ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން އެ ޕާޓީގެ ސީނިއާ މެންބަރެއް ކަމަށްވާ ދިއްގަރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ބޭރުކޮށްލައިފި އެވެ.
ނާޒިމް ވަޓްސްއެޕް ގުރޫޕުން ބޭރުކޮށްލާފައިވާކަން ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ބައެއް މެންބަރުން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި ނަމަވެސް ސަބަބު ވިދާޅެއް ނުވެ އެވެ.
އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ކުރިމަތިވި ނާކާމިޔާބީ އަށް ފަހު، ނާޒިމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރުނެވެ. އަދި، މަޖިލީހުގެ ނައިބު ރައީސްކަމުން އޭނާ ދުރުކުރަން މައްސަލަ ހުށަހަޅަން ސޮއި ހަމަކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމުގެ އަޑު ފެތުރުނެވެ.
ނާޒިމް މަގާމުން ވަކިކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕް ތެރޭގައި މަސައްކަތް ފަށާފައިވާ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން އޭރު "މިހާރު" އިން ސުވާލު ކުރުމުން ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެފައިވަނީ އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާއި އެފަދަ ސަބަބެއް މެދުވެރި ވެސް ނުވާ ކަމަށެވެ.
ވެރިކަން ކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ ޕީއެންސީގައި އެންމެ ނުފޫޒު ގަދަ އެއް މެންބަރުގެ ހައިސިއްޔަތުން މަޖިލީހުގެ އެންމެ ބާރު ގަދަ ދެ ކޮމިޓީގައި ނާޒިމް ކުރިން އިންނެވި އެވެ. އެކަމަކު، އެ ދެ ކޮމިޓީން އޭނާ ވަކިކޮށް، މިހާރު ވަނީ މަޖިލީހުގެ އެންވަޔަރްމެންޓް ކޮމިޓީ އަށް ބަދަލުކޮށްފަ އެވެ.
ނާޒިމް ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީންނެވެ.
"މިހާރު" އިން ސުވާލު ކުރުމުން އޭނާ ވިދާޅުވި ގޮތުގައި އެ ދެ ކޮމިޓީ އަށް ވެސް އޭނާގެ ބަދަލުގައި އެހެން މެންބަރުން އައްޔަންކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މަސައްކަތް މިހާރު ހުރި ގޮތުން، ދެ ކޮމިޓީ އަށް ވަގުތު ނުދެއްވޭތީ އެގޮތަށް އެއްބަސްވެވަޑައިގަތުމުންނެވެ.
މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކުރީ މޭ 28، 2024 ގަ އެވެ.
ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.