އަމީނީމަގު ހެދުމަށްޓަކައި، އެ މަގުގައި ހުރި ގަސްތައް ނެގުން ހުއްޓުވަން ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވައިފި އެވެ.
އަމީނީމަގު ތަރައްގީ ކުރުމަށްޓަކައި އެ މަގުގައި ހުރި ގަސްތައް ނަގަން ނިންމުމުން އެކަމާ ދެކޮޅަށް ކޯޓަށް ނަޝީދު ހުށަހެޅުއްވި ގަސްތައް ނުނަގާ އެ މަޝްރޫއު ކުރިއަށް ގެންދަން ސަރުކާރުގެ މައްޗަށް އަމުރުކޮށް ދިނުމަށް އެދި އެވެ.
ސިވިލް ކޯޓުން އިއްޔެ ނިންމި ނިންމުމުގައިވަނީ އެ މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބަޔާންކޮށް، ނަޝީދުގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމަށް ދައުލަތުން ދެކޮޅު ހަދާފައިނުވާތީ ދައުވާ އަނބުރާ ގެންދިޔަ ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.
އެ މައްސަލަ ހިނގިއިރު، އަމީނީމަގުން ގަސް ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދޭން ނަޝީދުގެ ފަރާތްޕުޅުން ކޯޓުގައި އެދިވަޑައިގަތެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްގެން ފެށި އަމީނީމަގުގެ މަޝްރޫއުގެ ފުރަތަމަ ބައި ނިންމައި، މިހާރު ވަނީ ހުޅުވާލައިފަ އެވެ.