ރޯދަ މަސް / އދ. ދިގުރަށް

އަޖައިބެއް ފަދަ ރީތި ތުނޑި: މި ރަށުގެ ނަސީބު

ދިގުރަށް ތުނޑި: ރާއްޖޭގެ އެކި ހިސާބުތަކުން ވެސް މި ތުނޑި ބަލާލަން އާދޭ.

އދ. ދިގުރަށުން،  ފަޒީނާ އަހުމަދު، މިހާރު

08 އެޕްރީލް 2023 - 10:25

6 comments

އދ. ދިގުރަށުން ދިމާވި އެންމެން ކަހަލަ ގޮތަކަށް ތުނޑިއަށް ދިޔައިންތޯ އެހި ސަބަބެއް އޮތެވެ; މި ދިގު ތުނޑީގެ އާދަޔާ ޚިލާފު ރީތި ކަމަކީ މި ރަށުގެ ފަޚުރު ކަމުގައި ބުނެދިނުމެވެ. ދެ ފަރާތުން ރާޅު ޖަހަޖަހާ އޮންނަ ހުދު ދޮންވެލީގެ ދިގު ތުނޑިއަކީ މިފަދަ ދެވަނައެއް ނެތްހާ ހިތްގައިމު ކަމެކެވެ. ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ ގުދުރަތީ އަޖައިބެކެވެ.

މި ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ވަކިން އޮންނަ ތުނޑިއަށް "މިހާރު" ޓީމުން ދިޔައީ ހަވީރުކޮޅެވެ. ރަށު ޕިކަޕުގައި ވެސް ދެވެ އެވެ.

ދިގުރަށް ތުނޑި: އެހެން ރަށްތަކުގައި ނޯންނަ މި ދިގު ތުނޑިއަކީ މި ރަށުގެ ފަޚުރު.

ކިތަންމެ ޝައުގުވެރި ދަތުރަކަސް ރަށުގެ ދެކުނު ކޮޅުގައި އޮންނަ ރީތިކަން ދެކިލަން ދިއުން އެހާ ފަސޭހައެއް ނޫނެވެ. އަޑިގުޑަން މަގުތަކުން އެ ހިސާބަށް ދާން ރަށު ޕިކަޕުގެ ދަތުރު އުނދަގުލެވެ. ހިރަފުސް ބޯ ދުވަސްތަކުގައި އުފުލަންޖެހޭ ތަކުލީފް ވެސް ބޮޑެވެ.

ހަނި މަގުން ސައިކަލުގައި ދުއްވާފައި ގޮސް ވަކި ހިސާބަށް މަޑުކުރުމަށް ފަހު ދެން ފައިބަން ޖެހުނީ މޫދަށެވެ. އެއީ މަގު ކުރުކޮށް ތުނޑިއަށް ފަސޭހައިން އެރެން އޮތް ގޮތެވެ.

ތުނޑިއަށް ވަދެވެން އޮންނަ މަގު: މި ހިސާބަށް އާދެވޭ މަގުގައި ދަތުރު އުނދަގޫ.

ގަސްތަކުގެ ތެރެއިން ވަދެގެން ގޮސް، ލޮލުގެ ކޮޅަށް ދަމާލާފައި އޮތް ތުނޑީގައި ފައިބީއްސާލެވުނީ އިރުކޮޅަކު ހިނގި ފަހުންނެވެ. ރާޅު ޖަހާ އަޑާ އެކު ވަށައިގެން ނޫކުލައިގެ ސާފު މޫދާއި ދިގު ތުނޑި އޮތީ ކުރިމަތީގަ އެވެ. ކިތަންމެ ދިގަސް މި ހިތްގައިމު ކަމުގައި ހިނގާ ހިނގާ ވަރުބައްޔެއް ނުވާނެ އެވެ.

"ކޮންމެ ދުވަހަކު ވެސް މިތަނަށް ފައިބާނެ ސަފާރީތަކުން. ދެން މިއުޅެނީ މި ރަށުގެ ގެސްޓް ހައުސްތަކަށް އައިސް ތިބި ޓޫރިސްޓުން. މިތަނުގެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިއީ ވަރަށް ބޮޑު ތުނޑިއެއް ކަމުން ތޮއްޖެހިގެން އުޅެން ނުޖެހޭކަން. ވަރަށް ހިތްފަސޭހަ އަރާމު, ޖާގަ ލިބިގެން ތިބެވޭ ތަނަކަށް ވުން." ތުނޑީގައި ތިބި މީހުންނަށް އިޝާރާތްކުރައްވައި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް "މިހާރު"އާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވާ ގޮތުގައި ތުނޑިން މިހާރު ލިބޭ އާމްދަނީ ވެސް ކުރިއަށް އޮތް ތަނުގައި ދެގުނަކުރެވެން އެބައޮތް.

އޭނާ ވިދާޅުވި ގޮތުގައި ޒަމާނުއްސުރެން މި ތުނޑިއަކީ ކައިރި ރަށްތަކުގެ ޕިކްނިކް މަންޒިލެވެ. މިތަނަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނީ މި ރަށް ލޯކަލް ޓޫރިޒަމަށް ހުޅުވި ކުރިއަރަން ފެށުމުންނެވެ.

މި ރަށަށް އަންނަ ޓޫރިސްޓުން އެނބުރި ގޮސް މިތަނާ ބެހޭ ރިވިއުތަކުގައި މިވަރުގެ ރީތި ކަމެއް ނުދެކޭ ކަމަށް ލިއެފައި ހުރެ އެވެ. ބައެއް މީހުން ސިފަކޮށްފައި ވަނީ އަޖައިބެއްހާ ރީތި ތަނެއްގެ ގޮތުގަ އެވެ.

"ދުނިޔޭގެ އެންމެ ރީތި ބީޗުތަކުގެ ތެރޭގައި ދިގުރަށް ބީޗު ހިމެނޭ," މިތަނުގެ ރީތިކަމަށް ގިނަ ބަޔަކު ތައުރީފްކުރާކަން ފާހަގަކުރައްވައި އިބްރާހިމް ވިދާޅުވި އެވެ.

ދިގުރަށް ތުނޑި: މިތަނަށް ބައެއް ދުވަސްތަކުގައި 100 މީހުން ވެސް އަންނަ ކަމަށް ކައުންސިލުން ބުނޭ.

މި ތުނޑިއަކީ މިހާރު ރާއްޖޭގެ ވެސް ގިނަ ބައެއްގެ ހިތް ދޫވެފައިވާ މަންޒިލެކެވެ. އެކި ހިސާބުތަކުން ދަތުރު ހަދާފައި ތުނޑިއަށް އާދެ އެވެ. ދިގުރަށު ކައުންސިލަށް އާމްދަނީ ވަންނަ އެންމެ ބޮޑު ވަސީލަތަކީ ވެސް މި އެވެ.

މި ރަށު މީހުން ފިޔަވައި މިތަނަށް އަންނަ މީހުންގެ އަތުން ފީއެއް ނަގަ އެވެ. ދިވެއްސަކަށް 10ރ ނަގާއިރު ރިސޯޓްތަކާއި ސަފާރީތަކުން އަންނަ ގެސްޓުން އަތުން ނަގަނީ 5 ޑޮލަރެވެ.

ދިގުރަށް ތުނޑި:

"ތުނޑިއަށް އެބައާދޭ ދުވާލަކަށް 100 ގެސްޓުން ވެސް. ބައެއް މަސްތަކުގައި ފުދޭވަރެއްގެ ބޮޑު އާމްދަނީއެއް ވަދޭ," ކައުންސިލްގެ ރައީސް އިބްރާހިމް އުސްމާން ވިދާޅުވި އެވެ.

ތުނޑި ބަލާލުމުގެ އިތުރުން މި ރީތި ކަމުގައި ހަނދާންތައް ރައްކާކުރެވޭނެ ގޮތްތައް ކައުންސިލުން ވަނީ ފަހިކޮށްދީފަ އެވެ. ޚާއްސަ އިވެންޓްތަކާއި ބާބެކިއު ހެދެ އެވެ. ކައިވެނި ޕާޓީތަކަށް ވެސް ދޫކުރެ އެވެ.

ދިގުރަށް ތުނޑި ރޭގަނޑު ކެއުމަކަށް ތައްޔާރުކުރަނީ.

"ގެސްޓުންގެ ވެޑިންތައް ބާއްވާ. ސަފާރީތަކުން އާއްމުކޮށް ބާބެކިއު ހަދަން އަންނާނެ. ގެސްޓް ހައުސްތަކުން ވެސް ޑިނާ ބާއްވާނެ. ގޮނޑި މޭޒު ދޫކުރަނީ ކައުންސިލުން,"

ތުނޑިއަށް އަންނަ މީހުން ގިނަކަމުން ބައެއް ފަހަރު މެނޭޖްކުރަން އުނދަގޫވާ ފަހަރުތައް ވެސް ދެ އެވެ.

ދިގުރަށް ތުނޑި: މި ރަށުގެ ކުރިމަގާ ގުޅިފައިވާ ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގެ މުހިއްމު ތަނަކީ މިއީ.

ދިގުރަށް ޓޫރިޒަމްގެ ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓްކުރަން ކައުންސިލުން ގެންގުޅޭ ޕްލޭންގެ ކުރީގައި އޮތީ ތުނޑި އެވެ. ދުނިޔޭގެ ފެންވަރުގެ ފެއާތަކުގައި ބައިވެރިވާއިރު ވެސް މިރަށް ބްރޭންޑްކުރުމުގެ ވިސްނުން ހުރީ ތުނޑިއާ ގުޅުވަ އެވެ.

ތުނޑި މިހާރަށް ވުރެން ބޮޑަށް މާކެޓް ކުރެވޭނެ ގޮތަކަށް އުނދޯލި އެލުވައި ސޯލާއިން ކަރަންޓް ދެވޭނެ ގޮތަކާއި ޓަކްޝޮޕެއް ހުޅުވަން ޕްލޭންގައި ހިމަނާފައިވެ އެވެ.

ދިގުރަށް ތުނޑި: މިތަން މިހާރަށް ވުރެން ރީތިކޮށް ދައްކަން ކައުންސިލްގެ ޕްލޭނެއް އެބައޮތް.

"ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ވެސް ހިތްގައިމުކޮށް, ރީތިކޮށް ތުނޑި ފެންނާނީ," ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޓޫރިޒަމް ފައްކާވެފައި އޮތް މި ރަށުގެ ނަސީބުގައިވާ ތުނޑިއަކީ މުޅި ރާއްޖޭގެ ރީތިކަން ވެސް ސިފަކޮށްދޭން އޮތް ތަނެކެވެ. މި ހިތްގައިމު ކަމަކީ މި ރަށުގެ ކޮންމެ މީހަކު ވެސް ފަޚުރުވެރިވާ ފަދަ އަޖައިބެކެވެ.

6 ކޮމެންޓް, 14 ރިއެކްޝަންސް

icon happy icon happy 29%
icon sad icon sad 7%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 64%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިސްމާލި

09 April 2023

ތުނޑިއަކީ ރީތި ތަނެކެވެ. ތިތަން އިތުރަށް ރީތިކުރަން އުޅޭނެ ކަމެއް ނެތެވެ. ތިތާ ޓަކް ޝޮޕާއި ޓެންޓާއި އޭތި މީތި ޖަހައި "ރީތިކުރަން" ނޫޅޭށެވެ. ތިތަން ރީތީވެސް އެއްވެސް އެއްޗެއް ނެތި ހަމައެކަނި ދޮންވެލި ހުރީމައެވެ. ދެން ތިތަނަށް އަރާ މީހުނަށް ބުނެދޭންވީ ލީވް އޮންލީ ފުޓްޕްރިންޓްސް ބިހައިންޑް އެންޑެ ޓޭކް އޮންލީ މެމޮރީސް ކަން.

The name is already taken The name is available. Register?

ރަދީފު ބިން ރަފައިދާ

08 April 2023

މިއިން ލިއްބައިދޭ ފިލާވަޅަކީ ރީތިއެއްޗެއް ލިބޭނީ ތަސައްވުރުކުރެވޭނީ ތަޖުރިބާކުރެވޭނީ މަސައްކަތްކޮށްގެންކަން.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

08 April 2023

ކައުންސިލުން ފިނޮޅު ސަރަޙައްދު (ބައުންޑްރީ) ކަޑައަޅާ އެންވަޔަރމަންޓް އެކްސްޕާޓުންގެ އެހީތެރިކަންހޯދައިގެން އެންމެ ފުރަތަމަ ކުރާންޖެހޭ ކަމަކީ ފިނޮޅު ސަރަޙައްދަކީ ދުއްވާ ތަކެތި ވަދެ ނޫޅޭ ސަރަޙައްދަކަށް ހެދުން. # ތަން ބެލެހެއްޓުމުގެ ޙަރަދު ހޯދުމަށް އެންޓްރަންސް ފީއެއް (ދިވެއްސަކަށް 10ރ ފަތުރުވެރިން 10 ޑޮލަރ) ކަޑައެޅުމަށްފަހު ރަށާއި ފިނޮޅު ގުޅޭ ސަރަޙައްދުގައި (ރަށުގެ ބިމަށްވާގޮތަށް) Observation Tower އެއް އަޅައިފިނަމަ ތިތަން މާކެޓްކުރަން ފަސޭހަވާނެ.

The name is already taken The name is available. Register?

ދަގަތްފާނު

08 April 2023

ނޫހުގަ ތިޖެހީ ތިތަނުގެ ވާހަކަ، ދެން އިސާހިތަކު ކ.މާލޭ އަޑީދައުލަތުން ސަރުކާރަށް ޕުރެޝަރުޖަހައިގެން "ގޮނޑުދޮށް ހިމާޔަތްކުރުމުގެ" މަޝްރޫއެއް ތިތާ ހިންގަފާނެ.

The name is already taken The name is available. Register?

ކޮރަލް

08 April 2023

ނޫހުގަ ޖަހާ އިރަށް ފައިސާ ވެރީން ތިޔަ ތަން ބޭނުން ވެގެން އުޅޭނެ އެވެ .

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

08 April 2023

ވަރަށް ރީތި.އިމްޕްރެސްޑް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454