ރިޕޯޓް / ޖިނާއީ އަދުލުގެ ނިޒާމު

ގެއްލިއްޖެ، ހަށިގަނޑެއް ނެތް: މަރާލީ ކަމަށް ނިންމޭނެތަ؟

ކްރައިމް ސީނެއްގައި ފުލުހުން ހެކި ހޯދަނީ: ރާއްޖޭގައި ގެއްލިފައިވާ މީހެއްގެ މައްސަލާގައި ފުރަތަމަ ފަހަރަށް މަރުގެ ދައުވާއެއް ކުރަން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލިޓަން އެންމެ ފަހުން ދިރިހުއްޓާ ފެނުނީ އޭނާ މަސައްކަތްކުރި ބޯޓުން އިތުރު މީހަކާ އެކު މިދިޔަ ޑިސެމްބަރު މަހު ވިލިމާލެއިން ފުރި ވަގުތު އެވެ. އޭގެފަހުން އޭނާއަށް ވީ ގޮތެއް މިހާތަނަކަށް ނޭނގޭ އެވެ. މަންޒަރު ފެނުނު ހެއްކަކު ނެތްއިރު އޭނާ ވީތަނެއް ވެސް ނޭނގެ އެވެ.

ލިޓަން ގެއްލުނު ފަހުން ވ. އަތޮޅު ރަށެއް ކައިރިން އޮޔާ ދަނިކޮށް ފެނިގެން ޝައްކުވި ހަށިގަނޑަކީ ވެސް ފަހުން އެނގުނު ގޮތުގައި އޭނާގެ ހަށިގަނޑެއް ނޫނެވެ. އެހެންވެ، ލިޓަން ގެއްލުނަސް، އޭނާ މަރުވެފައިވާ ކަން ނުވަތަ ދިރިހުރި ކަން ވެސް ވޭތުވެދިޔަ ދެ މަސް ތެރޭގައި ގާނޫނީ ގޮތުން ކަށަވަރެއް ނުވެ އެވެ.

ލިޓަންގެ ހަށިގަނޑު ނުފެނުނަސް އޭނާ މަރާލާފައިވާ ކަމަށް ނިންމައި އަދި އޭނާއާ އެކު ބޯޓުން ދަތުރުކުރި މުހައްމަދު ނިޒާމްގެ މައްޗަށް މީހަކު މެރުމުގެ ދައުވާ ދައުލަތުން ކުރަން މިހާރު ވަނީ ނިންމައިފަ އެވެ. މިއީ ގެއްލިފައިވާ މީހެއްގެ މައްސަލާގައި މީހަކު މެރުމުގެ ދައުވާއެއް ރާއްޖޭގައި ކުރާ ފުރަތަމަ ފަހަރެވެ.

މަރުވިކަން ޔަގީން ނުވެ، މަރުގެ ދައުވާއެއް

މީހުން ގެއްލުމުގެ ހާދިސާތައް މީގެ އަހަރުތަކެއް ކުރީއްސުރެން ފެށިގެން ފެނިފައި ވިޔަސް، ރާއްޖޭގައި މިހާތަނަށް ކުރަމުން އައީ އެންމެ ބޮޑު ވަރަކަށް ވެސް ޓެރަރިޒަމްގެ ދައުވާ އެވެ. އެއީ މީހަކު ގެއްލުނަސް މަރުވިކަން ކަށަވަރު ނުވަނީސް، މަރުގެ ދައުވާއެއް ކޯޓުގައި ސާބިތު ކުރުމަކީ އުނދަގޫ ކަމަކަށް ވާނެތީ އެވެ.

މީހެއްގެ މައްޗަށް ކުށެއް ސާބިތު ކުރުމުގެ ކުރިން، ހަގީގަތުގައި ވެސް އެ ކުށެއް ހިނގައިފިކަން ސާބިތުވާން ޖެހެ އެވެ. މިސާލަކަށް މީހަކަށް ވައްކަމުގެ ތުހުމަތެއް ކުރުމުގެ ކުރިން، ހަގީގަތުގައި ވެސް ވައްކަމެއް ހިނގައިފި ކަމާއި އަދި ވައްކަން ކުރި ތަނަކާއި ނެގި މުދަލަކީ ކޮބައިކަން ވެސް އެނގެން ޖެހެ އެވެ.

"މީހަކު މަރާލާފައި އެ މީހާގެ ފޮރުވީމަ ދެން މަރުގެ ދައުވާ ނުކުރަންވީ ނުވަތަ އެއީ ހޭ ނަތީޖާއަކީ. އެއީ ހަމަޖެހޭ ކަމަކަށް ނުވާނެ."

އެހެންވުމުން މީހަކު މަރާލި ކަމުގެ ދައުވާއެއް ކުރާނަމަ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަގީގަތުގައި ވެސް މީހަކު މަރުވެފައިވާ ކަން ކަށަވަރު ކުރުމެވެ. އެކަން އާންމުކޮށް ކަށަވަރު ކުރަނީ މަރުވި މީހާގެ ހަށިގަނޑު ހޯދައިގެންނެވެ. ސަބަބަކީ މީހަކު ގެއްލުމަކީ އޭނާ މަރާލީ ކަމަށް ނިންމޭނެ ސަބަބަކަށް ނުވާތީ އެވެ.

"އަޅުގަނޑުމެން ބޭނުން ކުރާނީ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައި ހުރި އުސޫލުތަކާއި ދުނިޔޭގައި އެހެން ބައެއް ގައުމުތަކުގައި ޕްރެކްޓިސް ކުރަމުންދާ ބައެއް އުސޫލުތައް." ނުފެންނަ ހަށިގަނޑެއް މަރާލާފައިވާކަން ސާބިތު ކުރާނީ ކިހިނެއްތޯ ސުވާލު ކުރުމުން ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެސްޓެބްލިޝް ކޮށްދޭނަން އޭނާ އެ ކުރި ކަމަކީ މީހަކު މަރުވެދާނެ ފަދަ ކަމެއްކަން. އަދި އެކަމަކީ އެ ނޫން ނަތީޖާއެއް ނިކުންނާނެ ކަމެއް ނޫންކަން." މި ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާ ބޮޑު ތަފްސީލަކަށް ވަޑައިނުގެން، ޝަމީމް ވިދާޅުވި އެވެ.

"ނޯ ބޮޑީ، ނޯ މާޑާ"

ގެއްލިފައިވާ މީހުން މަރުވީ ކަމަށް ބެލުމުގެ ބޮޑެތި ހާދިސާތަކެއް ދުނިޔޭގައި ހިނގި އެވެ. އިނގިރޭސިވިލާތުގައި 1660 ވަނަ އަހަރު މީހަކު ގެއްލުމުން، ތިން މީހަކު ވެގެން އޭނާ މަރާލީ ކަމަށް ނިންމައި، އެ މީހުންނަށް މަރުގެ އަދަބު ދިނެވެ. އެކަމަކު ދެ އަހަރު ފަހުން އެނގުނީ ގެއްލުނު މީހާ ދުނިޔޭގައި ދިރިހުރި ކަމެވެ.

ލިޓަން (ކ) އަދި އޭނާ މަރާލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ނިޒާމް (ވ)

މި ބޭއިންސާފަށް ފަހު "ނޯ ބޮޑީ، ނޯ މާޑާ" ގެ ވިސްނުން އުފަންވި އެވެ. ހަށިގަނޑު ނުފެންނަހާ ހިނދަކު މަރާލީ ކަމަށް ނުނިންމޭނެ ކަމަށް ބަލަން ފެށި އެވެ. އެހެން ނަމަވެސް ކުށްވެރިން އޭގެ ފައިދާ ނަގައި، ހަށިގަނޑު ނައްތާލަން ފެށުމާއި އަދި ޒަމާނީ ހެކި ތައާރަފްވުމުން އެ ވިސްނުން އަނެއްކާވެސް ބަދަލުވި އެވެ.

"ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ ސާބިތު ކުރެވޭނެ މިންވަރަށް ސާކަމްސްޓޭންޝަލް އެވިޑެންސް އެބަހުރި."

މިހާރު މަރުވި މީހާގެ ހަށިގަނޑު ނުފެނުނަސް، އެ މީހާ މަރާލިކަން ސާބިތުވާ ކަމަށް ބޭރުގެ ގިނަ ގައުމުތަކުގެ ކޯޓުތަކުން ނިންމާފައި އެބަހުއްޓެވެ. އެކަމަކު ކުރިން ވެސް ފާހަގަ ކުރިހެން، ރާއްޖޭގައި މިހާތަނަށް އަމަލުކުރި ގޮތަކީ ހަށިގަނޑު ނުވަތަ ހަށިގަނޑުގެ ބައެއް ވިޔަސް ނުފެންނަހާ ހިނދަކު މަރުގެ ދައުވާ ނުކުރުމެވެ.

ޝަމީމް ވެސް ވިދާޅުވި ގޮތުގައި މަރުވި މީހާގެ ހަށިގަނޑު ނުފެންނަ ކޮންމެ ފަހަރަކު ދައުވާ ނުކޮށް ދޫކޮށްލުމަކީ ރަނގަޅު ގޮތެއް ނޫނެވެ. މީހުން މެރުމަށްފަހު ހަށިގަނޑު ފޮރުވަން ނުވަތަ ނައްތާލަން އުޅުމުގެ ހާދިސާތައް ފަހުގެ ތާރީހުތަކުގައި ވެސް ހިނގާފައި އެބަހުއްޓެވެ.

"މީހަކު މަރާލާފައި އެ މީހާ ފޮރުވީމަ ދެން މަރުގެ ދައުވާ ނުކުރަންވީ ނުވަތަ އެއީ ހޭ ނަތީޖާއަކީ. އެއީ ހަމަޖެހޭ ކަމަކަށް ނުވާނެ." ޝަމީމް ވިދާޅުވި އެވެ.

މިފަހުން ނިމިގެންދިޔަ މިފަދަ އެއް މައްސަލައަކީ އޮސްޓްރޭލިއާގައި 1982 ވަނަ އަހަރު އަންހެނަކު ގެއްލުނު ހާދިސާ އެވެ. އެތައް އަހަރެއްގެ މަސައްކަތުން ވެސް އޭނާއަށް ވީ ގޮތެއް ނޭނގުނެވެ. ތަހުގީގީ އިދާރާތަކުން ނިންމީ އުފެދުނު ހަމަނުޖެހުމެއްގައި އޭނާގެ ފިރިމީހާ އޭނާ މަރާލީ ކަމަށެވެ.

އެ މައްސަލާގައި މިދިޔަ އަހަރު އޮސްޓްރޭލިއާގެ ކޯޓަކުން ނިންމީ ފިރިމީހާގެ މައްޗަށް ކުށް ސާބިތުވާ ކަަމަށެވެ.

"ދަ ލާސްޓް ސީން ތިއަރީ"ގެ އުސޫލު ބޭނުން ކުރާނެ

ޝަމީމް ވިދާޅުވި ގޮތުގައި މަރުގެ މައްސަލަތަކުގައި ކުށް ސާބިތު ކުރުމާ ބެހޭގޮތުން ރާއްޖޭގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކަނޑައެޅި "ދަ ލާސްޓް ސީން ތިއަރީ" ގެ އުސޫލު ވެސް މި މައްސަލާގައި ދައުލަތުން ބޭނުން ކުރާނެ އެވެ.

"ގަސްދުގައި މީހަކު މެރިކަމުގެ ދައުވާ ސާބިތު ކުރެވޭނެ މިންވަރަށް ސާކަމްސްޓޭންޝަލް އެވިޑެންސް އެބަހުރި. ސުޕްރީމް ކޯޓުގެ ގަޒިއްޔާތަކުގައި އެބަހުރި ސާފުކޮށް ކިޔައިދީފައި އަޅުގަނޑުމެންނަށް ބޭނުން ކުރެވޭނެ ހެކިތައް." ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވެނީ އެކަށީގެންވާ ހެކި ހޯދިފައިވާ ކަމަށް. އެ ވާހަކަތައް ކޯޓުގައި ތަފްސީލުކޮށް ދެވޭނެ."

"ދަ ލާސްޓް ސީން ތިއަރީ" އަކީ މަރުވި މީހާއާ އެކު އެންމެ ފަހުން އެކުގައި އުޅޭ މީހާއަކީ އޭނާގެ ގާތިލު ކަމަށް ބަލަން ޖެހޭނެ ކަމަށް ބުނާ އުސޫލެކެވެ. އެ އުސޫލު މިދިޔަ އަހަރު ސުޕްރީމް ކޯޓުން ކަނޑައެޅީ މާލޭގެ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގަ އެވެ.

ކްރައިމް ސީނެއް ބަންދުކޮށްގެން ފުލުހުން ހަރަކާތްތެރިވަނީ --- ފޮޓޯ/މިހާރު

އެ މައްސަލާގައި ޝީރީން މަރާލީ އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު ކަން އެނގޭނެ ސީދާ ހެއްކެއް އަދި މަރާލި ގޮތެއް ހޯދިފައެއް ނެތެވެ. ހަމައެކަނި އޮތީ ޝީރީނާ އެކު އެންމެ ފަހުން ކޮޓަރިއެއްގެ ތެރޭގައި ނަޖާހު އުޅުނު ކަމާއި އަދި ފަހުން ފޮށްޓަކަށް އަޅައިގެން ގެންގޮސް ޝީރީންގެ ހަށިގަނޑު އެއްލާލި ކަމުގެ ހެއްކެވެ.

އެ މައްސަލާގައި ޝީރީންގެ ހަށިގަނޑު ފެނުނެވެ. އަދި ހަށިގަނޑު އެއްލާލީ ނަޖާހުކަން ހެކިތަކުން އެނގޭތީ ޝީރީންގެ މަރާއި ނަޖާހުއާ ގުޅުވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ. އެކަމަކު މި މައްސަލާގައި ލިޓަންގެ ހަށިގަނޑު ފެނިފައި ނެތުމުން މަރާލީ ކަމަށް ބުނަން ދައުލަތަށް ފަސޭހައެއް ނުވާނެ އެވެ.

އެކަމަކު ޝަމީމް ވިދާޅުވި ގޮތުގައި ލިޓަންގެ ހަށިގަނޑު ނުފެނުނަސް، ލިޓަން މަރާލާފައިވާ ކަން ގުޅުވާލެވޭ ހެކިތަކުން ކޯޓުގައި ސާބިތުކޮށް ދެވޭނެ އެވެ. އަދި އެކަމަށް ބާރު ދޭ ބައެއް ހެކިތައް ތަހުގީގަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ސީސީޓީވީ ފުޓޭޖް ލިބިފައި އެބަހުރި. ބައެއް ކަންކަން ހިނގާފައި ހުރި ގޮތް ތަހުގީގަށް ހޯދިފައި އެބަހުރި. އަޅުގަނޑަށް ގަބޫލު ކުރެވެނީ އެކަށީގެންވާ ހެކި ހޯދިފައިވާ ކަމަށް. އެ ވާހަކަތައް ކޯޓުގައި ތަފްސީލުކޮށް ދެވޭނެ." ޝަމީމް ވިދާޅުވި އެވެ.

މަރުވި މީހާގެ ހަށިގަނޑު ނުފެނުނަސް، އެހެން ހެކިތަކަށް ރިއާޔަތްކޮށް، އޭނާ މަރާލީ ކަމަށް ބަލައިގެން މަރުގެ ދައުވާ ކުރަން ފެށުމަކީ އެއް ގޮތަކުން ކުރިއެރުމެއް ކަމަށް ބުނެވިދާނެ އެވެ. އޭގެ ސަބަބުން، މީހުން މެރުމަށްފަހު ހަށިގަނޑު ފޮރުވައިގެން މަރުގެ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ހަނިވެގެންދާނެ އެވެ.

16 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 17%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭނަ

01 March 2023

މީހެއްގެ ހަށިގަނޑު ނުފެންނަހާ ހިނދު އޭނަ މަރާލިކަމުގެ ދައުވާ އެހެން މީހެއްގެ މައްޗަށް ކުރެވެންވީ ކީއްވެ؟ މީހަކު ގެއްލުވާލުމުގެ ދައުވާކުރެވެން ނޯންނަނީތަ؟ ނޫނީ މީހަކަށް ގެއްލުންދިންކަމަށް ދައުވާކުރެވެން ނޯންނަނީތަ؟ މަރާލި ކަމަށްތަ ހަމަ ދައުވާކުރަންޖެހެނީ؟

The name is already taken The name is available. Register?

ހުވަދޫ އަލިބެއްޔާ

01 March 2023

ޕީޖީ ޝަމީމުގެ މައްޗަށް ދަޢުވާ ކުރަން ދެން އޮތީ ކުޑަ ދުވަސްކޮޅެއް..

The name is already taken The name is available. Register?

ދެމަރު ހަސަނު

28 February 2023

މިހާރުގެ ޕީޖީ ޝަމީމު ތިކަމަށް ވަރަށްމޮޅޫވާނެ. އެހެންވެގެން މަރުވިކަން ކަށަވަރު ނުވާމީހުންވެސް މަރުވިކަމަށް އޭނާ ނިންމަނީ.

The name is already taken The name is available. Register?

ސިމްޕަލް

28 February 2023

މަގޭ ރައްޓެއްސަކުގެ ފިހާރައިގައި މަސައްކަތްކުރަން ވާކްޕާމިޓްގައި ރާއްޖެ އެތެރެ ވެފައި، 6 މަސް ދުވަހު ފިހާރައިގައި މަސައްކަތް ކޮށްފައި، ކުއްލިއަކަށް ގެއްލުނު ދެ ތިން މީހަކު ވެސް އެބައުޅޭ. ވީ ނުވީ ތަނެއް ނޭގޭ. އެންމެ ފަހުން އެ މީހުން ފެނުނީ ފިހާރައިން ނިކުމެގެން ހިގާފައި ދިޔަތަން. މަރުވިކަމެއް، ނޫނީ އެހެން ތަނެއްގައި ވަޒީފާ އަދާ ކުރާ ކަމެއް ނޭގޭ. އަންގަންވާ ފަރާތްތަކަށް އަންގާފައިވީ.

The name is already taken The name is available. Register?

އުންމީދު

04 March 2023

އަދިވެސް ނުފެނޭދޯ. ތިވާނީ ގެއްލުވަާލީކަމަށް. ސަބަބަކަށްވަނީ އެންމެ ފަހުން ފެނުނީ ތިފިހާރައިން.

The name is already taken The name is available. Register?

އަސްލު

28 February 2023

ލިޓަންގޮސްދާނެ ދޯ ފުރައިގެންވެސް؟ އަދީބުވެސް ދިޔައެއްނު؟ ލިޓަން އުޅެފާނެ ދޯ ފިލައިގެންވެސް؟ ބައިވަރު ބިދޭސީން ފިލައިގެން އުޅޭކަމަށް ފުލުހުން ނުބުނޭތަ؟ ކުށް ކުރިޔަސް އަދި ނުކުރިޔަސް، ސާބިތު ހެކި ފެންނަން ނެތްތަނުގައި ދައުވާ ކުރެވިގެން ނުވާނެ!

The name is already taken The name is available. Register?

2000

28 February 2023

މިރާއްޖޭގައި ކޯޓެއް އެބަހުރިތަ. ގުއި ކޯޓު ހުރީ ނިކަން ބާރަށް ހުކުން އިއްވާނެ . އަނެއެް ދުވަހު ފެންނަނީ އަނެެއް މީހާ މަރަށް ކަތިވަޅި ހިފައިގެނ ހުއްޓާ. މަރުގެ ހުކުން އެއްގޮލަޔަށް ވެސް އިއްވަބަލަ. ވޯޓެއް މ،ދެއް ނުވާނެ

The name is already taken The name is available. Register?

ނޯބޮޑީ

28 February 2023

މިކަހަލަ މައްސަލައެއް ދެތިން އަހަރު ކުރިން ހިނގާފައިވޭ. ދެކުނުގެ ރަށަކަށް ވައިގެމަގުން އައި ކުއްޖެއް އުފަންރަށަށް ދިއުމަށް ކުރިދަތުރެއްމަތީގައި ޑިންގީއެއް ބަންޑުންޖަހާލައިގެން ކަމަށްބުނެ ހޯދާ އަދި އަދަށް ދާންދެންވެސް ނުފެނޭ، އެކަމަކު އެހާދިސާއިން ސަލާމަތްވި ކަމަށްބުނާ މީހާ މިނިވަންކަންމަތީ އުދުހެނީ، ސަރުކާރުން ޕީޖީ ކަހިރުވަކެކޭވެސް ހިތަކަށް ނާރާ، ހަމަ މި ތިއަރީ ބޭނުންކޮށްގެން ދައުވާ ކުރަންވީނު.

The name is already taken The name is available. Register?

އެކްޓަރު

01 March 2023

ތިއޭ މައްސަލަ އަކީ. ވަކި މީހަކަށް ވީމާ ވަކި ގޮތެއް. ޝަމީމު އަދި ކިތަންމެ މޮޅު މީހަކު އަޔަސް ޝައްކެއް ނެތް މިންވަރަށް ލިޓަން މަރާލީ ކަމަށް ނިންމޭނެ ގޮތެއް ނޯންނާނެ. ޝީރީންގެ ކޭސް އާއި ތަފާތަކީ އޭނާ ޝީރީން މަރުވުމަށް ފަހު އޭނާ ނަގައިގެން އެހެން ތަނަކަށް ގެންދިޔަ. ޝަމީމު ތިހުރީ ކަން ދައްކަން ހަމައިން ނެއްޓިފައި. ތީނާ ތީ ޑުރާމާ ކުޅޭ މީހެއް. ޕޮލިޓިޝަނެއް

The name is already taken The name is available. Register?

ބީތާޔާ

28 February 2023

މި ގައުމުގެ ޝަރުއީ ކަން ކަން ހިނގަނީ ބޮޱު ޖޯކކެއްހެން..ކިރު ދަޅު ވަގަށް ނަގާ މީހާ ނިކަން ފަސޭހަކޮށް މައްސަލަ ނިންމާ ހުކުމް ކުރާނެ

The name is already taken The name is available. Register?

އާދީ

28 February 2023

ހަތަރު ފިރިހެނުންނަށް ފެނުނުތަ؟

The name is already taken The name is available. Register?

ފޫހި

28 February 2023

ކޮންކަމެއް ސާބިތު ކޮށްދެވޭނީ. މިއުޅެނީ ތިމާ ނިދާ އެޕާޓްމަންޓްގައި ކުއްޖަކު މަރާފަ އަދި ގުނަވަންތައް ބުރިކޮށްފަ ގައިގަ ލޭ ހުރެގެންވެސް ސާބިތުނުވެގެން. އަދި ގޮހޮރުން މަސްތުވާ ތަކެތިފެނެގެން ވެސް ސާބިތުނުވޭ. އެވަރުގެ ގައުމެއްމީ. ދެން ބަލަންތިބެމާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454