އިއްޔެ ބޭއްވި ތިން އިންތިހާބުގައި ޕީއެންސީ ކުރިމަތިލާން ޖެހުނު ބައްޔާ އެކު، އެއީ ދެން ކުރަންވީ ކަންކަމާއި ދާންވީ މަގު ސާފުކޮށްދިން މުހިންމު އިންތިހާބަކަށް ވެސް ވި ކަމަަށް ފިޝަރީޒް މިނިސްޓަރު އަދި އެ ޕާޓީގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އިއްޔެގެ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ގިނަ ގޮނޑިތައް ނެގީ އިދިކޮޅު އެމްޑީޕީ އެވެ. އަދި ފަސް ސިޓީގެ މޭޔަރުކަން ވެސް އެ ޕާޓީ ދިފާއުކުރިއިރު ރިޔާސީ އިންތިބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ސަރުކާރުން ބޭނުންވި ނަމަވެސް 70 ޕަސެންޓަށް ވުރެ މަތިން އެ ކަމަށް ވެސް ބުނީ ނޫނެކޭ އެވެ.
އެ ނަތީޖާތަކަށް ރިއާޔަތް ކުރައްވައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ނައިބު ރައީސް ޝިޔާމް ވިދާޅުވީ، އިންތިހާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ މެދު ފުންކޮށް ވިސްނައި، ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުސަތުތަކެއް ކަަމަށެވެ. އަދި މި ސަރުކާރާއި ޕީއެންސީއަކީ އަބަދުވެސް ކުރިޔަށް ވިސްނާ ބައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިހާބެއް. އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދެއްވާފައި،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އިންތިހާބުތަކުގެ ނަތީޖާއާ އެކު ވެސް ރައީސް މުއިއްޒު ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ އެވެ.
"މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާ އެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި،" ޝިޔާމް ވިދާޅުވި އެވެ.
އިންތިހާބުތަކުގެ ނަތީޖާތަކާ އެކު ރައީސް މުއިއްޒު ރޭ ވިދާޅުވީ، އެ ނަތީޖާތަކަށް ރިއާޔަތް ކުރައްވައި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ ކަންކަން ރަނގަޅު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.