އެ ތިން ބޭފުޅުން އެކުގައި އެއްތަނަކުން ފެނި، އެއްބޭފުޅަކު އަނެއް ބޭފުޅަކާ ކުރެއްވި ތާރީހީ ސަލާމަށް އޭރު ވެސް ނަޒަރު ހިންގާލައިގެން ތިބި މީހުން ސުވާލު އުފެއްދި އެވެ. ހަމައެކަނި ސަޕޯޓަރުންނާއި މީޑިއާ އަށް ދޫކޮށްލައްވާނީ ތާރީހީ ފޮޓޯއެކެވެ. ރާއްޖޭގެ ސިޔާސީ މައިދާނުގެ ސޮފުހާތަކުގައި ހަމައެކަނި އިތުރު ފޮޅުވަތްތަކަކަށް ޖާގަ ދެއްވީ އެވެ. އޭގެ ހަތަރު މަސް ފަހުން އެނބުރި ބަލާއިރު އޭރު ހީކުރެވުނު ހީކުރެވުމާ އެއްވެސް ތަފާތެއް ނެތެވެ.
ކުރީގެ ތިން ރައީސުން ކަމަށްވާ މުަހައްމަދު ނަޝީދާއި އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) އާއި އަބްދުﷲ ޔާމީން އެކުގައި މަސައްކަތް ކުރައްވަން ފެށްޓެވި ސަބަބު އަދިވެސް އެގޮތުގައި ދެމި އެބައޮތެވެ. ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނު އުވައެއް ނުލަ އެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަމުގައި މީޑިއާ ރެގިއުލޭޓް ކުރާނެ އިދާރާއެއް އުފަައްދަން ފާސްކުރި އެ ގާނޫނުގެ ސަބަބުން ނޫސްވެރިކަަމަށް ކުރިމަތިވާ ކަމަށް އެ ބޭފުޅުން ވިދާޅުވާ ހުރަސް އަދި ވެސް އެގޮތުގައި އެބަހުއްޓެވެ.
ތިން ބޭފުޅުން ވަކިވަކި ޕޯޑިއަމްތަކުގައި އެ ބޭފުޅެއްގެ ސިޔާސީ ހަޔާތަށް ފައިދާވާ ގޮތަށް ދައްކަވާ ވާހަކަފުޅު ފިޔަވައި އެއްވެސް ކަމެއް އެ އަޅާލެއްވި ސޮޔާ އެކު ނުހިނގަ އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި އުފެއްދެވި "ކޯލިޝަން" މިހާރު އެބަ އޮތްތޯ އެ ހިސާބުން ސުވާލު އުފެދެ އެވެ. އެއީ ތިން ބޭފުޅުން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް، ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާތީ އެވެ. މުޅިން ވެސް ފެންނަނީ އަމިއްލަ މަސްލަހަތެވެ.
އެކަން އެންމެ ފުރަތަމަ ފެއްޓެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވާ ގޮތަށް އެ މަނިކުފާނު ފާޑުވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބަށް ކުރެއްވި ކެމްޕެއިނުގައި ބޭއްވި ޖަލްސާއެއްގަ އެވެ.
ނަޝީދު ސިފަކުރެއްވި ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމަކީ އެ ތިން ބޭފުޅުން މޭޒެއްގެ ކައިރީ ތިއްބަވައިގެން ކުރެއްވޭނެ ކަމެއް ނޫނެވެ.
"ވެރިކަމެއް ބަދަލެއް ނުކުރެވޭނެ އަޅުގަނޑާއި ރައީސް ޔާމީނާއި ރައީސް ސޯލިހާ މޭޒެއް ދޮށުގައި ތިބެގެނެއް."
އޭގެ ފަހުން ޔާމީން އެ މަނިކުފާނުގެ ޕީއެންއެފުން ބޭއްވި ފޯރަމެއްގައި ނަޝީދަށް ފާޑުވިދާޅުވި އެވެ.
ޖަލްސާއެއްގައި ޔާމީން ވިދާޅުވީ ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅު އޭގެ ޒާތުގައި ރަނގަޅު ކަމަށެވެ. އެ ވާހަކަ އަމާޒުވަނީ އެމްޑީޕީއަށް ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ ދައްކާ ވާހަކައަކީ ތިމަންނައަށް އުނދަގޫވާ ވަރުގެ ކަމެއް ނޫނީ ތިމަންނަ ވެރިކަން ކުރަން އުނދަގޫވާ ވަރުގެ އިދިކޮޅު ހަރަކާތެއް ނުހިނގައޭ. އެ ދައްކަނީ އެމްޑީޕީގެ ވާހަކަ. މުޒާހަރާއެއް ނުކުރެވެއޭ، އޭސީސީ ކަހަލަ ތަންތަނަށް ގޮަސްފައި ކުރީގައި ބިލްޑްކުރި ޕްރެޝާއެއް ބިލްޑެއް ނުކުރެވެއޭ،" މިދިޔަ ޖޫން މަހުގެ ތިންވަނަ ދުވަހު ބޭއްވި އެ ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
ތިން ރައީސުންގެ މަސައްކަތް އެ ހިސާބުން ނިމުނީތޯ ނުވަތަ ކުރިއަށްދޭތޯ އެ ހިސާބުން ސުވާލު އުފެދުނުވެެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދަށް އެ ސުވާލު ދެންނެވުމުން އެ މަނިކުފާނު ވިދާޅުވީ ތިން ރައީސުން އެކުގައި ކުރައްވަން ފެއްޓެވި މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ.
ނަމަވެސް އެއީ އެއް ރައީސަަކު އަނެއް ރައީސަކަށް ފާޑުވިދާޅުވުމުގެ ސަބަބުން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އެއް ރައީސަކު އަނެއް ރައީސަކާ ގުޅޭގޮތުން ފާޅުކުރާ ހިޔާލެއްގެ ސަބަބުން އަޅުގަނޑުމެންގެ ބައްދަލުވުމަކަށް އެއްވެސް ކަހަލަ ހިޔަންޏެއް ނާންނާނެ. ހުރަހެއް ނާންނާނެ. ދެން ސިޔާސީ ބޭނުންފުޅަށް ސިޔާސީ ބޭފުޅުން ސިޔާސީ ވާހަކަ އެބަ ދައްކަވާ. ދެން އެއަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް ނޫން" ނަޝީދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ ކުރީކޮޅު ނަޝީދު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނިކޮށް "ސަންގު ޓީވީ" އަށް އިއްޔެ ދެއްވި ހާއްސަ އިންޓަވިއުގައި ޔާމީން ވިދާޅުވީ ތިން ރައީސުން ގުޅިގެން ކުރާ މަސައްކަތް ނުހުއްޓޭ ކަމަށާއި އެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ އެ މަސަައްކަތް ކުރެވޭ އިނގޭތޯ، އެއީ އޭގެ ފަހުން އަޅުގަނޑުމެންގެ އެޑްމިން ޕާޓީތަކުން، ސެކަންޑް ރޭންކް މީހުން ދެ ޖަލްސާ ނޫނީ ތިން ޖަލްސާ ވެސް ކޮށްފި އިނގޭތޯ،" ޔާމީން ވިދާޅުވި އެވެ.
ތިން ރައީސުން އެކުގައި ކުރައްވާ މަސައްކަތެއް ނުފެންނަނީ ޔާމީން ވިދާޅުވި ގޮތުގައި ނޫސްވެރިންނަށް އޭގެ ފަހުން އާ ގޮންޖެހުމެއް ކުަރިމަތިނުވާތީ، ނުވަތަ އެ ފަދަ ކަންބޮޑުވުންތަކެއް ފާޅުކުރަން ނޫސްވެރިން ނުނިކުންނާތީ އެވެ.
"އަަޅުގަނޑުމެންނަކަށް ކަނޑައެޅިގެންނެއް، ނޫސްވެރިންގެ ފަރާތުން އެ މީހުންނަށް ދަތިވާ އިތުރު ކަމެއްގެ ވާހަކައެއް މިވަގުތު އައިސްފައެއް ނެތް އިނގޭތޯ،" ޖަވާބުގައި ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެކުގައި މަސައްކަތް ފެއްޓެވިއިރު ތިން ރައީސުން ވިދާޅުވެފައި ވާނީ ނޫސްވެރިންގެ ދިފާއުގައި ވަޑައިގަންނަވަން ޖެހޭ ހިސާބަކަށް ވަޑައިގަންނަވަން ތައްޔާރަށް ތިއްބެވި ކަމަށެވެ. އޭގެ ފަހުން ނޫސްވެރިންނަށް އިތުރު ހުރަސްތަކެއް އައިސްގެން ނޫސްވެރިން އައި ނަމަ އެކަަމަކަށް އިޖާބަ ދެއްވީސް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުަގަނޑުމެންނާ ހަމައިން އިސްވެ ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި މިނިމަމް ދެ ބައްދަލުވުން ނޫނީ ތިން ބައްދަލުވުން މިހާރު ވެސް ހިނގައިފި މި ހުރި ކަންތައްތަކުގައި،" ޔާމީން ވިދާޅުވި އެވެ.
ތިން ރައީސުން އެކުގައި ކުރައްވަން ނިންމެވި މަސައްކަތްތައްތަކުގެ ތެރޭގައި ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ބޭރުގެ ގައުމުތަކަށާއި ބައިނަލް އަގުވާމީ އިދާރާތަކަށް ދިނުން ހިމެނެ އެވެ. ޔާމީން ވިދާޅުވީ އެކަންތައްތައް ތަންފީޒުކުރަމުން ގެންދަވާ ކަމަށެވެ.
ނަމަވެސް ނަޝީދު ކުރިން ވިދާޅުވި ފަދައިން، ސަރުކާރަށް ނޫސްވެރިން ޑިމާންޑް ކުރި ކަންތައްތަކުގައި ދުލެއް ދޭން ސަރުކާރުން ވިސްނާ ވަރުގެ އެއްވެސް މަސައްކަތެއް ތިން ރައީސުންނަށް އެކުގައި ކުރެެއްވޭ ތަން ނުފެނެ އެވެ.
އެފަދަ ނަތީޖާއެއް ނެރުމަށް ކުރީގެ ތިން ރައީސުންގެ ފަރާތްޕުޅުން ފެންނަނީ "ކަންނެތް" މަސައްކަތްތަކެކެވެ. ލީޑަޝިޕެއް ނުފެނެ އެވެ.
އެފަދަ ނަތީޖާއެއް ނެރެވޭނީ ޔާމީން އެ ވިދާޅުވާ ދެވަނަ ރޭންކްގެ ބޭފުޅުން ބާއްވާ ބައްދަލުވުންތަކުންތޯ ނުވަތަ ފުރަތަމަ ޕްރެސް ބްރީފިން އެކޭ އެއްގޮތަށް ތިން ރައީސުން އެކުގައި ނުކުންނަވައި ސަރުކާރަށް ފާޑުވިދާޅުވެގެންތޯ ސުވާލު އުފެ ދެ އެވެ.
ސަރުކާރުން ބޭނުންވި ގޮތަށް ފާސްކުރި މީޑިއާ ކޮމިޝަނުގެ ގާނޫނަށް ޔަގީނުން ވެސް އަދި އެއްވެސް އިސްލާހެއް ހުށަނާޅަ އެވެ. މީގެ މާނައަކީ ތިން ރައީސުން އެކުގައި ކުރައްވާ ކަމަށް ޔާމީނާއި ނަޝީދު އެ ވިދާޅުވާ މަސައްކަތުން ނުކުންނަ އެއްވެސް ނަތީޖާއެއް އަދި ނެތުމެވެ. އެއީ އެއްބަސްވުމުގައި ސޮއިކުރެއްވި ދުވަސްވަރު ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް ފެނިވަޑައިގެން އެ ވަގުތުގެ ބޭނުމަށް ނެންގެވި ފޮޓޯއެކޭ ބުނުމުގެ ޖާގަ އެބައޮތެވެ.
އެކުގައި މަސައްކަތް ރަނގަޅަށް ނުކުރެއްވޭ ކަމާއި ނަތީޖާއެއް ނުނެރެވޭ ކަމުގެ އަނެއް އަލާމާތަކީ ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ މުޒާހަރާތައް ހޫނުވެ، ގާނޫނީ އިމުން ބޭރުން ކަންކަން ހިންގާ ނަމަ އެ ވަގުތު ތަކުގައި އެ ބޭފުޅުންނަށް ސެކިއުރިޓީ ނުދޭން ސަރުކާރުން ނިންމައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް އެކަން ހުށަހެޅުމެވެ.
ސަރުކާރުގެ އެ ނިންމުމަށް ތިން ބޭފުޅުން ވަކިވަކިން ފާޑުވިދާޅުވުން ފިޔަވާ އެކަމާ ދެކޮޅަށް ވެސް ކުރެއްވުނު ކަމެއް ނެތެވެ. އެހެންވެ، މިހާތަނަށް ފެންނަނީ ތިން ބޭފުޅުން އަޅާލެއްވީ މާނައެއް ނެތް ފައިދާއެއް ނެތް ސޮޔެއް ކަމެވެ. ސިޔާސީ ބޭނުމަށް އާދައިގެ މަތިން ފޮޓޯއެއް ނެންގެވީ އެވެ.