އެމްޑީޕީގެ އެތެރޭގައި މިހާރު ފެށިފައިވާ ބޮޑު ހަމަނުޖެހުމުގެ ތެރެއިން "ކަތިލަނީ" އޭނާ ނޫން ކަަމަށާއި "އެ ކަތިލަނީ އެމްޑީޕީ" ކަމަށް ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) މިއަދު ވިދާޅުވެއްޖެ އެވެ. 

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ކާމިޔާބީ އަށް ފަހު، އެމްޑީޕީގެ އެތެރޭގައި ގަޕޯއާ މެދު ހިޔާލު ތަފާތުވުން އުފެދުނީ އެ އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަން ފުރުސަތު ނުދެއްވި މައްސަލައިގަ އެވެ. 

އެކަމާ ނުރުހުން ފާޅުކޮށް، ނަޝީދަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޖަލްސާ ބޮއިކޮޓްކުރި އިރު ނަޝީދު ވެސް ޖަލްސާ އަށް ވަޑައެއް ނުގަންނަވަ އެވެ.

އޭގެ ފަހުން، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން (މާލީ) އިބްރާހިމް ވަހީދާއި ލީގަލް ޑައިރެކްޓަރު އަހުމަދު މައުރޫފް ކުއްލި ގޮތަކަށް އިއްޔެ ވަކިކުރުމުން އިތުރަށް ހޫނުވެ، ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މިހާރު ވަނީ އެމްޑީޕީ އަށް ހުށަހަޅައިފަ އެވެ. އެ ހުށަހެޅުމުގައި އެ ޕާޓީގެ ސީނިއާ ބައެއް މެމްބަރުން ހިމެނިިވަޑައިގަންނަވާ ގޮތަށް ގައުމީ މަޖިލިހުގެ 55 ބޭފުޅަކު ސޮއިކުރެއްވި އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހާރާއި މިހާރުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި ވީޑިއޯ މެސެޖެއްގައި ގަޕޯ މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގެ ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގެ އެޖެންޑާ އެކުލަވައިލެއްވީ އޭނާގެ އަމިއްލަ ހިޔާލަށް ނޫން ކަމަށެވެ. 

ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި ވީޑިއޯގައި ގަޕޯ ފުރަތަމަ ވިދާޅުވެ ދެއްވީ ޖަލްސާގެ ޖަލްސާގެ އެެޖެންޑާ އެކުލަވައިލި ގޮތާއި އެ އަށް ފަހު ނަޝީދާއި ފައްޔާޒު ގުޅުއްވައި ވާހަކަ ދައްވަން ފުރުސަތު ދެއްވަން އެދިވަޑައިގެންނެވުމުން އަމަލު ކުރެއްވި ގޮތެވެ.

"އެރޭ ފައްޔާޒު ގުޅާފައި ބުނި ތިމަންނާ [ޖަލްސާގައި] ވާހަކަ ދައްކަން ބޭނުމޭ. ފައްޔާޒު ކައިރީ ބުނިން އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ، ވާހަކަ ދައްކާފައި އަޅުގަނޑު ގޮތެއް ނިންމާފައި ޖަވާބެެއް ދޭނަމޭ. ހަމަ އެ ކޯލް ބޭއްވި ތަނާ ރައީސް ނަޝީދު އަޅުގަނޑާ ގުޅި،" ގަޕޯ ވިދާޅުވި އެވެ.

"ގުޅާފައި ބުނީ ތިމަންނައަށް ވާހަކަ ދައްކަން ފުރުސަތު ދޭން ޖެހޭނެއޭ، އަޅުގަނޑު ބުނިން އަޅުގަނޑު އަމިއްލައަކަށް ނޫނޭ ކަންކަން ނިންމާނީ، އަޅުގަނޑު ނިންމާނީ ކެމްޕެއިން ކޮމިޓީގައި މަޝްވަރާ ކޮށްފައޭ، އަޅުގަނޑަށް ވަގުތުކޮޅެއް ދޭށޭ."

ގަޕޯ ވިދާޅުވި ގޮތުގައި ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން އެ ޖަލްސާ "ބޮއިކޮޓް" ކުރިކަން މީޑިއާ އަށް އެރީ އެ ކޯލް ނިންމަވައި ފޯނު ނުވެސް ބާއްވަނީހެވެ. 

"[ވަގުތުކޮޅެއް ދޭށޭ] ބުނެފައި ފޯނު ނުބޭއްވޭ، ބްރޭކިން ނިއުސް އަށް އަރުވައިފި [ނަޝީދު] ޖަލްސާ ބޮއިކޮޓް ކުރި ކަމަށް،" ގަޕޯ ވިދާޅުވި އެވެ.

ގަޕޯ ވިދާޅުވީ، ކަން ހިނގައިދިޔައީ އެހެން ކަަމަށް ވާއިރު އޭނާގެ ނުފޫޒުން ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ.

އެ ތަފްސީލް ދެއްވުމަށް ފަހު، ގަޕޯ ވިދާޅުވީ ޖެހިގެން އައި ދުވަހު ބައްދަލުވުމެއް ބާއްވައި، ވާހަކަ ދެއްކެވުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ.

ވަގުތީ ޗެއާޕާސަން ކަމަށް ގަޕޯ ވަޑައިގެންނެވިއިރު، އެމްޑީޕީ އޮތް ހާލަތާ ބެހޭ ގޮތުން އޭނާ އެ އަށް ފަހު ވާހަކަ ދެއްކެވި އެވެ.

"ވޭތުވެ ދިޔަ ތިން އިންތިހާބުން ފޭލިވި، ހަތަރު ބައި-އިލެކްޝަނުން ފޭލިވި، ޕާޓީ މަގުމަތި ވެފައި އޮތް ވަގުތު އަޅުގަނޑު ތެދުވެ، ޕާޓީ ނަގާ ކޮޅަށް ޖެހީ. އެކަން ދަންނާނެ މިތާ މި އުޅޭ އެންމެން ވެސް،" ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ ވިދާޅުވި އެވެ.

ނަމަވެސް މިއަދު އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުވުމުން އޭގެ ކްރެޑިޓް އޭނާ އަށް ދޭން  ވިދާޅުނުވާ ކަމަށާއި އެއީ ޕާޓީގެ މެންބަރުންގެ މަސައްކަތް ކަމަށް ވެސް ގަޕޯ ވިދާޅުވި އެވެ. 

"އެހެންވީމާ މިއަދު އަޅުގަނޑު ކަތިލުމަކުން މިކަމެއް އަދި ފުރިހަމަ ވެގެނެއް ނުދޭ، މިއަދު އެ ކަތިލަނީ އެމްޑީޕީ،" ގަޕޯ ވިދާޅުވި އެވެ.

އެގޮތަށް ކަންތައް ކުރީމާ އެމްޑީޕީ ނިކަމެތިވާ ދުވަހު އެ ޕާޓީއާ ދެން ހަވާލުވާނީ ކާކުތޯ  އޭނާ ސުވާލު އުފެއްދެވި އެވެ. 

ވަގުތީ ޗެއާޕާސަން ގަޕޯ މަގާމުން ވަކިކުރުމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ ގައުމީ މަޖިލިހުގެ ޖަލްސާ އަށް ވަނީ އެޖެންޑާކޮށްފަ އެވެ. 

ގަޕޯ "މިހާރު" އަށް މިއަދު ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ގައުމީ މަޖިލިހަށް ހުށަހަޅާފައި ވިޔަސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި އެކަމާ މެދު ގޮތް ނިންމަންޖެހޭނީ ގައުމީ މަޖިލިހުގައި ނަގާ ވޯޓުން ކަމަށެވެ.

"އެ ޖަލްސާގައި ވޯޓުން ގޮތް ނިންމާނީ. އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން،" ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ ވިދާޅުވި އެވެ.