މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި.- ފޮޓޯ: މަޖިލީހުގެ އިދާރާ
30 މެއި 2023 - 08:09
ވަނަމެއްގެ ގޮތުގައި މާނަ ކުރެވޭނެ ހަމަ އެއްވެސް ގޮތެއް ނެތެވެ؛ އެއީ ސީދާ މަލާމާތެކެވެ؛ މީހަކު އިހާނެތިކޮށް، ދަށްކޮށްލުމުގެ ނިޔަތުގައި ބޭނުންކުރާ ސިފަކުރުމެކެވެ. ނުވަތަ، އެއީ އަބުރަށް އަރައިގަތުމެކެވެ. ހުތުރު ނަންތަކެއް އާންމުކުރަން ހިތްވަރު ދެއްވީ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން ލައްކަ ވާހަކަ އަޑުއިވެ އެވެ. މެމްބަރުންނަށް ލިބިދޭ އިމްތިޔާޒްތަކެއްގެ ބޭނުން ފުރިހަމައަށް ހިފައިގެން، ބޭއަދަބީ، އިޖުތިމާއީ އަދި ބައެއް ފަހަރު ސީދާ ދީނާ ހިލާފު ވާހަކަތައް ދައްކަ އެވެ. މަޖިލީހުގެ ރިޔާސަތަކީ މެމްބަރުންގެ ބެލެނިވެރިޔާ އެވެ. ތަޅުމުގައި ދެއްކެވޭ ވާހަކަތައް ހައްދުން ނެއްޓިގެން ދިޔަނުދީ، މަޖިލީހުގެ އިއްޒަތާއި ކަރާމާތް ރައްކާތެރިކުރުމުގެ ބުރަ ޒިންމާ އުފުލާ ފަރާތެވެ.
އެކަމަކު މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެ ޒިންމާ ބޮލާލައި ޖަހާފައި، ރިޔާސަތުން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވީ ރީތި ނަމޫނާއެއް ނޫނެވެ. އެއީ، ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ރިޔާސަތުގައި އިންނަވާ ބޭފުޅަކު ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ. އަދި، ކުރީގެ ރައީސުންނަށް ގާނޫނުން ވެސް އިއްޒަތާއި ޝަރަފު ދީފައިވާ އިރު، ކުރީގެ ރައީސެއްގެ ގޮތުގައި އިންނަވައި، މަޖިލީހުގެ ރައީސް ނަޝީދު އެގޮތަށް ވާހަކަފުޅު ދައްކަވައިގެން ނުވާނެ އެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ ހައިބަތާއި ގަދަރު ވަރަށް ބޮޑަށް ކުޑަކޮށްލުމެވެ. މިހާ ދަށުދަރަޖަ އަށް މަޖިލިހުގެ ރިޔާސަތު ވައްޓާލުމަކީ ނަޝީދު ކުރެއްވި ހުތުރު އަމަލެއްކަން ދިވެހި ތާރީހުގައި ލިޔާނެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައި ލަވަތަކެއް ޗެނަލް 13 އިން ދެއްކި މައްސަލައެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ބަލަން ފެށުމާ ދެކޮޅަށް އިދިކޮޅުން މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅި އެވެ. އެ މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލީ އެވެ. މައްސަލަ ހޫނުވީ އެހާ ހިސާބުންނެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގެ އިބްތިދާއީ ބަހުސްގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ ޗެނަލް 13 އިން ރައީސަށް ވަގަށް ގޮވުން ހަޖަމުވާންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އީވާ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމުގެ އޮފު އެމްޑީޕީން އޭރު ކަނޑުވައިލީ އެ މަނިކުފާނަށް ނިސްބަތްކުރި ހުތުރު ނަން ތަކުރާރުކޮށް ގޮވައިގެންނެވެ.
"އެއީ އަޅުގަނޑުމެން ބޭނުންކުރާ ސިޔާސީ އުކުޅެއް. އެ ހުރިހާ ވާހަކަ އަކީ އަޅުގަނޑުމެން އެއްބަސްވާ ކަންކަމަކަށް ވާކަށް ނުޖެހޭ،" މައުމޫންގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ވަހީދާއި ކުރީގެ ރައީސް ނަޝީދަށް ނިސްބަތްކުރި ހުތުރު ނަންތައް ވެސް ފާހަގަކުރައްވައި އީވާ ވިދާޅުވި އެވެ.
މައުމޫނަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ނިސްބަތްކުރި ހުތުރު ނަން އީވާ ތަޅުމުގައި ތަކުރާރުކުރެއްވިއިރު، ރިޔާސަތުގައި އިންނެވީ ނަޝީދެވެ. މި ވަގުތު ނަމެއްގައި ނަމަވެސް، މިހާރު ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ރައީސް ވެސް މެ އެވެ. އެކަމަކު އީވާގެ ވާހަކަ ހުއްޓުވައި، ނަސޭހަތްތެރިވުމުގެ ބަދަލުގައި ނަޝީދު އެކަން އެއް ދަރަޖަ ކުރިއަށް ގެންދެވި އެވެ. ނަޝީދު ދެއްވީ ހިތްވަރެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
އީވާގެ ވާހަކަ އަށް ފަހު، އެހެން މެމްބަރަކަށް ފުރުސަތު ދެއްވުމުގެ ކުރިން، ނަޝީދު ވަނީ ކުރީގެ ރައީސުންނަށް ކީ ހުތުރު ނަންތައް މެމްބަރުންނަށް ހަނދާންކޮށްދެއްވައި، ކުރީގެ ރައީސް ނާސިރުން ފެށިގެން ހުރިހާ ރައީސުންނަށް ނިސްބަތްކުރި އެފަދަ ނަންތައް ވަކިވަކިން ވިދާޅުވެފަ އެވެ.
...އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެންދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ: ނަޝީދު
"...އެކަމާ އަޅުގަނޑުމެން ހަމައިން ނައްޓައިގެންދާ މިންވަރަށް ކަންބޮޑުވުން އިތުރުކޮށްފި ނަމަ އެއީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރޫހުގައި ފަހަތަށް އެޅޭ ފިޔަވަޅެކޭ،" ރައީސަށް ވަގަށް ގޮވުމަކީ މައްސަލައެއް ނޫން ކަމަށް ސިފަކުރައްވައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކައާ އެކު "ދަ ޑިމޮކްރެޓްސް" ގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ބައެއް މެމްބަރުންނަށް އާ ހިތްވަރެއް ލިބުނު ކަހަލަ އެވެ. ބަހުސްގައި ބައިވެރިވި އެއިގެން ކޮންމެ މެމްބަރެއް އެ ހުތުރު ނަންތައް، އަޑުހަރުކޮށް، ތަކުރާރުކޮށް ނިސްބަތް ކުރައްވަމުން ގެންދެވި އެވެ.
މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެކަން ސިފަކުރެއްވީ ސިޔާސީ ގޮތުން ލިބެންޖެހޭ މިނިވަންކަމެއްގެ ގޮތުގަ އެވެ.
"ސިޔާސީ ގޮތުން މިކަންކުރާ ކަމަށް ވަންޏާ އަޅުގަނޑުމެންނަށް މި ފުރުސަތުތައް ވެސް އޮންނަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ގެ ވާހަކަ އެހެން ހަރުފަތަކަށް ގެންދެވި އެވެ. ރައީސް ސޯލިހުގެ އިނގިރޭސި ބަހުގެ ކޮށި ކަމަށް ވިދާޅުވެ މަލާމާތް ރައްދު ކުރެއްވި އެވެ.
ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ ސިޔާސީ މީހުން ހަންބޯވާންޖެހޭ ކަމަށެވެ.
ސިޔާސީ އަށް ހަންބޯނުވާ ކަމުގައި ވަނީ ނަމަ، ދެން ސިޔާސީ މީހަކަށް ނުވޭ ނޫންތޯ. މިއީ ސިޔާސީ ގޮތުން ވެސް އެންމެ އަސާސީ ހައްގުތައް ތިމާ ގައިގައި ހަންބޯ ކަމެއް ހުންނަންޖެހޭނެ -- ހުސެއިން މުހައްމަދު ލަތީފު
ސަރުކާރާ ދެކޮޅު މެމްބަރުންނަށް ރައްދު ދެއްވައި، އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވި ގޮތުގައި ދޮގު މައުލޫމާތު ފެތުރުމާއި ފިތުނަފަސާދަ އުފެއްދުމަކީ ޑިމޮކްރަސީއެއް ނޫނެވެ.
އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަސްލަމް ދެއްވި އެވެ.
ހިތު ހުރިހާ އެއްޗެއް ގޮވަންވީއެއް ނޫން. ކޮންމެ މީހެއްގެ ވެސް އަބުރަކާއި އިއްޒަތެއް އޮންނާނެ. އަދި އެއީ ސިޔާސީ އުކުޅެއް ކަމުގައި އަޅުގަނޑު ނުދެކެން-- އަސްލަމް
އެކަމަކު މި އަރައިރުމުގެ ތެރެއިން އެންމެ ރަނގަޅު ނުކުތާއެއް ފާހަގަކުރެއްވީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު (މޯޑް) އެވެ.
އޭނާ ވިދާޅުވި ގޮތުގައި މީޑިޔާގެ މިނިވަންކަން އޮންނަންޖެހޭނީ ވަކި ހައްދެއްގެ ތެރޭގަ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ
"ހައްދެއް އޮންނަންވާނެ. އުސޫލުތަކެއް ހުންނަންވާނެ، ގާނޫނުތަކެއް އޮންނަންވާނެ، ގަވާއިދުތަކެއް އޮންނަންވާނެ،" ކުރިން ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި މުހަންމަދު އަބްދުﷲ ޝަފީގު ވިދާޅުވި އެވެ.
މިހާރު ވެސް ދިމާވެގެން މިއުޅެނީ ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފަށް ޓީވީ ޗެނަލަކުން އަމަލުކުރި މައްސަލައެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.
ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާފައި އޮންނަ އަހުލާގީ މިންގަނޑާ ހިލާފު ވީމާ އެ ފަރާތުން ފިޔަވަޅު އަޅަނީ -- މުހައްމަދު އަބްދުﷲ ޝަފީގު
ހަގީގަތުގައި ވެސް މޯޑް އިޝާރާތް ކުރެއްވީ އިއްޔެގެ ޖަލްސާގައި ވަރަށް ޖޯޝުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކެވި މެމްބަރުންގެ ހަނދާނުން ފަހަރުގައި ކައްސާލާފައިވާ މާޒީ އެވެ.
ނަޝީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ތެރޭގައި މުޖުތަމައުގެ އަދަބު އަހުލާގީ މިންގަނޑާ ހިލާފު ހުތުރު ބަހުރަވައިން ޕްރޮގްރާމްގެ ބައިވެރިޔަކު ދެއްކި ވާހަކަ ބްރޯޑްކާސްޓުކުރި މައްސަލައެއްގައި އެ ޕްރޮގްރާމް ހުއްޓާލަން، އޭރުގެ ބްރޯޑްކާސްޓިން ކޮމިޝަނުން ދިޓީވީ އަށް އެންގި އެވެ. އޭގެ ވިދިގެން އައި އަހަރު ނަޝީދު ސިފަކުރަން ހުތުރު ލަފްޒެއް ބޭނުންނުކުރަން ހަމަ ދިޓީވީ އަށް އެންގި ކަމީ ވެސް މާޒީ އެވެ. އޭރު ގެންގުޅުނު ސިޔާސީ އުކުޅެއް ހަޖަމުނުވީމައެއް ނޫނެވެ. ގާނޫނެއްގެ ދަށުން ކަނޑައަޅާފައިވާ މިންގަނޑާ ހިލާފުވެގެންނެވެ.
ނަޝީދާ ދިމާއަށް އެ ކިޔާ ހުތުރު ބަސް އެ މަނިކުފާނަށް ކަމަކު ނުދެ އެވެ. އަރިސް ބޭފުޅުން އެކަމާ ހިތްހަމައެއް ނުޖެހެ އެވެ. އެންމެ ކުޑަމިނުން ބައެއް މީހުން "ރައީސް ނަޝީދު" ނުކިޔާތީ އަރިސް ބޭފުޅުން ތިއްބަވަނީ ހިތްހަމަނުޖެހިފަ އެވެ.
ދެން ހަނދާން އާކުރަން ޖެހެނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަބުރުގެ ގާނޫނުގެ ދަށުން ޓީވީ ޗެނަލެއް ތަކުރާރުކޮށް، އެތައް މިލިއަން ރުފިޔާއަކުން ޖޫރިމަނާ ކުރި ކުރުމެވެ. ޔާމީންގެ ސަރުކާރުގައި މަޖިލީހުން ފާސްކުރި އަބުރުގެ ގާނޫނުގެ ދަށުން، އެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކީ ރާއްޖެ ޓީވީ ފަސް ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ. އެއީ ހަން ތުނި ސިޔާސީ މީހަކަށް ވެގެންނެއް ނޫނެވެ. އެކަން ކުރީ އޭރު ގާނޫނުގައި ލިޔެފައި އޮތް އެއްޗަކާ ހިލާފަށް ބްރޯޑްކާސްޓު ކުރީމަ އެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖެ ޓީވީ ކޮށްފައިވާ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ މީރާއަށް ދައްކަން ފަންޑުފޮށިތައް ވައްދަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
އޭރު ވެސް އަދި މިހާރުވެސް ސިޔާސީ ޕޯޑިއަމްތަކާއި ހާއްސަކޮށް ސޯޝަލް މީޑިޔާގައި ވާދަވެރިންނާ ދެކޮޅަށް ހިތުހުރި ކޮންމެ އެއްޗެއް ގޮވަ އެވެ. މަނާކުރާ ގާނޫނެއް ނެތީމާ، ވާދަވެރިންނަށް ނިސްބަތްކޮށް ހުތުރު ބަސްތަކާއި ސިފަކުރުންތައް ހިމަނައިގެން މަޝްހޫރު ރާގުތަކަށް ލަވަ ހަދައިގެން، ޖަގަހަ ތަކުގައި ބާރަށް ޖެހުމަކީ ވަރަށް ފޯރީގައި ސިޔާސީ ޕާޓީތަކުން އާންމުކޮށް ކުރާ ކަމެކެވެ.
އެކަމަކު ގާނޫނެއްގައި މަނާކޮށްފައި އޮންނަ ކަމެއް އެއްވެސް މީހަކަށް ނުކުރެވޭނެ އެވެ. އަދި ކޮށްފިނަމަ އެކަން ހުއްޓުވައި ފިޔަވަޅު އެޅޭނެ އެވެ. މަޖިލީހުގެ މެމްބަރުންނަށް ލިބިދޭ އިމްތިޔާޒުތައް އެންމެންނަށް ނުލިބޭތީ އެވެ.
ދެން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިހާރު އެ ނިސްބަތްކުރާ ހުތުރު ނަމެވެ. އެ މަނިކުފާނު ވަަޑައިގެންނެވި ބައެއް ރަށްރަށުގެ ބަނދަރުމަތީގަ އާއި ޖަލްސާތައް ކުރިއަށް ގެންދާއިރު އެ ހުތުރު ބަސްތައް ހިމެނޭ ލަފަ އިދިކޮޅު ޖަހަ އެވެ. ވަރަށް މަދުން ނޫނީ ހުއްޓުވި ތަނެއް ފެނިފައެއް ނެތެވެ. ރައީސްގެ ޖަލްސާ ކުރިއަށް ގެންދެވޭ ވަރަށް ވުރެ އެ ލަވައިގެ އަޑު ގަދަވުމުން ހުއްޓުވި މަންޒަރު ބައެއް ރަށްރަށުން ފެނުނެވެ. އެކަމަކު، ބައެއް ރަށްރަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ފަރާތްތަކުން މަރުހަބާ ކިޔާފައި ވަނީ އެ ހުތުރު ބަސްތައް ހިމެނޭ ލަވައިންނެވެ.
ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅުން ސިފަކުރަން ބޭނުންކުރާ ހުތުރު ނަންތައް މަޖިލީހުގެ ތަޅުމުގައި ކިޔަން ހިތްވަރުދީ ވަރިހަމަކޮށްލުމަކީ މަޖިލީހުގެ ރިޔާސަތުން ނަޝީދު ދެއްކި ވަރަށް ހުތުރު ނަމޫނާ އެކެވެ. އެކަމަކު ގާނޫނަކުން އުފައްދާފައިވާ މުއައްސަސާއަކުން އެ މުއައްސަސާގެ ގާނޫނީ ޒިންމާ އަދާކުރުމަކީ ގޯސްކޮށްކުރި ކަމެއްގެ ގޮތުގައި ގާނޫނު ހަދާ މަޖިލީހުގެ ރިޔާސަތުން ސިފަކުރުމުގެ ހުތުރުކަން އަދި މާބޮޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަބްދުއްސައްތާރު.
01 June 2023
އާ ބުރުގެ ޤާނޫނަށް އިސްލާހު ގެނެސްގެން. މޮޅެއް ވާނެކަމަށް ހީކުރިޔަސް ، މިހާރު އެ ފެންނަނީ އެކަމުން ނުކުންނާނެ ނަތީޖާ. އަޚުލާޤީ މިންގަނޑު ހަލާކުވެ، ޖަނަވާރުގެ އުސޫލަށް ބަދަލުވަމުން އެ ދަނީ. އެއީ ދިވެހި ރައްޔިތުން ބޭނުންވެގެން ކުރާކަމެއް ކަމަކަށް ޤަބޫލެއް ނުކުރެވޭ. މީހެއްގެ އަބުރާ ށް އަރައިގަތުމަކީ ހަމަ ޖިނާއީ ކުށެއް.
ބާލައާދަނު
31 May 2023
އަޅުގަނޑަށް މާނަ ކުރެވޭ ގޮތުގައި ދިވެހީންގެ އިޖުތިމާއީ ފޭރާން ވީދަލުމަށް ބަޔަކު ބޭނުންކުރާ ކަތުރަކީ ޑިމޮކްރަސީ.
ކޮބަ
31 May 2023
އެއީ މީހުން ރައީސުންނަށް ނިސްބަތްކޮށްފައިވާ ބަސްތަކެއް.
އަންނި ހަމަ ބެސްޓު. ކޮންމެ އެއްޗެއް ކިޔަސް އަންނި ކޫލްވާނެ
30 May 2023
އަންނި އެ ދައްކައިދެނީ ޑިމޮކްރަސީގެ ރީތި މިސާލު. ކުރީގެ ރައީސްކަން ކޮއްފަ ހުރި މީހެއް ވިޔަސް، އޭނަޔާ ދިމާލަށް ބޭނުންހާ އައުގުރާނައެއް ގޮވެންވާނެ. އަންނިއާ ދިމާލަށްވެސް ހަމަ ގޮވަންވީ، ލާދީނީއޭ، އިންޑިއާގެ ޕަޕެޓެކޭ، ޕާރޓީގެ ޓިކެޓް ނުލިބުނީމަ މުޅި ޕާރޓީ ފުނޑާލަނިއްޔޭ ވެސް ގޮވަންވީ، އަންނި ވެސް އަންނިގެ ސަޕޯރޓަރުންވެސް ރުޅިއެއް ނާންނާނެ، އެމީހުންނަކީ ނުލާހިކު ހަޖަމްވާން އިނގޭ ބައެއް.
ީސިސިސޖސ
31 May 2023
އެކަމެއް ނޭނގެ . ދިޓީވީން ހަޑި އެއްޗެއް ކިޔައިގެނެއްވެސް ނޫން ބްރޯޑްކޮމުން ފިޔަވަޅު އެޅީކީ. އަމިއްލައަށް އިސްތިއުފާ ދެއްވި ރައީސް ކިޔައިގެން މަވެސް ޕޮލިހަށް ގެންދިޔަ 2019 ގަ
ބާލައާދަނު
31 May 2023
ލާދީނީ އޭ ކިޔާތީ އެކަން ހަޖަމުނުވެގެން އެކަން ހުއްޓުވަން ބޮޑު ގާނޫނެއް ހެދީ ވެސް ހަޖަމުވާތީ ދޯ؟ ރައީސް ނަޝީދަކީ ވެސް އިންސާނެއް. އޭނާ އަށް ނިސްބަތްވާ ގޮތަށް ކިޔާ ބަދު ބަސްތައް އޭނާއަށް ހަޖަމެއް ނުވޭ. ނުވެސް ވާނެ
ނަންް
30 May 2023
މިގައުމުގަ ވެރިކަންކުރި ހުރިހާ ރައީސުންގެ އަބުރު އެއް ޖުމްލައިން ރަސްމީކޮށް ގެއްލުނީމަ ދެން އެވީ އެހިސާބުން އެކަން ހުއްޓާލާފަ ރަގަޅަށް އުޅެން. އެކަމު ހަގީގަތަކީ މިހާރު ގައުމު މާދުރަށް އޮޔާ ގޮސް އެނބުރި ނާދެވޭނެ ހިސާބަކަށް ގޮއްސިކަން. މުޅި ގައުމުގެ އިޖްތިމާއީ އަދަބު އަޚުލާގު އުވިގޮސްފި. ދީނާ ދުރުވަމުންދާ ވަރަކަށް މާބޮޑަށް އެހެންވާނެ. މީހުން ދެކެ ބިރުނުގަނެ ހެއްދެވި ފަރާތްދެކެ ހަގީގަތުގަ ބިރު ގަންނަނަމަ އެންމެންނަށް އަސްލުގައި އިސްލާހު ވެވޭނީ.
ހޮވިމީހާ
30 May 2023
ރައްޔިތުންގެ މަޖްލީސް. އަހަރެމެން އައްޔަނު ކުރި މީހުން. މިއީ ހަމަ ދިވެހީންގެ ފެންވަރު ހާމަކޮށްދޭ މިސާލެއް. ދިވެހީން ބާރުދީގެން ހޮވާފަ ތިބި ބައެއް. ދެން ރޯނެކަމެއް ނެތް.
ހއރނ
30 May 2023
ވަރަށްވެސްހުތުރު، ފެންވަރުދަށް، ބަލައިނުގަނެވޭނެކަމެއް. ނަމޫނާއަށްވެފައިތިބަޔަކު މިހިސާބަށްދިޔައީމަ ނަތީޖާ ވަރަށްވެސް ހިތިވާނެކަމުގައި ބެލެވޭ. އަމިއްލައަށް ތިކަތިލަނީ އަބުރުކަންވެސް އިހުސާސް ނުވަނީތާ!
ދޫނި
30 May 2023
މިގައުމް މިކަލޭގެ ހަލާކު ކޮށްފިޔޭ. ޑިމޮކުރަސީ އަކީ މީނަ ބޭނުން ހާ އެއްޗެއް ހެދުންތަ?
އުވާލި ބަސް
30 May 2023
ހުތުރު އެއީ ދިވެހިބަހުގަ އޮންނަ ބަހެއްނޫން
1206
31 May 2023
އޭނަޔަށް އެކަން ކުރެވުނީ އަހަރުމެން ދިވެހިން އެ ފުރުސަތު ދީގެން ތިބީމާ.
ހަސަނުގެ ދަރި
30 May 2023
އަދަބެއް އަޚްލާގެއް ގޮތެއް ފޮތެއް ނެތް ކަމުގެ ނަމޫނާއެއްނު އެދައްކަނީ
ާަޖގރ
19 August 2023
ނަސީދު ބެސްޓް ރެސްޓް އިސް ޔޫސްލެސް ??