ސަލްޓަން ޕާކުގެ މަރާމާތުގެ މަސައްކަތްތަކަށް ފަހު އެތަން ހުޅުވިތާ ދެ މަސް ނުވަނީސް އަނެއްކާވެސް އެތަނުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިއަށް ގެންދާތީ ވަކި ވަގުތެއްގައި އެތަން ބަންދުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. 

ސަލްޓަން ޕާކު އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށް އެ ޕާކު ބަންދުކުރި އެވެ. އަދި އޭގެކުރިން ޖޫން، 2024 އިން ފެށިގެން ވެސް ޕާކުގެ އެތެރޭގެ ބައެެއް ތަންތަން އޮތީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. 

ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް އެތަން މަރާމާތު ކުރުމަށްފަހު ހުޅުވީ މިއަހަރުގެ ފިތުރު އީދާ ދިމާކޮށް މާޗު މަހުގަ އެވެ. 

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ސަލްޓަން ޕާކް މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ފުރިހަމަކުރަން ޖެހޭ އިތުރު މަސައްކަތްތައް މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6:00 އިން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.

އެހެންވެ، އެ ވަގުތުތަކުގައި ސަލްޓަން ޕާކު އާންމުންނަށް ވަގުތީ ގޮތުން ބަންދުވާނެ ކަމަށް ބުންޏެެވެ.  އަދި އެކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.  

ސަލްޓަން ޕާކު މިހާރު އޮތްގޮތަށް ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވި އިރު އެވެ. އޭރު އެތަން ތަރައްގީ ކުރީ ސްނޯ ޕާކާއެކު ނަމަވެސް އެތަން ފަހުން ވަނީ ބަންދުކޮށްފަ އެވެ.

ބިޔަ ގަސްތަކުން ފެހި ސަލްޓަން ޕާކު އަލުން ތަރައްގީ ކުރާނީ އެއް ގަހުން އަނެއް ގަހަށް ދެވޭ ގޮތަށް ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހުން ލިބޭ ގޮތަށް ކަމަށް ކުރިން ރައީސް ވިދާޅުވެފައިވެ އެވެ. އަދި ޕާކު އަލުން ތަރައްގީ ކުރަނީ ދިވެހިންގެ އައިޑެންޓިޓީ އާއި ރާއްޖޭގެ ތާރީހު ދައްކުވައިދޭ ގޮތަށް ކަމަށާއި ޕާކުގެ މަސައްކަތް ނިމޭއިރު އެތަނުގައި ގިނަ ކުޅިވަރުތަކެއް ކުޅެވޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް އެމަނިކުފާނު އޭރު ވިދާޅުވެފައިވެ އެވެ.