އިންތިޚާބުގެ ތާރީޚު އިއުލާންކުރާކަށް ހުރަހެއް ނެތް، އެކަމަކު ދިގުދަންމަނީ!

މި މަހު 14 ގައި ބާއްވަން ކުރިން ނިންމި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިތުރު ދެ މަހަށް ފަސްކުރަން މިދިޔަ މަހު ސިވިލް ކޯޓުން ކުރި ހުކުމާ އެކު އެ އިންތިޚާބު މި މަހު ނުބޭއްވޭނެ ކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އެ ހުކުމް ގަބޫލުކުރަން ގިނަ ބަޔަކަށް އެންމެ އުނދަގޫވީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ އިންތިޚާބު ފަސްކުރުމެވެ. އެހެން ހުރިހާ ޕާޓީތަކުން އިންތިޚާބު ފަސްކުރަން ދެކޮޅު ހެދިޔަސް ހަމައެކަނި ޕީޕީއެމަށް ޓަކައި އިންތިޚާބު ފަސް ކުރުމަކީ އެ ހުކުމަށް ފާޑު ކިޔުން އަމާޒުވި ސަބަބެވެ.

އެ ހުކުމް ގަބޫލުކުރަން ކިތަންމެ ގިނަ ބަޔަކު ދެކޮޅު ހެދިޔަސް އެއީ ޝަރުއީ ކޯޓެއްގެ ނިންމުމެކެވެ. އަދިި އެ ހުކުމް އިލެކްޝަންސް ކޮމިޝަނުން އިސްތިއުނާފް ނުކުރަން ނިންމުމުން ގާނޫނީ ގޮތުން ބަލާއިރު އެ ހުކުމަކީ މިހާރު ޗެލެންޖް ކުރުމުގެ ފުރުސަތު ނެތް ނިހާއީ ހުކުމެކެވެ. އެހެންވެ، ދެން އޮތީ އެއަށް އަމަލު ކުރުމެވެ. އެކަމަކު މިހާރު ފެންމަތިވެގެން މިއުޅެނީ އެހެން މައްސަލައެކެވެ. ހުކުމާ އެއްގޮތަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދަން ނިންމިޔަސް އިންތިޚާބު ދެން ބާއްވާނެ ތާރީޚު ކޮމިޝަނުން އިއުލާން ނުކުރުމެވެ.

އިންތިޚާބު ފަސްކުރަން ކުރި ހުކުމް އިސްތިއުނާފް ނުކުރަން ނިންމީ ހުރިހާ ޕާޓީތަކުން ވެސް އެގޮތަށް އެއްބަސްވެ، ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމެޓީގައި ލަފާ ދިނުމުންނެވެ. ޕާޓީތަކުން އެގޮތަށް ލަފާ ދިން ސަބަބަކީ އެ މައްސަލަ އިސްތިއުނާފް ކޮށްގެން ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލް ކުރިޔަސް ޖެނުއަރީ، 14 ގައި އިންތިޚާބު ބޭއްވުމުގެ އެއްވެސް ފުރުސަތެއް އޭރު ނެތުމެވެ. އެއީ އިންތިޚާބުގެ ކުރިން ގާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އެކި ކަންކަމަށް ވަގުތު ނެތުމުންނެވެ. މައްސަލަ އިސްތިއުނާފް ނުކުރިޔަސް އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން، ޕީޕީއެމް އާއި އެމްޑީއޭ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުން ކޮމިޝަންގައި އެދުނެވެ.

އެކަމަކު ކޮމިޝަނުން އަދިވެސް އެކަމަށް އެއްބަހެއް ނުވެ އެވެ. ކޮމިޝަނުން ބުނަނީ ސިވިލް ކޯޓުގެ ހުކުމުގައި ސާފުނުވާ ކަންތައްތަކެއް އެބަހުރި ކަމަށާއި އިންތިޚާބު އިއުލާން ކުރެވޭނީ އެކަންކަން ސާފުކުރުމަށް ފަހު ކަމަށެވެ. ސާފުނުވާ ކަންކަން ސާފުކުރަން އެ ކޮމިޝަނުން މިހާރު ވަނީ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެކަމަކު ހުކުމުގައި ސާފުނުވަނީ ކޮން ކަމެއް ކަމެއް ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ސާފުނުވާ ކަމެއް ނެތް!

ސިވިލް ކޯޓުގެ ހުކުމުގައި މައިގަނޑު ގޮތެއްގައި އޮތީ ތިން ކަމެކެވެ. އެއީ (1) ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި ދިމާވި ކަންކަމުގެ ސަބަބުން އެ ޕާޓީއަށް އިންތިޚާބަށް ތައްޔާރު ނުވެވުމަކީ އިންތިޚާބު ފަސްކުރަން ޖެހޭ ފަދަ ޟަރޫރީ ހާލަތަކަށް ވުމާއި އެހެންކަމުން (2) 14 ޖެނުއަރީ އަށް ވުރެ ދެ މަސް ފަހުގެ ތާރީޚެއްގައި އިންތިޚާބު ބޭއްވުމާއި (3) އާ ކައުންސިލަރުން އިންތިޚާބު ވަންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބުމެވެ.

އެ ހުކުމުގައި އިންތިޚާބު ދެން ބާއްވަންވީ ތާރީޚެއް ބުނެފައެއް ނެތެވެ. އަދި އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ޖެހޭނީ އިތުރު ކަމެއް ނުވަތަ ކަންތައްތަކެއް ފުރިހަމަކުރުމަށް ފަހު ކަމަކަށް ވެސް ހުކުމުގައެއް ނެތެވެ. މާނައަކީ އިންތިޚާބުގެ ތާރީޚު އިއުލާން ކުރުން އިލެކްޝަންސް ކޮމިޝަންގެ އަތް މައްޗަށް ދޫކޮށްލާފައި އޮތުމެވެ. އެހެންވެ، އެ ހުކުމް އޮތް ގޮތުން އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ކޮމިޝަނަށް މިހާރު ވެސް އެއްވެސް ހުރަހެއް ނެތެވެ.

އެކަމަކު އިލެކްޝަންސް ކޮމިޝަންގެ ވާހަކަތަކުން މިހާރު ދޭހަވަނީ އިންތިޚާބު ބާއްވާނެ ތާރީޚެއް ދެން އިއުލާން ކުރާނީ ސިވިލް ކޯޓުގެ ހުކުމް މާނަކުރަން ހައި ކޯޓަށް ހުށަހެޅި މައްސަލަ ނިމުމުން ކަމެވެ. އެހެންވެ، އެ މައްސަލަ ނުނިމި ކިތަންމެ ދުވަހެއް ވިޔަސް އިންތިޚާބު ނުބާއްވާ ތިބެދާނެ އެވެ. އެހެން އެކަން ވެއްޖެ ނަމަ، އޭގެ އާޚިރު ނަތީޖާއަކަށް ވާނީ އިންތިޚާބުގެ ތާރީޚު އިއުލާން ކުރުމާއި ނުކުރުން އެހެން މުއައްސަސާއެއްގެ މައްޗަށް ދޫކޮށްލެވުމެވެ.

ކޯޓުން މައްސަލަ ނުނިމެނީސް އިންތިޚާބު އިއުލާން ނުކުރާނެ ކަން އެނގޭ ނަމަ ކޯޓުގައި ހިނގާ މައްސަލައިގެ ތެރެއަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުމުގެ ފުރުސަތު އޮންނާނެ އެވެ. އޭގެ ބަދަލުގައި އިންތިޚާބުގެ ތާރީޚު މިހާރު އިއުލާންކޮށްފި ނަމަ އެކަން ވާނީ ހުށަހަޅާފައި އޮތް މައްސަލަ ކޯޓުން އަވަހަށް ނިންމަން ވެސް އެޅޭ ބާރަކަށެވެ. އަދި އޭރުން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޕާޓީތަކަށް ވެސް އިންތިޚާބުގެ ކެމްޕެއިންތައް ގެންދާނެ ގޮތް ކަނޑައެޅި، އިންތިޚާބަށް ރަނގަޅަށް ތައްޔާރު ވެވޭނެ އެވެ.

މީގެ ކުރިން ބޭއްވި އިންތިހާބެއްގައި ވޯޓު ގުނަނީ: ކައުންސިލް އިންތިޚާބުގެ ތާރީޚު އިއުލާން ނުކުރާތީ އިދިކޮޅު ޕާޓީތަކުން ވަނީ ފާޑުކިޔާފައި-- ފޮޓޯ: އިލެކްޝަންސް

އިންތިޚާބުގެ ތާރީޚު އިއުލާން ނުކުރާތީ އިދިކޮޅު ޕާޓީތަަކުން ވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އިންތިޚާބުގެ މައްސަލަ އިސްތިއުނާފް ކުރަން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން އަމަލުކުރި ގޮތުންނާއި އިންތިޚާބުގެ ތާރީޚު އިއުލާން ނުކޮށް ލަސްކުރާތީ އިދިކޮޅު ޕާޓީތަކުން ތުހުމަތު ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަށް ކޮމިޝަނުން "ގޭމެއް" ކުޅެނީ ކަމަށެވެ. ކޮމިޝަންގެ އަސްލު ބޭނުމަކީ ސަރުކާރުން ބޭނުންވާ ގޮތަށް އިންތިޚާބު ފަސްކުރުން ކަމަށް ޕާޓީތަކުން ތުހުމަތުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ އަމަލާ މެދު ސުވާލު އުފެދޭ

ގާނޫނީ ބައެއް ވަކީލުން ވެސް ފާހަގަކުރައްވާ ގޮތުގައި އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ކޮމިޝަނަށް އެއްވެސް ހުރަހެއް ނެތެވެ. ހުކުމް އޮތް ގޮތުން ކަމެއް ސާފުނުވާ ނަމަ ދެން ޖެހޭނީ އެ މައްސަލައެއް ނިންމި ކޯޓަކަށް ހުށަހަޅަން ނުވަތަ އިސްތިއުނާފް ކުރާށެވެ. އެކަމަކު އެގޮތަށް ކޮމިޝަނުން އަމަލު ނުކޮށް އަދި އިސްތިއުނާފް މުއްދަތު ވެސް ހަމަވި ފަހުން އެ ހުކުމް މާނަކުރަން ހައި ކޯޓަށް ދިއުމުން އެކަމާ މެދު ވަކީލުން ސުވާލު އުފައްދަ އެވެ.

"ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު ކޮމިޝަނުން އަމިއްލައަށް ދޫކޮށްލުމުން އެ ހުކުމް ނިހާއީ ހުކުމަކަށް ބަދަލުވީ، މިހާރު އެ ހުކުމް މާނަކުރަން ކޮމިޝަނުން ހައި ކޯޓަށް ދިއުމުން އެ ކޮމިޝަންގެ ނިޔަތާ މެދު ސުވާލު އުފެދޭ،" ނަން ނުޖަހަން ޝަރުތުކުރައްވާ ވާހަކަ ދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮމިޝަނުން މިހާރު އަމަލުކުރަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށެވެ. އޭގެ ސަބަބުން އިންތިޚާބަށް ކެމްޕެއިންކޮށް އަދި އެތައް ޚަރަދެއް ކޮށްފައި ތިބި ކެންޑިޑޭޓުންގެ ހައްގުތައް ދަނީ ގެއްލެމުންނެވެ. އޭގެ މިސާލެއްގެ ގޮތުން އޭނާ ދެއްކެވީ ސިވިލް ކޯޓުގެ ހުކުމުގައި ގާނޫނީ ބޮޑެތި މައްސަލަ ހުރި ކަމަށް ކޮމިޝަނުން ކުރިން ބުނުމަށް ފަހު އެ ހުކުމް އިސްތިއުނާފް ނުކުރުމެވެ.

"އެ ހުކުމް މާނަކުރަން އިލެކްޝަންސް ކޮމިޝަނުން މިހާރު ހައި ކޯޓަށް އެ ދިޔައީ އިންތިޚާބީ މައްސަލަތައް ބެލުމުގެ އިހްތިސާސް އޮތީ ހަމައެކަނި ހައި ކޯޓަށް ކަމަށް ދެކިގެން ކަމަށްވާ ނަމަ އެ ހުކުމް އިސްތިއުނާފް ނުކޮށް ދޫކޮށްލީ ކޮމިޝަންގެ އިހްލާސްތެރިކަމެއް ނެތީމަ ކަމަށް ބުނެވިދާނެ،" އެ ވަކީލް ވިދާޅުވި އެވެ.

އޭނާގެ ނަޒަރުގައި ކުރިން އިންތިޚާބަށް ކުރިމަތިލި ފަރާތްތައް އަލުން ކުރިމަތިލާން ނުޖެހޭ ގޮތަށް އަދި އިތުރު ބަޔަކު ކުރިމަތިލާން ބޭނުން ނަމަ އެކަމަށް ކޮންމެވެސް މުއްދަތެއް ދިނުމަށް ފަހު އިންތިޚާބު އިއުލާން ކުރަން ޖެހެ އެވެ.

ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އިންތިޚާބެއް ބޭއްވުމަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބެއްގެ އެންމެ މުހިންމު އެއް ޝަރުތެވެ. އެކަމަކު ކައުންސިލް އިންތިޚާބުގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ ޖަވާބަކަށް ވާނީ އިންތިޚާބު ފަސްކުރަން ކޯޓުގެ ހުކުމެއް އޮތް ވާހަކަ އެވެ. ތެދެކެވެ. އެފަދަ ހުކުމެއް އެބަ އޮތެވެ. އެކަމަކު ހުކުމާ އެއްގޮތަށް އިންތިޚާބުގެ ތާރީޚު އިއުލާން ކުރަން ކޮމިޝަނަށް އެއްވެސް ހުރަހެއް ނެތީސް އެކަން ނުކުރުމަކީ ކޮމިޝަންގެ ނިޔަތް ގޯސްވުން ކަމަށް ބެލިދާނެ އެވެ.

ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ގާނޫނުގައި ބުނާ މުއްދަތަށް ވުރެ ފަހުން ބޭއްވި އިންތިޚާބަކީ 2013 ގެ ރިޔާސީ އިންތިޚާބެވެ. އެ އިންތިޚާބުގެ ފުރަތަމަ ބުރު ބާއްވައި ނިންމައި، ދެވަނަ ބުރަށް ތައްޔާރު ވަނިކޮށް ފުރަތަމަ ބުރުގެ ނަތީޖާ ބާތިލްކޮށް، ބޮޑެތި ގައިޑްލައިންތަކާ އެކު ސުޕްރީމް ކޯޓުން އެންގީ އިންތިޚާބު އަލުން ބޭއްވުމަށެވެ.

އަލުން އިންތިޚާބު ބާއްވަން ކޯޓުން އެންގުމަށް ފަހު އާ އިންތިޚާބު ނިމި، ނަތީޖާ އިއުލާން ކުރެވެންދެން ވެސް ހުރިހާ ކަމެއް ދިޔައީ އޮޅުން ބޮޅުންގަނޑެއްގެ ތެރޭގަ އެވެ. ސަބަބަކީ ހުކުމަށް ފަހު އިންތިޚާބަށް ތައްޔާރު ވަމުން ދިޔައިރު އެ ހުކުމުގައި ބުނެފައި ނެތް އެތައް ކަމަކާ ގުޅޭ ގޮތުން އެތައް އަމުރެއް ކޯޓުން ނެރެމުން ދިއުމެވެ.

އެ އިންތިޚާބާ ގުޅޭ ބައެއް ކަންކަން ކޮމިޝަނުން ނިންމުމުން، އެކަން އެހެން ނުކުރެވޭނެ ކަމަށް ބުނެ ކޯޓު އަމުރެއް އާދެ އެވެ. ވަކި ކަމެއް ވަކި ގޮތަކަށް ކުރަން ނިންމުމުން، އެކަން ކުރަން ޖެހޭނީ އެހެން ނޫން ކަމަށާއި މިވެނި ގޮތަކަށް ކަމަށް ބުނެ އެހެން އަމުރެއް އާދެ އެވެ. އެކަމަކު އެ ހުރިހާ ކަންކަމާ އެކު ވެސް އޭރުގެ އިލެކްޝަންސް ކޮމިޝަނުން ދިޔައީ އިންތިޚާބުގެ ތާރީޚު އިއުލާންކޮށް، އެކަމަށް ތައްޔާރުވަމުންނެވެ. ކޮމިޝަނުން އޭރު މަސައްކަތްކުރީ ވީހާ ވެސް އަވަހަކަށް އިންތިޚާބު ބާއްވާށެވެ.

ކޯޓުން މައްސަލަ ނުނިމުނަސް އިންތިޚާބު އިއުލާން ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެކެވެ. އެކަން ކޮމިޝަނުން ކުރަން އެބަ ޖެހެ އެވެ. އެހެން ނޫނީ އިންތިޚާބަށް ނުރަނގަޅު ނުފޫޒުތަކެއް ފޯރުވުމުގެ ފުރުސަތު ލިބި، އިންތިޚާބުގެ ނަތީޖާއާ މެދު އޮންނާނީ އިންތިޚާބުގެ ކުރިން ވެސް ސުވާލު އުފެދިފަ އެވެ.