މި އަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން އިއްޔެ ފަށައިފި އެވެ.

އެ މިނިސްޓްރީން ބުނީ، އަންނަ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށެވެ.

މާލެ ފިޔަވައި ރަށްރަށުގައި ފިތުރު ޒަކާތް ބަލައިގަންނާނީ ރަށްރަށުގެ ކައުންސިލްތަކުންނެވެ. ސިޓީއެއް ނަމަ، ޒަކާތް ބަލައިގަންނާނީ އެ ރަށެއްގެ ސިޓީ ކައުންސިލުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ނެރެން ޖެހޭނީ އެ ރަށެއްގައި އާންމުކޮށް ކައި އުޅޭ ބާވަތަކުން 2.4 ކިލޯގެ އަގެވެ.

މިނިސްޓްރީން ބުނިގޮތުގައި، ރަސްމީކޮށް ޒަކާތް ބަލައިގަންނާނީ 2.4 ކިލޯގެ ގޮވާމުގެ އަގަށް ވާ ފައިސާ އިންނެވެ.

ދިރާގު ޕޭ އާއި އުރީދޫ އެމް ފައިސާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާނެޓް އެޕްލިކޭޝަނުން މެދުވެރިކޮށް ވެސް ޒަކާތް ދެއްކޭނެ އެވެ. އިސްލާމިކް ބޭންކްގެ މެއިން ބްރާންޗާއި ހުޅުމާލޭ ބްރާންޗުގެ ކައުންޓަރުން ވެސް އެ ފައިސާ ބަލައިގަންނާނެ އެވެ.

ބޭންކް އޮފް މޯލްޑިވްސް އަދި ފަހި ޕޭ މެދުވެރިކޮށް ވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މާލޭގައި ފިތުރު ޒަކާތުގެ ގޮތުގައި ދަައްކަން ޖެހޭ ފައިސާގެ އަދަދު:

- އާދައިގެ ހަނޑޫ: މީހަކަށް 12 ރުފިޔާ.

- ތައިލެންޑް ހުދު ހަނޑޫ: މީހަކަށް 52 ރުފިޔާ.

- ރަތް ހަނޑޫ: މީހަކަށް 78 ރުފިޔާ.

- އާދައިގެ ބާސްމަތީ ހަނޑޫ: މީހަކަށް 65 ރުފިޔާ.

- މޮޅު ބާސްމަތީ ހަނޑޫ: މީހަކަށް 89 ރުފިޔާ.

- އެންމެ މޮޅު ބާސްމަތީ ހަނޑޫ: 125 ރުފިޔާ.

- އާދައިގެ ފުށް: މީހަކަށް 10 ރުފިޔާ.

- އާޓާ ފުށް: މީހަކަށް 59 ރުފިޔާ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގއި، ކައުންސިލް އިދާރާތަކުން ޒަކާތް ބަލައިގަންނާނީ އެ ރަށެއްގައި 2.4 ކިލޯގެ ގޮވާން ގަންނަން ލިބޭ އަގުންނެވެ.