ރިޕޯޓް

އެއް ބާރު ހުއްޓި، ބަރުލަމާނީ ތާރީހުގައި ހުސް ދުވަހެއް!

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތުގައި. -ފޮޓޯ: މަޖިލީހުގެ އިދާރާ

މީގެ މަހެއްހާ ދުވަސް ކުރިން ރޯވި "ސިޔާސީ އަލިފާންގަނޑު" ގެ ހުޅުފަޅައިގެން ގޮސް ދައުލަތުގެ ބިޔަ އެއް ބާރު އެކީގައި މިއަދުން ފެށިގެން އެއްކޮށް ހުއްޓުނީ އެވެ. ގާނޫނު މާނަކުރުމުގެ ބަހާނާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހައިބަތު ބޮޑު، ގަދަރުވެރި ރިޔާސަތު މިއަދު އެ ހުރީ ފަޅަށެވެ. ބޮޑު ސިންގާ ޗުއްޓީއަކަށް ފަހު، ގަވާއިދުގައި ވާ ގޮތުގެ މަތިން މަޖިލިހުގެ ޖަލްސާތައް ވެސް އަންނަ އޮގަސްޓް މަހު ފެށޭނެ ކަމެއް އަދި ނޭނގެ އެވެ.

މިއީ، ސަބަބުވެރި އިންސާނެއްގެ ވިސްނުމަށް ސާފުވާ ވަރުގެ އާދައިގެ ކަމެއްގައި ވެސް އަކުރެއް ނޫނީ ފިއްޔެއްގައި ހިފައިގެން ގޮތްދޫނުކޮށް ތިބުމުގެ ހިތި ނަތީޖާ އެވެ. އެކަމަކު ސިޔާސީ މައިދާނުގައި އާންމުކޮށް ކަން ހިނގާ އުސޫލުން މިފަދަ ކަޅު ދުވަހެއްގައި ވެސް ޒިންމާ ނަގާނެ ފަރާތެއް ނުވި އެވެ.

ނަޝީދުގެ ވިސްނުން ސާފު

މި ހުރިހާ ހައިޖާނެއްގެ ތެރެއިން ގިނަ އިނގިލިތައް އަމާޒުވަނީ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެކަމަކު ނަޝީދު ގަބޫލުފުޅު ކުރައްވާ ގޮތުން ނަމަ މި ކަމުގައި އެ މަނިކުފާނަށް ކުރެއްވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. ނަޝީދުގެ ވިސްނުމުގައި އެ މަނިކުފާނުހާ ސާފު ބޭފުޅަކު ނެތެވެ. އެކަމަކު، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅާއަކީ ހިޔާލު ތަފާތުވުމުން ވެސް އެންމެން ގޮވައިގެން އުޅުއްވޭ ވަރުގެ ގާބިލް ބޭފުޅެއްކަން ނަޝީދުގެ އަމަލުތަކުން ނުދެއްކެވުނުކަން މިދިޔަ މަހެއްހާ ދުވަހުގެ މަންޒަރުތަކުން އެނގެ އެވެ.

ހިޔާލު ތަފާތު ބައެއް މެމްބަރުންނާ ރިޔާސަތުގައި އިންނަވައިގެން ޖަދަލު ކުރެއްވުމާއި މަޖިލިހުގެ އިދާރާގެ ކުޑަދަށުގައި ވެސް އެ ގޮތްގޮތަށް އުޅުއްވުމުން ފެނުނީ މައްސަލައިގެ ހައްލަށް ވާސިލް ވުމަށް މިހާރުގެ ރިޔާސަތުން ނުކުޅެދިފައިވާ ތަނެވެ. މުޅިން ވެސް އުޅުއްވީ ހައްލު އޮތީ އަނެއްކޮޅުގައި ކަން ދެއްކެވުމަށެވެ. ނަޝީދުގެ ފަޅިން ނުވަތަ އެ މަނިކުފާނަށް ތާއީދު ކުރައްވާ މެމްބަރުން ގޮތް ދޫކުރައްވާ އެއްވެސް ކަމެއް ކުރިއަކަށް ނުނެރުއްވި އެވެ.

މަޖިލިސް އެކީގައިހެން ހުއްޓިފައި އޮންނަތާ ތިން ހަފުތާއެއްހާ ދުވަސް ފަހުން، ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު އިއްޔެ ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް އީވާ އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީން އެއްފަހަރާ ހުށަހެޅީ މަޖިލިސް ހުއްޓުވުމުގެ ނިޔަތުގައި ކަމަށެވެ.

ނަޝީދު ވިދާޅުވީ ރިޔާސަތާ ދުރަށް ވަޑައިގަންނަވަން ނިންމެވީ، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެގޮތަށް އަމަލު ކުރައްވަން ކަމަށެވެ.

"މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގައި މަޖިލިސް ހުއްޓާލުމުގެ ނިޔަތެއް އޮވެގެން ނޫނީ މައްސަލަ އެއްފަހަރާ ހުށަހެއް ނާޅުއްވާނެ،" ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މިއަދާއި މާދަމާގެ ޖަލްސާއާ އެކު، މި ދައުރުގައި މަޖިލީހުގެ ޖަލްސާތައް ބޭއްވޭނެ އެއްވެސް ގޮތެއް ނެތެވެ.

ނަޝީދާއި މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރިޔާސަތު ނުބަލަހައްޓަވާތީ، ފާއިތުވި ތިން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ. އެކަމަކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ނަމަ އެހެން މެމްބަރަކަށް ރިޔާސަތު ބެލެހެއްޓޭނީ ވިދިވިދިގެން ތިން ޖަލްސާގައި ކަމަށް މަޖިލީހުގެ ގަވާއިދުގައި ވެ އެވެ.

"މާދަމާގެ ޖަލްސާ ވެސް ބޭއްވޭކަށް ނެތް. ދެން މި ދައުރުގައި އިތުރު ޖަލްސާއެއް ބޭއްވޭނެ ގޮތެއް ނެތް،" ނަޝީދު އިއްޔެ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނަށް އިއްޔެ މައުލޫމާތު ދެއްވަނީ. -ފޮޓޯ: މަޖިލީހުގެ އިދާރާ

އެހެންވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ނަޝީދު އެދިވަޑައިގަތީ މަޖިލިސް ހުއްޓޭ ގޮތަށް އަމަލު ނުކުރައްވައި، އީވާގެ މައްސަލަ އަނބުރާ ގެންދެވުމަށެވެ.

"... މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލަ އަނބުރާ ނަންގަވާށޭ. އޭގެ ފަހުން އަޅުގަނޑުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިސް ނުހުއްޓުވާ ރީތިކޮށް ގެންގޮސް ނިންމޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން ބުނަނީ މަޖިލިސް ނުހުއްޓޭ ކަމަށް

އެކަމަކު އޭގެ އަނެއް ކޮޅުން ނަޝީދުގެ ވާހަކަތައް ގަބޫލުކުރަން އެމްޑީޕީން އެއްގޮތަކަށް ވެސް ބޭނުމެއް ނުވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވި ގޮތުގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ޒިންމާތަކާއި މަސްއޫލިއްޔަތުން ރެކިވަޑައިތުމަކީ މަޖިލިސް ހިންގުމަށް ހުރަސްއެޅޭނެ ކަމެކެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ގުރޫޕުގެ ގިނަ މެމްބަރުން. -ފޮޓޯ: މަޖިލީހުގެ އިދާރާ

"ޖަލްސާ ހަމަ ބާއްވަވަން ޖެހިވަޑައިގަންނަވާނީ. ރިޔާސަތުގަ އިންނަވަން ބޭނުންފުޅު ނޫނިއްޔާ، ޖަލްސާ ފައްޓަވާފައި އެހެން ބޭފުޅަކާ ރިޔާސަތު ހަވާލުކުރެއްވީމާ ޖަލްސާ ކުރިއަށް ދާނެ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ނަޝީދާއި އީވާގެ އިތުބާރު ނެތް ކަމަށް މިހާރު މެމްބަރުންގެ އަޣުލަބިއްޔަތުން އޮތީ ނިންމައިފަ އެވެ. އެހެންކަމުން، "ހިތު ހުރި" ގޮތަކަށް މަޖިލީހުގެ ގަވާއިދު މާނަކުރައްވައިގެން، ޒިންމާތަކުން ރެކިވަޑައިގެންނެވުމުގެ ބަދަލުގައި ރީތިކޮށް އިސްތިއުފާ ދެއްވަންޖެހޭ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މަޖިލިހުގެ ރިޔާސަތު ކުރިން ބެލެހެއްޓެވި ބޭފުޅަކު މަސްލަހަތަށްޓަކައި ނަން ހާމަނުކުރަން އެދިވަޑައިގަންނަވަމުން ވިދާޅުވީ، އަފީފްގެ ރިޔާސަތުގައި މިދިޔަ ތިން ދުވަހު ޖަލްސާތައް ގެންދިޔައިރު، މަޖިލިހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފިޔަވައި އެހެން ކަންކަން އެޖެންޑާގައި ހިމަނައިގެން ޖަލްސާތައް ގެންދެވި ގޮތަށް އެ ފުރުސަތު މި ދެ ދުވަހު ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް އަސްލަމް އެ ވިދާޅުވި އުސޫލެވެ.

"ނަޝީދު މި ހައްދަވާ ގޮތަކީ ވަގުތުން ރިޔާސަތުގެ ގޮނޑިން ފިއްލަވަނީ. މިއަދުގެ ޖަލްސާ ފައްޓަވާފައި އެޖެންޑާގައި ރައީސާއި ނައިބު ރައީސްގެ ނޯ ކޮންފިޑެންސްގެ މައްސަލަ ނުހިމެނުއްވީމާ ނިމުނީ. ދެން މާދަމާ އަފީފް [ރިޔާސަތުގައި] އިންނަވާނީ. އޭރަށް މަޖިލިސް ނުހުއްޓި އެހެން ކަންކަން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު، މީގެ މޮޅު ކަމަކީ ނަޝީދު ބޭނުންފުޅެއް ނުވޭ މީގެ ހައްލެއް. ކުޑަވަރެއްގެ ހައްލެއް އޮތަސް އެ އިން ކުރިއަށް ދެވޭތޯ ބައްލަވަން ވެސް ނޫޅުއްވަނީއޭ. އިތުބާރު ނެތްކަމުގެ މައްސަލަ އަކީ ހުއްޖަތެއް ނަމަ މަޖިލިހުގެ ރައީސްގެ ހުރިހާ ޒިންމާއަކުން ވާނެ ދުރުގައި ހުންނަވަން. ޑިމޮކްރެޓިކް އުސޫލާއި ދުނިޔޭގެ ބެސްޓް ޕްރެކްޓިސް ގެންގުޅުއްވަން ވާނެ ހުރިހާ ކަމަކަށް."

އިންތިހާބާ ހަމައަށް ދިގުލާނެ؟

ސިޔާސީ ކޮންމެ ނަޒަރިއްޔާއިން ބެލި ނަމަވެސް، ގާނޫނު ހަދާ މަޖިލިސް އެއްވެސް ބައެއްގެ ފައިދަށުވެ، ހުއްޓިފައި އޮންނަން ވާނެ ކަމަށް ގަބޫލުކުރާނެ މިހާކު ނުހުންނާނެ އެވެ. ކުރިއަށް ދެ ތިން މަސް ތެރޭގައި ރިޔާސީ އިންތިޚާބު އަރާ ހަމަކުރާނެ އެވެ. އޭގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަންޖެހެ އެވެ. މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭ މުހިންމު ބިލެއް އޮތީ ތާށިވެފަ އެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް ނިންމަން ޖެހެ އެވެ. މަޖިލީހުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ހުރީ ފުނިޖެހިފަ އެވެ. އިލެކްޝަންސް ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރުން ފަދަ ކަންކަން އެކަހެރި ކޮށްގެން ތިބުމުން އޭގެ ގެއްލުން ސަރުކާރަށް ވާނެ އެވެ. އެ ގެއްލުން މުޅި ރާއްޖެ އަށް ކުރާނެ އެވެ.

"ސަރުކާރަކަށް އެފޯޑެއް ނުކުރެވޭނެ މަޖިލިސް ހުއްޓާލައިގެން ތިބޭކަށް. އޭގެ ގެއްލުން ސިޔާސީ ގޮތުން އެންމެ ބޮޑަށް ކުރާނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް. ކުރަން ޖެހޭ އެތައް ކަމެއް ހުއްޓޭނެ. މުޅި ސަރުކާރު ހުއްޓޭ ކަންކަން ވެސް އަތުވެދާނެ. ރައްޔިތުންގެ ތާއީދު ހޯދަން ބޭނުންވާ އެތައް ކަމެއް ހުއްޓޭނެ،" އަސްލަމް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް ވިދާޅުވި ގޮތަށް މި ކަމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ މަޖިލީހުގެ ހުރިހާ މެމްބަރުންނެވެ.

"ވަކި ޕާޓީއެއް ކިޔާނެ ކަމެއް ނެތް. ރިޔާސަތެއް ކިޔާނެ ކަމެއް ނެތް. ވަކި މެމްބަރެއް ކިޔާނެ ކަމެއް ނެތް. އަޅުގަނޑުމެން އެންމެން ވެސް މަޖިލީހުގެ ގަވާއިދާއި އުސޫލުތަކާ ހިލާފަށް ކަންކަން ކުރުމުގެ ނަތީޖާ މިއަދު ފެނިގެން މިދަނީ،" އުޝާމް ވިދާޅުވި އެވެ.

"...މި ގަވާއިދުގަ އެބަހުއްޓޭ ވަރަށް އުނިކަންކަން. އަޅުގަނޑުމެންގެ ހިޔާލު އެއްގޮތް ކޮށްގެން މި ގަވާއިދު އިސްލާހުކޮށްގެން މެނުވީ މަޖިލީހުގެ ކަންކަން ކުރިއަށް ނުގެންދެވޭނެ،": އުޝާމް

އެކަމަކު ދައުލަތް ހިންގުމުގެ ބިޔަ ބޮޑު އެއް ބާރުގައި ބުރަކިޖެހޭ ފަދަ ގޮތަކަށް އެއްވެސް ގާނޫނެއް ނޫނީ ގަވާއިދެއް ވެސް އޮވެދާނެ ކަމަށް ގަބޫލުކުރަން ވަރަށް ދައްޗެވެ.

ކަން އޮތީ ވެސް އެހެން ކަން މަޖިލީހުގެ އަމީންއާންމު ނަޝީދަށް ދެއްވި ހައްލުތަކުން ވެސް ސާފުކޮށް އެނގެ އެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ، ނަޝީދަށް ފޮނުއްވި ތިން ސަފުހާގެ ދިގު ސިޓީއެއްގައި އޭނާ ވަނީ އީވާގެ މައްސަލަ ކުރިއަށް ގެންދެވޭނެ ހުރިހާ ހައްލުތަކެއް ހިމަނުއްވައިފަ އެވެ.

ކޮމިޓީތައް އެކުލަވާލަން ޕާޓީތަކުގެ މެދުގައި އެއްބަސް ނުވެވުނަސް، ތަޅުމަށް ގެނެސްގެން އެ ބަދަލުތައް ފާސްކުރެވޭނެ ކަމަށް އެ ސިޓީގައި އޮތެވެ.

އީވާ ވަކިކުރުމުގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަން ނަޝީދު އުޒުރިވެރިވެވަޑައިގަންނަވާ ނަމަ އެ މަސްއޫލިއްޔަތު، މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް އެހެން ފަރާތަކާ ހަވާލުކުރެއްވުން ވެސް ނިއުޝާ ހުށަހެޅުއްވި ހައްލުތަކުގެ ތެރޭގައި ހިމެނެ އެވެ.

"...ރިޔާސަތު ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތު މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހުގެ ރައީސް ކަނޑައެޅިގެން އެހެން ފަރާތަކާ ހަވާލުކުރައްވައ،ި އެ ޖަލްސާގައި މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ކ) ގައި ބުނާ ބަހުސްގެ ވަގުތުތަކާއި އަދަދުތައް މަޖިލީހުން ކަނޑައަޅައި، އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ،" ދެވަނަ ހައްލެއްގެ ގޮތުގައި ނިއުޝާ ހުށަހެޅުއްވި އެވެ.

އެ ސިޓީގައި ނަޝީދަށް ހުށަހެޅުއްވި ތިން ވަނަ ހައްލަކީ އީވާގެ މައްސަލައިގެ ބަހުސް ކުރިއަށް ގެންދާނެ ގޮތަކާ މެދު މަޖިލީހުން ގޮތެއް ކަނޑައެޅުމަށްޓަކައި އާންމު ޖަލްސާއަކަށް އެކަން އެޖެންޑާ ކުރުމެވެ.

އެ ސިޓީއަށް އެކަނި ބެލި ނަމަވެސް، މަޖިލިސް ހުއްޓިގެން މި އުޅެނީ ހަމައެކަނި މަޖިލީހުގެ ގަވާއިދުގައި ހުރި އުނިކަމެއްގެ ސަބަބުން ނޫން ކަން ވަރަށް ސާފެވެ. އެ އިން ކޮންމެވެސް އެއް ހައްލެއް ހިޔާރު ކުރިޔަސް މަރުތަޅު ނެއްޓި، މަޖިލިސް އަލުން ހިނގައިގަންނާނެ އެވެ.

އަމީން އާންމު ހުށަހެޅުއްވި ހައްލުތަކުގެ ބަހުސާ ހަމައަށް ވެސް ގެންދާނެ ފުރުސަތެއް މަޖިލިހުގެ ރިޔާސަތުން ނުދިނެވެ. މަޖިލިހުގެ ރިޔާސަތަކީ ޖަލްސާތަކުގެ އެޖެންޑާތައް ކަނޑައެޅުމާއި މަޖިލިހުގައި މަޝްވަރާ ލީޑް ކުރައްވާ އެންމެ އިސްފަރާތް ކަމަށް ވިޔަސް އެ ލީޑަޝިޕެއް ވެސް ނުފެނުނެވެ.

"މިސާލަކަށް އަމީން އާންމު ހުށަހެޅުއްވި ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން މަޖިލިހުގައި ތިއްބަވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން އެއްމޭޒުދޮށަށް ރައީސް ނަޝީދު އިސްވެ ގެންނަވަން ވީ ނޫންތޯ؟ އަމީން އާންމު ހުށަހެޅުއްވި ހައްލުތަކާއި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން މަޖިލިހުގެ ގަވާއިދަށް ހުށަހެޅި އިސްލާހުތަކާ މެދު މަޖިލިހުގެ ފްލޯ އިން ބޭރުން މަޝްވަރާކޮށް، އެއްބަސްވުންތަކަކާ ހަމައަށް ދާން ވެސް ރައީސް ނަޝީދު މަސައްކަތްޕުޅެއް ނުކުރައްވައޭ. ދެން ކިހިނެއްތޯ ހައްލެއް ފެންނާނީ،" މަޖިލިހުގައި ކުރިން ރިޔާސަތު ބެލެހެއްޓެވި އޭރުގެ އެންމެ ސީނިއާ އެއް މެމްބަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެ ދުވަސްވަރު ނަމަ މަޖިލިހުގެ ޖަލްސާ އިން ބޭރުން ގިނަ މަޝްވަރާތަކެއް ކޮށް ހައްލު ހޯދާ ކަމަށެވެ.

"ޖަލްސާގައި އަޅުގަނޑު އިށީންނާނީ އަންނާނެ ހުރިހާ ކަމަކަށް ވިސްނައިގެން. ދެ ފަޅީގެ ބައެއް އިސްވެރިންނަށް ވަކިން ފޯނުން ގުޅައިގެން އެ ބޭފުޅުންގެ އޮޕީނިއަން ހޯދަން. ކުރިއަށް ދެވޭނެ ގޮތެއް ހޯދައިގެން ޖަލްސާގެ ރިޔާސަތުގައި އަޅުގަނޑުމެންގެ ދުވަސްވަރު އިށީންނަނީ ވެސް. މާ ހޫނު ވެއްޖިއްުޔާ ޖަލްސާ މެދުކަނޑާލާފައި އެންމެން މަޝްވަރާ ކޮށްފައި އަންނައިރު ހައްލެއް ފެންނާނެ،" އޭނާ ވިދާޅުވި އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރި ދުވަސް ވެސް ފެނިއްޖެ އެވެ. މި އަށް ވުރެ މާ ހޫނެވެ. އެކަމަކު، އޭރު ފެނުނީ ހައްލު ހޯދަން އިސްކަން ދިން ތަނެވެ. ރިޔާސަތުން މާ ބޮޑަށް ދޫދިން ތަން ފެނުނެވެ.

އެކަމަކު، މިހާރު ނަމަ އެއްވެސް ބަޔަކު ގޮތް ދޫކުރަން ބޭނުން ނުވާ ކަން ފާއިތުވި ދެ ހަފްތާގެ މަޖިލިސް ޖަލްސާތައް ބެލި މީހަކަށް އެނގޭނެ އެވެ. އެއް ބަޔަކު ބޭނުން ނުވާ ގޮތެއް ތަޅުމާ ހަމައަށް އައުމާއެކު، ގަޑުބަޑުކޮށް، ހައިޖާނު އުފައްދާ ޖަލްސާ ހުއްޓުވަނީ އެވެ. ސިޔާސީ ގޮތުން ލިބިދާނެ ދެރައެއް ނޫނީ މޮޅެއްގެ ދަހިވެތިކަމުގަ އެވެ.

އެ ހުރިހާ ހައިޖާނުގެ ނަތީޖާއަކީ މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީ ވުޖޫދުވީ ފަހުން މިއަދަކީ ރާއްޖޭގެ ބަރުލަމާނީ ތާރީހުގައި ލިޔެވޭނެ ހުތުރު ހާދިސާ އަށް ވުމެވެ. މަޖިލީހުގެ ވަރުގަދަ ރިޔާސަތުގައި އިށީންނާނެ ބޭފުޅަކު ނެތިގެން، ދައުލަތުގެ އެއް ބާރު ވާކޮށްލި ނާމާން ދުވަހެކެވެ. ފެނުނީ ރިޔާސަތެއްގެ ނާގާބިލް ކަމެވެ.

83 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޑބ

20 June 2023

ކަމަކީ ރައީސް ނަޝީދު ޒިންމާނަންގަވަންޖެހޭކަމެއް. އޭނަވިދާޅުވަނީ މިވަގުތަށް އިސްތިޣުފާދިނުމަކީ ރަނގަޅުކަމަކަށްނުވާނެޔޭއެވެ. އިސްތިޣުފާދެވެން އެބައޮތެވެ. އެހެންނަމަވެސް ލިބިފައިވާ މެސެޖުތަކަކުން އަލިވެދާނެހުޅުކޮޅެއް ފެންނާތީވެ، އެހުޅުކޮޅުގެއަލި ލިބިދާނެކަމުގެ އުންމީދުގައި ދައުލަތުގެ އެއްބާރު ހުއްޓުވާލައި، ރައްޔިތެއްގެ މަސްލަޙަތަށްވުރެ އެކަން މުހިންމުވަނީކަން ވަަރަށްސާފުކޮށް ސާބިތުމިއޮތީވެފަ. ރައްޔިތުން މިމީހުނަށް މުސާރައާއި ޢިނާޔަތްތަށް ދީދީތިބޭ.

The name is already taken The name is available. Register?

ބޕ

20 June 2023

މަޖިލިހުގެ ރައިސްކަން ދިން އިރުވެސް ކަނޑައެޅިގެން އެނގޭނެ މީނަކީ އަމިއްލަ އެދުން ފުއްދަން ޖެހިއްޖެއިޔާ ގައުމކަށް ދީނަކަށް ބަލާ މީހެއް ނޫންކަން.

The name is already taken The name is available. Register?

ހިޔަޅު

20 June 2023

ދެން އެތަނަށް ނުވައްދާ ކުޑަދަށުގަ ބައިންދާ.

The name is already taken The name is available. Register?

‫ހިލަބެ

20 June 2023

‫ބަލަ މިރާއްޖރާއްޖޭގައި މިހާރުމިއޮތީ ބަރުލަމާނީ ނިޒާމްތޯ ؟ ސުރުޚީގައި ބަތުލަމާނީގެ ޙަޔާތުންހުސްދުވަހެއްކަމަށްއޮތީމަ ؟

The name is already taken The name is available. Register?

އެކްސްް

20 June 2023

ހުރިހާވެސް މައްސަލައަކީ ނަޝީދަށް ގާނޫނުން ލިބިނުދެވޭ ބާރެއްގެ ބޭނުންކޮށްގެން މަޖިލީސް ހިސޯރުކޮށްފައި ބޭއްވުން. ބޭނުމަކީ ސަރުކާރު މީގެ ތެރެއަށް ބާނައިގެން ހައިޖާނު އުފެއްދުން. ނަމުން މަންޑޭލާ، އެކަމަކު ކަމުން މުގާބޭ، ނޫނީ ޕޮލްޕޮޓް.

The name is already taken The name is available. Register?

އިސްލާހުޖާޑި1

20 June 2023

ގައުމަށް ޑިމޮކްރަސީ ގެންނަން އުޅުނު މީހާ ޑިމޮކްރަސީގައި ބަގުޑިބައްދައިގެން

The name is already taken The name is available. Register?

ނަބީލާާ

20 June 2023

އެއްމެ ދުވަހަކަށް ވެސް ތިޔަ ތަން ހުއްޓިފަ އޮތިއްޔާ ރައްޔިތުންނަށް ވާނީ ފައިދާ.. ހަމަގައިމުވެސް ކަރަންޓް ބިލު ކުޑަވާނެތާ.. ދާއިމަށް ބަންދުކޮށް އުވާލަންޖެހޭ ތަނެއް. ގާނޫނު ހެދޭނެ އެހެން ގޮތްތަށް އެބަހުރި. ތިޔަ ތަނަކާ ހެދި ގައުމުގެ އިޖުތިމާއީ ފޭރާން ވެސް ލޫދެނީ..

The name is already taken The name is available. Register?

ކޮރަލް

20 June 2023

ރައްޔިތުންގެ ފައިސާ އިން މުސާރަ ނަގާފަ ލަދެއް ނުގަނެ އެވެ. މަޖްލިސް ރައީސް ނައިބް ރައީސް އަފީފު ޒިންމާ ނަގަން ޖެހެ އެވެ. މަގާމް ގެ ދަހިވެތިކަން ހުއްޓަސް ތިޔައީ ބޮޑު ވަރެކެވެ. ނަޝީދު އާ އީވާ މެން ދައުރު ހަމަވާ އިރަށް ވޯޓް ހޯދަން އަންނާނެ އެވެ.

The name is already taken The name is available. Register?

މެޖޯރިޓީ

20 June 2023

ވަރަށް ޒާތީ ލިޔުމެއް. ކުރީގެ ހަވީރު ނޫހުން ވެސް ކަމުގެ ދެކޮޅު ގެނައި ފަހުން ފަހުން. ލިޔުންތެރިޔާ ގޮތެއް ނިންމަން ދޫކޮށްލަންވާނީ ކިޔުންތެރިޔާއަށް. ގަވާއިދުގަ ރީތިކޮށް ލިޔެފައިވަނީ ރައީސްގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓާނީ ނައިބު ރައީސް ކަމަށް. އަދި ނައިބު ރައީސްގެ މައްސަލައިގެ ރިޔާސަތު ބަލަހައްޓާނީ ރައީސް ކަމަށް. އެއް މައްސަލަ ނެގީމަ އަނެއް މައްސަލަ ކުރިއަށްދާނެ. ރީތިކޮށް ގެންދެވެން އެބަ އޮތް.

The name is already taken The name is available. Register?

އިބިރަހިމާ

20 June 2023

އިތުބާރު ނެތް މަސައްލައެއް ހުށަހެޅިޔަސް ރިޔާސަތުގަ ނީދެވޭނެއެކޭ ނެތޭ. އެހެން ނޫނަސް މައްސަލަ ނުނަގިޔަސް ދެމީހުން އެއްކޮށް އިސްތިއުފާ ދިނީމަ ވީއެއްނު. ކިހާ ރީތިކޮށް ގެންދެވޭނެގޮތެއްތަމީ؟ ގޮތް ނިންމަމް ކިޔުންތެރިޔާއަށް ދޫކޮށްލަން ރަނަގަޅު. އެކަމަކު ކިޔުންތެރިންވެސް ދުވާލަށް ރޭގަނޑޭ ބުނަންޏާ ލިޔުންތެރިޔާއަށް ވެސް ޖެހޭނެތާ ތެދު ހަގީގަތް ބަޔާންކޮށްދެން

The name is already taken The name is available. Register?

ބަކުންބޭ

20 June 2023

އެއްފަހަރު އިސްއތޮއުފާ އެއް ދިނެވެ، އެދެވުނު 7 ފެބުރުއަރީ ދިން އިސްތިއުފާގެ ހިތިކަން އަދިވެސް ދުލުގައި ހުރުމުން ދެން އިތުރު އިސްތިއުފާއެއް މ.ނ އަށް ނުދެވޭނެ. އެއީ ވާ ހާދަ ހިތްދަތި އިސްތިއުފާއެކޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454