ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މީގެއިރުކޮޅެއް ކުރިން ފާސްކޮށް، އެކަމަށް ބޭނުންވާ އަދަދަށް ސޮއި ހަމަކޮށްފި އެެވެ.

އެނގިފައިވާ ގޮތުގައި ޕީއެންސީގެ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއް ބާއްވައި، ފާސްކޮށްފައި ވަނީ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ބޭނުންވާ ސޮއި ހަމަކުރުމުގެ މަސައްކަތް ފެށުމަށެވެ.

އެއާއެކު، ޕީޖީ ގުރޫޕުގެ މެމްބަރަކު ވިދާޅުވީ މިހާރު އެކަމަށް ބޭނުންވާ ސޮއި ވެސް ހަމަކޮށްފައިވާ ކަމަަށެވެ. 

މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާ އެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ.

ނަމަވެސް މަޖިލިހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ ގަވާއިދުގައިވާ ގޮތުން މަޖިލިހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވާ މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. 

ރައްޔިތުންގެ މަޖިލިހުގައި 93 މެމްބަރުން ތިއްބަވާއިރު އޭގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 76 އެވެ. 

މަޖިލިހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމިއިރު، އެ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ވެސް އޭނާ މިއަދު ހެނދުނު ވަނީ ބޭރުކޮށްލައިފަ އެވެ. 

ނާޒިމާއި ޕީއެންސީގެ އިސްފަރާތްތަކާ ގުޅުން ގޯސްވި ސަބަބުތައް އަދި ތިލައެއް ނުވެ އެވެ. ނަމަވެސް މަޖިލިހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަން "ނުސީދާކޮށް" އަންގާފައިވާ ކަމަށް އެނގިފައިވެ އެވެ. އަދި މަޖިލީހުގައި އެންމެ ބާރުގަދަ ކޮމިޓީތަކުން ކުރިން ނާޒިމް ވަނީ ވަކިކޮށްފަ އެވެ. 

"މިހާރު" އިން ސުވާލު ކުރުމުން ނާޒިމް ކުރިން ވިދާޅުވި ގޮތުގައި އެ ދެ ކޮމިޓީ އަށް ވެސް އޭނާގެ ބަދަލުގައި އެހެން މެންބަރުން އައްޔަންކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމީ މަސައްކަތް މިހާރު ހުރިގޮތުން، އެ ދެ ކޮމިޓީ އަށް ވަގުތު ނުދެއްވޭތީ އެގޮތަށް އެއްބަސްވެވަޑައިގަތުމުންނެވެ.

މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމަށް އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސަކަށް ނާޒިމް އިންތިހާބުކުރީ މޭ 28، 2024 ގަ އެވެ. 

ނާޒިމަށް މަޖިލިހުގެ ނައިބު ރައީސްކަން ލިބިވަޑައިގަތީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގައި 80 ވޯޓު ހޯއްދަވައިގެންނެވެ. ނާޒިމާ ވާދަކުރެއްވި އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ އަށް ލިބިވަޑައިގަތީ 12 ވޯޓެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމިއިރު، 17 ވަނަ މަޖިލީހުގައި ނައިބު ރައީސްކަން ވެސް އޭނާ ކުރެއްވި އެވެ.