އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެ ޕާޓީގެ ގައުމީ މަޖިލިހަށް ހުށަހަޅާފައިވިޔަސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށާއި އެކަމާ މެދު ގޮތް ނިންމަންޖެހޭނީ ގައުމީ މަޖިލިހުގައި ނަގާ ވޯޓުން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ. 

ގަޕޯގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޕެޓިޝަނުގައި 55 މެމްބަރުން ސޮއިކޮށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ގަޕޯ ވިދާޅުވީ ގައުމީ މަޖިލީހުގެ ޖަލްސާ ބޭއްވުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމަށް ޗެއާޕާސަންގެ ނައިބު، މާލީ އަހުމަދު އަބްދުﷲއާ ހަވާލު ކުރައްވާފައިވާނެ ކަމަށެވެ. 

"އެ ޖަލްސާގައި ވޯޓުން ގޮތް ނިންމާނީ. އަޅުގަނޑު އިސްތިއުފާއެއް ނުދޭނަން،" ހަނިމާދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގަޕޯ ވިދާޅުވި އެވެ.

ވަގުތީ ޗެއާޕާސަން ކަމުން ގަޕޯ ވަކިކުރުމުގެ މަސައްކަތް ފެށީ އެ ޕާޓިގެ ޑެޕިއުޓީ ޗެއާޕާސަން އިދާރީ، އިބްރާހިމް ވަހީދު (އިބުރޭ) އާއި ލީގަލް ޑިރެކްޓަރުގެ މަގާމުން އަހުމަދު މައުރޫފް އިއްޔެގެ ވަގުތެއްގައި މަގާމުން ވަކިކޮށްފައިވާ ކަމަށް ގަޕޯ ސޮއިކުރެއްވި ސިޓީއެއް ފޮނުވި މައްސަލަ ހޫނުވެފައިވަނިކޮށެވެ. 

އެކަމަކު އެ ބޭފުޅުން ވަކިކުރި ސަބަބެއް ސިޓީގައި ނެތެވެ. 

އެ މައްސަލައަށް އިޝާރާތް ކުރައްވައި ގަޕޯ މިއަދު ވިދާޅުވީ އެ ބޭފުޅުން ވަކިކުރެއްވީ މަސައްކަތްތަކުގައި އިދާރީ ގޮތުން އެއްބާރުލުން ނުދެއްވާތީ ކަމަށެވެ. 

އެ ނިންމެވުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެމްޑީޕީގެ އިސްތިއުފާނު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިގެން މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު އަދިވެސް އެ ބޭފުޅުންނަށް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

"އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިހުން މައްސަލަ ބަލާފައި އެ ބޭފުޅުންގެ މަގާމު އިޔާދަ ކުރާ ނަމަ ކުރަންވީ. އެ ފުރުސަތު އެ ބޭފުޅުންނަށް އެބައޮތް،" ގަޕޯ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު 8 ގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގައުމީ މަޖިލިހުގެ 65 މެމްބަރުންގެ ވޯޓުން އިންތިހާބުކުރި ގަޕޯގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިދޭން ލާޒިމްކުރެ އެވެ. 

ގައުމީ މަޖިލީހުގައި 123 މެމްބަރުން ތިއްބަވާއިރު، ޖަލްސާ ކުރިއަށް ގެންދެވެނީ 31 މެމްބަރުން ހަމަވެގެންނެވެ. 

ގަޕޯ ވަކިކުރުމަށް އެދި ހުށަހަޅާފައިވާ ޕެޓިޝަނުގައި ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލާއި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ކުރީގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ކުރީގެ މެމްބަރު ޔާސިރު އަބްދުލްލަތީފާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނުގެ އިތުރުން އެމްޑީޕީގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިބްރާހިމް އަމީރު ވެސް ހިމެނެ އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން އަނެއްކާވެސް ހޫނުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި އެ ޕާޓީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭގައި ބޭއްވި ޖަލްސާގައި ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާހަކަފުޅު ދެއްކެވުމުގެ ފުރުސަތު ދިނުމަށް ފަހު، ފަހުން އެޖެންޑާ އިން އެ އައިޓަމް އުނިކުރި މައްސަލައެއްގަ އެވެ. 

އެ މައްސަލަ ހޫނުވެ، ނަޝީދާއި އެ މަނިކުފާނަށް ތާއީދުކުރާ އެކްޓިވިސްޓުން އެ ޖަލްސާ ބޮއިކޮޓްކުރި އެވެ.