ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް މިނިސްޓަރުންނާ ކުރި ގިނަ ސުވާލުތަކަކަށް މިހާތަނަށް ޖަވާބުނުދީ، އިންތިހާއަށް ލަސްވާ ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ފޮނުއްވި ސިޓީގައި ކުޑޫ ވިދާޅުވީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފަރާތުން ޑިސެމްބަރު 4، 2024 އިން ފެށިގެން ޖެނުއަރީ 13، 2026 އާ ހަމައަށް ފޮނުވާފައިވާ ސުވާލުތަކަށް މިއަދާ ހަމައަށް ވެސް ޖަވާބު ލިބިފައި ނުވާ ކަމަށެވެ.
ކުޑޫގެ ސިޓީއާ އެކު ވަނީ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން މިނިސްޓަރުންނަށް ފޮނުއްވާފައިވާ 62 ސުވާލު ހިމަނައިފަ އެވެ.
އޭގެ ތެރޭގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި ދިވެހި ލޭންގުއެޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހިމާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި ސިޓީސް، ލޯކަލް ގަވާމަންޓް މިނިސްޓަރު އާދަމް ޝަރީފާއި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލްގެ އިތުރުން ސޯޝަލް އެންޑް ފެމިލީ މިނިސްޓަރަށް ޑރ. އައިޝަތު ޝިހާމަށް ފޮނުވާފައިވާ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށް ކުޑޫ ވިދާޅުވި އެވެ.
ސިޓީގައި ކުޑޫ ފާހަގަކުރެއްވި ގޮތުގައި، މިނިސްޓަރުންނަށް ސުވާލުކުރުމުގެ ގާނޫނުގެ ތިންވަނަ ވަނަ މާއްދާ، ސުވާލުކުރުމުގެ ނޯޓިސް ދިނުމުގެ ހ. ގައި ބަޔާންކޮށްފައި ވަނީ މަޖިލީހުގެ މެމްބަރަކު މިނިސްޓަރަކާ ސުވާލުކުރާނީ މަޖިލީހުގެ ރައީސް މެދުވެރިކޮށް ލިޔުމުން ކަމުން ސުވާލުގެ ނޯޓިސް ފޮނުވައި 14 ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، މަޖިލީހުގެ ޖަލްސާއެއްގައި ކަމަށެވެ.
ކަނޑައެޅިގެން ގާނޫނެއްގައި ވަކި ގޮތަކަށް އެކަން ކުރުމަށް ބަޔާންކޮށްފައިވަނިކޮށް އެކަން އެގޮތަށް ނުކުރުމަކީ ގާނޫނަކާ ހިލާފުވުމުގެ އަމަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުޑޫ ވިދާޅުވި އެވެ. އެހެންވެ، އެކަން ދިމާނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސެވުމަށް އެދިވަޑައިގެންނެވި އެވެ.