ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދެމެދު މިހާރު އޮންނަ މުއްދަތް ވެސް ގޯސް ކަމަށާއި އެންމެ ރަނގަޅު އެއްގޮތަކީ ރިޔާސީ ދައުރުގެ މެދުތެރެއިން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭ މަސައްކަތްތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްވެ ފައްޓަވާފައިވާއިރު، ޅ. ކުރެންދޫގެ އެމްޑީޕީގެ ޖަގަހަ ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބޫ ވަނީ އެ މަނިކުފާނު އެ ކަމުގައި ދެކެވަޑައިގަންނަވާ ގޮތް ހާމަކުރައްވައިފަ އެވެ. 

އިބޫ ވިދާޅުވި ގޮތުގައި، މިހާރު ވެސް އަމަލުކުރާ ގޮތް އެ މަނިކުފާނަށް ރަނގަޅެއް ނޫނެވެ. 

ކުރީގެ ރައީސް އިބޫ ވިދާޅުވީ، ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރާތާ ތިން މަސް ފަހުން ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާއިރު، އެ މަޖިލިސް އޮންނަނީ ރައީސްގެ ބާރުގެ ދަށުގައި ކަމަށެވެ. މިހާތަަނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން ފެނުނީ އެ މަންޒަރު ކަމަށް އިބޫ ވިދާޅުވި އެވެ.

"ރައީސް ޔާމީން އިންތިހާބުވެވަޑައިގަތުމަށް ފަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބޮޑުކޮށް ރައްޔިތުންގެ މަޖިލިސް ނެގި. ދެން އައީ އަޅުގަނޑުގެ ވެރިކަމުގެ ދުވަސްވަރު، 2018 ގައި އަޅުގަނޑު އިންތިހާބުވުމަށް ފަހު 2019 ގައި އަޅުގަނޑު ނެގިން ޔާމީނަށް ވުރެ ގިނައިން ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ. ދެން މި އައީ ރައީސް މުއިއްޒު،" އިބޫ ވިދާޅުވި އެވެ. 

"ރައީސް މުއިއްޒު ނަގައިފި އެ އަށް ވުރެ ގިނައިން. މާ ގިނައިން ނަގައިފި."

އިބޫ ވިދާޅުވީ، ރައީސްގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް ހާސިލް ކުރެއްވޭ ވަރު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށާއި އެއްގޮަތަކީ ދެ އަހަރު ބައި ހޭދަކުރައްވާފައި ނުވަތަ މިޑްޓާމް އިލެކްޝަނެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުން ކަމަށެވެ. 

އަނެއް ގޮތަކީ އިބޫ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށް ފަހު، މަޖިލިހުގެ ދައުރު ދެ އަހަރު ބަޔަށް ކުޑަކޮށްލުމެވެ. 

"އެ އަށް ފަހު ދެ އަހަރު ބައިކޮށްފައި އަނެއްކާ ވޯޓަކަށް ދާނީ. ހަމަ ގައިމު ވެސް ރައީސުލްޖުމްހޫރިއްޔާ ފަސް އަހަރު ދުވަހު އެ މަސައްކަތް ކުރާއިރު ވަކި ހިސާބަކުން ޖަވާބުދާރީ ކުރެވޭނެ ގޮތެއް އެބަ ހަދަންޖެހޭ،" އެ މަނިކުފާނު ވިދާޅުވި އެވެ. 

އިބޫ ވިދާޅުވީ، ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ޖަވާބުދާރީ ނުކުރެވޭ ކަމަށާއި ކޮންމެވެސް ބަދަލުތަކެއް އަންނަންޖެހޭ ކަމަށެވެ. އެކަމަކު، މިހާރު އެ ކަމަށް ސަރުކާރުން ހުށަހަޅާފައި ވަނީ އެންމެ ރަނގަޅު ބަދަލު ނޫން ކަމަށް ވިދާޅުވި އެވެ. 

އެހެންވެ، އިބޫ ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ މެދު ނަގަން ރާވާ ފެންނަ ނުފެންނަ ވޯޓާ މެދު ވަަރަށް ފުންކޮށް ވިސްނަންޖެހޭ ކަމަށެވެ. 

އެ މަނިކުފާނު ވިދާޅުވީ، އެއީ ހެޔޮ ނިޔަތުގައި ނަގާ ވޯޓެއް ނަމަ ރައްޔިތުންނާއި އެންޖީއޯތަކާއި ސިޔާސީ ޕާޓީތަކާއި ޖުޑިޝަރީ އާއި ގާނޫނީ ވަކީލުންނާ ވެސް މަޝްވަރާ ކުރާނެ ކަމަށެވެ. 

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފަ އެވެ. 

ދެ އިންތިހާބު އެއްކޮށްލުމުގެ ބަދަލު ގާނޫނުއަސާސީ އަށް ގެނެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުން އެކަމަށް އަޣުލަބިއްޔަތު ލިބިގެން ކަމަށް ވާތީ، އެ ބަދަލާ ގުޅޭ ގޮތުން އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު ބާއްވަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެކަމަކު އަދި ގޮތެއް ކަނޑައެއް ނާޅަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަކީ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށާއި އޭރުން ރައްޔިތުންގެ ފައިސާއިން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށެވެ.

"ރައްޔިތުންގެ މިގޮތަށް ނިންމަވައި ދެއްވައިފިއްޔާ ގާނޫނުއަސާސީ އަށް އިސްލާހު ގެނެސް ދެން 2028 ވަނަ އަހަރު މި ދެ އިންތިހާބު އެކު އެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް،" ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.