ރިޕޯޓް / ޓާޓާ ގްރޫޕް

288 ފްލެޓު އެޅި ޓާޓާއަށް މިވަރުގެ ބަދަލެއް؟

ހުރިހާ ފައިދާއެއް ޓާޓާގެ ކޮޅަށް އޮތް އެއްބަސްވުން ރަނގަޅު ކުރަން ސަރުކާރުތަކުން ކުރެވުނު ކަމެއް ނެތް. މި ސަރުކާރުން ވެސް ރުޖޫއަ މިވީ ފެށިއިރު ވެސް ގެއްލުން ބޮޑު އެއްބަސްވުމަށް.

ޓާޓާ ހައުސިން އިން ކުރިން އޯޑިއޯ ހުރި ތަނުގައި މަސައްކަތް ފެށުމަށް ތައްޔާރުވެފައި. އެއްބަސްވުމާ އެއްގޮތަށް މި ކުންފުނިން މަސައްކަތް ނުނިންމައި އެދުނީ ބޮޑު ބަަދަލަށް. -- ފޮޓޯ/ މިހާރު

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް އިންޑިއާގެ ޓާޓާގެ ކުންފުންޏާ 2010 ގައި ހަވާލުކޮށްގެން އެ ކުންފުންޏަށް ނިންމުނީ އެންމެ 288 ފްލެޓެވެ. ޔުނިޓަކަށް 72،500 ޑޮލަރު (1.1 މިލިއަން ރުފިޔާ)ގެ މަގުން ސަރުކާރުން މި ތަންތަނަށް ފައިސާ ވެސް ދެއްކި އެވެ. ދެން ބާކީ ހުރި އެއްވެސް ހައުސިން ޔުނިޓެއްގެ މަސައްކަތެއް ނުކުރެ އެވެ. އެކަމަކު އެ ކުންފުންޏަށް ހުރިހާ ފައިދާއެއްވާ ގޮތަށް އެކުލަވާލި އެއްބަސްވުމާއި އޭގެ ފަހުން މަސައްކަތް ހުއްޓާނުލާން އިސްލާހު ގެނައިރު ވެސް އެ މީހުންގެ ފައިދާ ސަރުކާރުތަކަށް އިސްކުރެވުމުގެ ނަތީޖާ މިއޮތީ ދައުލަތަށް އެންމެ ގެއްލުން ބޮޑު އެއް މަޝްރޫއަށް މިކަން ވެފަ އެވެ.

މާލޭގެ އެންމެ އަގު ބޮޑު ބިންތަކުގެ ތެރޭގައި ހިމެނޭ އޯޑިއޯން އާއި ނާދީ މަތީ ފެންވަރުގެ ފްލެޓް އަޅައި އެ މީހުން ބޭނުން އަގެއްގައި ވިއްކަން އެ އޮތީ ލިބިފަ އެވެ. އެއާއެކު ލަގްޒަރީ ވިލާ އަޅަން ރަށް ވެސް ދޫކުރާ ގޮތަށް އެއްބަސްވުމުގައި އަލުން ސޮއިކުރަން މި ސަރުކާރުގައި މިހާރު އޮތީ ގާތްގަނޑަކަށް ހުރިހާ ކަމެއް ހަމަޖެހިފަ އެވެ.

މި ގޮތަށް ދޫ ދޭން ނިންމީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަަލަށް ތިން ބިލިއަން ރުފިޔާ ސަރުކާރުން ދައްކަން ޖެހިދާނެ ކަމުގެ ބިރަށެވެ. އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހެޅި މައްސަލަ ދިވެހި ސަރުކާރުގެ ކޮޅަށް ނިމޭނެ ކަމުގެ ޔަގީންކަމެއް ނެތީ އެވެ. އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެކުލަވާލި އިރު ވެސް އޮތީ ޓާޓާގެ ކޮޅަށް ބުރަވެފަ އެވެ.

އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން މަސައްކަތް ނުނިންމައި ލަސްވި މުއްދަތަށް ދިވެހި ސަރުކާރަށް ވަނީ އެތައް މިލިއަން ރުފިޔާއެއްގެ ޖޫރިމަނާ ދައްކަން ޖެހިފަ އެވެ. އެ ފައިސާ ވެސް ނުލިބި އޮތް އިރު 288 ފްލެޓް ފިޔަވައި ސަރުކާރަށް ލިބުނު އެއްވެސް މޮޅެއް މި މަޝްރޫއަކުން ފެންނާކަށެއް ނެތެވެ. ޓާޓާއެކު އެންމެ ފުރަތަމަ އެކުލަވާލި އެއްބަސްވުމުގެ ބޮޑެތި މައްސަލަތައް އޮޑިޓަ ޖެނެރަލްގެ އޮފީސް ފަދަ ކަމާގުޅޭ އިދާރާތަކުން ފެންމަތިކޮށް އިސްލާހުކުރަން ވެސް އޮތީ އަންގައިފަ އެވެ.

އެއްބަސްވުން އޮތީ ޓާޓާގެ ކޮޅަށް ކަމަށް ފާޑުކިއުން އަމާޒުކޮށް ޔާމީންގެ ވެރިކަމުގައި މާލިއްޔަތު ކޮމިޓީން ވެސް މި މައްސަލަ ބެލި އެވެ. އެކަމަކު ދައުލަތަށް ފައިދާވާނެ ގޮތެއް ނުހޯދި ޖެހުނީ އޭރު ވެސް އެ މީހުންގެ ޝަރުތުތައް ދަމަހައްޓާށެވެ.

ޓާޓާ ކުންފުންޏަށް ބިލިއަނުން ފައިދާވާ ގޮތަށް އޮތް އެއްބަސްވުމެއް މި ސަރުކާރުން ވެސް މި ނިންމީ ކުރިން އޮތް ގޮތަށް ރުޖޫއަވެ ކުރިއަށް ގެންދާށެވެ. މި މަޝްރޫއުގައި މި ނޫން ގޮތެއް ހަމަ ނުފެނުނީ ހެއްޔެވެ؟

ޓާޓާ ހައުސިން އިން އޯޑިއޯން ހުރިތަނުގައި އަޅާ މަތީ ފެންވަރުގެ އެޕާޓްމަންޓް ބިލްޑިންގެ ބިންގާ އިންޑިއާ ސަފީރު އަޅުއްވައިދެއްވަނީ. ފޮޓޯ/މިހާރު

މި މައްސަލައިގައި "މިހާރު"އަށް ވާހަކަ ދެއްކި ބައެއް ބޭފުޅުންގެ ކަންބޮޑުވުމަކީ މި ގައުމުގައި މިހާތަނަށް ހިންގި އެންމެ ހަރަދު ބޮޑު ނުވަތަ އެއްކޮޅަކަށް ހުރިހާ މަންފާއެއް ލިބޭ ގޮތަށް ބުރަވެފައި އޮތް ހައުސިން މަޝްރޫއަށް، ޓާޓާ ބޭނުންވި ގޮތަށް އަނެއްކާވެސް އެއްބަސްވުމެވެ.

"އެ މީހުން އެޅި ހައުސިން ޔުނިޓްތަކަށް ފައިސާ ވެސް ދައްކާފައި ދައުލަތުން މި ދޭން ޖެހެނީ މާކެޓް ރޭޓުގައި 100 މިލިއަން އަދި 150 މިލިއަން ޖެހޭ އަގު ބޮޑު ދެ ބިން ހިލޭ އެ ކުންފުންޏަށް," ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވި އެވެ.

ކޮންމެ ފްލެޓަކުން އެ ކުންފުންޏަށް ގާތްގަނޑަކަށް 60 މިލިއަނެއްހާ ރުފިޔާ ލިބެން އޮތް ކަން ފާހަގަކުރައްވައި އުޝާމް ސިފަކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީގެ ވައްކަމަށް ވުރެން ސަރުކާރުތަކުން ޓާޓާއަށް މި ހޯދައިދޭ ފައިދާގެ ވައްކަން ވަކި ކުޑައެއް ނޫނެވެ.

މި މަޝްރޫއުގައި މާލޭގައި 500 ހައުސިން ޔުނިޓް އަޅަން ޓާޓާ އާއި އެސްޖީ18 ޑިވެލޮޕާސްގެ ހިއްސާ އޮތް "އެޕެކްސް ރިއަލްޓީއާ" ހަވާލުކުރީ ދެ މަރުހަލާއަކަށެވެ. އެއީ ފުރަތަމަ 350 ޔުނިޓާއި ދެ ވަނަ މަރުހަލާގައި 150 ޔުނިޓެވެ. ފަހުން 55 ޔުނިޓް އިތުރުކޮށް ޖުމްލަ 555 ހައުސިން ޔުނިޓަށް އެއްބަސްވީ ޕްރޮޕޯސަލް ހުޅުވާލި އުސޫލާ ހިލާފަށް ކަން ރަސްމީ ލިއުންތަކުގައި ބުނެފައި ވެ އެވެ.

2010 ގައި ހެދި އެއްބަސްވުމުން ޓާޓާއަށް ލިބޭ އިނާޔަތް

- އަރަބިއްޔާ އާއި ގާކޮށި 288 ހައުސިން ޔުނިޓުގެ އަގު،. އެއީ ޔުނިޓަކަށް 72،500 ޑޮލަރު (1.1 މިލިއަން ރުފިޔާ).

- ހައުސިން ޔުނިޓްތައް އިމާރާތްކުރާ ހަތަރު ބިމުގެ ކޮމާޝަލް އޭރިއާ (ގްރައުންޑް އަދި ފަސްޓް ފްލޯ) އެއްވެސް އަގަކާ ނުލައި ވިޔަފާރި ފައިދާ ހޯދަން ޓާޓާއަށް ލިބޭ.

- ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ތަންތަނުގެ ތެރެއިން 117 ލަގްޒަރީ ހައުސިން ޔުނިޓް، ޓާޓާ އިން ކަނޑައަޅާ އަގަކަށް އެ ކުންފުންޏަށް ފައިދާވާ ގޮތަށް ވިޔަފާރި އުސޫލުން ދޫކުރެވޭ.

- ސޯޝަލް ހައުސިން ޔުނިޓްތަކާއި ލަގްޒަރީ ހައުސިން ޔުނިޓް އަޅައި އެ ކުންފުނިން ބޭނުން އަގެއްގައި ވިއްކުމަށް އޯޑިއޯން އާއި ނާދީ ބިން ޓާޓާއަށް ހަމަޖައްސައިދިން.

- ޓޫރިޒަމް ގާނޫނުން ނަގަން ޖެހޭ ބިމު ކުލި ނުނަގައި, 35 ލަގްޒަރީ ވިލާ އަޅައި ވިއްކަން 50 އަހަރަށް ޅ. ޅޮއްސަލަފުށި ދޫކުރި.

- އެއްބަސްވީ މި މަޝްރޫއުގެ ދަށުން އަޅާ ކޮންމެ 10 ހައުސިން ޔުނިޓަކަށް ލަގްޒަރީ ވިލާއެއް އެޅުމަށް ބިން ދޫކުރަން.

- އެއްބަސްވުން ފަހުން އިސްލާހުކޮށް ސެޕްޓެމްބަރު, 2014 ގައި ޅޮއްސަލަފުށި ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން 50 އަހަރަށް ދޫކުރަން ނިންމި.

މި މަޝްރޫއަށް ގެންނަ ހުރިހާ މުދަލެއްގެ ޑިއުޓީ މާފްކޮށްދިނުން.

ފެށުމުގައި ވެސް ގޯސްތަކެއް!

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި މި މަޝްރޫއު ޓާޓާއާ ހަވާލުކުރީ އެ ކުންފުންޏަށް ހުރިހާ އިނާޔަތްތަކާއި މަންފާ ލިބޭ ގޮތަށް ކަން އޮޑިޓް ރިޕޯޓުން ވެސް އޮތީ ފެންނާށެވެ. ޓާޓާއާ 500 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށް މަސައްކަތް ކުރިއަށް ގެންދިޔަ ގޮތް ބަލަން 2010 ގައި ހެދި ހާއްސަ އޮޑިޓު ރިޕޯޓުގައި ބުނެފައި ވަނީ ޕްރޮޕޯސަލް ހުށަހެޅި ވަރަށް ވުރެން ސޮއިކޮށްފައިވާ އެއްބަސްވުމުގައިވާ އަގުތައް ބޮޑު ކަމަށެވެ.

ފުރަތަމަ 350 ފްލެޓުގެ ތެރެއިން 196 ޔުނިޓް ވިއްކަން ހަމަޖެއްސީ 72,000 ޑޮލަރު (1.110,240ރ.) އަށެވެ. އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ޔުނިޓަކަށް 14,500 ޑޮލަރު އެ ކުންފުންޏަށް ދައްކައި ބާކީ ފައިސާ އިމާރާތްކުރުން ނިމޭތާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކަން އޮތީ އެއްބަސްވުމުގައި ލާޒިމްކޮށްފަ އެވެ. މި އަގުތައް ކަނޑައަޅައި އެއްބަސްވުމުގައި ހިމަނާފައި އޮތީ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި އިރު އޮތް އުސޫލްތަކާއި ވާދަވެރި ހަމަހަމަ ބީލަމުގެ އުސޫލާ ވެސް ހިލާފަށް ކަން އެ އޮޑިޓުގައި މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތެވެ.

ޓާޓާ އެކު އެއްބަސްވުން އެކުލަވާލި ފަހުން ވެސް އެ ކުންފުންޏަށް ލުއިތަކާއި މާލީ އިނާޔަތްތައް ދޭން އެކި ފަހަރު މަތިން ބަދަލު ގެނައިކަން ލިޔެކިޔުންތަކުން އޮތީ ފެންނާށެވެ.

އަރަބިއްޔާ ހުރި ތަނުގައި ޓާޓާ އިން އިމާރާތްކޮށްފައިވާ ފްލެޓް އިމާރާތް: އެ ކުންފުނިން މަޝްރޫއު ފުރިހަމަނުކޮށް އާބިޓްރޭޝަނަށް ހުށަހެޅީ ދައުލަތުން ތިން ބިލިއަން ރުފިޔާގެ ބޮޑު ބަދަލެއް ހޯދަން.

މި މަޝްރޫއުގެ މަސައްކަތް ހުއްޓުނީ ފެބުރުއަރީ, 2012 ގަ އެވެ. މަސައްކަތް ކުރިއަށް ނުދާތީ، އެ މީހުންނަށް ދޫކުރި އޯޑިއޯން އާއި ނާދީ ބިން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އަތުލި އެވެ. މި ހިސާބުން މައްސަލަ ގޯސްވެފައި އޮއްވައި ބޯހިޔާވަހިކަމުގެ މި މަޝްރޫއު އަލުން ފެށުމަށް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން މަޝްވަރާކޮށް 2014 ގައި އެއްބަސްވުން އިސްލާހުކުރީ އެވެ.

އޭރު އެއްބަސްވީ އޯޑިއޯން އާއި ނާދީ ބިން އޮކްޓޯބަރު، 30، 2014 ގައި ހަވާލުކޮށް، 12 މަސް ދުވަހުގެ ތެރޭގައި ގާކޮށި އަރަބިއްޔާގެ މަސައްކަތް ނިންމުމަށެވެ. އެއާއެކު ލަގްޒަރީ ވިލާ އަޅަން ހަމަޖައްސާފައިވާ ޅޮއްސަލަފުށި ރިސޯޓް ހެދުމަށް ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ބަދަލު ކުރަން ވެސް އިސްލާހުގައި ހިމެނި އެވެ. އެކަމަކު މި ފުރުސަތު ދޭ ގޮތަށް އޮތީ 500 ހައުސިން ޔުނިޓް ނިންމައި ސަރުކާރާ ހަވާލުކުރުމުންނެވެ.

މި އިސްލާހުތަކާ އެކު އެއްބަސްވުމަށް ފަހު، އެގްރީމަންޓް ފަހުން އުވާލީ ޝަރުތުތަކާ އެއްގޮތަށް ޓާޓާއިން މަސައްކަތް ކުރިއަށް ނުގެންދިއުމުން ކަމަށް ބުނެ އެވެ. އެކަމަކު މިކަން ދޮގުކޮށް ޓާޓާ ކުންފުނިން ބަޔާނެއް އޮތީ ނެރެފަ އެވެ.

ޑްރާފްޓު އެގްރިމެންޓުގައި އިނީ ރާއްޖޭގެ ކޯޓަކަށް ހުށަހަޅަން

ޓާޓާ އެކު މި މަޝްރޫއަށް އެއްބަސްވުން އެކުލަވާލި އިރު އޭގައި އޮތީ މައްސައެއް ދިމާވެއްޖެ ނަމަ ހައްލުކުރާނީ ރާއްޖޭގެ ކޯޓަކަށް ހުށަހަޅައިގެންނެވެ. އެކަމަކު ސޮއިކުރި އެއްބަސްވުމުގައި އެބައި އޮތީ އިސްލާހުކޮށްފަ އެވެ. އޭގައި އޮތީ މައްސަލައެއް ދިމާވެއްޖެ ނަމަ ކުރިއަށް ގެންދާނީ އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅައި އެ ގައުމުގެ ހައި ކޯޓުގެ ރިޓަޔަޑް ފަނޑިޔާރެއްގެ ކުރިމަތީގައި ކަމެވެ.

މި މާއްދާ 2015 ގައި އިސްލާހު ކުރި އިރު ބަދަލު ގެނެސް ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅޭ ގޮތަށް އޮތީ ބަދަލު ގެނެސްފަ އެވެ.

މުމްބާއީގެ އާބިޓްރޭޝަނަށް ޓާޓާއިން ސެންޓަރަށް މައްސަލަ ހުށަހެޅުމުން ކުރީގެ ސަރުކާރުގައި ކުރި މަޝްވަރާތަކުގައި އޯޑިއޯން ބިން ދޫކޮށްލަން އެ ކުންފުނިން އެއްބަސްވި އެވެ. އޭރު ސަރުކާރުގެ ވިސްނުމަކަށް ވީ މާލޭގެ މެދުގައި ތޮއްޖެހޭ ގޮތަށް ހައުސިން ޔުނިޓްތަކެއް އެޅުން ކުރިއަށް ނުގެންދާށެވެ. ބަދަލުގެ ގޮތުގައި ހުޅުމާލޭގައި ބައެއް ހައުސިން ޔުނިޓް އަޅަން ނިންމައި ބިންތައް ހަމަޖައްސައިދޭން ހުށަހެޅި އެވެ.

ޓާޓާއަށް ދިން ބިމެއް: މިހާރު އެއްބަސްވެފައި އޮތީ އެންމެ ފުރަތަމަ ޝަރުތުތަކަށް.

ކުނި ކޮށި ބިމުން ޓާޓާއަށް ދީފައި އޮތް ބިން އަތުލީ މި ސަރުކާރުން ބޭނުންވެގެންނެވެ. އޯޑިއޯން ބިން އަނެއްކާވެސް ދޭން އުޅެނީ މި ބިމުގެ ބަދަލުގަ އެވެ.

ސަރުކާރަށް ފައިދާވާ ގޮތަށް ބަދަލުކުރެވުނީސް؟

ޓާޓާ އެކު ސޮއިކުރި އިރު ވެސް އެއްބަސްވުން އޮތީ ސަރުކާރަށް ގެއްލުންވާ ގޮތަށް ކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ ފަހުން ދިމާވި ކަންކަމަށް ފަހު އަލުން ސެޓްލްމެންޓަކަށް ދާ އިރު ދައުލަތަށް ފައިދާވާ ގޮތަށް ނިންމަން ވިސްނަން ޖެހޭ ކަމަށެވެ. އެ ފުރުސަތު ވެސް އެގޮތަށް މަސައްކަތް ކުރި ނަމަ ފަހިވީސް ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"މިހާރު ނޭނގެ އެ މީހުންނަށް ކޮން ގޮތަކަށް ކަމެއް އެ ރަށް ދެނީކީއެއް ވެސް. މާލޭގެ އެންމެ ޕްރައިމް ލޮކޭޝަންތައް އެ ހަމަޖައސައިދެނީ. އޯޑިއޯން ދެނީ ކިހިނެއް ކަމެއް އެ މީހުންނަށް ފައިސާ ދޭން ޖެހޭ ކަމެއް ވެސް ނޭނގެ" އުޝާމް ވިދާޅުވި އެވެ.

"އެއްބަސްވުމުގައި 2010ގައި ސޮއިކޮށްފައި އިނީމަ ކުރެވޭނެ މާ ބޮޑު ކަންކަމެއް ނެތް. އެ ހަގީގަތް ގަބޫލުކުރަން ޖެހޭ. އެކަމަކު އަނެއްކާވެސް ކުރިން ހަދާފައި އޮތް ގޯސް އެގްރީމަންޓަށް މި ސަރުކާރުން ވެސް ރުޖޫއަ މިވީ. 2018 ގައި ސޮއިކުރި އެގްރީމަންޓަށް ވުރެން މިހާރު ދައުލަތަށްވާ ގެއްލުން ބޮޑުވާނެ."

ސެޓްލްމެންޓަކަށް ދިޔައީ ސަރުކާރަށް ފައިދާ ބޮޑު ގޮތަށް

އެކަމަކު ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އެ ފާޑުކިއުންތަކަށް އެއްބަސްވެވަޑައެއް ނުގެންނެވި އެވެ. ޓާޓާ އެކު ފަހުން އެއްބަސްވި ގޮތް ދިފާއުކުރައްވަމުން ތަކުރާރުކޮށް ވިދާޅުވީ މިހާރު އެއްބަސްވުން އެ އޮތީ ދައުލަތަށް އެންމެ ފައިދާވާ ގޮތަށް ކަމަށެވެ.

ދައުލަތަށް ލިބުނު ގެއްލުމުގައި އޭނާގެ ހިތްހަމަނުޖެހުން އަމާޒުކުރެއްވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށާއި ކުރީގެ ސަރުކާރަށެވެ. އެއްބަސްވުން އުވާލީ ގާނޫނާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށާއި ހުރިހާ ތަކުލީފެއް އުފުލަން ޖެހެނީ އެ ސަބަބާ ހެދި ކަމަށް ވިދާޅުވި އެވެ.

އަމީނީމަގުގައި ޓާޓާއިން ހަދާފައިވާ ފްލެޓްތައް. ފޮޓޯ: ނިޝާން އަލީ /މިހާރު

ދައުލަތުން ތިން ބިލިއަން ޓާޓާއަށް ދައްކަން ޖެހިދާނެ ކަމުގެ ބިރަށް ސެޓްލްމަންޓަކަށް ދިޔައިރު ވެސް ޔާމީންގެ ސަރުކާރުން ސެޕްޓެމްބަރު 2018 ގައި އެއްބަސްވެފައި އޮތީ ރިސޯޓެއް ހަދަން ރަށެއް 50 އަހަރަށް ދޭން ކަން އަކްރަމް ފާހަގަކުރެއްވި އެވެ.

"އެއަށް ވުރެން ރަނގަޅަށް މި ދިޔައީ. ލަގްޒަރީ ވިލާ އަޅަން ދޭ އިރު ސަރުކާރަށް ނުވަ މިލިއަން ޑޮލަރު މިފަހަރު ލިބޭނެ އިތުރަށް. ޔާމީން ސަރުކާރުން އެއްބަސްވީ ތިމަންނަމެން ރިސޯޓަކާއި ބިންތައް ދޭނަމޭ." އަކްރަމް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ކުނިކޮށިން ބިމުން ބައެއް ދިނުމެކޭ އޯޑިއޯން ދިނުމެކޭ ތަފާތެއް ނެތެވެ.

"މީގައި ގޯސް ހެދީ ޔާމީންގެ ސަރުކާރުން. މި ސަރުކާރުން އައިސް ކުރީގެ އެއްބަސްވުމަށް މި ވާސިލްވީ."

ފުރަތަމަ ފެށި އިރު ވެސް ގޯސް ހަދައި ޓާޓާ ކުންފުންޏަށް ފައިދާވާ ގޮތަށް އޮތް އެއްބަސްވުމެއް ކަމަށް އޮޑިޓް އޮފީހުގެ ލިއުންތަކުން ވެސް ފެންނަން އޮތް އިރު ޔާމީންގެ ސަރުކާރޭ ވިދާޅުވަނީ ކީއްވެތޯ ދެންނެވުމުން ވިދާޅުވީ ދައުލަތަށް ގެއްލުންވީ އެއްބަސްވުން އުވާލުމުން ކަމަށެވެ. އެގޮތަށް އުވާލީ މި އެއްބަސްވުން އެކަނި ނޫން ކަމަށާއި ނޫމަޑި އެއްބަސްވުން ވެސް އުވާލައި ކުރީގެ ސަރުކާރުގައި ގޯސް ހަދާފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ.

ޓާޓާ އެކު ސެޓްލްމެންޓަކަށް ދިޔަ ގޮތް މި ސަރުކާރުން ދިފާއުކުރިޔަސް މިހާތަނަށް ފެންނަން އޮތީ އެއްބަސްވި ހިސާބުން ވެސް ހުރިހާ މޮޅެއް އެ ކުންފުންޏަށް ލިބޭ ގޮތަށް ކުރިއަށް ގެންގޮސްފައި އޮތް މަޝްރޫއެއް ކަމެވެ.

82 ކޮމެންޓް, 67 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 6%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 1%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުއިޒު

19 January 2022

އަޅެ ޕްލީސް ކޮންމެވެސް މީހަކު މާލެ މޭޔަރުކުރެން އައްސަވާ ބައްލަވާ އެޗްޑީސީ މެދުވެރިކޮށް ސަރުކާރުން ޓާޓާއަށް ދިނީ ކޮން 222 ވިލިޔަން ރުފިޔާއެއްތޯ؟

The name is already taken The name is available. Register?

މަޚުލޫފު

18 January 2022

އިބޫ ސޯލިހު ކަޅުފައިސާއެއް ނުދޮންނާނެ، ކަރަޕްސަނަށް ދޭނީ ހަމަ ސުން ފުރުޞަތު އެބަހީ ޒީރޯ ޓޮލޭރެންސް، ކޯވިޑު ނައިނަމަ ރާއްޖެ މިހާރު އެމެރިކާއަށްވުރެ ތަރައްޤީ ވާނެ، ޓާޓާ ކޯވިޑު

The name is already taken The name is available. Register?

ޓީޓީއައުޓު

18 January 2022

ޓާޓާއަށް ތިތަން ނުދީފިއްޔާ، 2018 ގައި އެންޑި÷ޕީގެ ކެމްޕޭނަށް ޓާޓާއިން ކުރި ޚަރަދުވެސް ދައުލަތުން ދައްކަންްޖެހޭނެ

The name is already taken The name is available. Register?

އުޝާމް

18 January 2022

އެމްއެމްޕީއާރުސީގެ ވައްކަމަށް ވުރެން ސަރުކާރުތަކުން ޓާޓާއަށް މި ހޯދައިދޭ ފައިދާގެ ވައްކަން ވަކި ކުޑައެއް ނޫނެވެ.

The name is already taken The name is available. Register?

ނިދައިފި

18 January 2022

އިންޑިއާ ޓާޓާ، ޓާޓާ އައުޓު، އިންޑިއާ އައުޓު

The name is already taken The name is available. Register?

އައިޖޭ

13 January 2022

"މިހާރު ނޭނގެ އެ މީހުންނަށް ކޮން ގޮތަކަށް ކަމެއް އެ ރަށް ދެނީކީއެއް ވެސް. މާލޭގެ އެންމެ ޕްރައިމް ލޮކޭޝަންތައް އެ ހަމަޖައސައިދެނީ. އޯޑިއޯން ދެނީ ކިހިނެއް ކަމެއް އެ މީހުންނަށް ފައިސާ ދޭން ޖެހޭ ކަމެއް ވެސް ނޭނގެ" އުޝާމް ވިދާޅުވި އެވެ. .. މީން ކަމެއް ނޭނގި އުޝާމް މިކިޔަނީ ދައުލަތަށޤ ގެއްލުމޭ؟ މިއުޅެނީ އމަިއްލަ ވިޔަފާީގެ މަންފާއއެއްގައި ބާ؟

The name is already taken The name is available. Register?

ލުތުފީ

12 January 2022

އުޝާމް އަށް އެގޭނެ ރިއަލްސްޓޭޓް ވިޔަފާރި. ރަޝީދު ކާޕެންޓްރީގެ މައި ހިއްސާދާރަކީ އުޝާމުގެ ބައްޕަ. ދެން އުޝާމުގެ އަމިއްލަ މަސްލަހަތު މިކަމުގައި އޮންނާނެވަރުވެސް ވިސްނާލަންޖެހޭ!

The name is already taken The name is available. Register?

ގތ6657

12 January 2022

ޑޭ ލައިޓް ރޮބެރީ،، ހަހަހަހަ

The name is already taken The name is available. Register?

ސަރުދާރުު

12 January 2022

މިފަދަ ބޮޑެތި ގެއްލުން ލިބޭހެން އެގުރިމެންޓް ހަދާފަ ތިބޭ ރައީސުންނަާްވެސް ކޮންމެ މަހަކު މިލިޔަނުން ދައުލަތުގެ ބަޖެޓުން ހަރަދު ކުރުން ހިއްޓާލާކަށް ނުވޭބާ؟

The name is already taken The name is available. Register?

ހާމިދު ޝާހިދު

12 January 2022

މިހުންނަނީ ރޯމާ ދުވާލު ކުރާ ބޮޑެތި ވައްކަންތައް. މިވައްކަންތައް ހުއްތުވުމަށް ޓަކާ އެބަޖެހޭ ކޮމަންޑޫ ދާއިރާގެ ގޮނޑި އިދިކޮޅު ޖޯޝީ ވަތަނީ ޕާޓީ ޕީޕީއެމްއަށް ދޭން. އިންޑިއާ އައުޓް، އިންޑިއާ އައުޓް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454