މަޣްރިބް · 17:56

ރާއްޖޭގެ ޗާލު ރަށްރަށުން ދިވެއްސެއްގެ ދަތުރުނާމާ

ރާއްޖޭގެ ރަށްރަށާއި ނާޒުކު ތިމާވެއްޓާ މެދު އަބްދުﷲ އާދަމް (އެޑަމް)ގެ ހިތުގައި އުފެދިފައިވާ ލޯތްބާއި ޝައުގުވެރިކަމަށް މަގުފަހިކުރި ކަންތައްތަކެއް ވެ އެވެ؛ އޭނާ ބޮޑުވީ ހދ. ކުޅުދުއްފުށީ ހޭޅިފަށާއި މޫދާއި ވަލުތެރެ އާއި ހިތްގައިމު ކުޅީގައި ވަގުތު ހޭދަކޮށް ހިތްހަމަޖެހުން ހޯދަމުންނެވެ. ރަށުން މާލެ ބަދަލުވެ މަސައްކަތުގެ މައިދާނަށް ނުކުތް ގޮތަށް އޭނާ މިހާތަނަށް އަދާކުރި ތިން ވަޒީފާގައި ވެސް ގިނަގިނައިން ރަށްރަށަށް ދަތުރުކުރަން ޖެހުނެވެ. އޮސްޓްރޭލިއާގައި އޭނާ ކިޔެވި އިރު މައިގަނޑު އެއް ދާއިރާއަކީ ތިމާވެއްޓެވެ.


ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައިވާ އެޑަމް، 28، އަށް، ހިތްހަމަޖައްސާލަން ދާން އެ ރަށްރަށަށް ވުރެ ހިތްގައިމު އެއްވެސް ތަނެއް މި ދުނިޔެއަކު ނެތެވެ. ޗުއްޓީ ހޭދަކުރަން ރާއްޖެ އިން ބޭރަށް ދިޔުމުގެ ބަދަލުގައި އެޑަމް ދާނީ އަމިއްލަ ރަށަށެވެ. އޮފީސް ދަތުރެއްގައި ރަށަކަށް ދާން ނެތިއްޔާ އަމިއްލަ އަށް ދަތުރު ހަދައިގެން ވިޔަސް، ހަފްތާ ބަންދުގައި މާލެ އިން ބޭރުވެވޭތޯ އޭނާ ބަލާނެ އެވެ. އޭނާ އުޅޭނީ ރަށްރަށުގެ ޚާއްސަ ސިފަތަކާއި ކަންކަން ދެކެ، ފޮޓޯ ނަގައި ކުރިން ފެނިފައި ނުވާ އާ ތަނެއް ނުވަތަ ކަމެއް ފެނޭތޯ ބެލުމުގައި އަވަދިނެތި އެވެ.

Very fortunate to have met Naseembe. Nassembe is an experienced boat builder who has devoted all his life to the industry. He has built over 200 boats during his lifetime including safari boats, dive dhoanis and many ferries that carry passengers between Male' and Hulhule'. He joined the industry when boats were been mechanized. He saw and experienced the transition from sail boats to mechanized ones. More recently he has experienced and acquired fibreglass techniques and is an expert in this area as well. He has trained many youth from the island, some who continue to work under him and others who have gone to work for others. He is a humble genuine figure willing to share his knowledge with anyone who want to learn. #Maldives #ExpedtionRaa #Baotbuilding #industry

A post shared by Adam Abdulla (@edzyadam) on

އެ ދަތުރުތަކުގެ ތަޖުރިބާތައް އެހެން މީހުންނަށް ކިޔައިދިނުމަކީ އެޑަމްގެ އަނެއް އުފަލެވެ. ސޯޝަލް މީޑިއާގައި އޭނާ ކެނޑިނޭޅި އެތައް ކަމެއް ހިއްސާކުރެ އެވެ. ރަށްރަށުގެ ރީތިކަމެވެ. ރަށްފުށުގެ ސާދާ ދިރިއުޅުމެވެ. ތިމާވެށީގެ މައްސަލަތަކެވެ. ތިމާވެއްޓަށް ގެއްލުންދިނުމާ ދެކޮޅު ޝުއޫރުތަކެވެ. އެކަމުގައި އެޑަމްގެ ފަރާތުން ފެންނަނީ އާދަޔާޚިލާފު ފޯރިއެކެވެ. އެ ޝައުގުވެރިކަމާއި އަޒުމް ފެނިފައި، ސައުވީސް ގަޑި އިރު އޭނާގެ އޮންނަނީ އެންމެ ވިސްނުމެކޭ ވެސް ހީވެ އެވެ. އެޑަމް ވެސް އެކަމާ އެއްބަހެވެ. ފެންނަ ކޮންމެ ކަމަކާ މެދު ފުންކޮށް ވިސްނައި ފިކުރުކުރެވޭކަން އޭނާ އަމިއްލަ އަށް ވެސް ގަބޫލުކުރެ އެވެ.

"އެންމެ ފަހުން ރަށަށް ގޮސް އުޅުނު އިރު އަނބެއް ލިބުނީމަ ވެސް ހިތަށްއެރީ މިއީ އޯގެނިކް އެއްޗެކޭ، ދެން މިހާރު ގެތައް ގިނަކުރަމުން ގޮސް އަނބު ގަސްތައް ކަނޑާލީމަ ނުލިބޭނެއޭ ތާޒާ އަނބެއް ވެސް. އެ ގޮތަށް ވަރަށް ބޮޑަށް އެނަލައިޒްކުރެވޭ،" އޭނާ ބުނެލި އެވެ.

އެންމެ ދާހިތްވާ ތަން: ކުޅި، ފާ، ޗަސްބިން

އެޗްއައިވީ/އެއިޑްސްއާ ގުޅޭ ޕްރޮޖެކްޓެއްގައި ހެލްތު މިނިސްޓްރީގައި އުޅުމަށް ފަހު އޮސްޓްރޭލިޔާގައި ޑިގްރީ ކޯސް ފުރިހަމަކޮށްފައި އެނބުރި ރާއްޖެ އައިސް ޓޫރިޒަމް މިނިސްޓްރީގައި އެޑަމް މަސައްކަތްކުރީ ތިމާވެއްޓާ ގުޅުން ހުރި މަޝްރޫއުއެއްގަ އެވެ. އަދި 2015 އިން ފެށިގެން ޔޫއެންޑީޕީގައި އޭނާ މަސައްކަތް ކުރަމުން އައީ ވެސް އެ ދާއިރާ އިންނެވެ. އެޑަމް ޔޫއެންޑީޕީގައި އެންމެ ފަހުން އަދާކުރީ "މެންގްރޫވްސް ފޮ ދަ ފިއުޗާ" ޕްރޮގްރާމްގެ ނެޝަނަލް ކޯޑިނޭޓަރުގެ މަގާމެވެ. އޭނާ އަށް މިހާރު ވަނީ އެމެރިކާގެ ފުލްބްރައިޓް ސްކޮލަޝިޕް ލިބި މި އަހަރު ނިއު ޔޯކްގައި މާސްޓާޒް އަށް ކިޔަވަން ފަށަން ފުރުސަތު ލިބިފަ އެވެ.

ޔޫއެންޑީޕީގެ ދަތުރެއްގައި ބ. މާޅޮހުގައި އެޑަމް ދަރިވަރުންތަކަކަށް މައުލޫމާތު ދެނީ

ތައުލީމާ އެކު ތިމާވެށީގެ ކަންކަމަށް ބޮޑަށް ލޯހުޅުވުނު އެޑަމްގެ ދަތުރުނާމާތަކުން އެނގޭ އެއް ކަމަކީ ރާއްޖޭގެ ޗާލު މޫދާއި ކަނޑު އަޑިއެކޭ އެއްގޮތަށް އެއްގަމުގައި ވެސް ހިތްގައިމު ތަންތަން އެބަހުރި ކަމެވެ. އެޑަމް ބުނާގޮތުގައި ރަށްރަށަށް ދަތުރުކުރުމަކީ "އަމާޒެއް އޮވެގެން" އޭނާ ކުރާ ކަމެކެވެ. ރަށަކަށް ދިޔުމުގެ ކުރިން އޭނާ އެ ރަށަކާ ބެހޭ މައުލޫމާތު ހޯދައި ލިޔެފައި ހުންނަ އެއްޗެހި ކިޔާ ހަދަ އެވެ. ނަތީޖާއަކީ، އެހެން މީހުންނަށް ނުލިބިދާނެ ވަރުގެ ބޮޑު ހިތްހަމަޖެހުމެއް އޭނާ އަށް ލިބުމެވެ. އެހެން މީހުންނަށް ހަމައެކަނި ގަސްތަކެއް ފެންނަ ވަލުތެރެ އޭނާ އަށް ފެންނާނީ ތާރީޚީ ބޮޑު ކަމަކާ ގުޅިފައިވާ މުހިއްމު މައިދާނެއްގެ ގޮތުގަ އެވެ.

"ކުޑަކޮށް ދިރާސާކޮށްލީމަ އެ ދަތުރަކީ ވަރަށް ޝައުގުވެރި ދަތުރަކަށް ވޭ. ވަރަށް ހިތްހަމަޖެހޭ ތަޖުރިބާއަކަށް ވަނީ. ވަރަށް ބޮޑަށް އެޕްރިޝިއޭޓްކުރެވޭ، ރަށްރަށުގައި މި ހުންނަ ތަންތަން. މިސާލަކަށް މެންގްރޫވްތައް ނުވަތަ އިހުގެ މިސްކިތްތަކުގައި ހުންނަ އަތްތެރި މަސައްކަތުގެ ހުނަރުތައް. ރަށު މީހުން ކައިރިން އަހައި އެ މީހުންގެ ސްޓޯރީސް އަޑުއިވުނީމަ މި ކަހަލަ ކަންކަން އަދި މާ ބޮޑަށް ޝައުގުވެރިވޭ،" އެޑަމް ބުންޏެވެ.

ކޮންމެ ރަށަކަށް ދިޔަޔަސް، އެ ރަށެއްގައި ކުޅިއެއް، ފަލެއް ނުވަތަ ޗަސްބިމެއް އޮތްތޯ އެޑަމް ބަލާނެ އެވެ. އޭނާ ބުނަނީ އެފަދަ ތަނެއް އޮތިއްޔާ "އެ ރަށަކުން ފައިބަން ޖެހޭނީ އެ ތަނަށް ގޮސްފައި" ކަމަށެވެ. އެހެންވެ، އެޑަމްގެ އެންމެ އާއްމު އެއް މަންޒިލަކީ މެންގްރޫވްތަކެވެ.

"އަހަންނަށް ރާއްޖޭގައި ހުންނަ އެންމެ ޝައުގުވެރި އީކޯސިސްޓަމްއަކީ މެގްރޫވްސް. މެންގްރޫވްއަކަށް ގޮސްފިއްޔާ ފެންނާނެ ވަރަށް ތަފާތު ބާވަތްތަކުގެ ދިރޭއެއްޗެހި. މިސާލަކަށް ގަސް، މަސް، ކަކުނި، ދޫނި، ފައުނާ. އޭގެ އިތުރުން އެއީ ބަލައިލަން ވަރަށް ރީތި ތަންނަން. ފުރަތަމަކޮޅު، މެންގްރޫވްސް އަށް ގޮސްފައި ފޮޓޯތައް ލާން ފެށީމަ މީހުން ކޮމެންޓްކޮށްފައި ވަރަށް ގިނައިން އަހާ ތިއީ ހަމަ ރާއްޖޭގެ ތަންތަންހޭ. ޗަކަ އާއި ފެނާ އެއްޗެހި ހުންނާތީ މީހުން ނުއެއް އެރޭ ކަންނޭނގެ ގިނަ ފަހަރަށް،" އެޑަމް ބުންޏެވެ.

އެއާޕޯޓެއް އަޅަން ކުޅުދުއްފުށީ ކުޅިން ބޮޑު ބައެއް ހިއްކައި އެ ތަން ނައްތާލުމަކީ އެޑަމްގެ ހިތްހަލާކުވި ކަމެކެވެ. އެކަމާ ދެކޮޅަށް ވާހަކަދެއްކި ތިމާވެށީގެ މީހުންގެ ތެރޭގައި އެޑަމް ހިމެނުނު އިރު އެއީ އޭނާ އަށް ވަކިން ޚާއްސަ ތަނެކެވެ. އަމިއްލަ ހަނދާންތަކާއި ކުޑައިރުގެ ތަޖުރިބާތަކާއި އަމިއްލަ ރަށުގެ ސިފަ އާއި މީހުންގެ ދިރިއުޅުމާ ގުޅިފައި އޮތް ތަނެކެވެ.

"ވަރަށް ދެރަވި އެ ތަން ދިޔައިމަ. ހިތަށް އަރާ އެހެން ތަނަކަށް މިހެން ވިޔަ ނުދޭން ކުރެވެން އޮތް ކަމެއް ކުރާނަމޭ. ބޮޑަށް ވިސްނެނީ އަންނަން ހުރި ޖީލުތައް ކުރާނޭ ސުވާލު، މިހެން ހެދީ ކީއްވެގެން ހެއްޔޭ. އެ މީހުންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔޭ،" އެޑަމް ކިޔައިދިނެވެ.

ތިމާވެށި: ތަރައްގީ އަށް ހުރަހެއް ނޫން

ޑިގްރީ ހެދި އިރު އެންވަޔަރްމެންޓަލް ސްޓަޑީޒް އާއި ސޯޝިއޮލޮޖީ ކިޔެވުން ވެގެން ދިޔައީ ވަރަށް މުހިއްމު ހަގީގަތަކަށް އެޑަމްގެ ސިކުނޑި ހުޅުވައިދިން ކަމަކަށެވެ. އެއީ ތިމާވެއްޓާއި އިންސާނުން ނުވަތަ މުޖުތަމައުއަކީ ވަކި ނުކުރެވޭނެ ދޭތި ކަމެވެ. ކޮންމެ ކަމެއް ކުރިޔަސް ތިމާވެއްޓާ މެދު ވިސްނަން ޖެހޭނެ ކަމާއި މަޝްރޫއުތައް ރާވައި ހިންގަން ޖެހޭނީ ތިމާވެށީގެ ބައި ހިމަނައިގެން ކަމެވެ.

"މިސާލަކަށް އާބަން ޕާކުތައް ހެދުމަކީ ތިމާވެއްޓަށް ރަނގަޅު ކަމެއް. އޭގެ އިތުރުން ކަސްރަތުކުރާނެ ޖާގައެއް ވެސް އެބަ އުފެދޭ. އެހެންވީމާ މީހުންގެ ދުޅަހެޔޮކަމަށް މަގުފަހި އެބަ ވޭ. މި ގޮތަށް އަބަދުވެސް ބަލާނީ ހުރިހާ ކަމެއް ގުޅިގެން އަންނަނީ ކިހިނެއްކަން،" އެޑަމް ކިޔައިދިނެވެ.

"ތިމާވެއްޓޭ ބުނީމަ ރާއްޖޭގައި ވަރަށް ބޮޑަށް ބަލަނީ މުޖުތަމައުއާ އެއްވެސް ގުޅުމެއް ނެތް އެއްޗެއް ގޮތަށް. އެއީ އިންސާނުންގެ ދިރިއުޅުމަށް ނުވަތަ ކުރިއެރުމަށް ނުވަތަ ތަރައްގީ އަށް އެޅޭ ހުރަހެކޭ، ތިމާވެށި ނުވަތަ ނޭޗާއަކީ ގިރާކުރަން ޖެހޭ ހުރަހެކޭ ވިސްނިފައި އޮންނަނީ. އެކަމަކު އަހަރެން ކިޔެވި އެއްޗަކީ ތިމާވެށި ބޭނުންވެއޭ އަހަރެމެންގެ ދިރިތިބުމަށް."

އެޑަމް ދެކޭގޮތުގައި ދިވެހިންނަށް ތަރައްގީއަކީ ކޮބައިކަން "ވިސްނިފައި ހުންނަ ގޮތުން ފުށުއެރުމެއް އަންނަނީ" އެވެ. އޭނާ ގަބޫލުކުރަނީ ތިމާވެށި ހަލާކު ނުކޮށް ވެސް ތަރައްގީ ގެނެވޭނެ ކަމަށެވެ. އެޑަމް ބުނާގޮތުގައި، ބޭނުންވަނީ އެއް ގޮތަށް ވުރެ ގިނަ ގޮތް ހޯދުމާއި ވިސްނާ ގޮތް ބަދަލުކުރުމެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރި އެއް ކަމަކީ ބަނދަރު ހެދުމެވެ.

"ބަނދަރެއް ނަހަދާ ހަމަ ނުވާނެ، ބައެއް ރަށްރަށުގައި. އެކަމަކު އެހެން ބައެއް ރަށްރަށުގައި، ވިސްނާލަން އެބަ ޖެހޭ ހަމަ ކޮންމެހެން ވެސް ބަނދަރެއް ބޭނުންވޭތޯ. ދިވެހިން ރަނގަޅު ސުވާލެއް ކަންނޭނގެ ކުރަން، ރިސޯޓުތަކުގައި ބަނދަރު ނުހުންނަނީ ކީއްވެގެންތޯ. ބޮޑު ރިސޯޓަކަށް މާ ގިނަ ސަޕްލައިސް އަންނާނެ ރަށަކަށް އަންނަ ވަރަށް ވުރެ. މާ ގިނަ މީހުން އަންނާނެ. އެކަމަކު އެ ތަންތަން ފަންކްޝަންކުރޭ ބަރާބަރަށް، ބަނދަރަކާ ނުލައި،" އެޑަމް ފާހަގަކުރި އެވެ.

"ބަނދަރު ހެދީމަ ރަށުގެ އޮއެވަރަށާއި ގިރުމާއި ވޮޑުމުގެ ސައިކަލް އަށް ބަދަލު އައިސް ދެން ރަށް ގިރަން ފެށީމަ އަނެއްކާ މިލިއަން ޑޮލަރުގެ މަޝްރޫއުއެއް ހަދާފައި މި ޖެހެނީ ގޮނޑުދޮށް ހިމާޔަތްކުރަން ބޮޑު ހިލަ ޖަހާ ކަންތައް ކުރަން. އެހެންވީމާ އަހަންނަށް ހީވަނީ މިހާރު މީހުން ވިސްނަން ވެއްޖެހެން މި ކަންތައްތަކުގެ ނޭދެވޭ އަސަރުތައް އެބަކުރޭކަން."

ހަމަ އެ ގޮތަށް، އެޑަމް ބުނަނީ، ރަށުގެ ބިން ފުރުނީމާ ދެން ހެދެން އޮންނާނެ ހަމައެކަނި ގޮތަކީ ހިއްކުން ނޫން ކަމަށެވެ.

"މިސާލަކަށް މާލެ ވަކި ވަރަކަށް ފުރުނީމަ ވިލިނގިލި ނެގީ. ރިސޯޓެއް ގޮތަށް އޮއްވާ ވިލިނގިލި ނަގާފައި ފެރީގެ ޚިދުމަތް ގާއިމްކުރީ. އެއީ މާ ރަނގަޅު ގޮތެއް ނޫން ހެއްޔޭ؟ ރަށް ވަށައިގެން އޮންނަ ފަޅާއި ފަރު ހިއްކާފައި އަނެއްކާ ތޮއްޓެއް ޖަހާފައި ރަށުގެ ގުދުރަތީ ސިފަތައް ނައްތާލުމުގެ ބަދަލުގައި ކައިރީގައި އޮންނަ ފަޅުރަށް ނަގާފައި ފެރީއެއް ބާއްވަންވީ ނޫން ހެއްޔޭ؟" އޭނާ ސުވާލުކުރި އެވެ.

މިފަދަ ޝުއޫރުތަކާއި ރަށްރަށުން އޭނާ އަށް ފެންނަ މަންޒަރުތަކަށް ސޯޝަލް މީޑިއާގައި ލިބޭ ސަމާލުކަން ބޮޑެވެ. ފޭސްބުކް އާއި އިންސްޓަގްރާމްގައި އޭނާ ޝެއާކުރާ ފޮޓޯތައް ފެނިފައި ރަށްރަށަށް ދިޔުމުގެ ޝައުގުވެރިކަން މީހުން ފާޅުކުރެ އެވެ. އަދި އޭނާގެ ކަންބޮޑުވުންތަކާ ގުޅިގެން އެކި މީހުން ޚިޔާލު ފާޅުކޮށް ބަހުސްކުރެ އެވެ. އެޑަމް ދެކޭގޮތުގައި އެއީ ކުރިއެރުމެކެވެ.

އެންމެ ކަމުދާ 5 ރަށް

ދަތުރުތަކުން ގިނަ އަދަދެއްގެ ރައްޓެހިން ލިބިފައިވާ އިރު ބައެއް ރަށްރަށަށް އެޑަމް މިހާރު ދަނީ އެ މީސްމީހުންގެ ދައުވަތަށެވެ. "ގުޅާ ވެސް ނުލާ" އޭނާ އަށް ދެވޭހާ ގާތް ރަށްރަށް މިހާރު އެބަހުއްޓެވެ. މެންގްރޫވްސް އާއި ކުނި މެނޭޖުކުރުން ފަދަ ތިމާވެށީގެ މައުލޫއުތަކަށް ހޭލުންތެރިކުރުމުގެ ގޮތުން އަމިއްލަ ހައިސިއްޔަތުން ހިލޭ ސާބަހަށް ރަށްރަށުގައި މައުލޫމާތު ދިނުމަކީ ވެސް އެޑަމް ކުރާ ކަމެކެވެ. ބައެއް ރަށްރަށަށް ތަކުރާރުކޮށް ވެސް އޭނާ ޒިޔާރަތްކޮށްފި އެވެ. މި ހުރިހާ ދަތުރުތަކުގެ ތެރެއިން، ހަނދާނުން ނުފޮހެވޭނެ ޚާއްސަ ރަށްތަކެއް އެޑަމް ފާހަގަކުރެ އެވެ.

މިއީ އެ ފަސް ރަށެވެ؛

1. ހއ. ކެލާ

ސަބަބު: ތާރީޚީ ގޮތުން ފާހަގަކުރެވުން އަދި ރީތިކަން. ދެވަނަ ބޮޑު ހަނގުރާމައިގެ ބަޑި ގުދަން، ބުންބާ ވަޅު، ކަނޑޫ ފާ. "ކެލާގެ ކަނޑޫ ފަލުގައި ހުރިހާ ގަސްތައް އެއްވަރަކަށް ހެދިފައި ހުރި އިރު ގަހަކަށް އަރާ މަތިން ނެގިން ފޮޓޯއެއް. އެ ފޮޓޯ ފެނުނީމަ ހަނދާންވަނީ، މެލްބަންގައި ގްރޭޓް އޯޝަން ރޯޑް ޓުއާ ކިޔާ ޓުއާއެއް އޮންނާނެ. އެ ޓުއާގައި ދަމުން ރެއިން ފޮރެސްޓަކަށް އަހަރެމެން މަޑުކުރީ. އެ ތަނުގައި ބައި ގަޑި އިރު ހިނގާލަން 30 ޑޮލަރު ނަގާ. ކެލާގެ ކަނޑޫ ފާ އެ އަށް ވުރެ މާ މެޖިކަލް. ހީވަނީ މީހަކު ދުވަހަކު ވެސް ނުގޮސް އޮތް ތަނެއް ހެން. އަދި އަހަރެމެން އެތަން ބަލައިލީ ހިލޭ.

2. ހދ. ކޭލަކުނު

ސަބަބު: ރާއްޖޭގެ ހަމައެކަނި "ޓްރޫ ފޮރެސްޓް". އެ ރަށުގެ ގަސްތަކާއި ރީތިކަން.

3. ލ. ގާދޫ

ސަބަބު: "އެއަށް ވުރެ ގިނައިން ދޫނި ފެނުނު ތަނެއް ނެތް. މިހާރު އާއްމުކޮށް މެންގްރޫވްސްގައި ނޫޅޭނެ ރޫސްޓްކުރާ ދޫނި. އެކަމަކު އެ ތަނުގައި ހާލި ހަދައިގެން ވަރަށް ބައިވަރު ދޫނި އުޅޭ."

4. ފުވައްމުލައް

ސަބަބު: ތާރީޚީ އަދި ގުދުރަތީ ތަންނަން. މިސާލަކަށް ދަންވައްބާލް، ތޫނޑު، ގެއްމިސްކިއް، ކެޑޭރެ މިސްކިއް.

5. ހއ. ބާރަށް

ސަބަބު: "ވަރަށް ސަޅި ކުޅިއެއް އޮންނާނެ. ކަޅުއޮށްފުންމި ހައިޑަވޭ ކިޔާ ސަރަހައްދެއް އޮންނާނެ. މުހައްމަދު ތަކުރުފާނުގެ ކާނި ގަސް ކަހަލަ ވަރަށް ތާރީޚީ ތަންތަން ހުންނާނެ. މީހުން ވަރަށް ހިތްހެޔޮވެފައި މެހްމާންދާރީ ވަރަށް ބަރާބަރު."

އެހެން މީހުންނަށް ވެސް އެޑަމްގެ ނަސޭހަތަކީ ރަށްރަށަށް ދަތުރުކޮށް ތަންތަން ބެލުމެވެ. އޭނާ ބުނާގޮތުގައި އެ ކަމަށް މާ ބޮޑު ތަކުލީފެއް އުފުލާކަށް ނުޖެހެ އެވެ. އަދި މާ ބޮޑު ޚަރަދެއް ކުރާކަށް ވެސް ނުޖެހެ އެވެ. އަމިއްލަ ތަޖުރިބާ އިން އެޑަމް ބުނަނީ "ރާއްޖޭގައި ވަރަށް، ވަރަށް ރީތި ތަންތަން އެބަހުރި" ކަމަށެވެ.