަކު އަފީފުއްދީން ސްކޫލުގައި ކިޔަވަމުން އެބަދެ އެވެ. އެ ކުދިންގެ ބެލެނިވެރިން "މިހާރު" އަށް ބުނި ގޮތުގައި އިންސްކުލޫސިވް ޔުނިޓާ އެކު އެ މީހުންގެ ދަރިންގެ ކިޔެވުމަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާކަން އެބަ ފާހަގަކުރެވެ އެވެ.

ވާހަކަ ދެއްކުމުން މަހްރޫމްވެފައިވާ ކުއްޖެއްގެ ބެލެނިވެރިއެއް ކަމަށްވާ ހަދީޖާ މުހައްމަދު ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅަކީ އެހެން ކުދިންނާ އެކު އުޅެން އަދި ގެންގުޅެން ވެސް ވަރަށް އުނދަގޫ ކުއްޖެކެވެ.

"އަޅުގަނޑު ވަރަށް ބޭނުންވެފައި ހުރީ އަފީފުއްދީން ސްކޫލުގައި މިކަހަލަ ޔުނިޓެއް ގާއިމުކުރުމަށް. ވަރަށް ބޮޑަށް ލުއި ވެއްޖެ މިތަނާ އެކު. ކުރިން ކުއްޖާ ގެންނަ ގޮތަށް އަޅުގަނޑު މަޑުކުރަން ޖެހޭނެ ކުއްޖާ ގަޑި ނިމެންދެން،" ހަދީޖާ އޭނާގެ ވާހަކަ ފެށި އެވެ.

ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓްގައި ދަރިވަރުން ކިޔަވަނީ-- މިހާރު ފޮޓޯ

ކުއްޖާގެ މިޒާޖު ހުންނަ ގޮތުން އެހެން މީހެއްގެ އަތްމައްޗަށް ކުއްޖާ ދޫކޮށްލުމަށް ފުރަތަަމަކޮޅު ފަސް ޖެހުނެވެ. އެކަމަކު ކުދިން ބެލެހެއްޓުމުގެ ގާބިލުކަމާއި ހުނަރު ހުރިކަން ސެން ދައްކައިދީ އެތަނުގެ ސެން ޓީޗަރުން މިވަނީ ބެލެނިވެރިންގެ އިތުބާރާއި ޔަގީންކަން ވެސް ހޯދައިފަ އެވެ.

"ފުރަތަމަކޮޅު ވަރަށް ޖެހިލުންވޭ ދަރިފުޅު އެހެން މީހަކާ ހަވާލުކޮށްލަން. އެހާ ވެސް ހިތްބިރުގަނޭ. އެކަމަކު ވަރަށް ފަސޭހަ މިހާރު. ޔުނީފޯމް ދައްކާލީމަ އެބަ އިނގޭ މިއުޅެނީ ސްކޫލަށް ގެންދަންކަން. ވަރަށް ދާހިތުން ތައްޔާރުވާން ދާނެ. އިނގޭ މިތަނުގެ ޓީޗަރުންނަށް ދަރިފުޅު ގެންގުޅެން އިނގޭކަން މިހާރު. އަޅުގަނޑު ވަރަށް ހިތްހަމަޖެހިގެން ދަރިފުޅު މި ޔުނިޓަށް މި ގެންނަނީ،" ހާއްސަ ޔުނިޓާ އެކު ލިބުނު ފަސޭހަތައް ހަދީޖާ ކިޔައިދިނެވެ.

ޓީޗަރުންގެ ދަތިކަން އެބަ އޮތް، އެކަމަކު ލިބުނު ވަސީލަތްތަކާ އެކު ހިތްހަމަޖެހޭ

ކިޔަވައިދޭން ތަންކޮޅެއް އުނދަގޫ ނުވަތަ ސިވިއާ ކުދިން ވެސް މި ސްކޫލުގައި ކިޔަވަމުން އެބަދެ އެވެ. ޓީޗަރުންގެ ހާއްސަ ސަމާލުކަން އެކުދިންނަށް ބޭނުންވެ އެވެ. އަދި އިތުރަށް އެހީތެރިކަން ދީގެން އާއްމު ކްލާސް ނުވަތަ މެއިންސްޓްރީމް ބަޔަށް ފަސޭހައިން ގެންދެވިދާނެ ކުދިން ވެސް މީގެ ތެރޭގައި އެބަ އުޅެ އެވެ. އެގޮތަށް އާންމު ކްލާސްތަކުގައި މީގެ ތެރެއިން ބައެއް ކުދިން މިހާރު ވެސް ކިޔަވަމުން އެބަދެ އެވެ.

އެކަމަކު ތަފާތު ޕްރޮގްރާމުތައް ހިންގައިގެން ނުވަތަ އެފަދަ ކުދިންނަށް ޝަައުގުވެރިވާނެ ގޮތަކަށް ކިޔެވުމާއި ހުނަރު ދަސްކޮށްދިނުމުގެ މަސައްކަތް ކުރުމުގައި އުޅެން ތިބީ އެންމެ އަށް ޓީޗަރުންނެވެ. އެހެންވެ އެންމެ ދޭން ބޭނުންވާ ގޮތަށް ކުދިންނަށް އަދިވެސް ސަމާލުކަން ދޭން އުނދަގޫވާ ކަމަށް ޓީޗަރުން ފާހަގަކުރެ އެވެ.

ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓްގައި ދަރިވަރުން ކިޔަވަނީ-- މިހާރު ފޮޓޯ

"ވަރަށް ބޭނުންވެފައި ތިއްބާ މި ޔުނިޓް މި ލިބުނީ. މީގެ ދެ އަހަރު ކުރިން އަޅުގަނޑުމެން ތަފާތު އެކި ސިވިއަރިޓީގެ ކުދިން ގެންގުޅުނިން އެއީ ކިތަންމެ މަދު އަދަދެއް ނަމަވެސް. އޭރު ސްކޫލުގެ ހާލަތުން އެއްވެސް ކްލާހެއް ހުސްކޮށެއް ނީންދެ. ކުއްޖެއްގެ ބިހޭވިއާގެ ކަމެއް އައިސްގެން އޭތި ކާމް ކޮށްލަން ވިޔަސް އިތުރު ކްލާހެއް ނުލިބޭ. އެކި ތަންތަންކޮޅުގަ އުޅުނީ އޭރު."

ކޮވިޑާ އެކު މި ކުދިންނަށް އޮންލައިންކޮށް ކްލާސްތައް ގެންދިއުން ވެސްވީ ބޮޑު ދައްޗަކަށެވެ. އެކަމަކު ގިނަ ގޮންޖެހުންތަކަކާ އެކު އުޅެމުންދަނިކޮށް އެކުދިންނަށް ހާއްސަ ޔުނިޓެއް ލިބުމުން ވަން ޓު ވަން ސެޝަންތަކާއި ޕުލް އައުޓް ސެޝަންތައް ކުރިއަށް ގެންދެވޭނެ މަގު ފަހިވެ، ކިޔަވައިދޭ ވަގުތު އިތުރުކުރި އެވެ.

ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ އިންކްލޫސިވް އެޑިއުކޭޝަން ޔުނިޓް-- މިހާރު ފޮޓޯ

"އޭގެ ސަބަބުން ބެލެނިވެރިން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. ދިހަވަރަކަށް ކުދިނުން ފެށިޔަސް މިހާރު 35 ކުދިން އެބަ ކިޔަވާ މިތަނުގައި. އަޅުގަނޑު ގަބޫލުކުރަނީ އެފަދަ މާހައުލެއްގައި އެ ކުދިންނަށް ދިން ތަރުބިއްޔަތުންނޭ ކުދިން އިތުރުވީ."

އެ ޔުނިޓާ އެކު ލިބުނީ ހަމައެކަނި ހަތަރު ފާރެއް ނޫނެވެ. ކިޔަވައިދިނުމުގައި ބޭނުންކުރާނެ އިތުރު ވަސީލަތްތައް ލިބި ޓީޗަރުން ތަމްރީނުކުރި އެވެ. އެކަމަކު 35 ކުދިންނަށް މިވަގުތު ކިޔަވައިދެމުން އަންނަނީ އެންމެ 9 ޓީޗަރުންނެވެެ. މި އަދަދު އިތުރުވުމަކީ އެތަނުގެ ޓީޗަރުންގެ އުއްމީދެކެވެ.

އަފީފުއްދީން ސްކޫލުގައި 2017 ވަނަ އަހަރުން ފެށިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެމުން އައި ނަމަވެސް އެތަނަށް އެފަދަ ކުދިން ވަންނަ މިންވަރު އިތުރުވީ މި ޔުނިޓާ އެކު އެވެ. އިތުރު ވަސީލަތްތައް ގާއިމުކުރެވި، އެ ކުދިންގެ ކިޔެވުމުގެ ފެންވަރު ރަނގަޅުކުރުމަކީ ސްކޫލުގެ އެންމެ ބޮޑު އެއް އަމާޒެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 20%
icon inlove icon inlove 80%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިންޑޯ

06 November 2021

1.6 މިލިއަން އެއީ ވަރަށް ކުޑަ އަދަދެއް ބޭރު ގައުމެއްގެ އެހީ ހޯދައިގެން ކުރާވަރު ކަމެއް ނޫން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454