ރިޕޯޓް

އަމީނީމަގު: ގަސްތައް ނެގޭކަށް ނެތް، ނުނަގާ ވާކަށް ނެތް؟

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ: އެތަނުން ކަނޑާ ގަސްތައް އިންދުމަށް ހަމެޖެހިފައި ވަނީ ކުޑަގިރީގައި. މަގު ހަދައި ނިމުމުން ތާރު އަޅައިގެން ހަދާ މަގުތަކާ އެކަށީގެންވާ ބާވަތުގެ ގަސް އިންދާނެ ކަމަށް އާރްޑީސީއިން ބުނޭ (މިހާރު ފޮޓޯ: ފަޔާޒު މޫސާ)

އަޑިގުޑަންތައް ގިނަ އެވެ. ވިއްސާރަަވެއްޖެއްޔާ ކޯރު ހެދި ފެން ނުހިނދިފަ އެވެ. ވެހިކަލުުގައި ދުއްވަން އަދި ހިނގައި އުޅެން ވެސް އެހާ ދައްޗެެވެ. މިއީ މާލޭގެ މައި އެއް މަގު، އަމީނީމަގެވެ.

މިކަން ހައްލުކުރަން ސަރުކާރުން ވަނީ 84 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެއް ފަށައިފަ އެވެ. ރާވާފައި ވަނީ، ދެން ދުވަހަކު މަގު ކޮންނަން ނުޖެހޭ ފެންވަރަށް އެތަން ހަދައި ވަށައި ޖެހޭ ހައްލެއް ހޯދުމަށެވެ. އެ މަސައްކަތް ހަވާލުކުރީ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާ އެވެ. އެކަމަކު، އާންމުންގެ އުންމީދުތަކާ ވެސް ވަރަށް ބޮޑަށް ގުޅިފައިވާ މި މަޝްރޫއު ފެށިތަނާހެން އާރްޑީސީ ސަލާމަތްނުވާ ވަރުގެ ކަމަކާ ޖެހުނީ އެވެ.

ދަރުބާރުގެ ކައިރިން މަގު ހަދަން ފެށީ އަމީނީމަގުގައި 20-30 އަހަރުން ވެފައި ހުރި ބޮޑެތި ގަސްތައް ކޮށާލައި އެ ގަސްތައް ނެގުމާ އެކުގަ އެވެ. އާންމުން ރުޅިގަދަވީ އެވެ. ގަސް ކެނޑުން ހުއްޓުވަން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ވައްދައިފި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ގަސް ނުކަނޑައި މަސައްކަތް ކުރިއަށްގެންދެވޭނެ ގޮތެއް ހޯއްދަވަން ކޯޓަށް މައްސަލައެއް ހުށަހަޅުއްވަން ތައްޔާރުވަމުންނެވެ.

އެއްކޮޅުގައި އޮތީ މަޑުމަޑުން ނެތެމުންދާ ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ އަޑުފައްގަނޑެވެ. އަނެއްކޮޅުގައި އަމީނީ މަގުގެ މައްސަލަތައް ހައްލުކޮށް "ޒަމާނީ ތަރައްގީ" ގެންނަން ވިއްދާލާފައި އޮތް ސަރުކާރެވެ.

ތާރު އަޅާ ނަމަ ގަސް ނެގުން ނޫން ގޮތެއް ނެތް

ގަހެއް އުފުރާލައިފި ނަމަ އެއީ އާންމުންގެ ނުރުހުން އަމާޒުވާނެ ކަމެއްކަން އާރްޑީސީއަށް ވެސް އެނގެ އެވެ. އެކަމަކު، އެ ކުންފުނީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވި ގޮތުގައި އެކަން ކުރަނީ އެ ނޫން ގޮތެއް ނެތިގެންނެވެ. ކުންފުނީގެ ފަންނީ މުވައްޒަފުން ވެސް ލަފާ ދެނީ ގަސްތައް ނުނަގައި ބޭނުންވާ ގޮތަށް މަޝްރޫއު ނުހިންގޭނެ ކަމަށެވެ.

"ގަސްތައް ބަހައްޓައިގެން ކުރެވޭނެ އެއްވެސް ގޮތެއް ތާރު އަޅަންޏާ އަޅުގަނޑުމެންނަކަށެއް ނުފެނުނު. ޓެކްނިކަލް ބޭފުޅުންނާ މަޝްވަރާކޮށްގެން އަޅުގަނޑުމެން ވެސް އެންމެ ފުރަތަމަ ބެލީ އެއްވެސް ގަހެއް ނުނަގައި ވާނެ ހުރިހާ ގޮތަކަށް އެކަން ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

އަމީނީ މަގުގައި އާރްޑީސީން ކޮނެފައި އޮތް އިރު، ގަސްތަކުގެ މޫތައް ވަދެ ބެދިފައި އޮތް ހޮޅިއެއް. އާރްޑީސީއިން ބުނަނީ މިހެން ވިޔަ ނުދިނުމަށް އަމީނީ މަގުގައި އެހެން ބާވަތެއްގެ ގަސްތަކެއް އިންދަން ޖެހޭ ކަމަށް. -- ފޮޓޯ: އާރްޑީސީ

މޫކޭ ކިޔައިދެއްވި ގޮތުގައި އަމީނީމަގުގައި ހެދިފައި ހުރި ގަސްތަކަކީ އެ ގަސްތައް ބޮޑުވާ ވަރަކަށް ތަބީއީ ގޮތުން މޫތައް ވަރަށް ބޮޑަށް ފެތުރޭ ގަސްތަކެކެވެ. އަދި އޭގެ މޫތަކަކީ ފެނުގައި ޖެހިފައި މައްޗަށް ހެދޭ މޫތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަމީނީ މަގުގައި އެންމެ ފޫޓެއް އަޑިން ފެނުގައި ޖެހޭ އިރު އެ ގަސްތަކުގެ މޫތައް ފެތުރި މަގަށް ގެއްލުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނީ މަގު ހަދަން އުޅެނީ ހުރިހާ ކޭބަލްތަކެއް މަގުގެ އަޑީގައި އެޅުމަށް ފަހު އޭގެ މަތިން ތާރު އަޅާ ގޮތަށެވެ. އޭރުން މަގު ކޮނުން ނިމުމަކަށް ގެނެވުނީ އެވެ. މަޝްރޫގައި ހައްލު ހޯދަން ޖެހޭ ކަންކަމުގެ ތެރޭގައި، ފެންބޮޑުވުމުގެ މައްސަލަ އާއި ފަސޭހަކަމާ އެކު ހިނގައި އުޅެވޭނެ ގޮތް ހެދުމާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވީލްޗެއާގައި އުޅެވޭނެ ގޮތް ހެދުން ހިމެެނެ އެވެ.

މޫކޭ ވިދާޅުވި ގޮތުގައި އެ ކަންކަން ހައްލުކުރަން ބަލާއިރު ގަސްތައް ބަހައްޓައިގެން އެކަން ކުރެވޭނެ ގޮތެއް ނެތެވެ. މިހާރު ހުރި ގަސްތައް ނަގައިގެން ނޫނީ، މަގުގެ އަޑީގައި އަޅަން އުޅޭ ނެޓްވޯކުތައް ފަހުން ސަލާމަތް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ހުރި ގަސްތަކުގެ މޫތައް ފެތުރި، ކޭބަލްތައް އަޅާފައި ހުރި ހޮޅިތަކުގެ ތެރެއަށް ވަދެ ގެއްލުންވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބޭނުންކުރާ ވީލްޗެއާ ދުއްވާނެ ޖާގައެއް ވެސް އެ ގަސްތައް އެހެން ބަހައްޓައިގެން ނޯންނާނެ ކަަމަށް ވެސް މޫކޭ ވިދާޅުވި އެވެ.

އަމީނީ މަގުގައި ހެދިފައި ހުރި ބޮޑު ގަހެއް: އެ ގަސްތަކުގެ ސަބަބުން މަގު ހަދާ އިރު ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފުރޮޅުލީ ގޮނޑީގައި ދެވޭނެހާ ޖާގަ ނޯންނަ ކަމަށް އާރްޑީސީއިން ބުނޭ. -- ފޮޓޯ: އާރްޑީސީ

އޭނާ ވިދާޅުވީ، ގަސް ބަހައްޓައިގެން މަސައްކަތްކުރާ ނަމަ ޖެހޭނީ މޫތައް ކަނޑާފައި މަސައްކަތް ކުރިއަށްގެންދަން ކަމަށެވެ. އެކަމަކު، އޭގެ ނަތީޖާއަކަށް ވާނީ މޫސުން ގޯސް ދުވަސްވަރެއްގައި ޖެހޭ ރޯޅިއެއްގައި ގަސް ވެއްޓި ބަޔަކު ނުރައްކަލަށް ހުށަހެޅުން ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތަށް މަސައްކަތް ނިންމައިފި ނަމަ ދުވަސްކޮޅަކުން އިވޭނީ 84 މިލިއަން ރުފިޔާ ހަރަދުކުރި މަގު ހަލާކުވަމުންދާ ކަމުގެ ޝަކުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންދާނީ މާ ރަނގަޅު ގަސްތަކެއް

އަމީނީ މަގުގެ ގަސްތައް ނެގި ނަމަވެސް، އެ ގަސްތައް ކޮށައި މޫތަކާ އެއްކޮށް ނަގައިގެން އިންދަން ހަމަޖެހިފައި ވަނީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީ ކުރާ ކުޑަގިރި އަދި ހުޅުމާލޭޭ ދެވަނަ ފިޔަވަހީގަ އެވެ. އެ ގަސްތަކުގެ ކުރިތަކުން އިތުރު ކުދި ގަސްތައް ވެސް އެތަންތަނުގައި އިންދާނެ ކަމަށް އާރްޑީސީން ބުނެ އެވެ.

މޫކޭ ވިދާޅުވީ، އަމީނީ މަގު ހަދައި ނިމޭ އިރު ފެހިކަމެއް ނެތި ނޯންނާނެ ކަމަށެވެ. އާރްޑީސީން ރާވާފައި ވަނީ އަޑިއަށް މޫ ފައިބައި ގަސްތައް އަމީނީ މަގުގައި އިންދުމަށެވެ. އަދި އެގޮތަށް އެކަން ކުރަން ނިންމާފައި ވަނީ މަގުގެ އަޑީގައި އަޅާ ހޮޅިތަކާ ދުރުން ހެދޭނެ ގޮތަށް ޖާގަ ދީގެން ކަމަށް ވިދާޅުވި އެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ: މަގު ހަދައި ނިމުމުން ތާރު އަޅައިގެން ހަދާ މަގުތަކާ އެކަށީގެންވާ ބާވަތުގެ ގަސް އިންދާނެ ކަމަށް އާރްޑީސީއިން ބުނޭ -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

"އަމީނީ މަގަށް ހިޔާދޭ ބޮޑެތި ގަސް، އަޅުގަނޑު މި ދައްކަނީ ޓްރީ ޕިޓުގައި އެކަނި ކުދިކުދި ގަސް ޖަހާ ވާހަކައެއް ނޫން. ހިޔާދޭ ބޮޑެތި ގަސް ޖަހައިގެން ހެއްދޭނެ ގޮތަކީ ކޮބައިތޯ އާއި އަމީނީ މަގު ކަހަލަ ފެން ތިލަ، މިހާ ބައިވަރު ހޮޅިތައް އަޑީގައި އޮވެ ނެޓްވޯކުތަކަށް ގެއްލުން ނުވެ ރަނގަޅަށް ހެދޭނެ ގަހަކީ ކޮބައިތޯ ބަލަމުން މިދަނީ،" މޫކޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަމީނީ މަގަށް ރަނގަޅުވާނެ ކަމަށް ބެލެވޭ ހަތަރު ވަރަކަށް ބާވަތެއްގެ ގަސް މިހާރު ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެންމެ ރަނގަޅުވާނީ ކޮން ގަހެއް ކަމެއް ނިންމާނީ ފަންނީ މުވައްޒަފުން ދިރާސާ ކުރުމަށް ފަހު ކަމަށް ވިދާޅުވި އެވެ. އަދި މަގު ހަދައި ނިމޭ އިރު އެ މަގުގައި އިންދާފައި ހުންނާނީ ވެސް ހިޔާ ލިބޭހާ ބޮޑުވެފައި ހުރި ގަސް ކަމަށް ވިދާޅުވި އެވެ.

އާރްޑީސީއީން ބުނަނީ ގަސްތައް ނުނަގައި މަސައްކަތް ކުރާ ނަމަ ޖެހޭނީ ޕްރޮޖެކްޓުގައި ހައްލު ހޯދަން އަމާޒު ހިފާފައިވާ ގިނަ ކަންކަން ހަނދާން ނައްތާލަން ކަމަށެވެ. އެގޮތަށް މަގު ހަދާ ނަމަ ދޫކޮށްލަން ޖެހެނީ ފެންބޮޑުވުމާއި ހިނގާ މީހުންނަށް ފަސޭހަކޮށްދިނުމާއި އަބަދު މަގު ކޮންނަން ޖެހޭ މައްސައަލަށް ހޯދާ ހައްލުތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އަމީނީ މަގު ހެދުމަށް އެ މަގު ކޮނެފައި: އެ މަގު ތަރައްގީ ކުރަން ނިންމާފައި ވަނީ ތާރު އަޅައިގެން -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

"މިއީ އާބަން ފޮރެސްޓެއް ނައްތާލުން"

ނަަޝީދުގެ ފަރާތުން ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅުއްވަނީ ގަސްތައް ނުނަގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް އާރްޑީސީގެ މައްޗަަށް އަންގައިދޭން އެދި އެވެ. އެ މައްސަލަ ކުރިއަށްދާއިރު، ގަސްތައް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް ނަޝީދުގެ ފަރާތްޕުޅުން އެދޭނެ އެވެ.

ޝުނާނާ ވިދާޅުވީ، އަމީނީ މަގުގައި ހެދިފައި ހުރި ބިޔަ ގަސްތައް ނަގަމުންދާއިރު އެއީ އާދައިގެ އެންމެ ގަހެއް ނަގާލުން ފަދަ ކަމެއް ނޫން ކަމަށެވެ. އެއީ "އާބަން ފޮރެސްޓްރީ" ނުވަތަ އިންސާނުން ދިރިއުޅޭ ސިޓީތަކުގައި ތިމާވެށި ރައްކާތެރިކުރުމަށް އިންދާފައި ހުންނަ ގަސްތައް ނައްތާލުމުގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. އެއީ ތިމާވެއްޓަށް އަދި އާންމުންނަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"މިއީ އާދައިގެ ގަހެއް ދެ ގަހެއް ނެގުމެއް ނޫން. ޕްލޭންޑް ގޮތަކަށް ތިމާވެށި ރައްކާތެރިކުރަން އާބަން އޭރިއާއެއްގައި އިންދާ ގަސްތަކަކީ އާބަން ފޮރެސްޓްރީ. އާބަން ފޮރެސްޓްރީއެއް ނައްތާލައިގެން އެންވަޔަރަމެންޓަށް ލިބޭނެ ގެއްލުމާއި ދެތިން ގަހެއް ބުރިކޮށްލައިގެން ލިބޭނެ ގެއްލުމާ ވަރަށް ތަފާތު،" ޝުނާނާ ވިދާޅުވި އެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑަނީ: އެތަނުން ކަނޑާ ގަސްތައް އިންދުމަށް ހަމެޖެހިފައި ވަނީ ކުޑަގިރީގައި. މަގު ހަދައި ނިމުމުން ތާރު އަޅައިގެން ހަދާ މަގުތަކާ އެކަށީގެންވާ ބާވަތުގެ ގަސް އިންދާނެ ކަމަށް އާރްޑީސީއިން ބުނޭ -- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ވިއްސަކަށް އަހަރުން ހެދިފައި ހުރި އެ ގަސްތަކަކީ ހިޔާ ދިނުމުގެ އިތުރުން، ސްޓެލްކޯގެ އިންޖީނުގެއިން ނުކުންނަ ވިހަ ދުމުންނާއި މަގުމަތީގައި ދުއްވާ ވެހިކަލްތަކުން ނުކުންނަ ގޭސްތަކުންނާއި ކޮންސްޓްރަކްޝަން ސައިޓުތަކުން ވައިގެ ތެރެއަށް ދާ ކުނޑިތަކުން އާންމުން ސަލާމަތްކޮށްދޭ ގަސްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ގަސްތައް ނަގައި އާ ގަސްތަކެއް އިންދި ނަމަވެސް އާ ގަސްތައް ހެދެން ވެސް އަހަރުތަކެއް ނަގާނެކަން ފާހަގަކުރެއްވި އެވެ.

ޝުނާނާ ފާހަގަކުރެއްވީ، ކޮންމެހެން ގަސް ނަގައިގެން ނޫނީ މަސައްކަތް ކުރެވެން ނެތް ހާލަތެއްގައި އެކަން ނުކުރަން މަޝްރޫއުގެ އީއައިއޭ ރިޕޯޓުގައި ވެސް ހިމަނާފައިވާ ކަމެވެ. އަދި ގަސްތައް ނުނަގައި އެކަން ކުރެވޭނެ ގޮތަކީ ގާ ޖަހައިގެން މަގު ހެދުންކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމެވެ.

ޝުނާނާގެ ބޭނުމަކީ އަމީނީ މަގު ހެދުން ހުއްޓުވުމެއް ނޫނެވެ. މަގު ހަދަން އޭނާ ވެސް ބޭނުންވެ އެވެ. އެކަމަކު، އެކަން ކުރާ އިރު އެވަރުގެ ބޮޑު ގެއްލުމެއް ލިބެން ޖެހޭ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ގަސް ނެގުން ހުއްޓުވަން ކޯޓަށް ދާން ތައްޔާރުވާއިރު އެމްޑީ މޫކޭ ގަބޫލުކުރައްވަނީ އެ މައްސަލައިގައި ކޯޓަށް ދިޔުމުގެ ހައްގު ލިބިގެން ވިޔަސް، އަމީނީ މަގަށް ރައްޔިތުން ހޯދަން ބޭނުންވާ ހައްލު ހޯދައިދޭން ޖާގަ ދިނުމަށެވެ. އަދި ގަސް ނެގުން ހުއްޓުވަން އަމުރެއް ނެރެފި ނަމަ އެކަން ހުއްޓާލައި ސަރުކާރުގެ އިދާރާތަކާ ގުޅިގެން މައްސަލައަށް ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވަން ތައްޔާރު ކަމަށް ވިދާޅުވި އެވެ.

51 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 10%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައުކަލޯ

01 October 2022

ޜޯޑްކޮންސްޓްރަކްށަނާމިނިސްޓުރީއާކައުންސިލްބޭއްވޭކަށްނެތްނުބާއްވާވާކއްނެތްހެޔޮއެއގޮތްވެސްނެތް

The name is already taken The name is available. Register?

ފަރު

29 September 2022

ޕްލެޓް ފޯރމް އައިސް އެތަން މިތަނަށް އަރާ އޮތީރު ކޮބަޔޯ ތިމާވެށި..؟؟

The name is already taken The name is available. Register?

ހިޔާލީ އަލީ

29 September 2022

އަމީނީ މަގުން ޖެހޭނީ ހުރިހާ ގަހެއް ކަނޑަން، އެހެން ނޫނީ މަގު ނުހަދާ ތިބެންވީ. މިއީ ދީނީ ހަރުކަށި ފިކުރު ކަހަލަ ބައެއް، ގަހެއް ނުކެނޑޭ މޫދަށް ނަގިއްޔެއް ނޭއްލޭ، މަހެއް ނުކެވޭ، ތިމާވެށި ހިމާޔަތްކުރަންވެސް ހުދޫދެއް ހައްދެއް އޮންނަން ޖެހޭ

The name is already taken The name is available. Register?

ލެޓްސްގޯ

29 September 2022

ޝުނާނާ ސައިކަލުގަ އަމީނީ މަގުގެ ދުއްވާލާތަން ބަލާލަން ބޭނުން.

The name is already taken The name is available. Register?

ނާމްދި ކާނޫ

29 September 2022

މިއީ ކުރަން އުންދަގޫކަމެއް! އެއީ ގިނައަހަރުވީ އަދި ހިޔާ ލިބޭ ހިތްގައިމު ގަސްތަކެއްވީމާ! ނަމަވެސް ގަސްތައް އެހެންތަނަކަށް ރީލޯކޭޓް ކުރުން އެއީ ރަންގަޅުގޮތް. ތާރު އެޅުމަށްފަހު އަލުން ގަސްއިންދީމާ އަހަރު ތަކަކަށް ފަހު އަނެއްކާވެސް ހިޔާ ލިބި މަގަށް ރީތި ފެހިކަން އަލުން އަންނާނެ! ބުރިޖު ޕުލެޓުފޯރްމް ވިލިންގިލީ ފަރަށް އަރާ އެތައްދުވަހެއް ވަންދެން އޮވެ ފަރުހަލާކުވިއިރު ނަޝީދު ކޮބާ؟؟ ދިވެހިންނަށް ރަންގަޅު އެއްގޮތްވެސް ނޮއޮންނާނެ!!

The name is already taken The name is available. Register?

ވިސްނާ.

29 September 2022

މެންދުރު ކާން ދާން ވެގެން ކާރުކޮޅު ޕާކުރަން ގޯޅިއެެއް އެއްކޮށް ބަންދުކުރާ މަނިއްޕުޅަކަށް އިހުސާސެއް ނުވާނެ މި މަގުތަކުގަ ދުއްވައިގެން އަހަރުންގެ ބުރަކައްޓަށް ވާ ގެއްލުމެއް. ރައްޔިތުންނަށް އުނދަގުލެއް ކުރެވެން އޮތިއްޔާ އެކަން ކުރާނެ ކެނެރީގޭ ނަޝީދު.

The name is already taken The name is available. Register?

ހަސަންދީ

29 September 2022

ކަޑާލާ ގަސްތަކުގެ ބަދަލުގައި ގަސް އަލުން އިންދާނަމަ އެއްވެސް މައްސަލައެއްނެތް...

The name is already taken The name is available. Register?

ތުނޑުހަސަނު

29 September 2022

ބިޔަކޮށް ހެދޭ ބޮޑެތި ގަސްތައް ހައްދާއިރު މޫތައް އެކިދިމަދިމާލަށް ގޮސް މަގާއި ޢިމާރާތްތަކަށް ގެއްލުންވާނެކަން އެނގޭ. މިކަން ޙައްލުކޮށް ވަކިވަރަކަށް އަޑިން ނޫނީ މޫތައް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި ކުރެވޭ ކަންކަންވެސް ހުރޭ. އާބަން އޭރިޔާގައި ބިޔަ ގަސް ހައްދާއިރު މިކަހަލަ ފިޔަވަޅުތައް ވަރަށް ގިނަ ގައުމުތަކައި އަޅާ. މިވަގުތަށް އެންމެ ބުއްދިވެރިގޮތަކީ މިހާރު ހުރި ގަސްތައް ނަގެމުަށްފަހު އަލުން ގަސް އިންދާއިރު މިފަދަ ފިޔަވަޅުތަކާއެކު ގަސްއިންދުން.

The name is already taken The name is available. Register?

12345

29 September 2022

ކަދުރު ރުއް އިންދަންވީނު ތިތާ؟

The name is already taken The name is available. Register?

މޫކޭކޭ

29 September 2022

އަޖައިބެއްނު. އާރުޑީސީ އަކީ ކޮންޓްރެކްޓަރު. މުނިސިޕަލް އޮތޯރިޓީއެއް ނޫން. އަދި މަސައްކަތުގެ ވެރިފަރާތެއްވެސް ނޫން. ގޮތް ނިންމާނީ އާރުޑީސީ އަކުން ނޫން. ސަރުކާރު ކުންފުންޏަކަށް ވުމަކުން ވަކިއިތުރު ބާރެއް ނުލިބޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454