ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

މި އަހަރުގެ ކުޑަކުދިންގެ ދުވަސް ގިނަ ސްކޫލުތަކެއްގައި މިއަދު ފާހަގަކޮށްފި އެވެ.


އަންނަ މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކުޑަކުދިންގެ ދުވަސް މި އަހަރު ދިމާވަނީ އަންނަ ރޯދަ މަހު ތެރޭގައި ކަމަށްވާތީ، ރާއްޖޭގެ އެކި ހިސާބުތަކުގެ ގިނަ ސްކޫލުގައި ކުޑަކުދިންގެ ދުވަސް ފާހަގަކުރީ މިއަދެވެ. ބައެއް ސްކޫލުތަކުގައި އިއްޔެ ވެސް މި ދުވަސް ފާހަގަކޮށްފައި ވެ އެވެ. ކުޑަކުދިންގެ ދުވަހަކީ ރާއްޖޭގެ ސްކޫލުތަކުގައި ވަރަށް ކުލަގަދަކޮށް، ކުޑަކުދިންނަށް ހާއްސަ ހަރަކާތްތަކަކާ އެކު ފާހަގަ ކުރާ ދުވަހެކެވެ.

އިމާދުއްދީން މި ދުވަސް ފާހަގަ ކުރީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެ ސްކޫލުގެ ޕްރިންސިޕަލް އަހްމަދު މުޖާހިދު ވިދާޅުވީ އެ ސްކޫލުގައި ރޯދަ މަހާ ވެސް ދިމާކޮށް، ކުޑަކުދިންގެ ދުވަހަށް ޝިއާރެއް ވަނީ ކަނޑައަޅައިފަ އެވެ. މުޅި ސްކޫލާއި ޓީޗަރުންގެ ހެދުންތައް ވެސް ފަރުމާކޮށްފައި ވަނީ އެ ސްކޫލުން ކަނޑައެޅި "ކަރާ"ގެ ޝިއާރާ އެއްގޮތަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއް

މީގެ އިތުރުން އިސްކަންދަރު ސްކޫލުގެ 58 ވަނަ އަހަރީ ދުވަހާއި ކުޑަކުދިންގެ ދުވަސް އެއްކޮށްލައިގެން މިއަދު އެ ސްކޫލުގައި ވަނީ ވަރަށް ހާއްސަ އިވެންޓްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. އެ ސްކޫލުގެ ދޮރު ކުރިމަތިން މަގުމަތީގައި ގިޑިގެއެއް ހަދައި، ހުރިހާ ދަރިވަރުންނަށް ވެސް މަރުހަބާ ކިޔާފައި ވަނީ ރަތް ދޫލައިންނެވެ.

ހިރިޔާ ސްކޫލުން ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަރަކާތްތައް ހިންގީ އިއްޔެ ހެންވޭރު ދަނޑުގަ އެވެ. ކޮންމެ ދަރިވަރަކު ކުޅިވަރުތަކާ އެކު ހާއްސަ ޓީޝާޓެއްގައި މި ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައި ވެ އެވެ.

އަމީނިއްޔާ ސްކޫލުގައި މިއަދު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ

އަމީނިއްޔާ ސްކޫލުގައި މިއަދު މި ދުވަސް ފާހަގަ ކުރީ މާހެފުމަކާ އެކު އެވެ. ސްކޫލުން ބުނި ގޮތުގައި އެ ސްކޫލުގެ ޓެރަސްގައި އެކަމަށް ހާއްސަ ހަރަކާތްތަކެއް ވަނީ ބާއްވައިފަ އެވެ.