މިދިޔަ ހަފުތާގައި ސްކޭމްގެ 36 މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ގިނައީ އޮންލައިން ވިޔަފާރިތަކާ ގުޅޭ ސްކޭމްތައް ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ. 

މި މަހުގެ 7 އިން 13 ވަނަ ދުވަހުގެ ނިޔަލަށް ހިންގި ސްކޭމްތަކުގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ މުއްދަތުގައި 36 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ. އެ މައްސަލަތަކުގައި 118،370ރ. ގެ ގެއްލުމެއް ލިބިފައިވާއިރު، އޭގެ ތެރެއިން 164،240ރ. އަނބުރާ ހޯދާފައިވާ ކަމަށް ސްކޭމް ސެންޓަރުން ބުންޏެވެެ. 

އެ ސެންޓަރުން ބުނި ގޮތުގައި އީ-ކޮމާސް ސެކޭމްތަކަކީ މި ހަފުތާގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލަތަކެކެވެ. ސްކޭމްކުރަން ބޭނުންކޮށްފައި ވަނީ އޮންލައިން މެސެޖިން ފްލެޓްފޯމްތަކާއި އައިބޭ އާއި ފޯނު ކޯލް އަދި ފިޝިން ލިންކާއި ފޭސްބުކް މާކެޓްޕްލޭސް ކަމަށް ބުންޏެވެ. 

ސްކޭމްގެ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ އީ-ކޮމާސްގެ 26 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ނަމުގައި ސްކޭމް ހިންގި އެއް މައްސަލައާއި އިންޕާސަނޭޝަން ހަތަރު މައްސަލައަކާއި އެހެނިހެން ފަސް މައްސަލައެކެވެ. 

އެހެންވެ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރަން އެދިފައިވެ އެވެ. ނޭނގޭ މީހުންނަށް ކުރިއާލައި ފައިސާ ފޮނުވުމުގެ ބަދަލުގައި ހިފޭ ވަސީލަތްތައް ބޭނުންކުރުމަށާއި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވާން އެންޓި ސްކޭމް ސެންޓަރުން އެދުނެވެ.